އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ނަސީފާއަށް ލިބިފައިވަނީ ހެދިހުރި ފުރިހަމަ ލޫޅާފަތި ހަށިގަނޑެކެވެ. އަންހެންވަންތަ ކަމުގެ މިސާލެއް ފަދަ އެ ހަށިގަނޑުގެ ކުލަ އައްޔެވެ. ގަދަކަޅުކުލައިގެ އިސްތަށިގަނޑު ފަންވެފައި ދިގެވެ. ހިތިފަތު ބުމައާއި ތޫނު ދެލޮލެވެ. ހީލުމުން ކޮލުން ފާޅުވާ އަޑިކޮޅާއި ލޯބިލޯބި ދެތުންފަތް އެމޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
ރަށުގައި ދިރިއުޅެމުންދާ ޒުވާން ފުރައިގެ ފިރިހެނުންނާއި ރަށަށް އައިސް ގޮސްވާ އެތައް ބައެއްގެ ލޮލުގައި ނަސީފާ އަޅައިގަތީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ލޯބީގެ ހުށަހެޅުންތަކާއި ދަޢުވަތުތައް ފުލުފުލުގައި ލިބެމުންދިޔަ ނަސީފާގެ އިޝާރާތަކަށް ބަލާލަބަލާލަ ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. އެއީ ފިނިފެންމަލެއް ފަދައެވެ. އެމަލުގެ ފޮނިކޮޅު ބޯލުމަށް ލިބޭނެ ފުރުސަތަކަށް އެނބުރިލަ އެނބުރިލާ ތިބި އެތައް މާބުރެއް ކޮންމެ ދުވަހަކު ފެނެއެވެ. ހިތުގެ ހިނގުމާއި ގުޅިފައިވާ ފަދައެވެ. އެއީ އެފަދަ މީހުންގެ ހިތުގެ ތެޅުމާއި ވިންދެވެ.
ނަސީފާގެ ލޯތްބަށް އެދި އާދޭސް ކުރަމުން ހުށަހެޅުންތައް ހުށަހަޅަމުންދާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. ގަދަރުވެރިންނާއި އިއްޒަތްތެރިންނެވެ. ތަނަވަސްކަމުގެ އަހުލުވެރިންނާއި ނަންހިނގާ މަޝްހޫރު މީހުނެވެ. އާދައިގެ ޢާއިލާތަކުގެ އަހުލުވެރިންނާއި ދެރަ ނިކަމެތިންނެވެ.
އެފަދަ ކޮންމެ ފުރުސަތަކަށް ނަސީފާ ނޫނެކޭ ބުނަމުން ދިޔައީ ސަބަބުތަކެއް އޮތީމައެވެ. އޭނާގެ ލޯބި ކާމިޔާބު ކުރަން ބޭނުންވާ މީހަކު ޖެހޭނީ އެ ސަބަބުތައް ހޯދާށެވެ. އެ ސަބަބާއި އެއްގޮތަށް އޭނާ ބަދަލުވާށެވެ. އެ ސަބަބުތަކުގެ ހައްލަކަށް ވާށެވެ.
〈〈═════»❣❤❣«═════〉〉
އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ ސާޒިންއަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ. ހީވާގި މަސައްކަތްތެރިއެކެވެ. ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާމުގެ މަސައްކަތުން އޭނާ މިއަދު ވަނީ އަމިއްލައަށް ކޮޅަށް ތެދުވެ ހިންދެމިލާފައެވެ. އެތައް ބައެއްގެ ލޯތްބާއި ތަޢުރީފު ލިބުނު އެތައް މަސައްކަތެއް ކޮށްފައެވެ.
ނަސީފާގެ ހިތުގައި ސާޒިންގެ ސޫރަ ކުރެހުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ސާޒިންގެ ސޫރަ ނަސީފާގެ ހިތުގެ ހިނގުމާއި ކުޅެލިއެވެ. ހެދިހުރި އިސްކޮޅާއި ބައިމަތިފުޅާ އެހަށިގަނޑުގެ ބީހިލުމަށް އެދި އަތް ދިއްކޮށްލެވޭގޮތް ވާން ފެށިއެވެ. ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އުޅުންހުރި ހަރުދަނާ އެޒުވާނާއަކީ ދިރިއުޅުމެއް ފަށަން އެންމެ އެކަށީގެންވާ ޒުވާނާކަމުގައި ނަސީފާގެ ހިތް ބުންޏެވެ.
