އެޑިޓަރުގެ ބަސް:

މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

ވިޖުދާން މަސައްކަތް ކުރަމުންދާ އޮފީހަކީ ސައުވީސްގަޑިއިރު ޚިދުމަތްދޭ އޮފީހެކެވެ. މަސައްކަތްތައް ހުންނަގޮތުން ދުވާލުގެ ޑިއުޓީއަށްފަހު ބައެއް ރޭރޭ ވެސް އޮފީހަށް ނުކުންނަން ޖެހެއެވެ. އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަންމުންދާ މަސައްކަތުގެ ގޮތުން ރޭގަނޑު އޮފީހަށް ނުކުންނަން ޖެހޭ މީހުންގެ ތެރޭގައި ވިޖުދާން ހިމެނެއެވެ. އެގޮތަށް އެންމެ ގިނައިން އޮފީހަށް ނުކުންނަން ޖެހޭ އެކަކީ ވެސް އޭނާއެވެ.

އޮފީހުގެ މަސައްކަތުގެ ތެރެއިން ލިބޭ ހުސްވަގުތުތަކުގައި ވިޖުދާން އެންމެގިނައިން ކުރާ ކަމަކީ ފޭސްބުކް ބޭނުން ކުރުމެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ލިބުނަސް އޭނާގެ ކަމަކީ އެއީއެވެ. އެއާއިނުލައި އޭނާއަކަށް ނޫޅެވޭނެއެވެ. އޭނާއަކީ އެއަށް ދެވި ހިފާފައިވާ މީހެކެވެ.

ރައްޓެއްސަކާއިއެކު ނުވަތަ ރައްޓެހި ގުރޫޕަކާއިއެކު ކޮފީއަކަށް ދިޔަޔަސް ވިޖުދާން ގިނަވަގުތު އިންނަނީ ފޭސްބުކު ބޭނުން ކުރުމުގައެވެ. ފުރަތަމަކޮޅު ބައެއް މީހުން އެކަމާއި ހިތްހަމަ ނުޖެހުނަސް މިހާރު އެކަމާއި އަޅާލާ މީހަކު ނޫޅެއެވެ. ވިޖުދާން ގަބޫލުކުރާ ޒަމާނީ ތަރައްޤީގެ ތެރެއަށް ގިނަބަޔަކު ވަދެއްޖެއެވެ. ފޭސްބުކު ބޭނުން ކުރުމާއި އިންޓަރނެޓްގައި ހޭދަކުރާ ވަގުތު އެމީހުންގެ ވެސް ދިޔައީ އިތުރުވަމުން ނެވެ. ވިޖުދާން ބޭނުންވާގޮތް ވާތީ އޭނަ ހުރީ ހިތްހަމަ ޖެހިފައެވެ.

ދުރުގައި ތިބޭ ޢާއިލާގެ މެންބަރުންނާއި ރައްޓެހިންނާއި ބައްދަލުކޮށް ވާހަކަ ދައްކާ އުޅެލަން ފޭސްބުކު އެއީ ރަނގަޅު ވަސީލަތެކެވެ. އިސްތިހާރުތައް ކޮށްލާ މުހިންމު މެސެޖްތައް ގިނަބަޔަކާއި ހިއްސާކޮށްލަން ބެލިޔަސް އެއީ ހަރަދުކުޑަ ލުއި މަގެކެވެ. ބޭނުންތެރި އެތައް މަޢުލޫމާތެއް އެއިން ލިބިއެވެ. ބޭނުން ކޮންމެ ދާއިރާއެއްގެ މަޢުލޫމާތު ފެންނަން ހުރެއެވެ.

ވިޖުދާންގެ ބައެއް ރައްޓެހިން ފަދައިން އޭނާ ވެސް ފޭސްބުކުގައި ދެ އައިޑީއެއް ބޭނުން ކުރެއެވެ. އެންމެގާތް މީހުނަށް ވެސް ނޭނގޭ އެއައިޑީއަކީ ބޮޑު ސިއްރެކެވެ. މީހުން ހައްދާލާ މަޖާކޮށްލުން ކަހަލަ ކަންތައް ކޮންމެވެސް ވަރަކަށް ކޮށްލަން ޖެހޭނެކަމަށް ވިޖުދާނާއި އޭނާގެ ރައްޓެހިން ގަބޫލުކުރެއެވެ.

ވިޖުދާން ބޭނުން ކުރަމުންދާ އަންހެންނަމުގެ އައިޑީއަކީ ވަރަށް ކާމިޔާބު އައިޑީއެކެވެ. ދިވެހި އަންހެން ކުއްޖެއްގެ ފޮޓޯތަކެއް އެޑިޓްކޮށްގެން ބޭނުން ކޮށްފައިވާ އެއައިޑީ ބޭނުންކުރަން ފެށިތާ ސައުވީސް ގަޑިއިރު ހަމަނުވަނީސް ސަތޭކައަށްވުރެ ގިނަ ފްރެންޑް ރިކުއެސްޓް ލިބުނެވެ. މުޅިންހެންހުރީ ފިރިހެން ނަންނަމުގައި ހަދާފައިހުރި އައިޑީތަކެވެ. ގިނައީ ދިވެހި ފިރިހެނުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިކަމަށް ދިވެހިން ދީފައިވާ ސަމާލުކަން ފެނި ވިޖުދާން އުފާވިއެވެ.

