ބޮލީވުޑްގެ ބްލޮކްބަސްޓަރ “ތާރޭނ ޒަމީން ޕަރް” ފިލްމުގެ ލީޑް ރޯލްކުޅުމުގެ ފުރުޞަތުލިބުނީ އޭނާގެ ދަތްޕިލައިގެ ސަބަބުން ކަމަށް ދަރްޝީލް ސަފަރީ ބުނެފިއެވެ.

ބޮލީވުޑްގެ ނޫސްވެރިއަކާ ވާހަކަދައްކަމުން ދަރްޝީލް ބުނީ ފިލްމު “ތާރޭނ ޒަމީން ޕަރް” އިން އޭނާ އަށް ފުރުޞަތު ލިބުނީ އެ ފިލްމުގެ ލީޑަށް ބޭނުންވެފައި ތިބީ ދަތްތައް ބޭރަށް ހުންނަ ކުއްޖެއް ކަމަށް ވީތީ ކަމަށާ އޭނާއަށް ފުރުޞަތު ލިބުނީ އެހެންވެގެން ކަމަށެވެ.

ދަރްޝީލް ބުނީ ފިލްމެއްގެ ކާސްޓަށް ތަރިން ހޮވާއިރު އެ ފިލްމުގައި ދައްކުވައިދޭ ކެރެކްޓަރާ އެންމެ ގުޅޭ ކާސްޓެއް ނެގުމަށް އަބަދުވެސް ފިލްމުގެ ޑައިރެކްޓަރުން ވިސްނާ ކަމަށާ އެމީހުންނަށް އޭނާގެ ދަތްތައް ހުރި ގޮތް ކަމުދިޔުމާ އޭނާގެ މައުުސޫމު މޫނުމަތީން ލާނެއް ކަމެއް ފެންނަން ހުރުން އެއީ މި ފިލްމަށް އޭނާ ނެގި ސަބަބުކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ދަރްޝީލް ބުންޏެވެ.

ފިލްމު “ތާރޭނ ޒަމީން ޕަރް”ގައި ދަރްޝީލް ފެންނަ އިރު އޭނާގެ ދަތްތައް ހުންނަނީ ފުދޭވަރަކަށް ބޭރަށް ނުކުމެފައެވެ. ނަމަވެސް މިއަދު އުމުރުން 25 އަހަރު ޒުވާން ދަރްޝީލްގެ ދަތްތައް ހުރީ ނަރުގަނޑު އަޅުވައިގެން ރީތިކޮށްފައެވެ.

2007 ވަނަ އަހަރު ރިލީޒްކުރި “ތާރޭނ ޒަމީން ޕަރް”ގައި ދައްކާ އުފެދުމުގައި ޚާއްޞަގޮތެއް ހުންނަ ކުއްޖެއްގެ ރޯލު ވަރަށް ހުނަރުވެރިކަމާއެކު ދަރްޝީލް ކުޅެފައިވެއެވެ. ފިލްމު ބެލި އެންމެންގެ ލޮލުން ކަރުނަ ހިލުވައިލީ ދަރްޝީލްގެ މޮޅު އެކްޓްރިންގެ އިތުރުން އާމިރުޚާންގެ ދެވަނައެއް ނެތް އެކްޓިންގެ ހުނަރާވެސް އެކުގައެވެ. ފިލްމުގައި އާއމިރުޚާން އަކީ ދަރްޝީލްގެ އާޓް މުދައްރިސެވެ.

މި ފިލްމަކީ 2007ގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމުކަން ފާހަގަކޮށްލެވެއެވެ.

މި އަހަރު އޯގަސްޓް މަހު މީޑިއާ ވާހަކަދައްކަމުން ދަރްޝީލް ވަނީ އޭނާ ފިލްމުތަކުގެ ލީޑްކުޅެން މިހާރު ފައްކާވެފައިވާ ކަމަށް ބުނެ ފިލްމީ ދާއިރާގައި ކުރިއަށްދާން ހުރިކަން އިއުލާނުކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.