ސާޒިންގެ އިޝާރާތަކާއި ނުލައި އޭނާގެ ހަޔާތަށް ނަސީފާ އައުން ވެގެން ދިޔައީ ސާޒިނަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. ނަސީފާގެ ލޯތްބަށް އެދި ފެން ބޮވައިގެންފައިވާ އެ ހިތަށް ލިބުނު ތަސައްލީ އަކަށެވެ. ދިރިއުޅުމުގައި ދެކެމުން ދިޔަ ބޮޑު ހުވަފެނެއް ޙަޤީޤަތަކަށް ވުމަށެވެ. ކުރިމަގަށް ލިބުނު އިތުރު ހިތްވަރަކަށެވެ.
ނަސީފާ އާއި ސާޒިން މެދުގައި އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ ހިކިހޯލިތަކެއްގައި އަލިފާން ރޯވި ފަދައިން ނެވެ. ބައެއް މީހުނަށް އެވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. އަނެއް ބަޔަކު އެވާހަކަތައް ގަބޫލެއް ނުކުރިއެވެ. ބައެއް މީހުންގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ހިތްދަތި ވިއެވެ. ސާޒިނަށް ވުރެ ނަސީފާއާ އެކަށީގެންވާ އެތައް ބަޔަކު ނަސީފާގެ ލޯތްބަށް އެދި އާދޭސް ކުރަމުން ދަނިކޮށް ސާޒިނަށް އެކަން ކާމިޔާބެއް ނުވާނެއެވެ. ސާޒިނަކީ ނަސީފާއާ އެކަށީގެންވާ މީހެއް ވެސް ނޫނެވެ. އެކަމުގެ އަޑީގައި އެހެން ކޮންމެވެސް ސިއްރެއް ވާނެއެވެ.
” ފަންޑިތައެއް ހެދީ ކަމަށް ވެސް ވެދާނެއެއްނު. ” އަގުލީމު ފާޅުކުރީ އޭނާގެ ޚިޔާލެވެ. އެވާހަކަތައް އޭނާގެ ބައެއް ރައްޓެހިންނަށް ގަބޫލު ކުރެވުނު ވެސް މެއެވެ.
” މަށަށް ވެސް ހީވަނީ އެކަހަލަ ކޮންމެވެސް ކަމެއްހެން އެ އުޅެނީ …. އެހެން ނޫނީ އޭނާއަށް ކިހިނެއް އެކަން ކާމިޔާބު ވާނީ. އެހާ ރިޗު މީހެއް ވެސް ނޫނެއްނު އެއީ. ” އަގުލީމުގެ ވާހަކާގައި ބައިވެރިވެލަމުން ސާދިން އިތުރުކޮށްލިއެވެ.
ނަސީފާ އާއި ސާޒިންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމާއި ބެހޭގޮތުން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ނަސީފާއަށް ވަރިހަމަ އެވެ. އޭނާ ބޭނުންވި ލޯތްބާއި އޯގާތެރިކަން ސާޒިންގެ ފަރާތުން ލިބުނެވެ. ތެދުވެރިކަމާއި ވަފާތެރިކަމުގައި ނަމޫނާ ދެއްކިއެވެ. ފޮނިކޮޅު ބޮއެލައިގެން ފިލާކަށް މަސައްކަތެއް ނުކުރެއެވެ.
އެހެން ވެސް ލޯބިވެރިންގެ ޖޯޑުތައް ފަދައިން ނަސީފާ އާއި ސާޒިންގެ ލޯބީގެ ބައްދަލުވުންތަކުގެ މަންޒިލަކަށް ވެސް ވީ ރަށުގެ އަތިރި މައްޗެވެ. ދޮންވެލި ތުނޑިތަކާއި ހޭޅިފަށުގެ އަތިރިއެވެ. ތަރިތަކާއި ހަނދު ހެކިކޮށް ލޯބީގެ އަހުދުތަކާއި ވައުދުތައް ވަމުން ކުރިމަގަށް ރޭވުންތައް ރޭވުމުގައި ރޭގަނޑުގެ އެތައް ވަގުތެއް އެފަދަ އެތައް ތަނެއްގައި ހޭދަކުރަމުން ދިޔައެވެ.
〈〈═════»❣❤❣«═════〉〉
ނަސީފާއި ސާޒިންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކަ އަޑުއިވުމާއިއެކު ހަލީފުގެ ހިތް ހުއްޓުނު ކަހަލައެވެ. ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެވާހަކަތައް ގަބޫލު ކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެއީ ދޮގެކޭ ވެސް ބުނެވުނީ އިޚްތިޔާރުން ބޭރުގައެވެ.
ނަސީފާ އާއި ސާޒިންގެ ލޯބީގެ ގުޅުން ތަރައްޤީވެ ކުރިއަރަމުންދިޔަ ނަމަވެސް އޭނާގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ހަލީފުގެ ހިތެއް އެއްބަހެއް ނުވިއެވެ. ނަސީފާއާ ނުލައި އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ.
ހަލީފަކީ ރަށުން ބޭރުގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ. ވަޒީފާގެ މަސައްކަތްތައް ހުންނަގޮތުން ރަށަށް އައިސް އުޅޭކަށް އެހާ ގިނަ ދުވަހެއް ނުލިބެއެވެ. މަހަކު އެއްފަހަރު ވެސް އާދެވެނީ ވަރަށް މަދު މަހަކުއެވެ. ރިސޯޓް ވަޒީފާއިން ރަނގަޅު އާމްދަނީއެއް ލިބެމުންދާތީ އެކަމުގެ އަސަރު އޭނާގެ ދިރިއުޅުމުން ފެންނަމުން ދިޔައެވެ. ޒަމާނީ ފެންވަރަށް ގެ ހަދައި ތަރައްޤީ ކޮށްލީ ފިސާރި އަވަހަށެވެ.
ނަސީފާއާ ވާހަކަ ދައްކަން ހަލީފު ކިތަންމެ ބޭނުން ނަމަވެސް އޭނާ އަކަށް އެފުރުސަތެއް ނުލިބެއެވެ. ކިތަންމެ ވަރަކަށް ފޯނުކުރި ނަމަވެސް ފޯނެއް ނުނަގައެވެ. ކުރާ އެއްވެސް މެސެޖެކަށް ޖަވާބެއް ނުދެއެވެ. ގޮވާލިޔަސް އަނގައަކުން ނުބުނެއެވެ.
ނަސީފާއާ ވާހަކަ ދައްކާނެ އެހެން ގޮތެއް ހޯދަން ހަލީފަށް މަޖުބޫރުވިއެވެ. އެކަމުގައި އެހީތެރިކަމެއް ފޯރުކޮށްދޭނެ މީހަކު ހޯދަން ފަސޭހައެއް ނުވިއެވެ. އިތުބާރުގެ މައްސަލަ ދިމާވިއެވެ. ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިނަސް އެކަން ބަލައިގަންނަނީ މަދު މީހެކެވެ. މާދަމާ ވެސް ހަދާނެ ގޮތެއް ނޭނގެއެވެ.
〈〈═════»❣❤❣«═════〉〉
ނައީޒްއަކީ ހަލީފްގެ އެންމެގާތް އެކުވެރިޔާއެވެ. ކުޑައިރުއްސުރެ އެކުގައި އުޅެ ތަޢުލީމީ ހަޔާތް އެކުގައި ނިންމި ދުވަސްވީ ރަހުމަތްތެރިޔާ އެވެ. ދެގޮތެއްނުވެ މިއަދާއި ހަމައަށް ވެސް ހުރި އެންމެ އިތުބާރުކުރެވޭ މީހާ އެވެ. ހަލީފަށް ހެވެއް އެދިގެން ކަމެއް ކޮށްދެންޏާ ކޮށްދޭނެ ކަމަށް ހަލީފަށް އެންމެ ގަބޫލުކުރެވޭ މީހާ ވެސް މެއެވެ.
