ރާއްޖޭގެ ސްކޫލު މަދަރުސާތަކަށް ހުޅުވާލައިގެން ކުރިން ބާއްވަމުން އައި ލަވަ މުބާރާތް، ގިނަ ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށަން ނިންމައިފިއެވެ.
އިންޓަ ސްކޫލު ލަވަ މުބާރާތް ބޭއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ، ޔޫތު މިނިސްޓްރީ، އާޓްސް މިނިސްޓްރީ އަދި ޕަބްލިކް ސާވިސް މީޑިއާ އާ ދެމެދު ވާންޖެހޭ އެއްބަސްވުމުގައި މި މަހު 21 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. އާޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފަ އެވެ.
އަހަރަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް މިއަހަރު ބާއްވާނީ ޖޫން 16 އިން 24 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ވަކިވަކިން ބައިވެރިން ވާދަކުރާނީ ދެ ބަޔަކަށް ބަހާލެވިގެން ޖުމްލަ ހަ އުމުރު ފުރައެއްގަ އެވެ. އެއީ ޖޫނިއާ ގްރޫޕާއި ސީނިއާ ގްރޫޕެވެ. ޖޫނިއާ ގްރޫޕުގައި ވާދަކުރާނީ ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާތަކުގެ ދަރިވަރުންނެވެ. ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނެވެ.
އިންޓަ ސްކޫލު ލަވަ މުބާރާތަކީ ހުނަރުވެރި ލަވަކިޔުންތެރިން އުފެއްދުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ މުބާރާތެކެވެ. ސްކޫލުތަކުގެ މެދުގައި ނިކަން ވާދަވެރި ފޯރިއެއްގައި މި މުބާރާތް ގިނަ އަހަރުތަކެއް ވާންދެން ބާއްވާފައިވެއެވެ.

ލަވަ މުބާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން – ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
@muniavas Lava Mubaaraaiy Alun Fashanee – #muniavasnews #maldives #dhivehi #foryoupage #fyp #contentcreators #muniavas #habarugadi @mamma.ivry.maldives ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް