ދެމަފިރިން އެކުގައި ހަމަޖެހިލައިގެން ދިރިއުޅޭތަން ދުށުން އެއީ ބައެއް މީހުންނަށް ދަތި އުނދަގޫކަމަކަށް ވޭ. ވަކީން ޚާއްޞަކޮށް ހިތުއަޅައިގެން އުޅުނު ލޯތްބެއް ބީވެ، ލޯބިވި މީހާ އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭތަން ދުށުމަށް ނޭދޭ ބައެއް ފިރިހެނުން އަހަރުމެންގެ މުޖުތަމަޢުން ވެސް ފެންނަމުންދޭ.
މި ހަފުތާގަ މި ގެނެސްދެނީ އެފަދަ ވާހަކައެއް. މިއީ ރާއްޖޭގެ އާބާދީ ބޮޑު ބިޔަ ރަށެއްގެ ޒުވާން ފިރިހެނަކަށް ދިމާވި ހާދިސާއެއް. ހާދިސާ ދިމާވި ކުއްޖާއަށް ކޮންމެވެސް ނަމެއް ދިނުމަށްޓަކައި ހިނގާ އެއީ ނިހާދުކަމަށް ކިޔަމާ.
ނިހާދަށް މިކަމަކާ ލައިގަތީ މީގެ ހަތްވަރަކަށް އަހަރު ކުރިން. ނިހާދު ކައިވެނިކުރީ ނިހާދު އެންމެ ހިތްއެދޭ ފަދަ ހިތްގައިމު ކުއްޖަކާ. އެއީ އއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއް. ބައްޕަ ނިޔާވެފައިވުމުން އެކުއްޖާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމައާ އެކުގަ.
ނިހާދަށް އެކުއްޖާއާ ފުރަތަމަ ދިމާވީ ފޭސްބްކް ތެރެއިން މީގެ އަށެއް ނުވަތަ ނުވަ އަހަރު ކުރިން. އޭރު ނިހާދު މާސްޓަރޒް ހެދުމަށްޓަކައި ދިރިއުޅެމުން ދިޔައީ މެލޭޝިޔާގަ. އެދެމީހުން ފޭސްބްކް މެސެންޖާ މެދުވެރިކޮށް ދައްކަން ފެށި ވާހަކަތައް ސީރިއަސްވެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވުނީ އެކަން އެހެން ވެދާނެ ކަމަށް އެމީހުން އުއްމީދުވެސް ނުކޮށް ތިއްބާ.
ނިހާދު ކިޔެވުން ނިމި ރަށަށް ދިއުމަށްފަހު އެކުއްޖާ އުޅޭ ރަށަށް ގޮސް ކައިވެނިކުރި..
ނިހާދު އެރަށަށް ގޮސް ހުރީ ރައްޓެއްސެއްގެ ގޭގަ. އެއީ ނިހާދު ކައިވެނިކުރި ކުއްޖާ އުޅޭ އަވަށް ނޫން އަނެއް އަވަށުގައި ހުންނަ ގެއެއް. ކައިވެނިކުރި ދުވަހުގެ އެއް ދުވަސްކުރިން ނިހާދު ގިނަ ވަގުތުތައް ހޭދަކުރީ އެކުއްޖާގެ ގޭގަ. އެރޭ ކައިގެން ގެއަށް ދިއުމަށް އަންހެންކުއްޖާގެ މަންމަ ބުނުމުން ނިހާދު މަޑުކޮށްލައިގެން އިނީ ސިޓިންރޫމުގަ. އޭރު ސިޓިންރޫމާ އެއްކޮށް ހަދާފައި ހުރި ބަދިގެތެރޭގައި ނިހާދުގެ ވާންއުޅޭ އަނބިގޮއްޔެ އަދި އޭނާގެ މަންމަ އަވަދިނެތި އުޅެމުންދިޔަ.
ޚަބަރު ބަލަން ސިޓިންރޫމް ސޯފާގައި އިންދާ ނިހާދާ ދިމާއަށް ނަންނުގައްޗެއް ދުވެފައި އަންނަތަން ފެނުނު. ނިހާދުއާ ފޫޓެއްހައި ގާތްވެފައި ވަނިކޮށް އޭނާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނީ އަންހެން ކުއްޖަކު ކުރަތްޕެއް ފެނިގެން ހަޅޭއްލަވައިގަންނަ ގޮތަށް.
ބަދިގޭގައި ހުރި އަންހެން ކުއްޖާގެ މަންމަ ދުވެފައި އެތަނަށް އައި. ކޮންމެވެސް އެއްޗަކުން ނަންނުގަތީގައި މަންމަ ޖެހި. މާ އުނދަގުލަކާ ނުލައި އެސޮރު މަރައިލި.
“މީ އަނެއްކާ ކޮންފަދަ ކަމެއްބާ؟….. ދަރިފުޅާ ބުނާކަށް މަންމަގެ ހަޔާތުގަވެސް މިގޭތެރެއިން ދުވަހަކުވެސް ނަންނުގައްޗެއް ނުދެކެން.” ނަންނުގަތި މަރައިލުމަށްފަހު ހިންދެމިލަމުން ކަންބޮޑުވެފައި ހުރެ މަންމަ ބުނެލި.
އޭގެ އަނެއް ދުވަހު ނިހާދުމެން ކައިވެނިކުރި. ޖެހިގެން އައި ދުވަހު ނިހާދުގެ ރަށަށް އަންހެނުން ގޮވައިގެން ދިޔަ.
ކައިވެނިކޮށްގެން ނިހާދުމެން ދިރިއުޅެމުން ދިޔައީ ނުހަނު އުފާވެރިކަމާއެކު. ދެމީހުންވެސް ވަޒީފާއަށް ދަމުން، ގޭގައި ވަގުތުތައް ހޭދަކުރަމުންދިޔަ. ކައިވެންޏަށް ހައެއްކަ މަސް ވީއިރުވެސް އެމީހުންނަށް ދަރިއެއް ނުލިބޭ.
އެއީ އެއް ރެއެއްގެ ރޭގަނޑުގެ ވަގުތު. ނިދާފަ އޮއްވާ ނިހާދަށް ކުއްލިއަކަށް ހޭލެވުނީ ބުނަން ނޭނގޭ ފަދަ އުނދަގޫތަކެއް ވާތީ. ހޭލެވުނު އިރު ނިހާދަށް އެއްވެސް ހަރަކާތެއް ނުކުރެވޭ. ހަމައެކަނި ލޮލަށް ހަރަކާތެއް ގެނެވޭކަން އެނގޭ. މުޅި ހަށިގަނޑު އޮތީ ގާވެފަ އޮތްހެން. ހަޅޭއްލަވައިގަންނަން މަސައްކަތްކުރި ނަމަވެސް އަރުތެރެއިން އެއްވެސް އަޑެއް ނުކުންނަގޮތެއް ނުވި. ނިހާދަށް އިހުސާސްކުރެވެމުން ދިޔައީ ގައިމަތީގަ ބޮޑު ގަލެއް ބާއްވާފަ އޮތް ފަދަ އިހުސާސެއް. ދެތިން މިނެޓެއް އެގޮތުގައި އޮތުމަށްފަހު ނިހާދުގެ ހަށިގަނޑަށް ލުޔެއް ލިބި، ހަރަކާތްކުރެވޭ ގޮތްވި. އެވަގުތު ނިހާދުގެ ހަށިގަނޑު ތެރެއިން ނުކުތް ކަޅު ހިޔަންޏެއް އެމީހުން ތިބި ކޮޓަރިން ނުކުމެގެން ދިޔަކަމުގެ އިހުސާސެއް ނިހާދަށް ކުރެވުނު.
އެރޭ ދިމާވި ކަންތައްގަނޑު ނިހާދަށް ކޮންމެ ހަފުތާއަކުވެސް އެއް ރޭ ނުވަތަ ދެ ރޭ ދިމާވަމުންދިޔަ. އެކަންތައް ދިމާވާން ފެށި ފަހުން އެ ދެމަފިރިންނަށް ކޫސަނި ކަންކަމާ ޒުވާބުކުރެވެން ފެށުނު. ވަރުގަދަ ޒުވާބަކަށް ދެވެން ފެށީ ހަމަ އެއްވެސް ތާކުންތާކު ނުޖެހޭފަދަ ކުދިކުދި ކަންކަމާ ގުޅިގެން. ނިހާދުގެ އަންހެނުން އަބަދުހެން ހުންނަނީ ރުޅިގަދަ ވެފަ. ގޭގޭ އެއްވެސް މަސައްކަތެއް ނުކޮށް ޓީވީ ބެލުން ނޫން އެހެން އެއްވެސް ކަމެއް އޭނަ ނުކުރޭ.
ދެމީހުން ކިތަންމެ ލޯބިވިޔަސް، އަބަދާއަބަދު ޒުވާބުކޮށް ރުޅިމޫނު ހަދައިގެން ތިބެން ޖެހުމާއި، ދެމީހުން އެއް ކޮޓަރީގައި ނިދަން ނުތިބެވޭ ވަރަށް އެކަކުއަނެކަކު ދެކެ ފޫހިވާން ފެށުމުން އެ ވާހަކަތައް ނިހާދުގެ ރައްޓެއްސަކާ ހިއްސާކޮށްލި.
“ހާދައޭ ކަންނެތީ. އަނެއްކާ އަބަދު ހުންނަނީ ނަރުގަނޑު ކޮޅުގަ. މަށަށް ނޯވޭ ރަނގަޅަށް ބަހެއްވެސް ބުނެލެވެން.” މާޔޫސްވެ އިނދެ ނިހާދު ކިޔައިދިން. އޭގެ އިތުރުންވެސް އެ ދެމަފިރިންގެ ދެމެދުގައި ހީނަރުވެފައިވާ ދެމަފިރިކަމުގެ ގުޅުމުގެ ވާހަކައާއި ހުރިހާކަމެއްވެސް ހިއްސާކުރި.
“ހޫމް…. ތި ކިޔައިދިން ވާހަކަތަކުން މަށަށް ވަރަށް އެހެން ކަހަލަ އެއްޗެއް އެބަ ހީވޭ. އެހެންވީމަ ރުޤްޔާކުރާ މީހެއް ގާތަށް ދާން މަށަށް ފެނޭ. އަހަރެންގެ ރައްޓެއްސެއް ހުންނާނެ ޝަރުޢީ ރުޤްޔާކުރާ މީހެއް. އެއީ ﷲއަށްޓަކައި އެކަން ކުރާ މީހެކޭ ބުނާހާވެސް ރަނގަޅު މީހެއް. އޭނަ ގާތަށް ގޮސްލަން ފެނޭ.” ނިހާދުގެ ވާހަކަތައް އަޑުއަހައިފައި ރައްޓެހިމީހާ ޚިޔާލުދިން.
ރުޤްޔާކުރާ މީހާ ނުވަތަ ރާޤީ އެ ކިޔެވި އާޔަތްތަކެއް ކިޔެވުމަށްފަހު ނިހާދުގެ ދެމަފިރިންގެ ޑައިގްނޯސްޓިކް ޓެސްޓެއް ހެދި. އެއަށްފަހު ރާޤީ ނިހާދުއާ ސުވާލުކުރި.
“ހުވަފެނުން އެއްވެސް އާދަޔާޚިލާފު މީހެއް ފެނޭތަ؟”
“ނޫން” ނިހާދު ޖަވާބުގައި ބޯހޫރާލަމުން ބުނި. ނިހާދު އެހެން ބުނުމާއެކު ނިހާދުގެ ކަނާތުގައި ނިކަން ބާރަށް ހިފަހައްޓަމުން އަނެއްކާވެސް ރާޤީ އެ ސުވާލު ތަކުރާރުކުރި.
“ހަނދާންވޭތޯ މަސައްކަތްކޮށްލާފަ އަޅެ ބުނެބަލަ…. އާދަޔާޚިލާފު އެއްވެސް މީހެއް ހުވަފެނުން ފެނޭތަ؟”
ނިހާދުގެ ގައިތެރެއިން ނުކުތް މީހާ މަތިން އެވަގުތު ނިހާދު ހަނދާންވި.
“އަޅުގަނޑަށް މިކަން ދިމާވި ފުރަތަމަ ރޭ…. އެރޭ ހޭލެވުނީ އެއްކޮށް ގަނޑުވެފަ އޮތްކަހަލަ ގޮތަކަށް. އަހަރެންގެ ގަޔަށް ލިބިފައި އޮތް ބުރަހެލިކަން ފިލައިގެން ދިޔަ ވަގުތު އަހަރެންގެ ހަށިގަނޑުން މީހަކު ނުކުތްހެން ހީވި. ހަމަ އެވަގުތު ކޮޓަރިތެރެއިން ކަޅު ހިޔަންޏެއް ނުކުތްހެން ވެސް މަށަށް ހީވި.”
ރާޤީއަށް މި ވާހަކަތައް ކިޔަދިނުމުން އޭނާގެ މޫނުމައްޗަށް ސީރިއަސްކަމެއް ވެރިވެގެންދިޔަ. ހަމަ އެއާއެކު ނިހާދުގެ އަންހެނުން އެތަނުން ނުކުމެ، ބޭރުގައި އިރުކޮޅަކު މަޑުކޮށްލުމަށް އެދުނު.
“އަނބިމީހާއަށް އެހުރީ ސިހުރު ޖެހިފަ. އޭގެ ކަންތައް ތި ކުރިމަތިވަނީ ނިހާދުއަށް.”
ރާޤީ ބުނީ ހަދާފައިހުރި ސިހުރަކީ ވަރުގަދަ ސިހުރެއްކަމަށާ އެ ސިހުރު ބާޠިލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް.
ރާޤީ ކައިރިން ނިހާދުގެ ދެމަފިރިން ރުޤްޔާކޮށް އެކަމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމުން ދެމީހުނަށްވެސް ހިތްހަމަޖެހުން ލިބުނު. ނަމަވެސް ދުވަސްކޮޅެއް ފަހުން އެ ދެމީހުންނަށްވެސް އެކަމުގެ އުނދަގޫތައް ޖެހެން ފެށި. ކުރިންވެސް ޖެހުނު ފަދަ ކޫސަނި މައްސަލަތައް އިތުރުވެ ވަރިފަށަށް އަރާހިސާބަށް ދިޔަ ނަމަވެސް، ދެމީހުންވެސް ދުރުވާން ބޭނުން ނުވާތީ އެކުގައި އުޅެވޭތޯ ބެލި.
އަނބިމީހާއަށް އިތުރު މެޑިކަލް މައްސަލަތަކެއް ދިމާވާން ފެށުމުން އޭގެ ދެމަފިރިން މާލެ ދިޔަ. މާލޭގައި ތިއްބާ އަނބިމާހާ ވަރަށް ބޮޑަށް ބަލިވާން ފެށި. މޮޔަގޮވައި ގަޔަށް ބާރުއަރަން ފެށުމުން މާލެއިން ރާޤީއެއް ގާތަށް ދިޔަ.
“ކުރިން ދެއްކި ރާޤީ އެބުނިގޮތަށް އަޅުގަނޑަށްވެސް ބުނެވެން އޮތީ. ތިކަމުން ސަލާމަތް ވެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ދެމީހުން ސުލްހަވެރިކަމާއެކު ވަރިވުން.” ރާޤީ އޭނާގެ ކިޔެވެލިތައް ކިޔަވައި ވާނުވާ ބެލުމަށްފަހު ބުނެލި.
“އެކަމަކު އަޅުގަނޑުމެން ވަރިވާކަށް ބޭނުމެއް ނޫން.” ނިހާދުގެ ދެމަފިރިންނަށް އެއްފަހަރާ ބުނެވުނު.
“ބޭނުން ނުވިޔަސް، ހަދާފައިހުރި އެއްޗެއް ހަދާފައި ހުރީ ނިހާދުގެ އަނބިމީހާއަށް މީހަކާ އިނދެގެން ނޫޅެވޭނެ ގޮތަށް. ހަދާފައި ހުރި ސިހުރު ބާޠިލުކުރަން ވަރަށް މަސައްކަތްކުރަން ޖެހޭ. އެ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއް. ފިފްޓީފިފްޓީ އޮތީ.” ރާޤީ އެންމެ ފަހުގޮތް ބުނި
އެންމެފަހުން އެ ދެމަފިރިން ކޯޓަށްގޮސް ވަރިވި. އޭގެ ފަހުން އެމީހުންނަށް ކުރިން ދިމާވި ފަދަ އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހޭ. މިހާރުވެސް ނިހާދުއާ އޭނާގެ ކުރީގެ އަންހެނުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން. ނިހާދުވެސް އޭގެ ފަހުން އަދި ހުރީ ކައިވެންޏެއް ނުކޮށް.
މި ކިޔައިދެވުނީ ނިހާދުއަށް ދިމާވި ޙަޤީޤީ ހާދިސާ
އިހްސާސް – ހާދިސާ ހާދިސާ ސީޒަން 02 / އެޕިސޯޑް 02 – މި ލިންކުން ޕްރޮގްރާމު އަޑުއަހައިލެވޭނެ!
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!