ހަލީފު ހަވާލުކުރި މަސައްކަތް ފުރިހަމަ ކުރުމުގެ ދަތުރު ނައީޒް ފެށިއެވެ. ވިސްނުންތެރިކަމާއިއެކު މަޑުމަޑުން ކުރިޔަށް ދިޔައެވެ. މަދުމަދުން އެގެއަށް ދާންފެށިއެވެ. ޢާއިލާގެ ބައެއް މީހުނާއި ގުޅުން ބަދަހި ކުރިއެވެ. ނަތީޖާ ފެނުނީ ފޮނިކޮށެވެ. ނަސީފާއާ ވާހަކަ ދައްކަން ކުރި މަސައްކަތް ކާމިޔާބު ވިއެވެ.
ނައީޒްގެ ޢަމަލުތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ސާޒިން އެކަމަކާއި ނުވިސްނައެވެ. ނަސީފާ އާއި ސާޒިންގެ މެދުގައި ވަނީ ޙަޤީޤީ ލޯތްބެވެ. އެ ދެމެދަކަށް އެކަކަށް ވެސް ނުވަދެވޭނެއެވެ. ނަސީފާ އޭނާއަކަށް ދެރައެއް ނުދޭނެއެވެ. ބޭވަފާތެރިއެއް ނުވާނެއެވެ. ދުނިޔެ އުމުރަށް އޭނާގެ މީހެއްގެ ގޮތުގައި ހުންނާނެއެވެ.
〈〈═════»❣❤❣«═════〉〉
ރޭގަނޑުގެ ވަގުތެވެ. ހަނދުވަރުގެ ފުރިހަމަ އަލިން ސަރަހައްދު އެކުގައި ވަނީ އަލިވެ އުޖާލާ ވެފައެވެ. މަޑުމަޑުން އައިސް ގޮނޑުދޮށަށް ބީއްސާލާ ރާޅާއިއެކު މަޑުމަޑުން ހެލުވިލާ އަކިރިތަކުން އިވޭ އަޑު ފިޔަވައި އެހެން އަޑެއް ނުވެސް އިވެއެވެ. ސަރަހައްދުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމޭ ވެސް ބުނެވިދާނެއެވެ.
ނަސީފާ އާއި ސާޒިން ތިބީ ރަށުގެ ހުޅަނގުކޮޅު ތުނޑިމަތީގައެވެ. ލޯބީގެ އުފަލާއި ހިތްހަމަ ޖެހުން ހޯދުމުގައެވެ. ލޯތްބާއި ހިތްހަމަޖެހުން ހޯދައި ދިނުމުގައެވެ. ދެކެވެމުންދިޔަ ވާހަކައިގެ ތެރެއިން ހަލީފްގެ ވާހަކަ ނަސީފާ ދެއްކިއެވެ. ނަސީފާގެ ލޯތްބަށް އެދި އޭނާ ސަލާން ޖަހަމުންދާ ވާހަކައެވެ. ނަސީފާ އާއި ސާޒިންގެ މެދުގައި އޮތް ލޯބީގެ ގުޅުމުގެ ވާހަކަ ދެއްކުމުން ވެސް އެކަން ހުއްޓާނުލި ވާހަކައެވެ. އޭނާގެ އުނދަގޫ އިތުރު ވަމުން އަންނަ ވާހަކައެވެ.
ނަސީފާއަށް ޓަކައި ސާޒިން ހުރިހާ ދުވަހަކު ސާޒިންގެ މީހެއްގެ ގޮތުގައި ހުންނާނެ ކަމުގެ ޔަގީންކަން ނަސީފާ ދިނެވެ. ނަސީފާ ބޭނުންވި ޔަގީންކަން ސާޒިންގެ ފަރާތުން ލިބުނެވެ. ކަންތައް ކުރަންވީ ގޮތާއި ބެހޭގޮތުން ސާޒިން ވާހަކަ ދެއްކިއެވެ. އެވާހަކަތައް ނަސީފާ ގަބޫލުކުރި ވެސް މެއެވެ.
〈〈═════»❣❤❣«═════〉〉
ނަސީފާގެ ލޯބި ހާސިލު ކުރުމަށްޓަކައި ހަލީފަށް ކުރެވޭން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދިޔައެވެ. ހަލީފަށް ނަސީފާ ނުލިބިގެން އުޅެނީ ސާޒިންގެ ސަބަބުން ކަމަށް ވާތީ އެގުޅުން ކަނޑުވާލެވޭނެގޮތެއް ވޭތޯ ވެސް އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. އެއިން ކޮންމެ ކަމެއްގައި ނައީޒްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ހަލީފަށް ލިބެމުން ދިޔައެވެ.
ކުރަމުންދިޔަ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން ހަލީފާއި ނައީޒްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ސާޒިނަށް އިންޒާރު ދިނެވެ. އެކަން ހުއްޓާނުލުމުން އޭނާގެ ސައިކަލަށް ގެއްލުން ދިނެވެ. ބިރުދައްކައި އަނިޔާ ކުރުމަށް މަސައްކަތް ކުރިއެވެ.
ސާޒިންއަކީ ވިސްނުންތެރި ކެތްތެރި މީހެކެވެ. އޭނާ މަސައްކަތްކުރީ އެމީހުނަށް ވިސްނައިދޭށެވެ. ގަދަކަމުން ލޯބި ހާސިލެއް ނުވާނެކަން ބުނެދޭށެވެ. ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އެހެން ނޫނީ އުފެދޭނީ އެހެން ކޮންމެވެސް ގުޅުމެކެވެ. ފަހަރުގައި އެއީ ހަމްދަރްދީ ނުވަތަ އަޅާލުން ކަމަށް ވެސް ވެދާނެއެވެ. ދަހިވެތި ކަމަށް ނުވަތަ އަމިއްލަ އެދުމަށް ވެސް ވެދާނެއެވެ.
〈〈═════»❣❤❣«═════〉〉
ނަސީފާ އާއި ސާޒިން ގެއިން ބޭރުގައި ބާއްވަމުން އައި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލީ ނަސީފާ އެގޮތް ބޭނުން ވެގެންނެވެ. ހަލީފާއި ނައީޒްގެ އުނދަގުލުން ސަލާމަތްވުމަށް ޓަކައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ނަސީފާ ބުނުމުން ސާޒިން އެގޮތް ގަބޫލުކުރި އެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުމަށްވުރެ ނަސީފާގެ އުފަލާއި ހިތްހަމަ ޖެހުން ސާޒިނަށް މުހިންމެވެ.
〈〈═════»❣❤❣«═════〉〉
ރިޟުވާނާއި ސާޒިން ދިމާވީ ކޮފީޝޮޕުންނެވެ. ދޭތެރެއަކުން ކަހަލަ ގޮތަކަށް އެކުގައި ގޮސް ކޮފީބޮއެ ވާހަކަ ދައްކާ ގާތް ގުޅުމެއް އޮންނަ ރިޟުވާންއަކީ ސާޒިންގެ ކުލާސްމޭޓެކެވެ. ދެކެވެމުންދިޔަ ވާހަކައިގެ ތެރެއިން ރިޟުވާން ކުއްލިއަކަށް ފެށި ވާހަކައިން ސާޒިނަށް ލިބުނީ ހައިރާން ކަމެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ރިޟުވާނާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ ހައިރާންކަމާއި އެކުއެވެ.
” ކީއްވެ ތިހެން ތިއެހީ؟ ” ސާޒިންގެ ކިބައިން ފާޅުވީ ކަންބޮޑުވުމެވެ.
