ދިގު އަދި ދުޅަހެޔޮ އިސްތަށިގަނޑެއް އޮތުމަކީ އަންހެންކުދިންގެ ތެރެއިން ގިނަބަޔަކު އެކަމަށް އިންތިހާއަށް ބޭނުންވާ ކަމެއްކަން އިންޓަނެޓުން ފެންނަ ބައެއް ޕޯސްޓްތަކުން އެކަނިވެސް އެނގެއެވެ. ސަޅި އިސްތަށިގަނޑެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަން ދައްކުވައިދޭ ވީޑިއޯތަކުން ޓިކްޓޮކް ފަޅުފިލުވައިލާފައިވުމުންވެސް މިކަން އިތުރަށް ދޭހަވެއެވެ.

ނަމަވެސް މި ފަހުން، އިސްތަށިގަނޑު ދިގުކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ ލޯތައް އަމާޒުވެފައިވަނީ ވަރަށް އާދައިގެ އެއްޗަކަށެވެ. އެއީ ރޯޒްމެރީ އެވެ. ރޯޒްމެރީ ބޭނުންކޮށްގެން ރޯޒްމެރީ ވޯޓަރ ސްޕްރޭ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެވެ. މާ ބޮޑު ޚަރަދެއް ނުގޮސް، ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ރޯޒްމެރީ ވޯޓަރ ބޭނުންކުރުމުން އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވާކަމަށް ބުނެއެވެ.

ރޯޒްމެރީ ވޯޓަރ އިން އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެނީ ކިހިނެއް؟

މެޑިޓެރޭނިއަން ޤައުމުތަކުގައި ޒަމާނުއްސުރެން ރޯޒްމެރީ ވޯޓަރގެ ފައިދާ ހޯދަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެ ކަމަށް އެމެރިކާގެ ނިއުޔޯކް ސިޓީގެ ބޯޑް-ސަޓިފައިޑް ޑާރމަޓޮލޮޖިސްޓް މިޝޭލް ގްރީން ބުނެއެވެ.

ސައިންސުންވެސް މިކަމުގެ ހެކި ފެނިފައިވެއެވެ. 2015 ވަނަ އަހަރު ސްކިމްޑް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، ހަ މަސްދުވަހުގެ މުއްދަތެއް ވަންދެން ކުރެވުނު ދިރާސާއެއް ދައްކާގޮތުން ރޯޒްމެރީ އަދި މައިނޮކްސިޑިލް (ރޮގެއިން ހެއަރ ރީގްރޯތު ޓްރީޓްމެންޓްގައި ހިމެނޭ މަައިގަނޑު މާއްދާ) ބޭނުންކުރުމުން އިސްތަށިގަނޑު ދިގުވުން އިތުރުވާ ކަމަށެވެ.

ރޯޒްމެރީ އަކީ އިސްތަށިގަނޑު ދިގުކޮށްދޭ އެއްޗެއް ކަމަށް މިޝެލް ގްރީން ފާހަގަކުރައްވަ އެވެ.

“މިއީ އޮކްސިޖަން ދައުރުކޮށްދިނުމަށާ ކާނާގެ ބައިތައް ފޯރުކޮށްދީ ހެއަރ ފޮލިކްލްސް އަށް ގެއްލުންލިބުމުން ދުރުކޮށްދީ އިސްތަށި ފޭބުން ހުއްޓުވައިދޭ އެއްޗެއް.” މިޝެލް ގްރީން ފާހަގަކުރެއްވިއެވެ. “މީގެ އިތުރުން ރޯޒްމެރީގައި ހުންނަ އެންޓިއޮކްސިޑެންޓްގެ ޚާއްޞަ ސިފަތަކުގެ ސަބަބުން އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ އެއްޗެއްގެ އިތުރުން އިރުގެ ނުރައްކާތެރި ދޯދިތަކުން އިސްތަށިގަނޑަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދޭ އެއްޗެއް.”

ރޯޒްމެރީ ވޯޓަރ ތައްޔާރުކުރާނެ ގޮތް

ގޭގައި ވަރަށް ފަސޭހަކަމާއެކު ރޯޒްމެރީ ވޯޓަރ ތައްޔާރުކޮށްލެވޭނެ އެވެ.

ބޭނުންވާނެ އާލާތްތައް

* ކަތުރު ނުވަތަ ވަޅިއެއް

* ތެއްޔެއް

* ފުރޭނި

* ވައްގަނޑުލީ ބޮނޑުތަށްޓެއް (ބައުލް ވިތު ސްޕައުޓް)

ބޭނުންވާނެ ތަކެތި

* 05 ވަރަކަށް ރޯޒްމެރީ ކުރި

* 02 ޖޯޑު ޑިސްޓިލްޑް ވޯޓަރ

* ސްޕްރޭ ފުޅިއެއް

ތައްޔާރުކުރާނެ ގޮތް

1- ހައެއްކަ އިންޗި ހުންނަ ވަރަށް ރޯޒްމެރީ ކުރިތައް ބުރިކޮށްލާށެވެ. ބޭނުން ނަމަ، ރޯޒްމެރީ ކުރި ބޭނުންކުރާ މިންވަރު އިތުރުވެސް ކުރެވިދާނެ އެވެ.

2- ތެލީގެ ތެރެއަށް ރޯޒްމެރީ ކުރިއާއި ފެންއަޅައި ކައްކާށެވެ. ފެންއެތި ރަނގަޅަށް ކެއްކުމަށްފަހު، މަޑު ގިނީގައި އިތުރު 20 މިނެޓް ވާންދެން ކައްކާށެވެ. ރޯޒްމެރީ ފެނުގެ ތާސީރު ގަދަކޮށްލަން ބޭނުންނަމަ ގަޑިއެއްހާ އިރު ވާންދެން ބަހައްޓާލުމަށްފަހު، ކުރިތަކާއި ކުނޑި ނުހިމެނޭނެ ގޮތަށް ބޯތަށްޓަށް ފެންފޮދު އަޅާށެވެ.

3- ފެންފޮދު ފުރާނާލުމަށްފަހު ސްޕްރޭ ފުޅިއަށް ފެންފޮދު އަޅާލާށެވެ.

4- ފެންފުޅި ބަހައްޓާނީ އައިސްއަލަމާރީގަ އެވެ. ތައްޔާރުކުރި ފެން އެންމެ ގިނަވެގެން ބޭނުންކުރާނީ ދެ ހަފުތާގެ މުއްދަތަކަށެވެ.

ބޭނުންކުރާނެ ގޮތް

އިސްތަށިގަނޑު ވިނުވައިލާ ބޮލުގެ ހަންގަނޑުތެރެއަށް ސްޕްރޭކުރާށެވެ. ފުނަލުން ބޮލުތެރެއަށް ރަނގަޅަށް ފެން ވަންނަންދެން ފުނާއަޅާށެވެ. އޭގެ ފަހުން އަތުގެ އިނގިލިތަކުން އިސްތަށިގަނޑާއި ބޯ މަސާޖުކުރާށެވެ.

“އެކި މީހުންގެ ބޮލުގެ އިސްތަށިގަނޑު ދިގުވާ މިންވަރު ތަފާތުވާނެ. ނަމަވެސް މި ފެން ބޭނުންކުރުމުން ދެތިން މަހެއްގެ ތެރޭގައި ނަތީޖާ ފެންނަން ފަށާނެ. އެހެންސ ނަމަވެސް އަހަރެންގެ ގާތުން ފަރުވާ ހޯދާ މީހުންނަށް އަހަރެން ދެނީ 06 މަހުގެ މުއްދަތެއް.” މެންހަޓަންގެ ސްކިން އެންޑް ސާރޖަރީގެ ހަމުގެ ޚާއްޞަ ޑޮކްޓަރު މިޝެލް ހެންރީ މި ފެނާއި ބެހޭގޮތުން ފާހަގަކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.