ޒަމާނުއްސުރެ ރާއްޖޭގައިވެސް، ޖިންނީންގެ އުނދަގުލާއި ކުރިމަތިލާންޖެހި އެކަމުގެ ވޭން ތަޙައްމަލުކުރަމުންދާ މީހުން އުޅެއެވެ. އެހެނަސް، އެފަދަ ކަންކަމުން ހެޔޮގޮތުގައި، ހެޔޮ ނިޔަތުގައި، ނުވަތަ ހެޔޮ މަޤްޞަދުގައި މީސްތަކުން ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދިނުމަށްވުރެ، ރުޤްޔާކުރުމުގެ ނަމުގައި، ގިނައިން ކޮށްފައި ހުންނަނީ، މީސްތަކުންނަށް އޮޅުވާލުމާއި، މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި، ފިތުނަފަސާދަ އުފައްދާ، އެންމެހާ ފާޙިޝް ޢަމަލުތަކުގެ ތެރެއިން، ތިމާމެންގެ މާލީ، މާއްދީ އަދި ވަޙުޝީ އެދުންތައް ފުއްދުމުގެ އަމަލުތަކެއް ކަމީ ޝައްކެތްނެތް މިންވަރަށް އެނގޭ ކަންކަމެވެ.
މިލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި މިފަދަ ކަންކަން ކޮށް އުޅޭ “އިންސާނީ ޝައިޠާނުން”ގެ ކިބައިން މުޖުތަމައުގެ އަހުލުވެރިން ސަލާމަތް ކުރުމެވެ. އަދި ކޮންމެ މީހަކަށްވެސް ތިމާގެ ނަފްސާއި ގޯތިގެދޮރު ސަލާމަތްކުރުމަކީ، ﷲގެ އިރާދަފުޅާއި މަދަދާއި އެކު، ކުރެވިދާނެ ކަމެއްކަން ބުނެދިނުމެވެ. އަދި އެއީ ނުހަނު ފަސޭހަ އެހެނަސް މީޒާނުގައި ނުހަނު ބުރަދަންހުރި ކަންކަން ކަމުގައި ބުނެދިނުމެވެ. ﷲގެ އިރާދަފުޅާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭނެކަން ހަނދާންކޮށް ދިނުމެވެ.
އެހެންކަމުން ތިރީގައި މިބަޔާންކުރަނީ، ﷲގެ ވާގިފުޅާއެކު، ޖިންނި ޝައިތާނުންގެ އުނދަގުލުންނާއި، ސިހުރުހާހޫރައިގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުން އަންނަ ރުޤްޔާއާއި ގުޅޭގޮތުން އެގުން ލާޒިމްކުރާ ބައެއް ކަންތައް ތަކެކެވެ.
ރުޤްޔާ ޤަބޫލުކުރައްވާ، ނުވަތަ ކާމިޔާބުވާ ކަމަށް ބެލެވޭ ޝަރުޠުތައް
ރުޤްޔާކުރަން ފެށުމުގެ ކުރިން ތިން ކަމަކަށް ސަމާލުވުމަށް ޢިލްމުވެރިން އިރުޝާދު ދެއްވަވައެވެ. އެ ތިން ކަމަކީ، ރުޤްޔާކުރާމީހާ އޭގެމަތީގައި ސާބިތުވެހުރުން ލާޒިމްކުރާ ތިންކަމެކެވެ. ގިނަފަރަށް ރުޤްޔާކުރަނީ، ނަފްސާނީ ނުވަތަ ރޫޙާނީ އުނދަގޫތަކެއް ދިމާވުމުގެ ސަބަބުން، އެކަމަކަށް ޙައްލުހޯދުމުގެ ނިޔަތުގައި ކަމަށްވާތީ، އަދި އެފަދަ ކަންކަމުން ސަލާމަތްކުރުމަށް، ރުޤްޔާކޮށްދީ އުޅޭ އިންސާނުން ނަކީވެސް، މާއްދިއްޔަތަށް ހެއްލޭ ބަޔަކަށް ވާތީ، މިލިޔާ ތިން ޝަރުތުމަތީ ސާބިތުވެ ތިބުން، ރުގްޔާކުރާ (ރުޤްޔާ ކިޔަވާ) މީހާގެ މައްޗަށް ލާޒިމްވެގެންވެއެވެ. އެ ތިންކަމަކީ:
1- ނިޔަތް (އިންޓެންޝަން)
ރުޤްޔާ އަކީ ﷲއަށް ކުރެވޭ ދުޢާތަކެއް ކަމުން، “ރާޤީ”ގެ ނިޔަތަކަށް ވާންޖެހޭނީ ﷲގެ މަދަދާއި ވާގިފުޅާއެކު، އެ ދިމާވެގެންއުޅޭ އުނދަގުލަކުން ސަލާމަތްކަން ދެއްވާތޯ، ﷲއަށް ދުޢާ ދެންނެވުމެވެ. އަދި ޝިފާއަކީ ﷲ އިރާދަކުރެއްވި މީހަކަށް، އިރާދަކުރެއްވި މިންވަރަކަށް، އިރާދަކުރެއްވި ވަގުތަކު ދެއްވާ ކަމެއްކަން ޤަބޫލުކުރުމެވެ. މިނިޔަތުގެ މަތީގައި، ރުޤްޔާ ކުރާމީހާއާއި، ރުޤްޔާ ކުރެވޭމީހާއާއި، ރުޤްޔާކުރާ ތަނުގައިތިބޭ އެންމެންވެސް، ސާބިތުވެ ތިބުން ލާޒިމެވެ. މިނޫން އެއްވެސް ނިޔަތެއްގައި އެކުރެވުނު ރުޤްޔާ، ކާމިޔާބު ވުމަކީ ދުރުކަމެކެވެ.
އިންސާނާގެ ޢަމަލުތައް، ﷲ ބައްލަވައި ވޮޑިގަންނަވަނީ އޭނާގެ ނިޔަތުގެ މައްޗަށްކަން، ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 29ވަނަ އާޔަތުންނާއި، ޙައްޖު ސޫރަތުގެ 37ވަނަ އާޔަތުން ސާފުކޮށް އެނގެން އެބައޮތެވެ.
2- ޔާޤީން ކަން (ކޮންވިކްޝަން)
ކީރިތި ޤުރްއާނުގައި އައިސްފައިވާ ރުޤްޔާގެ އާޔަތްތައް އޭގެމާނަ ނޭނގި ރުޤްޔާގެ ބޭނުމަށް ކިޔެވުމަކީ އެހާ ބުއްދިވެރި، ރަގަޅުގޮތެއް ނޫނެވެ. ރުޤްޔާ ކުރަނީ އަމިއްލަޔަށް ކަމުގައިވިޔިސް، ނުވަތަ އެހެންމީހެއްގެ މައްޗަށް ކަމުގައިވިޔަސް، އެކިޔަވާ އާޔަތްތަކާއި ޒިކުރުތަކާއި ދުޢާތަކުގެ މާނަ އެނގިގެން، ކިޔަވާތަކެތި ސާފުކޮށް އެނގޭގޮތަށް، އެކިޔެވޭ އެއްޗެއްގެ މާނަ ނުގެއްލޭ ގޮތަށް، އިތުބާރާއި ޔަޤީންކަމާއެކު ކިޔެވުން ކޮންމެހެން ލާޒިމެވެ. ކިޔަވާ އާޔަތްތަކާއި ދުޢާތަކުގެ އަކުރު ތަކަށާއި ފިލި ތަކަށް ބަދަލު ނުގެނެސް، ވާރިދުވެފައިވާ ގޮތަށް ކިޔެވުމަށް ސަމާލުކަން ދިނުން ވަރަށް ބޭނުންތެރިއެވެ. އެހެނީ، އެ ކިޔަވާ ތަކެތީގެ ތެރެއިން އަކުރަކަށް ނުވަތަ ފިއްޔަކަށް ބަދަލު ގެނެވިއްޖެނަމަ، އޭގެމާނަ މުޅިން ބަދަލުވުމުގެ ފުރުޞަތު އޮތުމާ އެކުގައެވެ. ޚާއްޞަކޮށް ޤުރްއާނުގެ އާޔަތްތައް ކިޔަވާއިރު، އަޑު އިވޭހިސާބުގައި ތިބިބަޔަކަށް އަޑު އިވޭނެހެން، ސާފުކޮށް، ލަސްލަހުން، އަސަރާއެކު ކިޔަވާ، ޝިފާއަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާދެއްވާ އެއްޗެއްކަން، ހިތުގެއަޑިން ޔަޤީންކުރުމަކީ ކޮންމެހެން ލާޒިމްކަމެކެވެ.
ކަންކަމުގައި ޝައްކާއި ވަހުމްތަކުން ދުރުވުމުގެ މުހިންމުކަން ކީރިތި ޤުރްއާނުގެ އަލް ޙުޖްރާތު ސޫރަތުގެ 12ވަނަ އާޔަތުން އެގެން އެބައޮތެވެ.
3- ކެތްތެރިކާމާއެކު ދުޢާކުރުންމަތީ ދެމިތުބުން
އެހެނިހެންވެސް ބަލިތަކަށް، އެ ބައްޔަކަށް ކަނޑައެޅިފައިވާ ފަރުވާގެ ‘ޑޯޒް’ ހަމަވަންދެން، އެފަރުވާއެއްގެ މަތީގައި ދެމިތިބޭގޮތަށް، ރުޤްޔާއިން ސަލާމަތްވޭތޯ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރާ ދުޢާ ޤަބޫލު ކުރައްވާންދެން، ކެތްތެރިކަމާއެކު، އެކަލާނގެ މަދަދަށްއެދި ދުޢާކުރުންމަތީ ދެމިތިބުމަކީ ލާޒިމްކަމެކެވެ. މިފަދަ ކޮންމެ ކަމަކީ އެކަލާނގެ މެދުވެރިކުރައްވާ އިމްތިޙާނެއް ކަމުގައި ވެދާނެކަމާއި، އެކަލާނގެ އިރާދަފުޅާއި ލައިގެންމެނުވީ އެއްވެސްކަމެއް އެއްވެސްމީހަކަށް، ފުއްދައި ނުގަނެވޭނެކަން ހިތުގެއަޑިން ޤަބޫލުކުރުންމަތީ ދެމިތިބެ، އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ދެއްވާތޯ ދުޢާކުރުންމަތީ ދެމިތިބުމަކީ، މިންވަރަށް އީމާންވާ މުސްލިމުންގެ ގޮތެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ރުޤްޔާގެ އާޔަތްތަކާއި ދުޢާތައް، މެދުނުކެނޑި ކިޔެވުންމަތީ ދެމިތިބުން ބޭނުންތެރި ވެގެންވެއެވެ. އަދި އުނދަގޫ ޙާލަތުގައި ކެތްތެރިވުމަށް ބާރުއަޅުއްވައި، ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 286ވަނަ އާޔަތުން، ﷲ، އެއްވެސް ނަފްސަކަށް، ނުކުޅަދާނަ މިންވަރަށް، އެއްވެސް ތަކުލީފެއް ނުޖައްސަވާކަން، ސާފުކޮށް އަންގަވާފައި އެބައޮތެވެ.
އަދި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. “އޭ އީމަންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ.”
ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ.”
ރުޤްޔާ ކުރުމުގެ ކުރިން ކުރުން ލާޒިމު، ބައެއް ކަންތައްތައް
ރޫޙާނީ ނުވަތ ނަފްސާނީ އުނދަގުލެއްގެ ސަބަބުން ޝިފާ އެދި ރުޤްޔާކުރަން ފެށުމުގެ ކުރިން ކުރުން ލާޒިމްކުރާ ކަންތައްތަކެއް ވެއެވެ. އެކުރެވޭ ރުޤްޔާ (ދުޢާ) ﷲ ޤަބޫލުކުރެއްވުމުގެ ފުރުޞަތު އިތުރުކުރައްވައި، އަވަސް ކުރައްވާތޯއެވެ. އެހެންކަމުން ތިރީގައިމިވާ ކަންކާމެދު ފަރުވާތެރިވުން އެދެވިގެންވެއެވެ.
1- ރުޤްޔާ ކުރަން ފެށުމުގެ ކުރިން، ވުޟޫ ކުރުމަށްފަހު ﷲއަށް ދެރަކްޢަތް ނަމާދެއް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން ރޭގަޑުގެ ހަމަހިމޭން ވަގުތުގައި ކުރާ، ތަޙައްޖުދު ނަމާދު ކުރުން މޮޅުއިތުރު ވެގެންވެއެވެ. މި ނަމާދުގައި، އެ ދިމާވެގެން އުޅޭ މުޞީބާތަކުން ސަލާމަތްކޮށް ދެއްވާތޯ އިޚްލާޞްތެރިކަމާއި، ޚުޝޫޢަތްތެރިކަމާއެކު ﷲއަށް ދުޢާ ގިނަކުރުން އައުލާވެގެންވެއެވެ. ރުޤްޔާކުރާމީހާ އަކީ ފަރުޟު ފަސްނަމާދު ޤާއިމްކުރާ މީހަކަށްވުމީ ލާޒިމް ކަމެކެވެ. ﷲއަށް ގިނަގިނައިން ދުޢާކުރުމަށާއި، އެކަލާނގެއަށް އަޅުކަންކުރުމަށް ޖެހިލުން ނުވުމަށް، ކީރިތި ޤުރްއާނުގެ ޣާފިރު ސޫރަތުގެ 60ވަނަ އާޔަތުން އަންގަވާފައި ވެއެވެ.
2- ﷲގެ ޝިފާއަށް އެދި ރުޤްޔާ ކުރުމުގެ ކުރިން، އެކުރެވޭ ރުޤްޔާގެ ތެރޭގައި އެއްވެސް ކަހަލަ ޝިރުކުގެ ޢަމަލެއް އަދި މާއްދީ އެއްވެސް އެދުމެއް ނުހިމެނުމަށް، ޢިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޢަޒުމް ކަނޑައެޅުން ވަރަށް މުހިންމެވެ. އަދި އެއްވެސް ދުވަހެއްގައި، އެއްވެސް ޙާލަތެއްގައި، އެހެންމީހެއްގެ ޙައްޤަކަށް އަރައިގަނެވިފައި ވާނަމަ، އެކަމަކުން މަޢާފަށްއެދި، ޢަފޫކޮށްދެއްވާތޯ ދުޢާކޮށް، ތައުބާވުން (ދެން އެފަދަ ޢަމަލެއް ތަކުރާރު ނުކުރަން ޢަޒުމާއެކު މަސައްކަތްކުރަން ނިޔަތްގަތުން) ލާޒިމް ވެގެންވެއެވެ.
3- ﷲގެ މަގުގައި ސާބިތުވެތިބެ އެކަލާނގެ ދެއްވި މުދަލުން ހޭދަކުރާ އަޅުންނަށް، އެކަލާނގެ ރުއްސެވުން އިތުރުވެގެންވެއެވެ. އެހެންކަމުން، ރުޤްޔާކުރުމުގެ ކުރިން ﷲގެ މަގުގައި ޞަދަޤާތް ކުރުމީ މޮޅުއިތުރު ވެގެންވާ ކަމެކެވެ. މި ޞަދަޤާތުގައި އެއްވެސް ޝިރުކެއް، އަދި ޙަރާމްކަމެއް ހިމަނައިގެން ނުވާނެއެވެ. މަޤްޞަދަކަށް ވާންވާނީ، ﷲގެ ޙަޒްރަތުގައި ތިމާގެ ޢަމަލު ޤަބޫލުކުރައްވައި، ދިމާވެގެންއުޅޭ އުނދަގުލަކުން އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ، އިޚްލާޞްތެރި ކަމާއެކު ކުރެވޭ ޚައިރާތަކަށް އެކަން ހެދުމެވެ. އަދި، ރޯދަހިފުމަކީވެސް މޮޅޮއިތުރު ވެގެންވާކަމެކެވެ. ﷲގެ ރުއްސެވުމާއި މަދަދަށް އެދި ޞަދަޤާތްކޮށް ރޯދަހިފާ މީހާގެ ފާފަތައް، ފެނުން އަލިފާން ނިވިދާފަދައިން، ﷲ ފުއްސަވާކަމުގައި، މުޢާޒް ބިން ޖަބަލުގެ ފަރާރުން ރިވާވެގެންވާ ޙަދީސެއްގައި ވެއެވެ.