” ފެނުނު މަންޒަރަކުން އެހެން ހީވީމަ އަހާލީ. މިހާރު ދެ ރެއަކު ފެނިއްޖެ ނަސީފާއާ ނައީޒް އެގެކައިރީ ގޯޅިގަނޑު ތެރެއިން. ތިބިގޮތުން ހީވަނީ ދެ ލޯބިވެރިންހެން. އެހެން ރެއަކު ފިހާރައިން އަންނަނިކޮށް އަންހެނުންނަށް ވެސް އެކަހަލަ މަންޒަރެއް ފެނުނު ވާހަކަ ބުނި. ” ރިޟުވާން ހާމަކުރީ ޙަޤީޤަތެވެ. ނަސީފާ އާއި ސާޒިންގެ މެދުގައި އޮތް ލޯބި އެގޮތުގައި ކުރިޔަށް ދާކަމެއް އޭނާއަކަށް ނޭނގެއެވެ.
ނަސީފާއާ ބައްދަލުކޮށް ސާޒިން އެވާހަކަ ދެއްކިއެވެ. ނަސީފާ ފެށީ ރޯށެވެ. މީހުން ދައްކާ އެފާޑުގެ ވާހަކަތައް ގަބޫލު ނުކުރުމަށް އެދުނެވެ. އެމީހުން މަސައްކަތް އެ ކުރަނީ މި ގުޅުން ހަލާކުކޮށްލުމަށް ކަމަށް ބުންޏެވެ. ބަޔަކު އުފަލުގައި އުޅޭނަމަ އެފަދަ މީހުންގެ ހިތަށް ކެތް ނުވާނެކަން ހަނދާންކޮށް ދިނެވެ. އޭނާއާމެދު ޝައްކު ނުކުރުމަށް އެތައް ފަހަރަކު އެދުނެވެ. ސާޒިން ދެކެ އޭނާ ވަނީ ޙަޤީޤީ ލޯބިކަމަށް ބުނެ ހެކި ދެއްކިއެވެ. ދުވަހަކު ވެސް ސާޒިނަށް އޭނާ ބޭވަފާތެރި ނުވާނެކަމަށް ހުވާކުރިއެވެ.
ނަސީފާގެ ވާހަކަތަކުގެ ސަބަބުން ސާޒިން ހަމައަކަށް އެޅުނެވެ. ހާސްކަމާއި ނުތަނަވަސްކަން ފިލައި ހިތަށް ހަމަޖެހުން ލިބުނެވެ. އިތުބާރު ބޮޑުވިއެވެ. ޝައްކު ކުރެވުނީތީ ދެރަވެ މަޢާފަށް އެދުނެވެ. ރިޟުވާނު ދެކެ ރުޅި އާދެވުނެވެ. މިހާރުން މިހާރަށް ގުޅުން ކަނޑާލުމަށް ވެސް ހިތަށް އެރިއެވެ.
〈〈═════»❣❤❣«═════〉〉
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު ނަސީފާގެ ފަރާތުން ބަދަލުތަކެއް ސާޒިނަށް ފާހަގަވާން ފެށިއެވެ. ބައްދަލުކުރަން ދިއުމުން ބައްދަލު ނުވާ ފަހަރު ގިނަވާން ފެށިއެވެ. ފޯނުކުރިޔަސް ޖަވާބު ދެވެނީ މަދު ފަހަރަކުއެވެ. އަބަދު ވެސް އުޅެނީ ބިޒީކޮށެވެ. ގޭތެރޭގެ މަސައްކަތްތައް ގިނަވީމަ ވަގުތު ނުދެވެނީއެވެ. ފާޑުފާޑުގެ ވާހަކަތައް މީހުން ދައްކާތީ ބޭރަށް ދާކަށް ބޭނުމެއް ނުވެއެވެ.
ނަސީފާ އާއި ނައީޒްގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ވާހަކަ ސާޒިނަށް އަޑުއިވުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އެކަމާއި ގުޅުންހުރި އެތައް ވާހަކައެއް އޭނާ ކިޔައިދިނެވެ. ގަބޫލު ނުކުރަންޏާ ހެކި ދައްކާފާނެކަމަށް ވެސް ބުންޏެވެ.
