ޖިންނި ޝައިތާނުންގެ އުނދަގޫ އެކިގޮތްގޮތުން އިންސާނުންނަށް ފޯރާކަމީ ހުރިހާ ދީންތަކެއްގެ މީހުންވެސް ޤަބޫލުކުރާ އަދި އިންސާނުންގެ ތެރޭގައި ތަޖުރިބާ ކުރެވި، މިއަދާހަމަޔަށްވެސް ހިނގަމުން އަންނަ ކަންކަމެވެ. ޖިންނީންނާއި، އެ ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ އުނދަގުލުގެ ވާހަކަތަކާއި، ސިހުރުހާހޫރައިގެ އުދނދަގުލުގެ ވާހަކަތައްވެސް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން އެގެން އެބަހުއްޓެވެ.
އެހެނަސް ޒަމާނުއްސުރެ ރާއްޖޭގައި ޖިންނީންގެ އުނދަގުލާއި ކުރިމަތިލާންޖެހި އެކަމުގެ ވޭން ތަޙައްމަލު ކުރަމުންދާ މީހުން އެފަދަ ކަންކަމުން ހެޔޮގޮތުގައި، ހެޔޮ ނިޔަތުގައި، ނުވަތަ ހެޔޮ މަޤްޞަދުގައި ސަލާމަތްކޮށްދީ ރައްކާތެރި ކުރުމަށްވުރެ، ޖިންނި ޝައިޠާނުންގެ ފަރާތުން އަނެކުން ސަލާމަތްކޮށް ދިނުމުގެ ނަމުގައި، ފަންޑިތަ ހަދާ، ރުޤްޔާކުރާ ނަމުގައި، ގިނައިން ކޮށްފައި ހުންނަނީ، މީސްތަކުންނަށް އޮޅުވާލުމާއި، ބިރުވެރިކަން އުފެއްދުމާއި، ފިތުނަފަސާދަ އުފައްދާ މިފަދަ އެންމެހާ ފާޙިޝް ޢަމަލުތަކުގެ ތެރެއިން، ތިމާމެންގެ މާލީ، މާއްދީ އަދި ވަޙުޝީ އަމަލުތަކެއް ފުއްދަމުން ބަޔަކު ދާކަމީ ޝައްކެތްނެތް މިންވަރަށް އެނގޭ ކަންކަމެވެ.
މިލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި މިފަދަ ކަންކަން ކޮށް އުޅޭ “އިންސާނީ ޝައިޠާނުން” ގެ ކިބައިން މުޖުތަމައުގެ އަހުލުވެރިން ސަލާމަތްކުރުމެވެ. އަދި ކޮންމެ މީހަކަށްވެސް ތިމާގެ ނަފްސާއި ގޯތިގެދޮރު ސަލާމަތްކުރުމަކީ، ﷲގެ އިރާދަފުޅާއި މަދަދާއި އެކު، ކުރެވިދާނެ ކަމެއްކަން ބުނެދިނުމެވެ. އަދި އެއީ ނުހަނު ފަސޭހަ އެހެނަސް މީޒާނުގައި ނުހަނު ބުރަދަންހުރި ކަންކަން ކަމުގައި ބުނެދިނުމެވެ. ﷲގެ އިރާދަފުޅާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭނެކަން ހަނދާންކޮށް ދިނުމެވެ.
އެހެންކަމުން ތިރީގައި މިބަޔާންކުރަނީ، ﷲގެ ވާގިފުޅާއެކު، ޖިންނި ޝައިތާނުންގެ އުނދަގުލުންނާއި، ސިހުރުހާހޫރައިގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުން އަންނަ ރުޤްޔާއާއި ގުޅޭގޮތުން އެނގުން ލާޒިމްކުރާ ބައެއް ކަންތައް ތަކެކެވެ.
ރުޤްޔާ އަކީ ކޮބާ؟
ރުޤްޔާ އަކީ، ﷲ ވާގިވެރިކަމާއި މަދަދަށް އެދިގެން، އެކަލާނގެއަށް ކުރާ ދުޢާގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ރުޤްޔާކުރުމަށް ކިޔަވަނީ ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކާއި، ބައެއް ސޫރަތް ތަކާއި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ދުޢާތަކާއި ޒިކުރުތަވެވެ.
ރުޤްޔާގައި ބޭނުންކުރާ ހުރިހާ އާޔަތްތަކާއި، ސޫރަތްތަކާއި، ދުޢާތަކާއި ޒިކްރުތަކުން ހަމައެކަނި އެދެނީ ﷲގެ ކުޅަދުންވަންތަ މަދަދާއި ރަޙްމަތަށެވެ. އަޅުތަކުންގެ ހިތްތަކުގައި އީމާންތެރިކަން އަށަގަންނަވާ އެކަލާނގެއާ ދެމެދު އޮންނަ ޔަޤީންކަމާއި އިތުބާރު އިތުރު ކުރެއްވުމަށެވެ.
ނޯޓް: ރުޤްޔާ އަކީ އެއްގޮތަކަށްވެސް ޖިންނި ޝައިތާނުންނާއި ވާހަކަ ދައްކާ މުޢާމަލާތު ކުރުމަށް ބޭނުންކުރާ ވަޞީލަތެއް ނޫނެވެ.
1- ރުޤްޔާ ގެ ޙުއްޖަތަކީ ކޮބާ؟
ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސްފުޅު ތަކުގައި ކަނޑައެޅިގެން “ރުޤްޔާ” މި ބަސް އައިސްފައި ނުވިޔަސް، ރަސޫލްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގެ އާދަކާދައިގެ ތެރެއިންނާއި ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުން، ކީރިތި ޤުރްއާނަކީ އެ ކިޔަވައިފި ކޮންމެ މީހަކަށް އަދި އެ ކިޔެވި ކޮންމެ ބޭނުމަކަށް ހުރި ޝިފާއެއްކަން އެގެން އެބަހުއްޓެވެ. އެހެންކަމުން، ޒަމާނުއްސުރެ މުސްލިމުންގެ ތެރޭގައި ސުލްޙަ މަސަލަސްކަމާއި ހަމަޖެހުމަށް، އަދި މުޞީބާތްތަކާއި އާފާތްތަކުން ސަލާމަތްކަން ލިބިގަންނަ ވަޞީލަތެއްކަމުގައި ‘ރުޤްޔާ’ އަންނަނީ ބޭނުން ކުރަމުންނެވެ. ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށްވެސް މެއެވެ.
ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ 81 އަދި 82 ވަނަ އާޔަތުން، ކީރިތި ޤުރްއާނަކީ ޝިފާއެއްކަން އެނގެއެވެ. މިއާޔަތްތަކުގެ މާނައަކީ:
އިސްރާ ސޫރަތުގެ 81، “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާތިލްގޮތް ނެތިފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން ބާތިލަކީ ނެތިވެ ފިލައި ހިނގައިދަނިވި އެއްޗެއްކަމުގައި ވިއެވެ.
އިސްރާ ސޫރަތުގެ 82، “ތިމަން ރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވި ކަމަށް އިބްނު މަޖާހްގެ ފަރާތުން ރިވާވެގެންވާ ޙަދީސެއްގެ މާނާގައި ވެއެވެ. “ތިޔަބައިމީހުން ދެއެއްޗެއްގެ ބޭނުން، ފުރިހަމަ ގޮތުގައި ހިފުމުން، މަންފާއާއި ފަރުވާ ލިބިގަންނާށެވެ. އެއީ މާމުޔާއި ކީރިތި ޤުރްއާނެވެ.”
ﷲ ރުއްސެވުން ލެއްވި ޢާއިޝަތުގެ ފާނު ވިދާޅުވިކަމަށް، މުސްލިމުގައި ރިވާވެގެންވެއެވެ. “ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާލާސްކަންފުޅާ އުޅުއްވަނިކޮށް، ޖިބްރީލް އަލައިހިއްސަލާމް އެކަލޭގެފާނުގެ މައްޗަށް ރުޤްޔާ ކުރެއްވިއެވެ.”
ﷲ ރުއްސެވުން ލެއްވި ޢާއިޝަތުގެ ފާނު ވިދާޅުވިކަމަށް އިބްނު ޙިއްބާން ރިވާކުރައްވާފައި ވެއެވެ. “ތިމަންކަމަނާގެ މައްޗަށް އަންހެނަކު ރުޤްޔާ (ޤުރްއާނުން ސާބިތުނުވާ ފަދައަކުން) ކުރައްވަނިކޮށް، އެތަނަށް ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެދެވަޑައިގެން ޙަދީސް ކުރެއްވިއެވެ. ﷲގެ ފޮތުން (އެބަހީ ކީރިތި ޤުރްއާނުން) ރުޤްޔާ ކުރައްވާށެވެ.
