1997 ގައި ބޮލީވުޑުން ނުކުތް އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުން އެއް ފިލްމަކީ “ޖުދާއީ” އެވެ. އަނިލް ކަޕޫރް، ސްރީދޭވީ އަދި އުރްމީލާ މަޓޮންޑްކަރް އިސް ރޯލުތަކުން ފެނިގެންދިޔަ މި ރޮމޭންޓިކް ކޮމެޑީ ފިލްމުގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ކާދަރް ޚާން، ފަރީދާ ޖަލާލް، ޖޯނީ ލީވަރ، ޕަރޭޝް ރަވާލް، އުޕާސްނާ ސިންގ އަދި ސައީދު ޖަފްރީ ފަދަ ތަރިން ހިމެނެއެވެ.
ސުރިންދަރް ކަޕޫރާއި ބޯނީ ކަޕޫރް ޕްރޮޑިއުސްކުރި މި ފިލްމު ޑައިރެކްޓް ކުރީ “ދީވާނާ” އަދި “ޖީތު” ފަދަ ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދިން ރާޖް ކަންވަރްއެވެ.

މި ލިޔުމުގައި ބަލައިލާނީ 28 ފެބްރުއަރީ 1997 ގައި ރިލީޒްކޮށް ބޮލީވުޑް ބޮކްސް އޮފިހުގައި ސުޕަހިޓެއްގެ ދަރަޖަ ލިބުނު “ޖުދާއީ” އާއި ބެހޭގޮތުން ނޭނގޭ ނުވަތަ މާ އާންމު ނޫން ބައެއް ވާހަކަތަކަށެވެ.

* އޮރިޖިނަލް ހިންދީ ފިލްމެއް ނޫން
“ޖުދާއީ” އަކީ އޮރިޖިނަލް ހިންދީ ފިލްމެއް ނޫނެވެ. މިއީ 1994 ގެ ތެލުގޫ ފިލްމު “ޝުބަލަގްނަމް” ގެ ހިންދީ ރީމޭކެކެވެ. ފިލްމުގައި ކިޔައިދެނީ މުއްސަނދި ދިރިއުޅުމަކަށް ދަހިވެތިވެފައިވާ އަންހެނަކު އޭނަގެ ފިރިމީހާ މުއްސަންޖަކާ ދެވުމަށް އެއްބަސްކުރުވާ ގޮތާއި އެއަށްފަހު ކަންތައްތައް ވެގެންދާ ގޮތެވެ. ތެލުގޫ ފިލްމު ޑައިރެކްޓްކުރީ އެސް.ވީ. ކްރިޝްނާ ރެޑީއެވެ.

* ފިލްމުގެ ތަރިން
ސްރީދޭވީ އާއި އަނިލް ކަޕޫރަކީ ފުރަތަމަ ހޮވުން ނަމަވެސް އަނިލް ކަޕޫރް ފުރަތަމަ އެ ރޯލު ކުޅެން އެއްބަހެއް ނުވިއެވެ. ސަބަބަކީ ބަތަލުގެ ރޯލު ދެ ބަތަލާއިންގެ ރޯލަށްވުރެ ބަލިކަށިވުމެވެ. ނަމަވެސް އަނިލްގެ ބައްޕަގެ އެދުމުގެ މަތިން އޭނަ އެ ރޯލު ޤަބޫލު ކުރީއެވެ. އަދި އެ ރޯލު ޤަބޫލު ކުރެވުނީތީ ފަހުން އޭނާ ހުރީ ހިތްހަމަވެސް ޖެހިފައެވެ.
އުރްމީލާ އަކީ ތިންވަނަ ހޮވުމެވެ. ފުރަތަމަ އެ ރޯލު ލިބުނީ ޖޫހީ ޗާވްލާއަށެވެ. ޖޫހީ ސަޕޯޓިންގ ރޯލެއް ކުޅެން ބޭނުން ނުވާތީ އެ ރޯލު ދޫކޮށްލުމުން ދެން އެ ރޯލު ލިބުނީ ކަރިޝްމާ ކަޕޫރަށެވެ. ފިލްމަށް ސޮއިވެސް ކުރި ފަހުން “ދިލް ތޯ ޕާގަލް ހޭ” ގެ ހުށަހެޅުން ލިބުމުން އެ ފިލްމު ކުޅެންވެގެން ކަރިޝްމާ “ޖުދާއީ” ދޫކޮށްލީއެވެ. އުރްމީލާއަށް މި ފިލްމު ލިބުނީ ދެނެވެ.

