ޒަމާނުއްސުރެ ރާއްޖޭގައިވެސް، ޖިންނީންގެ އުނދަގުލާއި ކުރިމަތިލާންޖެހި އެކަމުގެ ވޭން ތަޙައްމަލުކުރަމުންދާ މީހުން އުޅެއެވެ. އެހެނަސް، އެފަދަ ކަންކަމުން ހެޔޮގޮތުގައި، ހެޔޮ ނިޔަތުގައި، ނުވަތަ ހެޔޮ މަޤްޞަދުގައި މީސްތަކުން ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދިނުމަށްވުރެ، ރުޤްޔާކުރުމުގެ ނަމުގައި، ގިނައިން ކޮށްފައި ހުންނަނީ، މީސްތަކުންނަށް އޮޅުވާލުމާއި، މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި، ފިތުނަފަސާދަ އުފައްދާ، އެންމެހާ ފާޙިޝް ޢަމަލުތަކުގެ ތެރެއިން، ތިމާމެންގެ މާލީ، މާއްދީ އަދި ވަޙުޝީ އެދުންތައް ފުއްދުމުގެ އަމަލުތަކެއް ކަމީ ޝައްކެތްނެތް މިންވަރަށް އެނގޭ ކަންކަމެވެ.
މިލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި މިފަދަ ކަންކަން ކޮށް އުޅޭ “އިންސާނީ ޝައިޠާނުން”ގެ ކިބައިން މުޖުތަމައުގެ އަހުލުވެރިން ސަލާމަތް ކުރުމެވެ. އަދި ކޮންމެ މީހަކަށްވެސް ތިމާގެ ނަފްސާއި ގޯތިގެދޮރު ސަލާމަތްކުރުމަކީ، ﷲގެ އިރާދަފުޅާއި މަދަދާއި އެކު، ކުރެވިދާނެ ކަމެއްކަން ބުނެދިނުމެވެ. އަދި އެއީ ނުހަނު ފަސޭހަ އެހެނަސް މީޒާނުގައި ނުހަނު ބުރަދަންހުރި ކަންކަން ކަމުގައި ބުނެދިނުމެވެ. ﷲގެ އިރާދަފުޅާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭނެކަން ހަނދާންކޮށް ދިނުމެވެ.
އެހެންކަމުން ތިރީގައި މިބަޔާންކުރަނީ، ﷲގެ ވާގިފުޅާއެކު، ޖިންނި ޝައިތާނުންގެ އުނދަގުލުންނާއި، ސިހުރުހާހޫރައިގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުން އަންނަ ރުޤްޔާއާއި ގުޅޭގޮތުން އެގުން ލާޒިމްކުރާ ބައެއް ކަންތައް ތަކެކެވެ.
ރުޤްޔާ ކުރުމަކީ ޙަލާލް ނުވަތަ ޙަރާމް ކަމެއްތަ؟
ކުރީގެ އާޓިކަލްގައި ބަޔާން ކުރެވިފައި ވާހެން، އިސްލާމް ދީނުގައި ‘ރުޤްޔާ’ގެ މާނައަކީ ﷲ ވާގިވެރިކަމާއި މަދަދަށް އެދިގެން، އެކަލާނގެއަށް ކުރާ ދުޢާގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ރުޤްޔާކުރުމަށް ކިޔަވަނީ ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކާއި، ބައެއް ސޫރަތް ތަކާއި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ދުޢާތަކާއި ޒިކުރުތަވެވެ.
އެހެންކަމުން، ރުޤްޔާ ކުރުމަކީ މުޞީބާތުގެ ޙާލަތުގައި ﷲގެ މަދަދަށް އެދި ދުޢާކުރުމެވެ. ކީރިތި ޤުރްއާންގެ ބައެއް އާޔަތްތަކާއި ސޫރަތްތައް (އެއަށް އެއްވެސް ބަދަލެއް ނުގެނެސް) ކިޔެވުމެވެ. އަދި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޒިކުރުތައް ކިޔެވުމެވެ. އަދި އެކި ފަހަރު އެކިވަރަށް ތަކުރާރުކޮށް ކިޔެވުމެވެ. ކޮންމެކަމެއްގެ ޝިފާއަކީ ހަމައެކަނި ﷲ އިރާދަކުރައްވާ މީހަކަށް، އިރާދަކުރައްވާ މިންވަރަކަށް، އިރާދަކުރައްވާ ވަގުތަކު ދެއްވާ އެއްޗެއްކަން ހިތުގެ އަޑިން ޤަބޫލުކުރާ ޙާލުގައެވެ.