ކުރިން ވީހެން ވެދާނެހެން ހީވުމުން ސާޒިން ބޭނުންވީ ނަސީފާއާ ހަމައަށް ނުގޮސް އެކަން ބަލާށެވެ. ޔަގީން ކުރާށެވެ. ސާޒިން ބޭނުންވި އެހީތެރިކަން ރަހުމަތްތެރިޔާގެ ފަރާތުން ލިބުނެވެ.
〈〈═════»❣❤❣«═════〉〉
އިރާކޮޅުގެ ވަގުތެވެ. ރަށުތެރެއަށް ފެތުރިފައި އޮތީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ވަގުތުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. މަގެއް މަތިން މީހަކު ފެންނަނީ ވަރަށް މަދުންނެވެ.
ނަސީފާއާ ބައްދަލުކުރަން ސާޒިން ދިޔައީ ނަސީފާމެން ގެއަށެވެ. ނަސީފާމެން ގެއިން ނުކުމެގެން އައި ނައީޒާއި ސާޒިން ދިމާވިއެވެ. ނައީޒްގެ ކިބައިން ފެންނަމުން ދިޔަ އުފަލާއި ހިތްހަމަ ޖެހުން ސާޒިނަށް ފާހަގަވިއެވެ.
އިވެމުންދާ ވާހަކަތަކާއި ބެހޭގޮތުން ސާޒިން ކުރި ސުވާލަށް ނަސީފާއަކަށް ޖަވާބެއް ނުދެވުނެވެ. ފެނުނު މަންޒަރުތަކުގެ ވާހަކަ ދެއްކުމުން އިތުރަށް ހުއްޓުން އެރިއެވެ. ދިފާއުގައި ދައްކާނެ ވާހަކައެއް ނޭނގުނެވެ. ސާޒިން ދައްކާ ވާހަކަތައް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ސަމާލުކަމެއް ވެސް ނުދިނެވެ.
ނަސީފާގެ އަނގައިން ސީދާ ނުބުންޏަސް ސާޒިންއަށް ޖަވާބު ލިބުނެވެ. ނަސީފާ ބޭނުންވަނީ ސާޒިންއާ ދުރަށް ދާށެވެ. އަބަދުގެ އަބަދަށް ސާޒިންގެ މަތިން ހަނދާން ނައްތާލާށެވެ. ކިތަންމެ ދެރަވި ނަމަވެސް ސާޒިން ހިތްވަރުކުރިއެވެ.
〈〈═════»❣❤❣«═════〉〉
ނަސީފާ އާއި ނައީޒްގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކަ އަޑުއިވުމާއިއެކު ހަލީފްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭނާއަށް އެހީތެރިވުމުގެ ނަމުގައި ނައީޒް ގޮސް އޭނާއަށް ލަނޑެއް ދިނީތީ ވަރަށް އެއްޗެތި ކިޔެވެ. ހެއްދެވި ނުހެއްދެވިއަށް ގޮވާލިއެވެ. ދުވަހަކު ވެސް އެކަން ހަނދާން ނައްތާނުލާނެ ކަމަށް ބުންޏެވެ. ބަދަލު ހިފާނެކަމަށާއި އެކަމުގެ ރަހަ ހިތިވާނެކަމަށް ބުނެ އެތައް އިންޒާރެއް ދިނެވެ.
ނަސީފާ ކައިރިއަށް ނައީޒް ދިޔައީ ހަލީފަށް ނަސީފާގެ ލޯބި ހޯދައިދޭ ކަނދުފައްޗެއްގެ ގޮތުގައި ނަމަވެސް، މަންޒަރު ބަދަލުވެގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. ލަނޑު ލިބުނީ ސާޒިނަކަށް ނޫނެވެ. ސާޒިނަށް ލަނޑުދޭން އުޅުނު ހަލީފަށެވެ. ހަލީފާއި ނައީޒްގެ ގުޅުންކެނޑި ނަސީފާ އާއި ނައީޒްގެ މެދުގައި ލޯބީގެ ގުޅުން ފެށުނެވެ. ނަސީފާ ކައިވެނިކުރީ ހަލީފް ކަނދުފައްޗާއި އެވެ.
❈────────•✦•❅•✦•───────❈
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި