ލޯބީގެ އާއިލީ ޑްރާމާ ފިލްމުތައް ތައްޔާރުކުރުމަށް މަޝްހޫރު ބޮލީވުޑް ޑައިރެކްޓަރ ސޫރަޖް ބަރްޖަތިޔާގެ އާ ފިލްމު “އޫނޗާއީ” ގެ ކެރެކްޓަރ ޕޯސްޓަރުތައް ދައްކާލައިފިއެވެ.

“މެއިނޭ ޕިޔާރް ކިޔާ” އިން ޑައިރެކްޓަރެއްގެ ގޮނޑީގައި ފިލްމީ ޙަޔާތް ފެށި ސޫރަޖްގެ “އޫނޗާއީ” ގެ މައިގަނޑު ތަރިންނަކީ އަމީތާބް ބައްޗަން، އަނުޕަމް ކޭރް، ބަމަން އިރާނީ، ޕަރިނީތީ ޗޯޕްރާ، ނީނާ ގުޕްތާ، ސާރިކާ ޓާކުރް އަދި ނުބައިބައި ރޯލުތަކުން އާދަޔާ ޚިލާފަށް މޮޅު އެކްޓިންގއެއް ދައްކާ ޑެނީ ޑެންޒޮންގްޕާއެވެ.

އަބީޝެކް ސިންގ ޕަތާނިއާ، ޝީނާ ދާސް އަދި ނަފީސާ ޢަލީ ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާ “އޫނޗާއީ” ގައި ކިޔައިދޭނީ ހަތަރު އެކުވެރިއެއްގެ ދިރިއުޅުމުގެ ވާހަކަތައް ކަމަށް އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ. އިންޑިއާގެ އިތުރުން ނޭޕާލްގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމުގެ ލޮކޭޝަންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓްތަކުގެ ތެރޭ ހިމެނޭ ލުކްލާ އަދި ކަތުމަންޑޫ އެއާޕޯޓް ހިމެނެއެވެ.

7 އަހަރަށްފަހު “އޫނޗާއީ” އާއެކު ސޫރަޖް އެނބުރި އަންނައިރު، އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2015 ގެ “ޕްރޭމް ރަތަން ދަން ޕާޔޯ” އެވެ. އެއީ ސަލްމާން ޚާން އާއި ސޯނަމް ކަޕޫރް ލީޑް ރޯލުން ފެނިގެންދިޔަ، އަދި އެ އަހަރު ބޮލީވުޑްގައި ނުކުތް އެންމެ ކާމިޔާބު އެއް ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.

ރާޖްޝްރީ ޕްރޮޑަކްޝަންސް، ބައުންޑްލެސް މީޑިއާ އަދި މަހާވީރް ޖެއިން ފިލްމްސް ގުޅިގެން ޕްރޮޑިއުސްކުރާ “އޫނޗާއީ” ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.