އެއްފަހަރަކު ﷲ ރުއްސެވުން ލެއްވި އުއްމު ސަލްމާގެ ގަނޑުވަރަށް ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެދެވަޑައި ގެންނެވިއިރު އަންހެން ކުއްޖެއްގެ މޫނުގެ ކުލަ ބަދަލުވެފައި ވަނިކޮށް ދެކެވަޑައިގެން، “އެކުއްޖާއަށް ޖިންނީންގެ އުނދަގޫ ޖެހިފައިވާކަމަށާއި، ރުޤްޔާ ކުރެއްވުމަށް” ޙަދީސްކުރެއްވި ކަމަށް ބުޚާރީގައި ވެއެވެ.
ﷲ ރުއްސެވުން ލެއްވި ޢާއިޝަތުގެ ފާނު ވިދާޅުވިކަމަށް، ބުޚާރީގައި ވެއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފި ނަމަ، އެކަލޭގެފާނު ކީރިތި ޤުރްއާނުގެ އެންމެފަހު ތިން ސޫރަތް (އެބަހީ، އިޚްލާޞް، ފަލަޤި އަދި ނާސި ސޫރަތް) ކިޔަވާ ވިދާޅުވުމަށްފަހު މުޅިހަށިގަނޑަށް ފުމެލަށްވަތެވެ.
ﷲ ރުއްސެވުން ލެއްވި ޢާއިޝަތުގެ ފާނު ވިދާޅުވިކަމަށް، މުސްލިމުގައި ވާރިދުވެފައިވާ އެހެން ޙަދީސެއްގައި ވެއެވެ. ތިމަންމެންގެ ތެރެއިން (އެބަހީ އެ ގަނޑުވަރުގެ އަހުލުވެރިންގެ ތެރެއިން) ބޭފުޅަކަށް އާލާސްކަންފުޅަކާ ކުރިމަތިލާން މެދުވެރި ވެއްޖެނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކީރިތި ޤުރްއާނުގެ އެންމެފަހު ތިން އާޔަތް (އެބަހީ، އިޚްލާޞް، ފަލަޤި، އަދި ނާސި ސޫރަތް) ކިޔަވާ ވިދާޅުވުމަށްފަހު ފުމެލައްވަތެވެ.
މި ބަޔާން ކުރެވުނު މަޞްދަރު ތަކުގެ އިތުރަށް، ސައްޙަ ސަނަތުން ސާބިތުވާ އެތައް ޙަދީސަކުން، ‘ރުގްޔާ’ އަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމެކެވެ. އެހެނަސް، ރުޤްޔާކުރުމުކީ އެކަމުގެ ލާބަޔާއި މަންފާހުރި ކަމެއްކަމުގައި ވިޔަސް، މިހާރަކަށް އައިސް، ރުޤްޔާގެ ނަމުގައި “ބިދުޢަ” (އެކި ގޮތްތޮގުން އުނިއިތުތު ކުރުން) ބޭނުން ކުރާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އަދި ބައެއް މީސްމީހުން ރުޤްޔާގެ ނަމުގައި ﷲއަށް ކުފުރުވެ ޝިރުކުގެ ޢަމަލުތައްވެސް ހިންގަމުން ދާކަމީ އެކަމާމެދު ހޭލުންތެރިވެ ތިބެންޖެހޭ ކަމެކެވެ. މި ލިޔުމުގެ މައިގަނޑު މަޤްޞަދަކީވެސް، އެފަދަ ކަންކަމާމެދު ހޭލުންތެރި ކުރުވުމެވެ.
އެހެންކަމުން، ދެން ލިޔާ ލިޔުމެއްގައި، އިސްލާމް ދީނުގައި ރުޤްޔާގެ ޙުކުމަކީ ކޮބައިތޯއާއި، ރުޤްޔާކުރާމީހާ (ރާޤީ)ގެ ގައިގައި ހުރުން ލާޒިމްކުރާ ޝަރުޠުތަކުގެ މައްޗަށް، ﷲގެ ވާގިފުޅާއެކު، އަލިއަޅުވައިލެވޭތޯ ބަލާނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
މީގެ އިތުރުން ރޫހާނީ އަދި ސުޕަނެޗްރަލް ދާއިރާއަކީ އޭނާ ދިރާސާކުރައްވަމުން ގެންދަވާ ދާއިރާއެއް
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މެއި 2023ރިޕޯޓްމީސްމީޑިއާއަށް ސަމާލުވުން
- 21 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން – 4
- 13 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 3
- 6 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 2