ދެލޯ އެދެމުން ދިޔައީ ހިތް ފުރެންދެން ޝާރިފްގެ މޫނަށް ބަލާށެވެ. އެކަމަކުވެސް ރާއިދު ޖެހިގެން އިނުމުން ޒާޔާއަށް އިސް އުފުލާލަންވެސް ނުކެރުނެވެ.
“ވާހަކަ ދައްކަބަލަ؟” ރާއިދު މޭޒުމަތީގައި އަތް ބާއްވާލަމުން ޝާރިފްއަށް ބަލާލިއެވެ.
“މި އުޅެނީ ކިހިނެއްވެގެންތަ؟” ހިތް ނުތަނަވަސް ވާން ފެށުމުން އެންމެ ފަހުން ޒާޔާގެ އަނގަ ހުޅުވުނެވެ.
އަދި އިސްއުފުލާ ޝާރިފްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ޝާރިފްވެސް އިނީ ޒާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.
ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު މުޅި ކައުނުވެސް ހުއްޓުނު ކަހަލައެވެ. ދެލޮލުން ފޮނުވަމުންދިޔަ މެސެޖްތަކުން ލިބެމުންދިޔަ އިޝާރާތްތައް އެކަކު އަނެކަކަށް ހަމަ ރަނގަޅަށްވެސް ދޭހަވެއެވެ. ޝާރިފްގެ ތޫނު ލޮލުގައި އެތައް ފަހަރަކު ބޮސް ދޭން ޒާޔާގެ ހިތް އެދެމުން ދިޔައެވެ. ޝާރިފްގެ އަތުން ލިބުނު ލޯބިވެތި ފިރުމުންތަކާއި އެ މޭގެ ހޫނުކަމަށް ޒާޔާގެ ހިތް އެދޭވަރު ބަޔާން ކުރަންވެސް ދައްޗެވެ.
“ކީއްވެގެންތަ އެންމެން ތި ދެމީހުންގެ ވާހަކަ އެދައްކަނީ؟” ރާއިދުގެ އަޑާއެކު ޒާޔާ އަވަސް އަވަހަށް އިސް ޖަހާލިއެވެ.
“ރާއިދުއަށް ހީވޭތަ ރާއިދުގެ އަންހެނުން މަގޭ ކައިރިއަަށް އައިސްދާނެހެން؟” ޝާރިފްގެ ސުވާލުން ޒާޔާ ހަމަ ރަނގަޅަށްވެސް ރަކި ވެއްޖެއެވެ. ޒާޔާ އަށް އިޙްސާސްވީ އެއީ ޝާރިފް ޒާޔާއަށް ކޮށްލި މަލާމާތެއް ހެންނެވެ.
“މަށަށް ޔަޤީން ނުދާނެކަން.” ރާއިދު ވިކާލީ ހަމަ ސީދާ ޒާޔާގެ ހިތުގައެވެ. ޝާރިފްއާއި ރާއިދުގެ ސުވާލުތަކާއި ޖަވާބުތަކުން ޒާޔާއަށް ނޭވާ ހިފަހައްޓާލައިގެން އިނދެވުނީ ކިރިޔާއެވެ.
“ދެން އެހެންވީއިރު ތި ސުވާލު ކުރުމުގެ ބޭނުމަކީ ކޮބާ؟” ރާއިދުގެ އަނގަ ބައްދާލަމުން ޝާރިފް ޒާޔާގެ މޫނަށް ބަލާލިއެވެ. ވީވެސް އެހެންނެވެ. ރާއިދު އެއްވެސް އެއްޗެއް ނުބުންޏެވެ. ތަނަށް ވެރިވެގެން ދިޔައީ އާދަޔާ ޚިލާފް ހިމޭންކަމެކެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ވެދާނެއެވެ. އަދިވެސް ރާއިދުގެ ހިތުގައި އުފެދިފައިވާ ޝައްކު ނުފިލަނީއެވެ.
“ސުވާލުކުރާނެތާ ދޯ. އެކަހަލަ ވާހަކަ އަޑުއިވެންޏާ. ކުރިމަތީގައި ތިބެ ވާހަކަ ދައްކާލުމަކުން ގޯހެއް ނެތެއްނު.” ރާއިދު ހިނިތުންވެލިއެވެ.
ޝާރިފް ބޯޖަހާލީ ރާއިދު އާއި އެއްބަސްވުމުގެ ގޮތުންނެވެ.
“އޯކޭ. ތޭންކްސް. ޒާޔާ. ހިނގާ.” ރާއިދުގެ އިށީންދެގެން އިން ގޮނޑި ދުުރުކޮށްލަމުން އަތުން ޒާޔާއަށް އިޝާރާތްކޮށްލިއެވެ.
ގޮޑިން ތެދުވަމުން ދިޔައިރުވެސް ޒާޔާއަށް ބެލެނީ ހަމަ ޝާރިފް އަށެވެ. ޝާރިފް ފެންނަ ހިސާބަކުން ދުރަށްދާން ޒާޔާގެ ހިތް ނޭދެނީއެވެ. އެގޮތަށް އެކަން ވާން ނެތްކަން ޒާޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ހިތް މަރުވެފައިވާ ހާލު ޒާޔާ ރާއިދު އާއި އެކު އެތަނުން ނިކުތީއެވެ.
ބެލްކަނީގައި ހުރި ކުޑަ ޖޯއްޔެއްގައި ޒާޔާ އިށީނދެލީ ރާއިދު ފާޚާނާ އަށް ވަނީމައެވެ. އުޑުމަތީގައި ވިދަމުންދާ ތަރިތަކަަށް ޒާޔާ ނަޒަރު ހުއްޓާލީ ޝާރިފްގެ ހިތްގައިމު ސޫރަ ހިތަށް ސިފަކޮށްލަމުންނެވ.
‘އަޅެ. ޝާރިފްވެސް ހަމަ މިގަޑީގައި އެ ތަރިތަކަށް ބަލަން އިންނާނެނަމަ.’ ހިތަށް އެރި ލަފްޒުތައް ދުލާއި ހަމައަކަށްނައެވެ.
ޒާޔާއަށް ހިތްހަމަޖެހުމެއް ނެތެވެ. އެހާ ކައިރިން ފެނިފައި ވެސް ޒާޔާ އަށް ޝާރިފް އާއި ރަނގަޅަށް ވާހަކަވެސް ނުދެއްކުނުތާގައި ހިތްފުރެންދެން ބަލައިވެސް ނުލެވުނެވެ. ޝަކުވާ ކުރަމުން ޒާޔާ ގެންދިޔައީ އަމިއްލަ ހިތާއެވެ.
އެވަގުތު ހިތް ވިސްނައިދިނީ ޝާރިފްގެ އަޑު އަހާލުމަށެވެ. ޒާޔާ ފޯނުން ޝާރިފްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
ދެފަހަރަކު ރިންގްވިތަނާ ޝާރިފް ފޯނަށް ޖަވާބުދިނެވެ.
“ދިލާ އެބައުޅޭ. ފަހުން ގުޅާނަން.” ޒާޔާއަށް އެއްވެސް އެއްޗެއް ނުބުނެވެންދެން ޝާރިފް ފޯނު ކަނޑާލިއެވެ.
