މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، އެކްޓް ކުރާ ފިލްމް ‘ލީނާ’ މިއަހަރު އޭޕްރީލް ފަހުކޮޅު ނުވަތަ މެއި މަހު ކުރީކޮޅު ރިލީޒް ކުރެވޭވަރު ވާނެ ކަމަށް މުއާ ބުނެފި އެވެ.

ފިލްމްގެ ނަން ދެވިފައިވާ ‘ލީނާ’ ގެ ކެރެކްޓަރ އިން ފެންނާނީ ޒުވާން ބަތަލާ މަރިޔަމް އައްޒަ އެވެ. އަޒްލީނާގެ މަރުގެ ޤާތިލް ޒުހައިރްގެ ކެރެކްޓަރ ކުޅެނީ ޢަބްދުﷲ މުއާޒެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ނިމާލް، ނުޒުހަތު ޝުއައިބް (ނުޒޫ)، އަލީ އާޒިމް (ދޮންއައްޔަ)، އަދި އަހުމަދު ސައީދު ހިމެނެ އެވެ.

އއ. އުކުޅަހުގައި މިހާރު ޝޫޓިން ކުރިއަށްދާ ‘ލީނާ’ ގެ ފަސްދޮޅަސް އިންސައްތަ ވަނީ ނިންމާލާފަ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހުމަދު ޒަރީރު އެވެ.

މިއީ އެކްޓިން އާއި ދުރުގައި ދެ އަހަރެއްހައި ދުވަހު މުއާ ހުރުމަށްފަހު ފެނިގެންދާނެ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.