ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮކް ޕާރފޮމަންސެއް ދިންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން “ރޮކް 50” (ރޮކް ފިފްޓީ) ނަމުގައި ޚާއްޞަ ހަރަކާތެއް ހިންގުމަށް ތައްޔާރުވެއްޖެ އެވެ. މިއަހަރު މާރިޗް މަހުގެ 13 އިން 14 އަށް އޮލިމްޕަހުގައި ބާއްވާ މި އިވެންޓްގައި ކުރީގެ މިއުޒީޝަނުންނާއި ރެޕެޓުއަރޒްގެ ހުށައެޅުންތަކާއި އިވެންޓްގައި ބައިވެރިނުވެވޭ ފަރާތްތަކަށް ދޭ ޓްރިބިއުޓްގެ އިތުރުން ރޮކް މިއުޒިކް ފެށި ދުވަސްވަރު އެހީތެރިވެދިން ފަރާތްތަކަށްވެސް މި ޝޯ ޚާއްޞަކުރުމަށް ހަމަޖެހިފައިވެއެވެ.

“ރޮކް 50″ގެ ތެރެއިން އެ ދުވަސްވަރު މިއުޒިކު ކުޅެން ބޭނުންކުރި އިންސްޓްރޫމެންޓްތައް، އޭރުގެ ފޮޓޯތައް އަދި ބައެއް ޑޮކިއުމެންޓްތައް ދައްކައިލުމަށް މައުރަޒެއްވެސް ކުރިއަށްދާނެ އެވެ.

“ރޮކް 50” ކޮންސެޓްގައި ރޮކް މިއުޒިކް ކުޅެންފެށި ފުރަތަމަ ޖީލުގެ މެންބަރުންގެ ހުށައެޅުންތައް ފެނިގެންދާނެއެވެ. މިގޮތުން އޭރުގެ ބޭންޑްތައް ކަމަށްވާ ‘ޝޫޓިންގ ސްޓަރޒް، ވެމްޕަޔަރަސް، ސިލޫޓްސް، ކްއިކްސޭންޑް، ޓްވެންޓިއަތު ސެންޗަރީ ބީސީ އަދި އެމޭޒަން ޖޭޑް’ މެންބަރުން ފެނިގެންދާނެ އެވެ. މީގެ އިތުރުން މި ޖީލުގެ ފާހަގަކޮށްލެވޭ ތަރިންކަމަށްވާ ޝިހާމް، އިބްރާހީމް ޚާލިދު، ޒާާހިދު، ރީނދޫ، ރަޝާދު، ނާޝިދު ފަދަ ފަންނާނުން މަތިން ހަނދުމަކޮށްލުމަށް ހުށައެޅުންތަކެއް ދައްކައިލާނެއެވެ.

މި އިވެންޓްގައި ފެނިގެންދާނެކަމަށް އުއްމީދުކުރެވޭ ފަންނާނުންގެ ތެރޭގައި އާތިފް (އެކްސްރޭ އާތިފް)، އަލިބެ، ޝަފީޤް، އަބްސީ، ނާހިދު، އަތީޒާ، މައީޝާ އަދި ޒާރާގެ އިތުރުންވެސް ބައެއް ފަންނާނުން ހިމެނޭނެ ކަމަށް މި އިވެންޓް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުން ބެކިން ލައިންއަޕްގައި މުތުރިބް، ޝާމްބެ، އިންތި، ޔައުގޫބް، ޒިޔާ، ވިންފާޒް، ޝަންމޫން އަދި މަނާލް ހިމެނޭނެ އެވެ.

އޮލިމްޕަހުގެ ސްޓޭޖްގައި މި އިވެންޓް އޮންނާނީ ރޭގަނޑު 09:00 އިން 12:00 އަށެވެ.

“ރޮކް 50” އިވެންޓް ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ 2020 ވަނަ އަހަރަށެވެ. އެއީ ރާއްޖޭގައި އަލަށް ރޮކް މިއުޒިކް ކުޅުނު “ޝޫޓިންގް ސްޓަރޒް” ބޭންޑް އުފެދުނުތާވެސް 50 އަހަރު ފުރުނު އަހަރެވެ. އިވެންޓް ފަސްކުރަން ޖެހުނީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

“ރޮކް 50” އިވެންޓާ ގުޅޭ އިތުރު ޚަބަރުތަކަށް އިންތިޒާރުކޮށްލައްވާ!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.