ޝާރިފް އެގޮތަަށް ކަންތައް ކުރުމުން ޒާޔާ ގާތަަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ދިލާ ދެކެ އެހާ ލޯބިވަންޏާ ޒާޔާ ޝާރިފްގެ ދިރިއުޅުމަށް ގެނައީ ކީއްކުރަން ހެއްޔެވެ؟ ދިލާ ދެކެ އެހާ ބިރުގަންނަންޏާ ޒާޔާ އާއި ގުޅުމެއް ބާއްވަންވެސް ވީ ފަހެ ކީއްވެ ހެއްޔެވެ؟ ރާއިދު ހުއްޓަސް ނެތަސް ޝާރިފް ބޭނުންއިރަކު ޒާޔާ ވަގުތު ދޭން ޖެހެއެވެ. އެކަމަކު ދިލާގެ ހިޔަނި ފެންނަ ހިސާބުގައި ޝާރިފް ހުންނަން ޖެހުނަސް ޝާރިފް އަށް ޒާޔާ އާއި ވާހަކަ ނުދެއްކެއެވެ. ޒާޔާ ޝާރިފް އަށްޓަކައި ވަގުތު ހުސްކުރާއިރު ޝާރިފް އަށް އެވަރު ނުވާންވީ ކީއްވެ ހެއްޔެވެ؟ މުޅިންވެސް ޖަވާބު ނޭނގޭ ކަމަށް ޒާޔާގެ ހިތް ބުނާ ސުވާލުތަކެވެ.
ރާއިދު ފާހާނާއިން ނިކުތްއިރުވެސް ޒާޔާއަށް އިނދެވުނީ ފެންކަޅިވެފައެވެ.
“ސޮރީ. އަދިވެސް ހިތްހަމަ ނުޖެހިފަތަ؟” ރާއިދު ހީކުރީ ޝާރިފްގެ ކުރިމައްޗަށް ނުވެސް ބުނެ ގެންދިޔުމުން އެކަމާ ޒާޔާ ހިތްހަމަ ނުޖެހިފައި ހުރީ ކަމަށެވެ.
“އަދިވެސް ޖަވާބު ނޭނގޭ ސުވާލެއް އޮތީތަ؟ ރާއިދު މަށަށް އިތުބާރު ނުކުރާއިރު އެކުގައި އުޅުމުގެ ބޭނުމެއް އެބައޮތްތަ؟ ބުނެބަލަ.؟” ޝާރިފްދެކެ އައި ރުޅި ޒާޔާ ބާލާލީ ރާއިދުއަށެވެ. އިންތަނުން ތެދުވެގެން ބާރުބާރަށް ހިނގާފައި ގޮސް ޒާޔާ އެނދުގައި އޮށޯވެ ރާއިދުއަށް ފުރަގަސްދިނެވެ.
ޒާޔާ އެހާ ބޮޑަށް ރުޅި އައިސްފައި ހުރުމުން ރާއިދު އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އައިސް އޮށޯވެލިއެވެ.
ހެނދުނު ޒާޔާ އަށް ހޭލެވުނީ ޒިޔަލް ހޭލައިގެން ރޯއަޑަށެވެ. ފުރަތަމަވެސް ޒާޔާ އަށް ބަލާލެވުނީ ބާލީސް ދަށުގައި އޮތް ފޯނަށެވެ. އެއްފަހަރު ނަމަވެސް ޝާރިފް ގުޅާފައި އޮތްތޯއެވެ. ޒިޔަލްގެ ތުބުގައި ބުއްފުަޅި ޖައްސާލުމަށްފަހު ޒާޔާ ފޯނު އެނދުމައްޗަށް އެއްލާލީ ލިބުނު މާޔޫސްކަމުގައެވެ. ޝާރިފްގެ އެއްވެސް ކޯލެއް ޒާޔާއަށް ލިބިފައި ނުވާތީއެވެ.
އޭރުވެސް ކޮޓަރިތެރޭގައި ރާއިދު ނެތްކަމެއް ޒާޔާއަކަަށް ފާހަގައެއް ނުކުރެވުނެވެ.
ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަބަދުމެ ޒާޔާގެ ހިތާއި ސިކުނޑީގައި އެނބުރެމުންދަނީ ޝާރިފް އެވެ.
ފޯނު ރިންގްވިތަނާ ޒާޔާ ފޯނާއި ދިމާއަށް ދިޔައީ ދުވެފައެވެ.
