ފިލްމު ‘ބައިވެރިޔާ’ އަދި ‘ނޯޓީ40’ ހިޓަކަށް ވެގެންދިޔައީ ބޮޑު ޓީމެއްގެ މަސައްކަތުން ނެވެ. ޓީމު ގޮވައިގެން މަސައްކަތުގެ ސަރުދާރަކަށް ހުރީ ސްކްރީން ރައިޓަރ/ޑައިރެކްޓަރ އަދި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. ޔޫއްޕެގެ ކުޅަދާނަ ހުނަރުވެރިކަމާއިއެކު ފިލްމަކަށް ވުރެން ދޫ ނުކުރާނެ އަނެއް ފިލްމު ހަދަމުން އަންނަ އިރު ‘ފޯޓީ ޕްލަސް’ އޮތީ ކުރިއަށެވެ. ނަމަވެސް ‘ފޯޓީ ޕްލަސް’ ގެ ކުރިން ޔޫއްޕެ މިވަނީ އަނެއްކާވެސް ވަރަށް ތަފާތު ޖޮންރާއެއްގެ މޮޅު ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. މިއަހަރު ގެ ފިލްމީ ލީގް ގެ ޕްރިމިއަރ ޝޯ ފެށިގެންދިޔައީ ‘ދެވަންސޫރަ’ އިންނެވެ.

‘ދެވަންސޫރަ’ ބެލުމަށްފަހު އޭނާ ބުނީ ކީކޭ ކަމާ، މީނާ ބުނީ ކީކޭކަން ބަލައިލުން މުހިންމެވެ. މިއަދު ހެނދުނު އިރުއަރައިގެން އައި ހިނދު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މަޝްހޫރު ލިޔުންތެރިޔާ ފާތުމަތު ނަހުލާ ފޭސްބްކް ގައި ކޮށްފައިވާ ކޮމެންޓެކެވެ. ‘ދެވަންސޫރަ’ ބެލުމަށްފަހު ނަހޫ ވަނީ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފަ އެވެ.

“އެއް ބޮނޑިން އެކީ ބަަލައިލެވުނު ފިލްމެއް. ތިފަދަ ސަސްޕެންސުން ފުރިގެންވާ ސްކްރިޕްޓް އަދި އާދަޔާޚިލާފަށް މޮޅު ޑައިރެކްޝަން އަށް ހެޓްސް އޯފް ޓު ބްރަދަަރ ޔޫސުފް ޝަަފީޢު. (ބްރަދަރ ޔޫސުފް ޝަފީޢު އަށް އައްސަރިބަަހާ ސާބަސް)، މަރުހަބާ ޓީމަށް. މުޙައްމަަދު ފައިސަލް އަށް ޝުކުރިއްޔާ. ރަނގަަޅު މަސައްކަތެއް.” ފިލްމު ބަލާފައި ނަހޫ ބުނީ މިހެންނެވެ.

‘ދެވަންސޫރަ’ ބެލުމަށްފަހު 2017 ވަނަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ވެސް ވަނީ ފިލްމާއިމެދު ކޮމެންޓް ކޮށްފަ އެވެ.

“އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ފުރިހަމައޭ އިނގޭތޯ. މީ އަސްލު މިކަހަލަ ފިލްމުތައް ވަރަށް މަދު، ދިވެހި ފިލްމުތައް. ދެން މިކަހަލަ އާ ޖޮންރާސްތައް ދިވެހި ސިނަމާއަށް މި ތަޢާރަފް ވުމަކީ ހަމަ ދިވެހި ސިނަމާ މުއްސަނދިވުން. އެހެންވީމަ އަސްލު އެބަ އެކްސްްޕީރިއަންސް ކުރަންޖެހޭ. ދެން ބެލުންތެރިންވެސް މިހާރު މަޑުމަޑުން ބަލައިގަންނަމުން އަންނަނީ އެކިކަހަލަ ޖޮންރާސްތައް. އެހެންވީމަ އަޅުގަނޑުު ދަންނަވާނީ މީ ހަމަ ވަރަށް ބޮޑު ކުރިއެރުމެކޭ ފިލްމީ ދާއިރާ އަށް ލިބުނު.  ފިިލްމާ ދޭތެރޭގަ އެއްޗެކޭ ބުނަންޏާ ހަމަ ބުނެވޭނީ ވަރަށް ތަފާތު ހަމަ މޮޅު، ޓެކްނިކަލީ ވެސް ވަރަށް މަސައްކަތް ކޮށްފަ ހުރި ހަމަ ރަނގަޅު މޮޅު ރީތި ފިލްމެއް މީ.” ޗިއްޕެ ގެ އިތުރުން އިތުރު ފަންނާނުންވެސް ވަނީ ފިލްމާއި މެދު ކޮމެންޓް ކޮށްފަ އެވެ.

ވީޑިއޯ ކޮމެންޓް ތަކުގެ އިތުރަށްވެސް ފިލްމާއިމެދު ބެލުންތެރިން އަންނަނީ ވަރަށް ހިތްހަމަޖެހުމުގެ ކޮމެންޓްތައް ކުރަމުންނެވެ.

ފިލްމު ބެލި އާއްމުންގެ ބައެއް ކޮމެންޓްތައް ވެސް ހިމަނާލާނަމެވެ.

‘ދެވަންސޫރަ’ އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ ތަހްގީގެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ސަސްޕެންސް ތްރިލާ އެކެވެ. މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ،ޑައިރެކްކޮށްފައިވާ ފިލްމެކެވެ.

އަހްމަދު ޝާހް އާއި އަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ މަރިޔަމް ޝިފާ އާއި، ޔުސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު ފައިސަލް، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސާ (އާނަންދު) ޖާދުﷲ އިސްމާއިލް (ޖާދު)، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އަޒީފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، މަރިޔަމް ހަލީމް އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.