މީސްމީޑިއާ ތެރެއަށް ވީޑިއޯއެއް ދޫކޮށްލުމަކީ އެ ވީޑިއޯ ވައިރަލް ކޮށްލުމަށް ނުވަތަ ފަތުއަޑު ކިޔާފައި ހިންގައިލުމަށް މޮޅު އުކުޅެކެވެ. އެގޮތުން ކުރިއަރަމުން އަންނަ ފިލްމީ ތަރ ނުޒޫ އާއި ދޮން އައްޔަގެ ތަފާތު ވީޑިއޯ ލަވައެއްގެ ނުރަސްމީ ޓީޒަރ އެއް މިވަނީ މީސްމީޑިޔާ ގައި ފަތުއަޑުކިޔާފައި ހިންގާލާފަ އެވެ.

މިއީ އއ. އުކުޅަހުގައި ކުރިޔަށްދާ ދިވެހި ފިލްމު ‘ލީނާ’ ގެ ޝީޓިން ތެރެއިން ނުޒޫ އާއި ދޮންއައްޔަ ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެކެވެ. ނަމަވެސް މި ލަވަ އަކީ ގިނަބަޔަކަށް އާ ލަވައެކެވެ. ދިވެހި ‘ފިލްމު ވާށޭ މަށާއެކީ’ އިން ގިނަބައެއްގެ ލޮލުގައި އަޅައިގަތް އެއް ކެރެކްޓަރ ކުޅެފައިވާ އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަކީ އެކްޓިންގ ގެ އިތުރަށް ތަފާތު މޮޅު ހުނަރުވެރިއެއްކަން އެނގިގެން ދިޔައީ ޝާއްކޮގެ ޅެމަކަށް، ޝާއްކޮގެ އަމިއްލަ ރާގަކަށް ތައްޔާރުކޮށް ސައުންޑު ކްލައުޑަށް ލާފައިވާ ލަވަޔަކުން ނެވެ.

ޝާއްކޮގެ ‘އޭ މަލާ’ ގެ އަޑުގެވެރިންނަކީ އިންޝާ އަޙްމަދު އަދި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުވެގެންދިޔަ އިބްރާހިމް އަމާން އެވެ. މިއުޒިކް ހަދާފައިވަނީ ހުސައިން ތައުފީގެވެ.

ވިލު ސްޓޫޑިއޯ އާއި އަޅި ގުޅިގެން ޕްރޮޑިއުސް ކޮށްފައިވާ ‘އޭ މަލާ’ އަކީ މިދިޔަ އަހަރު ރިލީޒް ކޮށްފައިވާ ހިތްގައިމު ލޯބީގެ ލަވައެކެވެ. ޝާއްކޮ އަންނަނީ މި ހިތްގައިމު ލަވައިގެ ވީޑިއޯ ތައްޔާރުކުރުމުގެ މަސައްކަތް ފަށާފަ އެވެ. ލަވައިގައި ހަރަކާތްތެރި ވާނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) އެވެ.

ނުޒޫ އާއި ދޮން އައްޔަ މިވަނީ ‘އޭ މަލާ’ ގެ ކުރު ވީޑިއޯކޮޅެއް ތައްޔާރުކޮށް މީސްމީޑިއާއަށް އާއްމުކޮށްފަ އެވެ. މިއީ ‘އޭ މަލާ’ ގެ ނުރަސްމީ ޓީޒާ އެއްގެ ގޮތަށް ލަވައިގެ ޕްރޮޑިއުސަރ ޝާއްކޮ ވަނީ ސިފަކޮށްފަ އެވެ. 

“މިއީ އަސްލު މިދިޔަ އަހަރު ރިލީޒްކޮށްފައިވާ ލަވައެއް. މީގެ އަސްލު ވީޑިއޯ އިންވެސް ފެނިގެންދާނީ ނުޒޫ އާއި ދޮންއައްޔަ. ލަވަ ޑައިރެކްޓް ކުރާނީ މަޝްހޫރު ޑައިރެކްޓަރ/ސިނަމޮޓޮގްރާފަރ ޢަލީ ޝިފާޢު (ޗިއްޕެ).” މިއަހަރު ރިލީޒް ކުރުމަށް ނިންމާފައިވާ ‘އޭ މަލާ’ ގެ ވީޑިއޯ އާއި ބެހޭގޮތުން ޝާއްކޮ ބުންޏެވެ.

“މާރޗް ފަހެއްގެ ފަހުން ޝޫޓިން ފަށާނަން. އަދި މާރޗް މަސް ނިމުމުގެ ކުރިން ބެލުންތެރިންނާއި ހަމައަށް ލަވައިގެ ވީޑިއޯ ރިލީޒް ކޮށްލެވޭނެ. މިއީ ‘ވިލު ސްޓޫޑިއޯ’ ގެ ފުރަތަމަ ވީޑިއޯ ލަވަ.” ލަވައިގެ ވީޑިއޯ އުފެއްދުމުގެ ޕްލޭން މުނިއަވަސް އާއި ހިއްސާކުރަމުން ޝާއްކޮ އިތުރަށް ކިޔައިދިނެވެ.

ނުޒޫ އާއި ދޮން އައްޔަ ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައިގެ މަސައްކަތް ތަފާތެވެ. ލަވައިގެ ވީޑިއޯ މަސައްކަތާއި ޑައިރެކްޝަން އަޑި އެޑިޓިންވެސް ތަފާތެވެ. އުއްމީދަކީ ޗިއްޕެ ގެ ޑައިރެކްޝަން އާއިއެކު ‘އޭ މަލާ’ ގެ ރަސްމީ ލަވަ އަވަހަށް ފެންނަގޮތް ވުމެވެ. ހަމަ ގައިމުވެސް ނުޒޫ އާއި ދޮން އައްޔަ ފޯނުން ޝޫޓްކޮށް މީސްމީޑިއާ އާއި ހަވާލުކޮށްލި ކުރު ވީޑިއޯ މިވަނީ ކުރިންވެސް ފާހަގަކުރިހެން ފަތުއަޑު ކިޔާލާފަ އެވެ. ލަވައިގެ ނުރަސްމީ ޓީޒާ އަޕްލޯޑް ކުރިތާ ކުޑަ ހިނދުކޮޅެެއްގެ ތެރޭގައި އެތައް ބަޔަކު ބަލައި ޝެއަރ ވެސް ކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.