ކްލަބްހައުސްގެ އޮޅިއެއްކަމަށްވާ “ބަދަހި މިތުރުން” އަދި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ގުޅިގެން ކްލަބްހައުސްގައި ޅެން ހަދަން ދަސްކޮށްދޭ ދެ ކޯހެއް ހިންގައިފި އެވެ. އޭގެ އިތުރުން ބަނދި ހަދަން ދަސްކޮށްދޭ ކޯހެއްވެސް ހިންގާފައިވާކަމަށް “ބަދަހި މިތުރުން ކްލަބްހައުސް” އޮޅިން މަޢުލޫމާތުދެ އެވެ.

“ބަދަހި މިތުރުން”ގެ ފަރާތުން ކޯސް ކޯޑިނޭޓްކުރެއްވީ، އިބްރާހީމް މަންޞޫރު ޖީޒާ، ށ. މިލަންދޫ އެވެ.

“ބަދަހި މިތުރުން ކްލަބްހައުސް” އޮޅިން މުނިއަވަސް އަށް މަޢުލޫމާތުދެމުން ބުނީ މި ކޯހުގެ މަޤްޞަދަކީ ޅެންހަދަން ޝައުޤުވެރިކަންހުރި ކޮންމެ މީހަކަށްވެސް ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއި، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކޮށްދިނުން ކަމަށެވެ.

“ބަގީޗާ، ޅެންހަދަން ދަސްކުރާމާ” ނަމުގައި ކުރިއަށް ގެންދިޔަ މި ކޯސްތަކުގެ ތެރެއިން “ބަގީޗާ، ޅެންހަދަން ދަސްކުރަމާ 1” ގެ ނަމުގައި ޅެންހަދަން ދަސްކޮށްދިނުމަށް ހިންގުނު ފުރަތަމަ ކޯސް ހިންގާފައިވަނީ 15 ފެބްރުއަރީ 2022 އިން މާރޗް 19ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެރޭ 10:00 އިން މެންދަމު 12 އަށް (2 ގަޑި އިރު)ގެ 12 ކްލާސް އަދި ޒޫމް މެދުވެރިކޮށް ބައިވެރިންނަށް 2 ގަޑި އިރުގެ 1 ކްލާސް ނަގައި ދެވުނެވެ.

ކްލަބް ހައުސްގައި އިސްއެދުރެއްގެ ގޮތުގައި ކިޔަވައިދެއްވީ އާދަމް އިބްރާހީމް ދުރުމީ، ކުޅުދުއްފުށީ ސިޓީ އެވެ. އެހީތެރިއެއްގެ ގޮތުގައި ކިޔަވައިދެއްވީ، އާދަމް ޚަލީލް އަންޑާޕޫލްގެ، ހއ. ފިއްލަދޫ އެވެ.

ޒޫމް ކްލާސް ނަންގަވައިދެއްވީ، އީއޯޕީގެ ބާނީ، ކުޅަދާނަ ޝާޢިރު ޢީސާ ޝަރީފެވެ. މިކޯހުގައި 20 ބައިވެރިން ބައިވެރިވެ ޢަމަލީ ގޮތުން 12 ބައިވެރިން ސެޓް ފިކެޓް ޙާޞިލް ކުރިއެވެ. އެތަނުން 2 ބައިވެރިއަކު ޙާޞިލް ކޮށްފައިވަނީ ލެވެލް 1ގެ ސަނަދެކެވެ. އަނެއް 10 ބައިވެރިން، ޅެންހަދަން ދަސްކޮށްދޭ ލެވެލް 1 އަދި ލެވެލް 2ގެ ސަނަދު ޙާޞިލް ކުރިއެވެ.

ކޯހުގައި ކިޔަވައިދެއްވި ޚަލީލް، އީސަ އަދި އާދަމްބެ

މިއީ ކްލަބް ހައުސްގެ އޮޅިއެއްގައި ސެޓްފިކެޓް ދޭގޮތަށް ޅެންހަދަން ދަސްކޮށް ދިނުމަށް މިހާތަނަށް ހިންގުނު ފުރަތަމަ ކޯސްކަން ފާހަގަކޮށްލެވެ އެވެ.

“ބަދަހި މިތުރުން ކްލަބްހައުސް” އޮޅިން ބުނީ ރަމަޟާން މަހަށް މެދު ކަނޑާލުމަށްފަހު ބަގީޗާ 2 ފެށީ 29 ޖޫން 2022 ގައި ކަމަށާ ފުރަތަމަ ހިންގީ ބަނދި ހަދަން ދަސްކޮށްދޭ ކޯހެއް ކަމަށެވެ. ބަނދި ހަދަން ދަސްކޮށްދޭ ކޯސް ހިންގީ ޖޫން 29 ޖޫން 2022 އިން ޖުލައި 20ގެ ނިޔަލަށެވެ. މި މުއްދަތުގައި ކްލަބް ހައުސްގައި ކިޔަވައިދީފައިވަނީ 2 ގަޑި އިރުގެ 3 ކްލާހެވެ. މި ކޯހުގައި 10 ބައިވެރިން ބައިވެރިވެ ބަނދި ހަދަން ދަސްކޮށްފައިވެއެވެ. ކޯހުގައި ކިޔަވައިދިނީ އާދަމް އިބްރާހީމް ދުރުމީ، ކުޅުދުއްފުށީ ސިޓީ އެވެ. އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އާދަމް ޚަލީލް އަންޑާޕޫލްގެ، ހއ. ފިއްލަދޫ އެވެ. ބަދަހި މިތުރުންގެ ފަރާތުން ކޯސް ކޯޑިނޭޓް ކުރެއްވީ، އިބްރާހީމް މަންޞޫރު ޖީޒާ، ށ. މިލަންދޫ އެވެ.