4- ރުޤްޔާ ކުރަން ފެށުމުގެ ކުރިން، އެ ގެއެއްގެ ތެރޭގައި ބެހެއްޓިފައިވާ ނުވަތަ ހަރުކުރެވިފައިވާ އެންމެހާ ތަސްވީރުތަކާއި ކުރެހިފައިވާ ސޫރަތައް، ނައްތާލުން ވަރަށް މުހިންމެވެ. މީގެ ތެރޭގައި ހަށިގަނޑުގައި ޖަހާފައިހުންނަ ‘ޓެޓޫ’ އާއި، ގައިގައި އަޅާފައިވާ ފަށްތަކާއި، ގަހަނާއާއި އަނގޮޓި ފަދަ ތަކެތިވެސް ހިމެނެއެވެ. އަމިއްލަ ފޮޓޯތަކާއި ފޮޓޯ ފޮރޭމްތައްވެސް މީގެތެރޭގައި ހިމެނިގެންވެއެވެ. އެތަކެއްޗަކީ، ތިމާ ގަޔާވާ، އަދި ޖިންނިޝައިތާނުން ލޯބިވާ، އެހެނަސް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ތަކެއްޗަށް ވެދާނެތީއެވެ. އެތަކެތި، ރުޤްޔާކުރާ ތަން ނޫން އެހެންތަނަކަށް ބަދަލުކުރެވި ދާނެއެވެ.
5- ރުޤްޔާކުރާ މީހާ، “ރާޤީ” ހުރިހާ ވަގުތަކު ވެސް ވުޟޫމަތީ ދެމިހުރުން، ޚާއްޞަކޮށް ރޭގަނޑު ނިދުމުގެ ކުރިން ވުޟޫ ކުރުން އައުލާކަން ބޮޑުވެގެންވެއެވެ. ރަނގަޅަށް ޢައުރަ ނިވާވާނެހެން، ސާފުތާހިރު ހެދުންއެޅުން އާދަކުރުން އައުލާވެގެން ވެއެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 222ވަނަ އާޔަތުން، ގިނަނައިން ތައުބާވާ މީހުންނާއި، ސާފުތާހިރުކަންމަތީ ދެމިތިބޭ މީހުންދެކެ ﷲ ލޯބިވެ ވޮޑިގަންނަވާކަން އެގެން އެބައޮތެވެ. އަދި ތައުބާ ސޫރަތުގެ 108ވަނަ އާޔަތުންވެސް މިކަން ސާފުވެއެވެ.
މިބަޔާން ކުރެވުނު ކަންކަން ކީރިތ ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 16 އަދި 17 ވަނަ އާޔަތުންނާއި، މާތް ނަބިއްޔާ ހަދީސްފުޅުކުރެއްވި ކަމަށް، މުޢާޒް ބިން ޖަބަލު ރިވާކުރެއްވި ކަމަށް، ސުނަން އިބްނި މަޖާހްގެ، ޙަދީސް ނަމްބަރ 3973ވަނަ ޙަދީސްފުޅުން ސާފުކޮށް އެނގެން އެބައޮތެވެ.
ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 16 ވަނަ އާޔަތުގެ މާނައިގާ ވަނީ: “އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެން އީމާން ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާފާނދޭވެ! އަދި، ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވާނދޭވެ!”
ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 17 ވަނަ އާޔަތުގެ މާނައިގާ ވަނީ: “(އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދ، ﷲއަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި ދުޢާކުރާ މީހުންނެވެ.”
—————————————————–
ދެން ލިޔާ ލިޔުމެއްގައި، ރުޤްޔާ ކުރަމުންދާއިރު ކުރުން ލާޒިމްކުރާ ކަންކަމާއި، ރުޤްޔާ ކުރުމުގެ ތެރޭގައާއި، ރުޤްޔާގެ ފަހުން ފެނިދާނެ ބައެއް ޢަލާމާތް (ސިމްޕްޓަމްސް) ތަކުގެ މައްޗަށް، ﷲގެ ވާގިފުޅާއެކު، އަލިއަޅުވާ ލެވޭތޯ ބަލާނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
މީގެ އިތުރުން ރޫހާނީ އަދި ސުޕަނެޗްރަލް ދާއިރާއަކީ އޭނާ ދިރާސާކުރައްވަމުން ގެންދަވާ ދާއިރާއެއް
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މެއި 2023ރިޕޯޓްމީސްމީޑިއާއަށް ސަމާލުވުން
- 21 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން – 4
- 13 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 3
- 6 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 2