ރޭ އޮލިމްޕަހުގައި ރިލީޒް ކުރެވުނު ފިލްމު ‘ދެވަންސޫރަ’ ލ. އަތޮޅުގެ ހަތަރު ރަށެއްގައި ދެއްކުމަށް ހަމަޖެހިފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފިއެވެ. މިއަހަރު ރިލީޒް ކުރެވުނު ފުރަތަމަ ފީޗާ ފިލްމް ‘ދެވަންސޫރަ’ ލ. އަތޮޅުގައި ދެއްކުމަށްޓަކައި ފިލްމުގެ އެއް ޕްރޮޑިއުސަރ އަޙްމަދު ޝާހް ޢަލީ އާއި ފިލްމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ މުޙައްމަދު ފައިސަލް މިރޭ ލ. އަތޮޅަށް ވަނީ ގޮސްފަ އެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން އަޙްމަދު ޝާހް ޢަލީ ބުނީ ލ. މާވަށުގައި މިމަހުގެ 08 ވަނަ ދުވަހުގެ ރޭ ‘ދެވަންސޫރަ’ ދެއްކުމަށް ހަމަޖެހިފައިވަކަމަށެވެ. މާވަށުގައި ފިލްމު އަޅުވަނީ އެރަށު ޔޫތު ސެންޓަރުގައެވެ. ލ. ގަމުގައި 09 ފެބްރުއަރީ ގައި އެރަށު ތުނޑީ އަވަށު ހުންނަ އިހައްދޫ ސްކޫލް ހޯލުގައި ފިލްމު ދައްކާއިރު ހަމަ އެރޭ ލ. މާމެންދޫ ސްކޫލްގައިވެސް ‘ދެވަންސޫރަ’ ދައްކާނެ އެވެ. އަދި 10 ފެބްރުއަރީ ގައި ލ. އިސްދޫ ސްކޫލްގައި އިސްދޫ އަދި ކަލައިދޫ ގައި ތިބި ‘ދެވަންސޫރަ’ ބަލަން ބޭނުންވަ ފަރާތްތަކަށް ޝޯ އެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރޭ އޮލިމްޕަހުން މި ފިލްމު ބެލުމަށްފަހު ފިލްމީ ދައިރާގެ ގިނަފަރާތްތަކަކާއި އައްމުންވެސް އަންނަނީ ފިލްމާއި މެދު ތަޢުރީފް ކުރަމުން ނެވެ. އެގޮތުން ވާހަކަލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ، ޑައިރެކްޓަރ ފާތިމަތު ނަހުލާ ވެސް ވަނީ މި ފިލްމުގެ ވާހަކަ އާއި ޑައިރެކްޝަން އަދި މުޅި ފިލްމުގެ މޮޅުކަމުގެ ވާހަކަ ދައްކައި ތަޢުރީފް ކޮށްފަ އެވެ.

‘ދެވަންސޫރަ’ އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ ތަހްގީގެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ސަސްޕެންސް ތްރިލާ އެކެވެ. މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ،ޑައިރެކްކޮށްފައިވާ ފިލްމެކެވެ.

އަހްމަދު ޝާހް އާއި އަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ މަރިޔަމް ޝިފާ އާއި، ޔުސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު ފައިސަލް، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސާ (އާނަންދު) ޖާދުﷲ އިސްމާއިލް (ޖާދު)، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އަޒީފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، މަރިޔަމް ހަލީމް އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.

https://www.youtube.com/watch?v=kAaSm9ZiEo0

މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމް ސްޓޫޑިއޯތައް ގުޅިގެން އުފައްދާފައިވާ ފިލްމެވެ. އެގޮތުން މިފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދީފައިވާ ފިލްމެކެވެ.

ފިލްމުގެ 12 ޝޯ ދެއްކުމަށް ނިންމާފައިވާއިރު ފުރަތަމަ ފަސް ޝޯއަށް މިހާރު ވަނީ ޓިކެޓް ވިއްކާފަ އެވެ. ރޭ މާލޭގައި ފިލްމު ރިލީޒް ކުރުމަށްފަހު ހަފްތާ ބަންދުތަކާ ދިމާކޮށް ރަށްރަށުގައި އާއި ސްރީލަންކާގައިވެސް “ދެވަންސޫރަ” އަޅުވަން ހަމަޖެހިފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.