ނަމަވެސް ފޯނުގެ ސްކްރީނަށް އަރާފައިވާ ރާއިދުގެ ނަން ފެނިފައި ޒާޔާ އަނެއްކާާވެސް އުދާސް ވެއްޖެއެވެ. އުއްމީދު ކުރި މީހާއަށް ނުވުމުންނެވެ. ހިތަށް ކެތްނުވާ ވަރުމުން ޒާޔާއަށް އެނދު ކައިރީގައި ތަށިމުށި މަތީގައި އިށީނދެވުނެވެ. އޭރު ދެލޯ ފުރިގެން ބަންޑުން ވެއްޖެއެވެ. ޝާރިފްގެ އަޅާލުމާއި ލޯތްބަށް އާދަވެފައި ހުރި ޒާޔާއަށް އެލޯބި ނުލިބި ދިރިހުރެވޭނެބާއެވެ. ޝާރިފްއާއި ނުލާ ޒާޔާއަށް އުޅެވޭނެބާއެވެ.
ފޯނުގެ ބީޕްއަޑާއިއެކު، ޒާޔާ އަތުގެ ނުފުށުން ދެލޯ ފޮހެލުމަށްފަހު ފޯނަށް ބަލާލިއެވެ. ރާއިދުގެ މެސެޖެކެވެ. ޝައްކު ކުރެވުނީތީ މާފަށް އެދެމުން ރާއިދު އެދިފައިވަނީ ރާއިދު ކައިރިއަށް ރަށަށް ދިއުމަށެވެ. ފަތިހު ފްލައިޓްއިން އެނބުރި ރަށަށް ދިޔައިރު ޒާޔާއަށް ނޭންގީ ނިދިފައި އޮތުމުން ކަމަށްވެސް އޭގައި އޮތެވެ.
ރާއިދުއާއި ދޭތެރޭގައި ފަރުވާކުޑަ ކުރެވޭތީ ޒާޔާ ދެރަވެއެވެ. ނަމަވެސް ޒާޔާއަށް އެގޮތަށް ކަންތައް ކުރެވެނީ ގަސްތަކުނޫނެވެ.
ފޯނުގެ ސްކްރީނުގައި އަތް ހާކާލަމުން ޒާޔާ ދެލޯ މަރާލިއެވެ. ރާއިދު ދެރަވާނެ ވަރު ހިތަށް ސިފަކޮށްލެވުނީމައެވެ. ޒާޔާ އާއި ދޭތެރޭގައި ކިރިޔާ ޝާރިފް ފަރުވާކުޑަ ކޮށްލީމަވެސް ދެރަވާ ވަރު އިނގޭނީ ހަމަ ޒާޔާއަށެވެ.
ދެ ދުވަސް ފާއިތުވެއްޖެއެވެ. ޝާރިފްގެ އެއްވެސް ކޯލަކަށް ޒާޔާ ޖަވާބެއް ނުދެއެވެ. އެންމެ ބޭނުންވި ވަގުތު، ވަގުތު ނުދީފައި ދެން ޝާރިފް ޒާޔާއަށް ގުޅާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟
ފާއިތުވި ދެ ދުވަސް ތެރޭގައި އެއްފަހަރުވެސް ރާއިދު ޒާޔާއަކަަށް ނުގުޅައެވެ. އެކަމާއި ޒާޔާ ހައިރާންވެސް ވިއެވެ.
އެތައް އިރެއް ވަންދެން ވިސްނަން ހުރުމަށްފަހު ޒާޔާ ނިންމީ ރަށަށް ދިއުމަށެވެ. ރާއިދު އެންމެ ފަހުން ފޮނުވި މެސެޖްގައިވެސް ރާއިދު އެގޮތަށް އެދިފައި އޮތުމުންނާއި ބޮޑު ޗުއްޓީ ދުވަސްވަރާއި ގާތްވެފައިވެސް އޮތުމާއި އެކީގައެވެ.
ނަސީބު ރަނގަޅުކަމުން ޒާޔާއަށް ރަށަށް ދެވުނު ދުވަސް އެއީ ރާއިދުވެސް ރަށުގައި ހުރި ދުވަހެކެވެ. ޒާޔާ އާއި ޒިޔަލް ކުއްލިއަކަށް ފެނުމުން ރާއިދު އުފަލުން ގޮސް މޮޔަވި ކަހަލައެވެ. ޒާޔާގެ ގައިގައި ބައްދާލިއިރުވެސް ރާއިދުގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
“ކީއްވެ ނުގުޅަނީ؟” ޒާޔާ ރާއިދުގެ ބުރަކަށީގައި ފިރުމާލިއެވެ.