ރުޤްޔާ އަކީ ހަމައެކަނި އާފާތްތަކާއި ބަލިމަޑުކަމާއި، ޖިންނި ޝައިޠާނުންގެ އުދަގުލުންނާއި ސިހުރު ހާހޫރައިގެ ނުރައްކަލުން ސަލާމަތް ކޮށްދޭ ކަމެއްނޫނެވެ. ރުޤްޔާގެ އެންމެ މުޤައްދަސް އެއް ފައިދާއަކީ، ﷲގެ އިރާދަފުޅާ ލައިގެންމެނުވީ ހަމަ އެއްވެސް ކަމެއް އެއްވެސް އިންސާނަކަށް ފުއްދައި ނުގަނެވޭނެކަން ޤަބޫލުކުމުގެ ސަބަބުން، އިންސާނާއާއި އެއިންސާނާ ހެއްދެވި ފަރާތާ ދެމެދު އޮންނަންޖެހޭ ގުޅުމާއި އިތުބާރު ވަރުގަދަ ވުމެވެ. އީމާންތެރިކަން ހަރުދަނާ ވުމެވެ. ތަޤްވާވެރިކަން އިތުރުވުމެވެ.
އެހެންކަމުން، މިދެންނެވުނު މަޤުން ކުރެވޭ ރުޤްޔާއަކީ ހުއްދަ (ޙަލާލް) ކަމެއްކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެލައްވަތެވެ. ރުޤްޔާއިން އެދި ދުޢާކުރެވެނީ ހަމައެކަނި ﷲގެ މަދަދާއި ޝިފާއަށް ކަމުން، އެކަމަކީ ދީނުގައި ކުރުމަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ޝިރުކެއް ހިމެނިފައި ނުވާ ކޮންމެ ‘ރުޤްޔާ’ އެއްގެ ޙުކުމަކީވެސް މިއެވެ.
އެހެނަސް، ﷲ ނޫން ފަރާތެއްގެ މަދަދާއި ބާރުވެރިކަން އެދިގެން ކުރާ ކޮންމެ ކަމެއްގެ ޙުކުމަކީ (ރުޤްޔާގެ ނަމުގައި ކުރިޔަސް އަދި އެނޫން ނަމެއްގައި ކުރިޔަސް) ޙަރާމް ކަމެކެވެ. އެވާނީ ކުފުރުގެ ޢަމަލަކަށެވެ. މީގެތެރޭގައި، ޖިންނި ޝައިޠާނުންގެ ފަރާތުން އެހީތެރިކަން ހޯދާ ލިބިގަތުމަށް، ސިހުރު ހާހޫރަ ހެދުމާއި، ޖިންނި ޝައިޠާނުން މެދުވެރި ކޮށްގެންނާއި، އެނޫން ގޮތޮގޮތުން ނަމަވެސް، ކުރިޔަށް ވާން ހުންނަ ކަންކަން ދެނެގަތުމާއި، ފާލުބެލުމަށް ބޭނުންކުރާ އެންމެހާ ކަންކަމަކީ ޙަރާމް ކަންތައްކަން ކީރިތި ޤުރްއާނާއި ރަސޫލުﷲގެ ފާނުގެ ސުންނަތުން އެގެން އެބައޮތެވެ. އެކަން ބަޤަރާސޫރަތުގެ 102ވަނަ އާޔަތުންނާއި، ސައްޙަ ސަނަތުން ރިވާވެފައިވާ ހަދީސްތަކުންނާއި ދީނީ އެތައް ފަތުވާތަކުން ސާބިތުވެއެވެ.
ހަމަ ކޮންމެމީހަކަށް ރުޤްޔާ ކުރެވިދާނެތަ؟ ނުވަތަ ރާޤީ އަކަށް ވެވިދާނެތަ؟
މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދި، ދެކަފި ވެފައިވާ މައްސަލައެކެވެ. އަމިއްލަޔަށް ރުޤްޔާ ކުރުމާއި، އިސްލާމީ ޝަރީޢަތުން ސާބިތުވާ ރުޤްޔާ، އޭގެ އެންމެ ފުރިހަމަ މާނައިގައި، ކުރާ ‘ރާޤީ’ އަކު ލައްވާ ކުރުވުމާ މެދުގައެވެ. ކޮންމެއަކަސް، މި ދެ ގޮތަކީވެސް ހުއްދަ ދެގޮތެވެ. އެހެނަސް، ފެންނާންހުރި ޢިލްމީ ޤަރީނާތަކަށް ބުރަވެ، ޒަމާނާއެކު އިންސާނުންނަށާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށް، އެންމެ ރަނގަޅުގޮތަކީ އަމިއްލައަށް ކުރުމެވެ. ރުޤްޔާ ކުރުމަށް ކިޔަވަން، ޞައްޙަ ސަނަތުން ވާރިދުވެފައިވާ އާޔަތްތަކާއި، ސޫރަތްތަކާއި، ދުޢާތަކާއި ޒިކުރުތައް ހިތުން އެނގޭނަމަ، އަމިއްލަޔަށް ކުރުން މޮޅުއިތުރު ވެގެންވެއެވެ.
އެހެނީ، ކީރިތި ޤުރްއާނަކީ ހުރިހާކަމަކަށް ލެއްވި ޝިފާއެއް ކަމަށް ވެފައި، އެ ޤުރްއާން ކިޔަވާމީހާގެ ޖަޒާ، ޤުރްއާން އަޑުއަހާ މީހެއްގެ ޖަޒާއަށްވުރެ، މީޒާނުގައި ބުރަވާނެތީއެވެ. ޞައްޙަ ގޮތުގައި ރުޤްޔާ އަމިއްލަޔަށް ކުރުމަކީ ތިމާގެ އީމާންތެރިކަން ވަރުގަދަވާނެ ސަބަބެއްވެސް މެއެވެ. ﷲއާ ތިމާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ތީއެވެ. އެއްވެސްކަމެއް އެކަލާނގެ އިރާދަފުޅާ ލައިގެންމެނުވީ، އެއްވެސް މީހަކަށް ފުއްދައި ނުގަނެވޭނެކަން ތިމާއަށް ޤަބޫލުކުރެވި، އިންސާނުންގެ ދެރަ ނިކަމެތިކަން އިޙްސާސްކުރެވި، ތަޤްވާވެރިކަމާއި ތަވާޟުޢުވެރިކަން އިތުރުވާނެތީއެވެ.
އަމިއްލަޔަށް ރުޤްޔާ ކުރުމުން، މިޒަމާނުގައި ރުޤްޔާ ކުރުމުގެ ނަމުގައި ‘ރާޤީ’ންގެ ތާކިހާ އަޅައިގެން، މަކަރާއި ޙީލަތުން ފައިސާހޯދަމުންދާ ފަރާތްތަކުންނާއި، އޮޅުވާލައިގެން އެބައިމީހުންގެ ވަޙުޝީ އެދުންތައް ފުއްދަމުންދާ ފަރާތްތަކުގެ ކިބައިންނާއި، ގަސްތުގައި ސިހުރު ހާހުރަފަދަ ބޮޑެތިވެގެންވާ ކުފުރުގެ ޢަމަލުތައް ހިންގަމުންދާ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމުގެ ފުރުޞަތު އޮތުމުންނާވެސް އެކުގައެވެ.
އެހެނަސް، ތިމާއަށް ރުޤްޔާކުރުމަށް ބޭނުންވާ މިންވަރު ނޭނގޭނަމަ، އަދި އެނގުނަސް ތިމާއަށް އިތުބާރާއި ޔަޤީންކަން ނެތްނަމަ، ނުވަތަ ތިމާ ބަލިވުމުގެ ސަބަބުން، ނުވަތަ އެހެން ސަބަބަކާހުރެ ރުޤްޔާކުރުމަށް ނުކުޅެދިއްޖެ ނަމަ، އަދި އެ ދިމާވެގެންއުޅޭ ކަމަކާ ގުޅޭގޮތުން ކުރުމަށް ވާރިދުވެފައިވާ ރުޤްޔާތައް ނޭނގޭނަމަ، ކަމާބެހޭ ފަރާތްތަކުން ހުއްދަދީފައިވާ، ޞައްޙަ ރުޤްޔާކުރާ “ރާޤީ” އެއްގެ އެހީހޯދުމަކުން މައްސަލައެއް އޮތްކަމުގައި ނުދެކެމެވެ. އެ ރާޤީ އަކީ، ތިމާގެ އަމިއްލަ ނަފްސަށާއި ﷲއަށް، ޢިޚްލާޞްތެރި، ތެދުވެރި، އަމާނާތްތެރި، ނަޒާހަތްތެރި، ދީނަށް ލޯބިކުރާ، އަޅުވެރި، ހެޔޮލަފާ މީހަކުކަމުގައި ވާނަމައެވެ.
ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ. “ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!”
އަލް އަންފާލް ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގާ ވެއެވެ. “އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް ﷲ، އެއުރެންނަށް ޢަޒާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣްފާރުކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޒާބެއް ނުދެއްވާނެތެވެ.”
މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ އިބްނި ޤައްޔިމް (ރަޙިމަހުﷲ)، ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ. “ކީރިތި ޤުރްއާނުގައި އިންސާނާއަށް ދިމާވާ ޖިސްމާނީ، ނަފްސާނީ އަދި ރޫޙާނީ ހުރިހާ މައްސަލަތަކުގެ ފުރިހަމަ ޙައްލު ހިމެނިގެން ވެއެވެ. އަދި އެއީ މިދުނިޔޭގައި ލައްވާފައިވާ ހުރިހާ ބަލިމަޑުކަމެއްގެ ޙައްލުވެސް މެއެވެ. އެކަމަކު އެންމެންނަކީ ޤުރްއާނުގައިވާ އެ ފައިދާތައް، އެކި ކަންކަމުން ޝިފާ ލިބިގަތުމަށް، ނުވަތަ ޝިފާދެއްވުން އެދި، ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭ ބަޔަކު ކަމުގައި ނުވެއެވެ. ބަލިމީހާއަށް، ވަގުތާއި ޙާލަތާ ގުޅޭގޮތުން، ދިމާވެގެންއުޅޭ ކަމަކާ ގުޅޭގޮތުން، ޝިފާލިބިގަތުމަށް އެދި ﷲއަށް ކުރާނެ ރުޤްޔާގެ މިންވަރު އެނގި، ﷲއަށް ފުރިހަމަ އިތުބާރާއި، ޔަޤީންކަމާއި، ކެތްތެރިކަމާއި، ޚުޝޫޢަތްތެރި ކަމާއެކު، ރުޤްޔާ ކުރަން އެނގޭނަމަ، ރުޤްޔާއަކީ ހުރިހާ ބަލިތަކަށްވާ ޝިފާއެކެވެ. ހައްލެކެވެ.”
ދެން ލިޔާ ލިޔުމެއްގައި، ރުޤްޔާ ޤަބޫލުކުރައްވާކަމަށް (އިޖާބަ ކުރައްވާކަމަށް) ބެލޭވެ ޝަރުޠުތަކާއި، ރުޤްޔާ ކުރުމުގެ ކުރިން، ކުރުން ލާޒިމްކުރާ ބައެއް ކަންކަމުގެ މައްޗަށް، ﷲގެ ވާގިފުޅާއެކު، އަލިއަޅުވާ ލެވޭތޯ ބަލާނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
މީގެ އިތުރުން ރޫހާނީ އަދި ސުޕަނެޗްރަލް ދާއިރާއަކީ އޭނާ ދިރާސާކުރައްވަމުން ގެންދަވާ ދާއިރާއެއް
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މެއި 2023ރިޕޯޓްމީސްމީޑިއާއަށް ސަމާލުވުން
- 21 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން – 4
- 13 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 3
- 6 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 2