އެފްރިކާ ބައްރުގެ ޔޫގެންޑާގައި ކަނޑުގެރިއެއް، 2 އަހަރުގެ ކުއްޖަކު ދިރުވާލައިގެން އުޅުމަށްފަހު ދިރިހުއްޓާ ދޫކޮށްލައިފި އެވެ. ކަނޑުގެރީގެ ޝިކާރައަކަށްވި އެ ކުއްޖާ ސަލާމަތްވި ގޮތަކީ ހައިރާންވާން ޖެހޭ ފަދަ ކަމެކެވެ. މި ހާދިސާ ހިނގީ ޔޫގެންޑާގެ ހުޅަނގުގައި އޮންނަ ލޭކް އެޑްވަޑްގަ އެވެ.

ލޭކް އެޑްވަޑްގެ އައްސޭރިއާ ދެ ގަޒެއްހައި ދުރުގައި ހުރި ގެއެއްގެ ގޯތިތެރޭގައި ދެ އަހަރުގެ ކުއްޖާ ކުޅެން އުޅުނީ މާބޮޑު ވިސްނުމެއްނެތި ވަރަށް މިނިވަންކަމާއެކުގަ އެވެ. ފެންގަނޑުން އަރައިގެން އައި ކަނޑުގެރިއަށް އެ ކުއްޖާ ފެނުމުން ކުއްޖާއާ ކައިރިވެ، އެސޮރުގެ ބޮޑު އަނގައިގެ ތެރެއަށް ކުއްޖާ ލައި ދިރުވާލުމުގެ މަސައްކަތް ފެށިއެވެ. އެވަގުތު އެހިސާބުގައި ހުރި މީހަކަށް އެ މަންޒަރު ފެނި ކަނޑުގެރިއާދިމާއަށް ގަލާއި އޭތިމީތި އުކަންފެށި އެވެ. މީހާގެ ފަރާތުން ލިބެންފެށި ދުއްތުރާތަކަށް ކެތްނުކުރެވިގެން، އަނގަ ތެރެއަށް ލާފައި އޮތް ކުއްޖާ ވައްޓާލާފައި ކަނޑުގެރި އެތަނުން ރައްކާވީ އެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނާގޮތުން މިއީ ލޭކް އެޑްވަޑުން އެހާ އެއްގަމަށް ކަނޑުގެރިއެއް އަރައި މީހަކަށް ހަމަލާދިން ފުރަތަމަ ހާދިސާ ކަމަށާ މި ހާދިސާގައި ކަނޑުގެރީގެ އަނގަޔަށް ކުއްޖާގެ ބޮލުންފެށިގެން އުނަގަނޑާ ހަމައަށް ލެވިފައި އޮއްވާ ކުއްޖާ ސަލާމަތްވީ އެމަންޒަރު ދުށް މީހާ ކުރި ހިތްވަރުގެ ސަބަބުންނެވެ.

ކަނޑުގެރީގެ އަނގަތެރޭގައި ވަގުތުކޮޅަކު އޮންނަން ޖެހުނު އެ ކުއްޖާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ.

އެފްރިކާ ބައްރުގައި އަހަރެއްގެ މައްޗަށް 500 ވަރަކަށް މީހުން ކަނޑުގެރީގެ ޝިކާރައަކަށްވެ މަރާއި ކުރިމަތިލާން ޖެހޭކަމަށް ރެކޯޑްތައް ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.