“ޒާޔާ އަހަރެން މިސްވޭތޯ ބަލާލަން.” ރާއިދު ޒާާޔާގެ ނިތްކުރީގައި ބޮސްދިނެވެ.
“ހަވީރު ފުރަން ޖެހޭ. އެކަމަކު މާދަމާ އައިއްސަ ޒާޔާ ކައިރީގައި މަޑުކުރާނަން އިނގޭ.” ރާއިދު ޒިޔަލް އުރާލައިގެން ހުރެ ބުނެލިއެވެ.
“ދަރިފުޅު ކޮޓަރިންވެސް ނުނިކުންނަނީތަ؟” ހަވީރު ރާއިދު ދިޔުމުންވެސް ޒާޔާ އޮތް ގޮތަށް އޮތީއެވެ. ބޭރަށް ނިކުންނަން ޒާޔާ ބޭނުން ނުވަނީއެވެ.
ޒާޔާ ރަށުގައި އުޅޭ ކަމެއް ޝާރިފްއަށް އެނގޭކަށް ޒާޔާ ބޭނުމެއް ނޫނެވެ.
“ޒިޔަލް ގޮވައިގެން ހިނގާލަން ގޮއްސަ މިއައީ. ގެޔަށް އައި މަގުމަތީގައި އުރާލައިގެން އައީ. ގެެޔާއި ހަމައަށް އައިއިރު ނިދިފައި އޮތީ.” ފާއިޒާ ޒިޔަލް ނަގާ އެނދުމަތީގައި ބާއްވާލިއެވެ.
“މަންމާ. ކޯޗެއްތަ ކާންހުރީ؟ ވަރަށް ބަނޑު ހައި.” ބަނޑުހައިވިކަންވެސް ޒާޔާއަށް ހަނދާންވީ އަދި ކިރިޔާއެވެ.
“މަންމަވެސް އަދި ނުކަމޭ. ހިނގާބަލަ ހުރި އެއްޗެއްވެސް ބަލާލަން.” ފާއިޒާ ކާގެޔާއި ދިމާއަށް މިސްރާބު ޖެހުމާއެކު ފަހަތުން ޒާޔާ ވެސް ހިނގައިގަތެވެ.
އިރުއޮއްސޭ މަންޒަރު ބަލާލަން އަތިރިމައްޗަށް ނިކުމެލާ ހިތްވެފައި ޒާޔާ ގޭގެ ދޮރުމަތީގައި ހުއްޓެވެ. ނަމަވެސް އެތާ ހުއްޓާވެސް ޝާރިފްއަށް ފެނިދާނެތީ ޒާޔާ ފަސްޖެހެނީއެވެ.
ކުއްލިއަކަށް ޒާޔާގެ ކަންފަތުގައި އަންހެނުންތަކެއްގެ ހުނުމުގެ އަޑެވެ. ކަރު އަނބުރާލަމުން ޒާޔާ ބަލާލިއެވެ.
އޭރު ދިލާ އާއި އޭނާގެ ރައްޓެހި ދެކުއްޖަކު ޒާޔާ އާއި އަރާ ހަމަވަނީއެވެ.
“އެންމެންގެ ތުންފުއްސެކޯ. އަންހެނުންނަށްވެސް ހުތުރު.” ދިލާ ބަހުން ޖަހާލީ ސީދާ ޒާޔާއަށް ކަން ޒާޔާ ދެނެހުއްޓެވެ. ހުތުރު ލަޤަބެއް ޒާޔާ އަށް ދިނުމަށްފަހު ދިލާ މެން އަނެއްކާވެސް ހީނގަތެވެ. އެތައް ފަހަރަކު ދިލާއަށް އެތިވަރު ގޮވައިގަންނަން ޒާާޔާގެ ހިތަށް އެރިއެވެ. ނަމަވެސް ޝާރިފްގެ އަންހެނުންނަށް ވީތީ ޒާޔާ ހިމޭނުން ހުރީއެވެ.