އޮންލައިންކޮށް ދިމާވާ ކޮންމެ ފިރިހެނަކާއި ވެސް ވިޖުދާން ވާހަކަ ދައްކަމުން ދިޔައީ ހުޅުވާލެވިފައިވާ ސާފު ހިތަކާއި އެކުގައެވެ. އެއްވެސް ކަމެއް އޮޅުވާލުމެއްނެތި ތެދުވެރިކަމާއި އެކުގައެވެ. ޒަމާނީ ޒުވާނުން ގަޔާވާފަދަ އޯޕަންމައިންޑް އަންހެން ކުއްޖެއްގެ ގޮތުގައި ވެސް މެއެވެ.

އެއައިޑީގެ ސަބަބުން ލިބެންފެށި ކުރިއެރުމާއިއެކު ވިޖުދާން އެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ. ވާނުވާ ނޭނގޭ ވަރަށް އެތައް ޒުވާނުންނަކަށް އޮޅުވާލިއެވެ. ވާވައްދާލިއެވެ. އެބައި މީހުން އަތުން އެތައް މަންފާއެއް ހޯދިއެވެ. ބައެއް ޒުވާނުންގެ ބަރަހަނާ ފޮޓޯ ހޯދައި ބުލެކްމެއިލް ކުރިއެވެ. އެ ފޮޓޯތައް ބޭނުން ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދިއެވެ.

މީހުނަށް މަކަރު ހަދައި އޮޅުވާލުމުގައި އޭނާއާ ވާދަކުރެވޭވަރުގެ އެހެން މީހަކު ނުހުންނާނެކަމުގައި ވިޖުދާންގެ ހިތް އަބަދު ވެސް ބުނެއެވެ. އެހެން މީހަކަށް އޭނާއަކަށް ލަނޑެއް ނުދެވޭނެއެވެ. މަކަރުހަދައި އޮޅުވާލައިގެން އޭނާގެ ފަރާތުން ކުނޑިފުކެއް ވަރުގެ މަންފާއެއް ވެސް ނުހޯދޭނެއެވެ. އެފަދަ މީހުންގެ ކިބައިން ސަލާމަތްވާނެ ކުޅަދާނަކަމާއި އުކުޅުތައް އޭނާއަށް އެނގެއެވެ. އެފަދަ އެތައް ތަޖުރިބާއެއް އޭނާ ކޮށްފިއެވެ.

މެންދަމުން އަލިވެ ދޭއް ޖަހާކަން ހާއިރެވެ. ވިޖުދާން އޭނާގެ މަސައްކަތްތައް ހަމައަކަށް އަޅުވާލުމަށްފަހު ކޮފީއެއް ގިރާލިއެވެ. އެހެން މީހުން ކޮބައިތޯ ބަލާލަން ބޭރަށް ބޯދިއްކޮށްލިއިރު އެމީހުން އެމީހުންގެ މަސައްކަތާއިގެން އަވަދިނެތި އުޅެމުން ދިޔައެވެ. ކޮފީތަށި ހިފައިގެން އައިސް މޭޒުކައިރީ ހަމަޖެހިލަމުން ފޯނު ނެގިއެވެ.

ފޭސްބުކް ހުޅުވާލުމާއިއެކު ފުރަތަމަ ވެސް ފެނުނީ ފްރެންޑް ރިކްއެސްޓެކެވެ. ރީތިރީތި ދިވެހި އަންހެންކުއްޖެއްގެ ފޮޓޯއެކެވެ. ދިވެހިވަންތަ އާދައިގެ ހެދުމެއް އަޅައިގެން ހުރިއިރު މޭކަޕްގެ އަސަރު އެއްވެސް ވަރަކަށް ނެތެވެ. ލޯބިލޯބި ދޮން މޫނަކާއި ބޮޑު ދެލޮލެވެ. އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ގުދުރަތުގެ ފުރިހަމަކަމެވެ.
ވިޖުދާންގެ ހިތުގައި އެސޫރައަށް ޝަޢުޤުވެރިކަން އުފެދުނެވެ. ކާކުތޯ ބަލާލަން ބޭނުންވިއެވެ. ކަންކޮޅު ކޮށްޓާލިއިރު ބޭނުން ކުރަމުންދާތާ އަހަރެއްހައި ދުވަސް ވެފައިވާ އައިޑީއެކެވެ. ރައްޓެހިންތައް ބައިވަރެވެ. މާލޭގައި ދިރިއުޅޭ މާލޭ ކުއްޖެކެވެ. މިހާރުގެ އާދަތަކަށް އެންމެ ލޯބިކުރާ ޒަމާނީ ޒުވާނެކެވެ.