* ފިލްމުގެ ލަވަތައް
މަޝްހޫރު މިއުޒިކް ކޮމްޕޯސިންގ ޑުއޯ ނަދީމް-ޝްރަވަން މިއުޒިކް ތައްޔާރުކޮށްދިން މި ފިލްމުގެ ލަވަތައް ވަނީ ވަރަށް މަޝްހޫރު ވެގެން ގޮސްފައެވެ. ފިލްމުގެ ލަވަ އަލްބަމްގެ 2 މިލިއަން ކޮޕީ ވިކިފައިވާއިރު، މި އަލްބަމް ވަނީ އެ އަހަރު އެންމެ ގިނައިން ވިކުނު ބޮލީވުޑް 10 އަލްބަމްގެ ތެރޭގައި ހިމެނިފައެވެ.

ފިލްމުގެ ލަވަތައް މަޤުބޫލުވީ ނަމަވެސް ފިލްމުގެ ގިނަ ލަވަތަކަކީ އޮރިޖިނަލް ހިންދީ ލަވަތަކެއް ނޫނެވެ. ފިލްމުގެ އެންމެ މަޝްހޫރުވި ލަވަ “ޖުދާއީ ޖުދާއީ” ނުވަތަ “މުޖޭ އެކް ޕަލް ޗޭން ނަ އާޔޭ” މި ލަވައަކީ ޕާކިސްތާނު ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭހް ޢަލީ ޚާންގެ “ސާނޫ އެކް ޕަލް ޗޭން ނަ އާވޭ” އިން ނަކަލުކޮށްފައިވާ ލަވައެކެވެ.
“މެރި ޒިންދަގީ އެކް ޕިޔާސް” އަކީ ނުސްރަތު ފަތޭހް ޢަލީ ޚާން އަދި ނޫރް ޖަހާންގެ މަޝްހޫރު ލަވަ “މުޖެ ޒިންދަގީ އެކް ޕިޔާރް” އިން ނަކަލުކޮށްފައިވާ ލަވައެކެވެ.
އަދި “ޕިޔާރް ޕިޔާރް ކަރްތޭ ކަރްތޭ” އަކީ ސްކެޓްމަން ޖޯން 1994 ގައި ނެރުނު “ސްކީ ބާ ބޮޕް ބާ ޑޮޕް ބޮޕް” ލަވައިން ބައެއް ނަކަލު ކޮށްފައިވާ ލަވައެކެވެ.
“ހާނ މުޖޭ ޕިޔާރް ހުއާ ﷲ މިޔާނ” މި ލަވައިގައި “ﷲ މިޔާނ” ކިޔާތީ މި ލަވަ ވަނީ ވަރަށް ބޮޑަށް ކޮންޓްރޮވާޝަނަލް ވެފައެވެ.

* “ޖުދާއީ” އަކީ ސްރީދޭވީ އާއި ޕޫނަމް ދިއްލޮން އެކީގައި ފެނުނު ފަހު ފިލްމެވެ. 1980ގެ އަހަރުތަކުގައި މި ދެތަރިން ވަނީ “ކަރްމާ”، “ހިންމަތު އޯރް މެހެނަތު”، “ސޯނޭ ޕޭ ސުހާގާ” އަދި “ޕައްތަރް ކެ އިންސާން” ގައި މަސައްކަތް ކޮށްފައެވެ. “ޖުދާއީ” ގައި ޕޫނަމް ޚާއްސަ ފެނިލުމަކުން ފެނިގެންދިޔައިރު، އަނެއް 4 ފިލްމުގައި ސްރީދޭވީ އާއި އެއްވަރުގެ ބޮޑު ރޯލަކުން ފެނުނު ނަމަވެސް “ކަރްމާ” ގައި ދެތަރިން އެކުގައި ފެނުނީ ޑައިލޮގެއްވެސް ނުހިމެނޭ އެންމެ މަންޒަރެއްގައެވެ.