“ބަގީޗާ، ޅެންހަދަން ދަސްކުރަމާ” 2 ގެ ނަމުގައި ޅެން ހަދަން ދަސްކޮށްދޭ ކޯހުގެ ދެވަނަ ކޯސް ހިންގީ 27 ޖުލައި 2022 އިން 21 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މުއްދަތުގައި ކްލަބަހައުސްގައި 2 ގަޑިއިރުގެ 9 ކްލާސް އަދި ޒޫމް މެދުވެރިކޮށް 2 ގަޑިއިރުގެ 3 ކްލާސް ނަގައިދެވުނެވެ. ކްލަބްހައުސްގައި ކިޔަވައިދެއްވީ، އާދަމް އިބްރާހީމް ދުރުމީ، ކުޅުދުއްފުށީ ސިޓީ އެވެ. އެހީ ތެރިއެއްގެ ގޮތުގައި ބައިވެރިވެލެއްވީ، އާދަމް ޚަލީލް އަންޑާޕޫލްގެ، ހއ. ފިއްލަދޫ އެވެ.

“ބަގީޗާ؛ ޅެންހަދަން ދަސްކުރަމާ”2 ވަނަ ކޯހުގައި 10 ބައިވެރިން ބައިވެރިވެ 5 ބައިވެރިން، ޅެންހަދަން ދަސްކޮށްދޭ ލެވެލް 1 އަދި ލެވެލް 2 ގެ ސަނަދު ޙާޞިލް ކުރިއެވެ.

އިބްރާހީމް މަންޞޫރު

ޅެން ހަދަން ދަސްކޮށްދޭ ދެ ކޯހުގައިވެސް އީއޯޕީގެ ފަރާތުން ޢީސާ ޝަރީފް ބައިވެރިވެވަޑައިގެން ބައިވެރިންނަށް މަޢުލޫމާތު ޙިއްޞާ ކޮށްދެއްވިއެވެ. ޅެން ހަދަން ދަސްކޮށް ދިނުމުގައި ބޭނުންކުރީ ޢީއޯޕީގެ ފަރާތުން ޅެންހަދަން ދަސްކޮށްދިނުމަށްޓަކައި، ޢީސާ ޝަރީފް ލިޔެ ތައްޔާރު ކުރައްވާފައިވާ ފިލާވަޅުތައް ހިމެނޭ “ލަފުޒުން ކުރެހުން” ފޮތާއި “ވަޒަނާ ނުލައި ޅެމެއް ނުހެދޭނެ” މި ދެފޮތެވެ. އަދި މީގެ އިތުރުން ރިފަރެންސްގެ ގޮތުގައި ޢީސާ ޝަރީފް ލިޔުއްވާފައިވާ “ޝާޢިރުންގެ ދުނިޔެ” ކިޔާ ފޮތުގެ ބޭނުން ހިފުނެވެ.

ކްލަބް ހައުސް އަކީ ބައިވެރިންނަށް ފޮޓޯ، ލިޔުން ފަދަ ތަކެތި ޙިއްޞާ ކުރަން ފަސޭހަ މަންސަ އަކަށްނުވާތީ، މިކޯސްތައް ހިންގުމަށްޓަކައި ބައިވެރިން ހިމެނޭހެން ބަގީޗާގެ ނަމުގައި ވައިބަރު ކޮމިޔުނިޓީ ގްރޫޕެއް ވަނީ އުފައްދާފައެވެ. ބައިވެރިންނާ ޙިއްޞާ ކުރަންޖެހޭ ފިލާވަޅުތަކާއި ބައިވެރިންގެ އުފެއްދުންތައް (ބައިތު، ޅެން، ބަނދި) ފަތަ ތަކެތި ޙިއްޞާކުރަމުން ގެންދިޔައީ އެ ވައިބަރު ގްރޫޕްގައެވެ.

މިކޯސްތަކުގައި ކިޔެވި ބައިވެރިންނަށް ސަނަދު ދީފައިވަނީ އީއޯޕީގެ ފަރާތުންނެވެ.

ދެންބާއްވާ މިފަދަ ކޯހެއްގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ކޯޑިނޭޓަރ އިބްރާހީމް މަންސޫރު ފޯނު ނަންބަރު 9322477 އާއި ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިކޯސްތަކަކީ މުޅިން ހިލޭ ސާބަހަށް ހިންގާ ކޯސްތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.