ދިލާގެ ވިހަ ބަސްތައް ހިތުން ފިލުވާލުންވީ ދަތި ކަމަކަށެވެ. ޒާޔާއަކީ އެންމެންގެ ތުންފުއްސެއް ނޫނެވެ. ޝާރިފްދެކެ ޒާޔާ ވަނީ ލޯތްބެވެ.
ނިދަން ބޭނުން ވިޔަސް ޒާޔާ އަކަށް ނުނިދުނެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ފޯނު ރިންގްވާން ފެށިއެވެ.
“ކިހިނެއްވީ؟” ޝާރިފްގެ ކޯލަށް ޒާޔާ ޖަވާާބު ދިނީ ހަޅޭއްލަވައިގަންނަމުންނެވެ. ދިލާގެ މަލާމާތުގެ ބަސްތައް އަދިވެސް ސިކުނޑި ތެރޭގައި އެނބުރޭތީ އައިސްފައި ހުރި ރުޅިންނެވެ.
“ހާދަ ރުޅިއެއް. ކީއްވެ އައި ވާހަކަ ނުބުނީ؟” ޝާރިފް ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގައެވެ.
“ކާކުތަ ބުނީ ޝާރިފްއަށް އަންގަން ޖެހެޔޭ މަގޭ ހުރިހާ ކަމެއް.” ޒާޔާ އަޑަށް ބާރުލަމުން ބުނެލިއެވެ.
“ކީއްވެތަ ތި ގޮތަށް ތި ވާހަކަދައްކަނީ. ނިކުމެބަލަ ބޭރަށް.” ޝާރިފް އެދުނެވެ.
އައިސްފައި ހުރި ރުޅިން ޝާރިފްގެ ކުރިމަތީގައި ހުރެ އެއްޗެހި ގޮވާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ޒާާޔާ ފޯނު ބޭއްވުމަށްފަހު ބޭރަށް ނިކުތެވެ.
ފާރުގައި ލެގިލައިގެން ހުރި ޝާރިފް ފެނިފައި ޒާޔާ ފިނިވެއްޖެއެވެ. ޝާރިފްގެ ކުރިމަތީގައި އިސްޖަހައިލެވިއްޖެ އެވެ. ނުފެންނަ ހިސާބުގައި ހުރެ ހަރުކަށިކޮށް ވާހަކަ ދައްކަން ކެރުނަސް ކުރިމަތީގައި ހުރެ ޝާރިފް އާއި އެގޮތަށް ވާހަކަ ދައްކާކަށް ޒާޔާ އަކަށް ނުކެރެއެވެ.
ޝާރިފް އައި ގޮތަަށް އައިސް ޒާޔާގެ ގައިގައި އޮޅުލައިގަތެވެ. މޫނާއި އެތައް މިތާގައި ބޮސް ދޭ އިރު ހީވަނީ ޤަރުނެއް ކޮށްފައި ޒާޔާ ފެނުނު ހެންނެވެ.
“ފަކުރެއް ނުގަނޭތަ މަދެކެ. އެންމެންގެ ތުންފުއްސެއްދެކެ.” ދިލާގެ މަލާމާތުގެ ބަސްތައް ހިތަށް އައުމާއެކު ޒާޔާ ބުނެލިއެވެ.
“ކާކުތަ އެހެން ބުނީ. ޒާޔާއަކީ އެކަހަލަ މީހެއް ނޫން.” ޝާރިފްގެ އަޑުގައިވަނީ ސީރިއަސްކަމެވެ.
“ނޫނޭ. މަ މީ ހަމަ އެކަހަލަ މީހެއް.” ޒާޔާ ޝާރިފްގެ އަތް އޭނާގެ ހަށިގަނޑުން ދުރުކޮށްލިއެވެ.