* މިއީ އަނިލް ކަޕޫރާއެކު ސްރީދޭވީ ފެނުނު އެންމެ ފަހު ފިލްމެވެ. “ޖުދާއީ” ގެ ކުރިން މި ދެތަރިން ވަނީ އެކުގައި 11 ފިލްމެއް ކުޅެފައެވެ. އެއީ “ޖާންބާޒް”، “ކަރްމާ”، “މރ. އިންޑިއާ”، “ރާމް-އަވްތާރް”، “ސޯނޭ ޕޭ ސުހާގާ”، “ލަމްހޭ”، “ހީރް ރާންޖާ”، “ރޫޕް ކި ރާނީ ޗޯރޯން ކާ ރާޖާ”، “ގުރޫދޭވް”، “ލާޑްލާ” އަދި “މރ. ބޭޗާރާ” އެވެ.

* މިއީ 1997 ގައި އެކްޓިންގ އިން ރިޓަޔާ ކުރުމުގެ ކުރިން ސްރީދޭވީ ކުޅުނު އެންމެ ފަހު ފިލްމެވެ. ނަމަވެސް އޭގެ ކުރިން ޝޫޓްކުރި ދެ ފިލްމެއް ރިލީޒްވީ “ޖުދާއީ” ގެ ފަހުންނެވެ. އެއީ 1997 ގައި ރިލީޒްކުރި “ކޯން ސައްޗާ ކޯން ޖޫޓާ” އާއި 2004 ގައި ރިލީޒްކުރި “މެރި ބީވީ ކާ ޖަވާބް ނެހީ” އެވެ. މިއީ 1994 ގައި ޝޫޓްކުރި ފިލްމެކެވެ. 1997 ގައި ރިޓަޔާ ކުރި ނަމަވެސް 2012 ގައި ސްރީދޭވީ ވަނީ އެނބުރި އެކްޓިންގއަށް އައިސްފައެވެ.

* “ޖުދާއީ” ގައި އުޕާސަނާ ސިންގ ކުޅުނު މަންމަނެއްގެ ރޯލުން އޭނާ ވަނީ ވަރަށް މަޝްހޫރުވެފައެވެ. ކޮމޭޑިއަންއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވުނީ މި ފިލްމުންނެވެ. އަދި ޕަރޭޝް ރަވާލް ކުޅުނު އަބަދު ސުވާލު އުފެދިފައި ހުންނަ މީހެއްގެ ކެރެކްޓާއަކީވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަޤުބޫލު ކެރެކްޓާއެކެވެ.

* “ޖުދާއީ” ވަނީ ފަހުން ޓީވީ ސިލްސިލާއަކަށް ބަދަލުކޮށްފައެވެ. އެއީ 2011 އިން 2012 އަށް ލައިފް އޯކޭ އިން ދެއްކި “މޭ ލަކްޝްމީ ތެރެ އާނގަން ކީ” އެވެ. މި ސިލްސިލާގައި އިސް ރޯލުތައް ކުޅުނީ ޝްރައްދާ އާރްޔާ އާއި ސުދީޕް ސާހިރްއެވެ.

* ސްރީދޭވީގެ ހަގު ދަރިފުޅު ޖާންވީ ކަޕޫރަށް ނަން ކީ މި ފިލްމުގައި އުރްމީލާގެ ކެރެކްޓާގެ ސަބަބުންނެވެ. އަދި ދޮށީ ދަރިފުޅުގެ ނަން ނެގީ ރާޖް ކަންވަރްގެ ފިލްމު “ހަމާރާ ދިލް އާޕްކޭ ޕާސް ހޭ” ގައި ސޮނާލީ ބެންޑްރޭ ކުޅުނު ކެރެކްޓާއިންނެވެ.

މި ލިޔުމުން “ޖުދާއީ” އާއި ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ލިބުނުކަމަށް އުންމީދު ކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.