މި ހިނގާ ޑިސެމްބަރު މަހުގެ 23 ގައި ސިނަމާތަކުގައި ރިލީޒްކުރާ ރޯހިތު ޝެޓީގެ ފިލްމު “ސާކަސް” ގެ ދެވަނަ ލަވަ ރިލީޒްކޮށްފިއެވެ.

މިއަދު ޔޫޓިއުބްގައި ރިލީޒްކުރި “ސުން ޒަރާ” ކިޔައިދީފައިވަނީ ޕަޕޮން އަދި ޝްރެޔާ ގޯޝާލްއެވެ. ދޭވީ ޝްރީ ޕްރަސާދް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައިގެ ލިރިކްސް ލިޔެދީފައިވަނީ “ބޭބީ ޑޯލް”، “ޗިޓިޔާނ ކަލައިއްޔާ ވޭ” އަދި “ނަޗާނ ފަރާޓޭ” ފަދަ މަޝްހޫރު ލަވަތަކުގެ ލިރިކްސް ލިޔެދީފައިވާ ކުމާރްއެވެ.

ހިތްގައިމު ލޮކޭޝަންތަކެއްގައި 90ގެ އަހަރުތައް ހަނދާންކޮށްދޭ ގޮތަށް ޝޫޓްކޮށްފައިވާ “ސުން ޒަރާ” އިން ފެނިގެންދަނީ ރަންވީރް ސިންގ، ޖެކްލިން ފެނާންޑޭޒް އަދި ޕޫޖާ ހެގްޅޭއެވެ. ރޮމޭންޓިކް މި ލަވައިގައި ކޮންމެވެސް ވަރަކަށް ނެށުންތަކެއްވެސް ފެނިގެންދެއެވެ. ލަވަ ބެލި ގިނަ ބަޔަކު ލަވައިގެ ރީތި ވާހަކަ ދައްކައި ތަޢުރީފުކޮށްފައިވާއިރު، ލަވަ ރިލީޒްކުރިތާ 6 ގަޑިއިރު ތެރޭގައި ލަވައަށް ވަނީ 8 ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ފިލްމުގެ ޓްރެއިލާ މީގެ ދެހަފުތާއެއްހާ ދުވަސް ކުރިން އާންމުކޮށްފައިވާއިރު، ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދާ މި ޓްރެއިލާއާއެކު ބެލުންތެރިން ވަނީ އެމީހުން މި ފިލްމު ބެލުމަށް ކެތްތެރިކަން ކުޑަވެފައިވާކަމަށް ބުނެ މީސްމީޑިއާގައި އެމީހުންގެ ޝުޢޫރުތައް ބަންޑުން ކޮށްލާފައެވެ. ޓްރެއިލާއަށް މިހާތަނަށް 93 މިލިއަން ވިއުސް ލިބިފައިވެއެވެ.

ރަންވީރް ސިންގ ޑަބަލް ރޯލުން ފެނިގެންދާ “ސާކަސް” އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒް ކުރާއިރު ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނާންޑޭޒް އާއި ޕޫޖާ ހެގްޅޭއެވެ. ޖޯނީ ލީވަރ، ސަންޖޭ މިޝްރާ އަދި ވަރުން ޝަރްމާ ފަދަ ތަރިންވެސް މުހިންމު ރޯލުތަކުން ފެނިގެންދާ “ސާކަސް” ގައި އަޖޭ ދޭވްގަން އަދި ދީޕިކާ ޕަޑުކޯން ވެސް ޚާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.