ރޮކް މިއުޒިކަކީ ހަމަ ގައިމުވެސް އަދުގެ ޒުވާން ދިވެހި ޖީލަށްވެސް އެންމެ ކަމުދާނެ މިއުޒިކްގެ އެއް ޖޮންރާ އެވެ. ރާއްޖޭގައި ރޮކް މިއުޒިކް ކުޅެން ފެށީ މީގެ 50 އަހަރު ކުރިންނެވެ. އެ ޒަމާނަށް ދަތުރުކޮށްލައި ރާއްޖޭގެ ރޮކް މިއުޒިކްގެ އެހާރާއި މިހާރުގެ ފަންނުވެރިން ހުށައަޅައިދޭ “ރޮކް 50” މިއުޒިކް އިވެންޓް މިމަހު 13ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ފެށިފައިވަނީ ޝޯއަށް ދިޔަ މީހުންގެ ލޭކައްކުވައިލަމުންނެވެ.

“ވަރަށް ސަޅި ވަރަށް ފުރިހަމަ ޝޯއެއް. މިފަހުން މިވަރުގެ ޝޯއެއް ރާއްޖޭގެ ފަންނާނުން ހުށައަޅަނިކޮށް ނުދެކެން.” ރޮކް ފިފްޓީ ޝޯއަށް ރޭ އޮލިމްޕަހަށް ދިޔަ ޒުވާނެއް މުނިއަވަސް އަށް ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮކް ޕާރފޮމަންސެއް ދިންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަޙްމަދު (އެކްސްރޭ) އާތިފް އަދި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ބާއްވާ “ރޮކް 50” (ރޮކް ފިފްޓީ) މިއުޒިކް ޝޯ ރޭ ފެށިގެން ދިޔައިރު، ރާއްޖޭގެ ރޮކް މިއުޒިކްގައި ފާހަގަކޮށްލެވޭ ލިޖެންޑަރީ ފަންނާނުންގެ ހުށައެޅުންތަކުން އޯޑިއަންސް ކައްކުވައިލިއެވެ. ރޭގެ ޝޯގައި މަޝްހޫރު ފަންނާނުންތަކެއްގެ ހުށައެޅުން ފެނިގެންދިޔަ އެވެ. އެގޮތުން ޢަބްދުއްރަޝީދު ޢަލީ (އަބުސީ)، މައިޒާން އަލިމަނިކް، އަޙްމަދު (އެކްސްރޭ) އާތިފު ފަދަ ފަންނާނުންނާއި މިހާރުގެ ފަންނާނުންގެ ހުށައެޅުންތައް ފެނިގެންދިޔައެވެ.

“ރޮކް 50″ގެ ހަމަ އެކަނި ދެ ޝޯ ބާއްވަން ނިންމާފައިވާއިރު، މިރޭ ބާއްވާ ފަހު ޝޯ، ރެއަށްވުރެން ފުރިހަމަވެގެންދާނެ ކަމަށް މަޢުލޫމާތުލިބެ އެވެ. އޮލިމްޕަހުގައި ބާއްވާ މި އިވެންޓްގައި ކުރީގެ މިއުޒީޝަނުންނާއި ރެޕެޓުއަރޒްގެ ހުށައެޅުންތަކާއި އިވެންޓްގައި ބައިވެރިނުވެވޭ ފަރާތްތަކަށް ދޭ ޓްރިބިއުޓްގެ އިތުރުން ރޮކް މިއުޒިކް ފެށި ދުވަސްވަރު އެހީތެރިވެދިން ފަރާތްތަކަށްވެސް މި ޝޯ ޚާއްޞަކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ބާއްވައިލުމުގެ އިތުރުން، ރާއްޖޭގެ ރޮކް މިއުޒިކްގެ ތާރީޚާއި އެ ޒަމާނުގައި ބޭނުންކުރި މިއުޒިކް ސާމާނުތައް ބަލައިލުމުގެ ފުރުޞަތުވެސް ލިބިގެންދާ އިވެންޓެއްކަން ފާހަގަކޮށްލެވެއެވެ.

“ރޮކް 50″ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.