އެއަރ އިންޑިޔާގެ ހިތްވަރުގަދަ ޕައިލެޓް އަނޫޕަމާ ކޯލީ މިވަނީ 27000 ފޫޓު މަތިން ދެ މަތިންދާބޯޓު ޖެހި ހިނގަަން އުޅުނު ‘މިޑްއެއަރ ކްރޭޝް’ އަކުން 261 ފަސިންޖަރުން ސަލާމަތްކޮށްފަ އެވެ.

އެއަރ އިންޑިޔާގެ ޕައިލެޓް އަނޫޕަމާ ކޯލީ ދުއްވަމުން ގެންދިޔަ ބޯޓުގައި ހަރުކޮށްފައިވާ އޮޓޮމެޓިކުން އިންޒާރުދޭ ނިޒާމުން ދިން އިންޒާރަށް ވަރަށް ހުޝިޔާރު ކަމާއިއެކު އޭނާ ޢަމަލުކުރި އެވެ. ވަގުތުން މަތިންދާބޯޓު ގެ މިސްރާބު ބަދަލުކޮށްލުމަށް މައްޗަށް އަރަންފެށި އެވެ. އޭރު އެއަރ އިންޑިޔާ ފްލައިޓާއި ދިމާއަށް ވަރަށް ބާރު ސްޕީޑުގައި ‘ވިސްޓާރާ’ މަތިންދާބޯޓެއް ގާތްގަނޑަކަށް 100 ފޫޓެއްހައި ހިސާބުން އަންނަނީ އެވެ.

މިއީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތެއްވީ ބުދަދުވަހު އިންޑިޔާގެ ނިއުދިއްލީގައި ހިނގި ހާދިސާ އެކެވެ. ބުދަދުވަހު ވައިގެ ތެރެއަށް އުދުހިގަތް އެއަރ އިންޑިޔާ ފްލައިޓަކާއި ވިސްޓާރާ ފްލައިޓެއް ޖެހި ހިނގާފާނެ މިޑްއެއަރ ކްރޭޝް އަކުން (ވައިގެ ތެރޭގައި ދެ ފްލައިޓް ޖެހި ހިނގާފާނެ ހާދިސާ އަކުން) 261 ފަސިންޖަރުން މިވަނީ ސަލާމަތްވެފައެވެ. މި ހާދިސާއިން ދެ ފްލައިޓްވެސް ސަލާމަތްވީ އެއަރ އިންޑިޔާ ޕައިލެޓް އަނޫޕަމާ ކޯލީގެ ހުޝިޔާރު އަދި އަވަސް ނިންމުމުގެ ސަބަބުން ކަން މިހާރު މިވަނީ އެނގިފަ އެވެ.

މިފަދަ ހާދިސާ އެއް ހިނގުމަށްފަހު ޕައިލެޓުން ތައްޔާރުކުރަންޖެހޭ ‘ރިޒޮލިއުޝަން އެޑްވައިޒަރީ ރިޕޯޓް’ ގައި އަނޫޕަމާ ލިޔެފައިވާގޮތުން އެއަރ އިންޑިޔާ ފްލައިޓްގެ މިސްރާބު ބަދަލުކޮށް ރައްކާތެރި ދުރުމިނަކަށް ގެންދެވުނީ ވިސްޓާރާ ފްލައިޓާއި އެއަރ އިންޑިޔާ އާއި ދެމެދުގައި ގާތްގަނޑަކަށް 100 ފޫޓެއްހައި ދުރުމިން ހުއްޓައެވެ.

މި ހާދިސާ އާއި ގުޅިގެން އެންމެ ފުރަތަމަ ނެރުނު ބައެއް ރިޕޯޓްތައް ބުނާގޮތުން، އެއަރޓްރެފިކް ކޮންޓްރޯލާއި ވިސްޓާރާ ފްލައިޓާއި ދެމެދުގައި އޮޅުންތަކެއް އެރިކަމަށް ބުނެއެވެ. އެ ރިޕޯޓް ބުނާގޮތުން ވިސްޓާރާ ފްލައިޓް އުދުހެމުން ދިޔައީ 2900 ފޫޓު މަތިންނެވެ. އަދި ވިސްޓާރާ ފްލައިޓް 2700 ފޫޓަށް ތިރިކުރަން ފެށިއެވެ. ނަމަވެސް އެ އުސްމިނަކީ ނުވަތަ ލެވަލްއަކީ އަނޫޕަމާ ދުއްވަން އިން ‘އެއަރ އިންޑިޔާ ފްލައިޓް’ އުދުހުމަށް އެއަރ ޓްރެފިކް ކޮންޓްރޯލުން ދިން އުސްމިނެވެ.

ހާދިސާ ދައްކުވައިދޭ ފްލައިޓް ރާޑަރ ސްކްރީން ޝޮޓެއް – ވިސްޓާރާ ހޭޝްޓެގް

އެއަރ އިންޑިޔާއިން އަނޫޕަމާ ކޯލީގެ ހުޝިޔާރުކަމަށްޓަކައި ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައި ވާއިރު، ވިސްޓާރާ އިން ވަނީ މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދީ، މިކަމާއި ގުޅިގެން މައްސަލަ ބަލައި ނިމެންދެން އެމީހުންގެ ޕައިލެޓުން އުދުހުމާއި ދުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

“މި ޙާދިސާގައި ‘ރިޒޮލިއުޝަން އެޑްވައިޒަރީ (ޓްރެފިކް ކޮލައިޝަން އަވޮއިޑެންސް ސިސްޓަމް ނުވަތަ ޓީކާސް އިން ދައްކާގޮތުން) ޓްރެފިކް ކޮންފްލިކްޓް ވިކަން ވަނީ އަންގައިދީފަ އެވެ. އަހަރުމެންގެ ޕައިލެޓް އަމަލުކުރީ އެފަދަ ހާލަތެއްގައި އަމަލުކުރަން ކަނޑައެޅިފައިވާ ޕްރޮސީޖަރގެ ދަށުން. ކަމާބެހޭ ފަރާތްތަކުން އަންނަނީ މި މައްސަލަ ބަލަމުން،” މީޑިއާ އާއި ވާހަކަދައްކަމުން ވިސްޓާރާ ގެ ތަރުޖަމާނެއް ބުންޏެވެ.

ފެބްރުއަރީ ހަތްވަނަ ދުވަހު، ދިއްލީ އިން ޕޫނާއަށް ދިއުމަށް 152 ފަސިންޖަރުންނާއި އެކުގައި ނައްޓައިލި ވިސްޓާރާ ގެ ‘ޔޫކޭ 997’ މަތިންދާބޯޓު، ދިއްލީ އިން ބޯޕާލް އަށް ފުރައިގެން 109 ފަސިންޖަރުންނާއިއެކު ދަތުރުކުރަމުންދިޔަ އެއަރ އިންޑިޔާގެ ‘އޭއައި 631’ ފްލައިޓާއި ވަރަށް ނުރައްކާތެރި ހިސާބަކަށް ކައިރިވި އެވެ. ނަމަވެސް އެ ނުރައްކާތެރި ދަނޑިވަޅުގައި ވަރަށް ހުޝިޔާރުކަމާއެކު އަނޫޕަމާ ވަރަށް ކުއްލިގޮތަކަށް އަމަލުކުރި ގޮތުން މިވަނީ ވައިގެތެރޭގައި ދެ ބޯޓު ޖެހުނަނުދީ 261 ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރުމުގެ މެދުވެރިއަކަށް ވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.