ކަލާޒް ޓީވީގެ ކާމިޔާބު ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ” ގެ 12 ވަނަ ސީޒަން ކޮރެއޯގްރާފަރު ތުޝާރް ކާލިއާ ކާމިޔާބުކޮށްފިއެވެ. ޓެގް ލައިނަކަށް “ބަޗްކޭ ކަހާނ ޖާޔެގާ؟ ޚަތުރާ ކަހީނ ސޭ ބީ އާޔެގާ!” ބޭނުންކޮށްފައިވާ މި ސީޒަން، ތުޝާރް ކާމިޔާބުކޮށްފައިވަނީ ފައިސަލް ޝެއިޚް (މރ. ފައިޒޫ) އަދި މޯހިތު މާލިކްއާ ވާދަކޮށްގެންނެވެ.

ތުޝާރް ކާލިއާ “ޚަތުރޯން ކޭ ކިލާޅީ 12” ގެ ޓްރޮފީއާއެކު

ފައިޒޫއަށް ދެވަނަ ލިބުނުއިރު، ތިންވަނަ ލިބުނީ ފައިނަލް ސްޓަންޓްގައި އެންމެ ގިނަ ވަގުތު ހޭދަވި މޯހިތު މާލިކްއަށެވެ. ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ “ޚަތުރޯން ކޭ ކިލާޅީ 12” ގެ ފައިނަލުން ޖާގަ ލިބުނު އަނެއް ތިން ބައިވެރިންނަކީ 4 ވަނަ ލިބުނު ޖަންނަތު ޒުބައިރް، 5 ވަނަ ލިބުނު ރުބީނާ ދިލައިކް އަދި 6 ވަނަ ލިބުނު ކަނީކާ މާންއެވެ. މި ތިން ބައިވެރިންވެސް ވަނީ ފައިނަލްގެ ފުރަތަމަ ބުރުން ކަޓާފައެވެ.

ޖުމްލަ 14 ބައިވެރިންނާއެކު ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ކުރިއަށް ގެންދިޔަ “ޚަތުރޯން ކޭ ކިލާޅީ” ގެ 12 ވަނަ ސީޒަނަކީ މިހާތަނަށް ގެނެސްދިން އެންމެ ދިގު ސީޒަނެވެ. އަދި ޝޯވގެ ބައެއް ބައިވެރިންގެ ފަރާތުން ފެނުނު ބައެއް ޢަމަލުތަކާއި ގުޅިގެން މިއީ މި ޝޯވގެ އެންމެ “ކޮންޓްރޮވާޝަނަލް” ސީޒަންކަންވެސް ފާހަގަކޮށްވެއެވެ.

“ޚަތުރޯން ކޭ ކިލާޅީ 12” ގެ ގަދަ 5 ބައިވެރިން

ޝޯވ ކާމިޔާބު ކުރި ތުޝާރްއަށް ޝޯވގެ ޓްރޮފީއާއެކު އިނާމަކަށް 20 ލައްކަ ރުޕީސް އަދި މާރޫތީ ސުޒުކީ ސްވިފްޓް ކާރެއް ލިބިފައިވާއިރު، އަންނަ އަހަރުވެސް “ޚަތުރޯން ކޭ ކިލާޅީ” ގެ އާ ސީޒަނެއް އާ ބައިވެރިންތަކަކާއެކު ގެނެސްދޭނެކަމަށް ޝޯވގެ ހޯސްޓް ރޯހިތު ޝެޓީ ވަނީ ބުނެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.