މީގެ ހަތާސްވީސް އަހަރު ކުރިން ފަރިވާ ފިލްމްސް އިން ރިލީޒްކުރި ފިލްމު “ނަފުރަތު”އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ނާފިއު އަލީ (ނާއްޕެ) އަނެއްކާވެސް ފިލްމީ މަސައްކަތަކުން ފެންނަން ތައްޔާރުވެއްޖެ އެވެ. މިފަހަރު ނާއްޕެ ލީޑް ކުޅެނީ ކުރު ފިލްމު “އެރޭ”ގަ އެވެ. ފިލްމީ ދާއިރާއާ ގިނަ ދުވަސްތަކެއް ވާންދެން ދުރުގައި ހުރުމަށްފަހު ނާއްޕެ މިފަހު މި ފެންނަ ފިލްމަކީ ވަރަށް އިބްރަތްތެރި، ތަފާތު ފިލްމެއް ކަމަށް މުނިއަވަސް އަށް އެނގިފައިވެއެވެ.

ފިލްމު “ނަފުރަތު”ގަ ތަފާތު، މޮޅު އެކްޓިންއެއް ދެއްކި ނާއްޕެ މިފަހަރު ފެނިގެންދާނެ ކުރު ފިލްމަކީ ހުނަރުވެރި ކެމެރާމަން ޙަސަން ހަލީމް (ކޮކޯ ޙަސަން)ގެ ވާހަކައަކަށް، މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައި ވާހަކަމަށް ފިލްމުގެ ޑައިރެކްޓަރު މަޢުލޫމާތުދެ އެވެ.

“މި ފިލްމުގެ ބަތޮލަކީ މީގެ 27 އަހަރު ކުރިން ނުކުތް ފިލްމެއް ކަމަށްވާ ‘ނަފުރަތު’ގެ ބަތަލް ނާފިއު. ނާފިއު އަނެއްކާ ފިލްމީ ދާއިރާއަށް ފިލްމެއް މި ކުޅުނީ. ދެން މިފަހަރު މި ކުޅުނީ ކުރު ފިލްމެއް. މިއީ ސަސްޕެންސް ވާހަކައެއްގެ މައްޗަށް ބިނާކޮށް ހެދިފަވާ ފިލްމެއް” ފިލްމުގެ އެންމެ ފަހުގެ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ޑައިރެކްޓަރު އަމްޖަދް އިބްރާހީމް ހާމަކުރިއެވެ.

މި ފިލްމުގައި ނާއްޕެގެ އިތުރުން ޢަލީ އިބްރާހީމް (އައްބާސް)، ހިމެނެއެވެ. އައްބާސް ފެނިގެންދާނީ ރާއްޖޭގެ ފަޚުރުވެރި މަސައްވެރިއެއްގެ ރޯލެވެ.

“މިއީ ވަރަށް އެހެން ކަހަލަ ގޮތަކަށް، މީހުންނާ މެދުގަ ޝައްކުނުކުރާށޭ ބުނާ މެސެޖް ލިބިގެންދާނެ ފިލްމެއް. މި ފިލްމަކީ ވަރަށް އިބްރަތްތެރި ފިލްމެއް. އަޅުގަނޑު މި އުއްމީދުކުރަނީ މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެކަމަށް.” ފިލްމާމެދު އަމްޖޭގެ އުއްމީދުތައްވެސް ހިއްސާކުރިއެވެ.

ކުރު ފިލްމު “އެރޭ” ކެމެރާކޮށްފައިވަނީ ކޮކޯ ހަސަން އެވެ. ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ވަަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މި ފިލްމުގެ މަސައްކަތަށް ވެދެއްވި އެހީތެރިކަން ޚާއްޞަކޮށް ފާހަގަކޮށް ޝުކުރުދަންނަވަ އެވެ.

މިހާރު މި ފިލްމު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރަމުން އަންނަކަންވެސް އަމްޖޭ ފާހަގަކުރި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.