“ދިލާ ދެކެ ލޯބިވޭތަ؟ ނޫނީ ލޯބިވަނީ އަހަރެން ދެކެތަ؟” ޒާޔާ ބަލަން ހުރީ ސީދާ ޝާރިފްގެ ލޮލަށެވެ.
“ދެމީހުން ދެކެވެސް. އެކަމަކު ބޮޑަށް ލޯބިވަނީ ޒާޔާ ދެކެ.” ޝާރިފްގެ ޖަވާބުން ޒާޔާ ގާތަށް އައީ ރުޅިއެވެ. ދުވެފައި ގޮސް ޒާޔާ ވަނީ ގޭތެރެއަށެވެ. ޒާޔާ ކުއްލިއަކަަށް ގޮސްފާނެ ކަމަށް ހީކުރެވިފައި ނުވާތީ ޝާރިފް އަށް ޒާޔާ ހިފަހައްޓާނެ ފުރުސަތެއްވެސް ނުލިބުނެވެ.
ކޮޓަރިއަށް ވަދެ ތަޅުލިއިރު ޒާޔާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ދެމީހުން ދެކެ ލޯބި ވެވިދާނެއެވެ. އެކަމަކު އެއްފަހަރަކާއެއް ނޫނެވެ. ޝާރިފް ޒާޔާ ދެކެ ލޯބި ނުވާކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ޒާޔާ އަށް އިޙްސާސް ކުރެވިއްޖެއެވެ. ދިލާ އެބުނިހެން ޒާޔާއަކީ ތުންފުހޭ ޓިޝޫއެކެވެ. ޝާރިފް ވެސް ޒާޔާ އާއި ދޭތެރޭގައި ކަންތައް އެކުރަނީ އެހެންނެވެ.
ތަކުރާރުކޮށް ޝާރިފް ގުޅަމުންދިޔައެވެ. ނަމަވެސް ޒާޔާ އެންމެ ފަހުން ޝާރިފްގެ ނަމްބަރު ބްލޮކް ކޮށްލީއެވެ. ޝާރިފް ޒާޔާގެ ހަޔާތުންވެސް ބްލޮކް ކޮށްލަން ހިތުގައި ޢަޒުމް ކަނޑައަޅަިއގެންނެވެ.
ގިނަ ވަގުތު ޒާޔާ އުޅެނީ ފޯނުވެސް ނިއްވާލައިގެންނެވެ. ރާއިދުއަށް ޒާޔާގެ މަންމަ ނަންބަރަށް ވެސް ގުޅޭނެކަން ޒާޔާއަށް އެނގެއެވެ. ފޯނު ނިއްވައިލީ އިތުރު ނަންބަރަކުން ވިޔަސް ޝާރިފް ގުޅާފާނެތީއެވެ.
ރީތި ހަނދުވަރެއް ދީފައި އޮތް ރެއެކެވެ. ޒާޔާ ފޯނާއި ކުޅެން އިނީ ގޭގެ ޖޯލީގައެވެ.
ގޭގެ ދޮރާށި ހުޅުވާލި އަޑަށް ޒާޔާ އިސްއުފުލާލިއެވެ.
ކުރިމަތީގައި ހުރީ ޒާޔާ ދަންނަ އެކަމަކު ވާހަކަ ދައްކައި ނޫޅޭ އަންހެނެކެވެ. ސަހާ އެވެ.
“ނިކުމެވިދާނެތަ ދޮރުމައްޗަށް. މީހަކު އެބަހުރި ހޯދަން އައިސް.” ފާޑަކަށް ހެވިފައި ހުރެ ސަހާ ނިކުތީ ބޭރަށެވެ.
ވާނުވާ ނޭނގޭތީ ހާސްވެ ހުރެ ޒާޔާ ބޭރަށް ނިކުތެވެ.
ކުރިމަތީގައި ހުރި ދިލާ ފެނިފައި ޒާޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.
Alhe kobaatha mi site ga anna vaahskathah
kobatha zaana ge vaahakatha