އަކްޝޭ އަކީ އަބަދުވެސް ވަރަށް ގޮންޖެހުން ބޮޑު މަޢުޟޫތަކަށް ހުންނަ ފިލްމުތައް ކުޅެމުން އަންނަ ފަންނާނެކެވެ. އޭނާއަކީ މީހުން އާއްމުކޮށް ވާހަކަދައްކައި ނޫޅޭ ވާހަކަތައް ހިމެނޭ ފިލްމުތައް ކުޅޭ މީހެކެވެ. މިގޮތުން ‘ރެޑް ސީ ފިލްމު ފެސްޓިވަލް’ގައި އޭނާގެ ކުރިއަށް ހުރި ފިލްމީ މަސައްކަތާ ބެހޭ މަޢުލޫމާތު ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ފިލްމަކާއި ވެބް ސީރީޒެއްގައި މަސައްކަތްކުރަން އޮތްކަން އޭނާ ހާމަކޮށްފައިވެ އެވެ.

އެ ހަފުލާގައި އަކްޝޭ ބުނެފައިވަނީ ‘ސެކްސް އެޑިއުކޭޝަން’ގެ ވާހަކަތައް ގެނެސްދޭނެ ފިލްމެއްގައި އޭނާ މަސައްކަތްކުރަން ފަށާފައިވާ ކަމަށެވެ. އަކްޝޭ ބުނީ އެކަށީގެންވާ މިންވަރަށް ދެކުނު އޭޝިއާއަށް ނިސްބަތްވާ މުޖުތަމަޢުތަކުގައި ‘ސެކްސް އެޑިއުކޭޝަން’ގެ ވާހަކަތައް ނުދެކެވޭ ކަމަށެވެ.

“އަހަރެން ބޭނުންވޭ ތަފާތެއް ގެނެސްދޭނެ ފަދަ އިޖުތިމާޢީ ފިލްމެއްގައި މަސައްކަތްކޮށްލަން. ވަކީން ޚާއްޞަކޮށް އަހަރެންގެ ޤައުމުގެ މީހުންނާ ގުޅުންހުރި ވާހަކަތަކެއް ގެންނަން ބޭނުން.” އަކްޝޭ ބުނެފައިވެ އެވެ.

“އަހަރެން އެކަހަލަ މަޢުޟޫތައް ނަގައި އެއަށް ފިލްމު ހަދަން. ނަމަވެސް އެގޮތަށް އަހަރެން ފިލްމު ހަދަނީ ވިޔަފާރީގައި ފައިދާވާ ގޮތަށް. އެގޮތުން ފިލްމުގައި ލަވަ ހުންނާނެ، ކޮމެޑީ ހުންނާނެ. ޑްރާމާ އަދި ހިތާމަވެރި ހާލަތުވެސް ހުންނާނެ. އެގޮތުން އަހަރެން ނަގަނީ ހަޤީޤީ ދިރިއުޅުމުގެ ވާހަކަތައް. އެ ވާހަކަތައް ބަދަލުކޮށްލައިގެން ވިޔަފާރިއަށް ފައިދާވާނެ ގޮތަށް ފިލްމު ހަދަނީ.” އިތުރަށް އަކްޝޭ ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުނު ފަހުން ފިލްމީ ވިޔަފާރިއަށް ކޮށްފައިވާ އަދި ކުރަމުން އަންނަ އަސަރުތަކާބެހޭ ގޮތުންވެސް އޭނާ އަލިއަޅުވާލާފައިވެ އެވެ. “ކުރިން މަސައްކަތްކުރި ވަރަށް ވުރެން މާބޮޑަށް އަހަރުމެން މިހާރު މަސައްކަތްކުރަން ޖެހޭކަމަށް އަހަރެން ދެކެން. ބުރަކޮށް މަސައްކަތްކޮށް ހިންދަމާލަން އެބަ ޖެހޭ.” އަކްޝޭ ބުންޏެވެ.

އެންމެ ފަހުން އަކްޝޭ މަސައްކަތްކޮށްފައިވަނީ ފިލްމު “ހޭރާ ޕޭރީ3” ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.