ހަސަނަށް ހީވާނީ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެ ހެނެވެ. ކޮންމެވެސް މީހަކު އަންހެން އައިޑީއެއް ހަދައިގެން އޭނާ ހައްދަން މަސައްކަތް ކުރަނީބާއޭ ވިޖުދާންގެ ހިތަށް އެރިއެވެ. އޭނާ ނޫނަސް އެކަހަލަ ބައިވަރު މީހުން އުޅޭކަން އޭނާއަށް އެނގެއެވެ. އެކަހަލަ އެތައް ވާހަކައެއް އޭނާ އަޑުއަހައިފިއެވެ. އެތައް ބަޔަކު ބޮނޑި ބޮއެފިއެވެ.

ފްރެންޑް ރިކްއެސްޓް ބަލައިގަތުމާއިމެދު ގޮތެއް ނިންމަން ވިޖުދާނަށް ފަސޭހައެއް ނުވިއެވެ. ވިސްނާލަން އެތައް އިރަކު އިންނަން ޖެހުނެވެ. ކޮންމެ ފޮޓޯއެއް ވަކިވަކިން އެތައް ފަހަރަކު ބެލުނެވެ. އެރީތިކަމާއި ފުރިހަމަކަމަށް ހިތް ލެނބެމުން ދިޔައީ ކެތްކުރަން ދަތިވާވަރަށެވެ.

ބޭނުން ގޮތަށް ކަންތައް ކުރިޔަށް ނުދަންޏާ ވާހަކަ ނުދައްކާ ހުރެވިދާނެއެވެ. އެވަރުން ނުވެއްޖެނަމަ ބުލޮކް ވެސް ކޮށްލެވިދާނެއެވެ. ފްރެންޑް ރިކްއެސްޓް ވިޖުދާން ބަލައިގަތެވެ.

ރިނާސާ އިނީ އޮންލައިންގައެވެ. ވިޖުދާން ވާހަކަ ދައްކާއުޅޭ އެހެން އެއްވެސް މީހަކު އެވަގުތު އޮންލައިންގަނެތެވެ. ރިނާސާއާ ވާހަކަދައްކާލަން މިއަށްވުރެ ރަނގަޅު ވަގުތެއް ނުލިބޭނެކަން އޭނާއަށް ޔަގީންވިއެވެ. މިވާގޮތެއް ވާނީ ޓެސްޓްކޮށްލާށޭ އޭނާގެ ހިތް ބުންޏެވެ.

ވިޖުދާން ހައި ގޮވާލުމާއިއެކު ރިނާސާ ހައި ގޮވާލިއެވެ. ހާލުއަހާލުމުން ރަނގަޅުކަމަށް ބުނެ ވިޖުދާންގެ ހާލު ވެސް އަހާލިއެވެ. ކުރަމުންދިޔަ ކޮންމެ ސުވާލަކަށް ޖަވާބު ދެމުން ވާހަކަ ދައްކަމުން ދިޔައެވެ.

” ފަރީލާ …. ” ރިނާސާގެ އަސްލުނަން ބުނުމާއިއެކު ވިޖުދާނަށް އެނަން ކިޔައިލެވުނެވެ. ކުރިން ކުރެވެނު ޝައްކު އަނެއްކާ ބޮޑުވިއެވެ. ކޮންމެވެސް އޮޅުވާލުމެއް އެބައުޅެއޭ ހިތް ބުންޏެވެ.

އެއް ނަމެވެ. އެއް އުމުރެވެ. އެއް ރަށެވެ. އުޅެނީ މާލޭގައެވެ. އެހުރިހާ ކަމެއް އެހެން ދިމާވި ނަމަވެސް މި ރިނާސާ އަކީ އޭނާގެ އަންހެނުން ނޫންކަން ވިޖުދާނަށް ޔަގީނެވެ. އޭނާގެ އަންހެނުންނަކީ ދުވަހަކު ވެސް ފޭސްބުކު ބޭނުންކުރި މީހެއް ނޫނެވެ. މިހާރު ވެސް އޭނާ އެކަމެއް ނުކުރެއެވެ. އެ ދެމަފިރިންގެ މަޢުލޫމާތު އެނގޭ ކޮންމެވެސް މީހަކު ވިޖުދާން ހައްދަނީއެވެ. އޭނާއަށް ލަނޑެއް ދޭން މަސައްކަތް ކުރަނީއެވެ.

އިތުރަށް ފަރީލާއާ ވާހަކަދައްކައި އެއީ އަންހެން ކުއްޖެއްކަން ޔަގީންކުރަން ބޭނުންވި ނަމަވެސް ވިޖުދާނަކަށް އިތުރު ފުރުސަތެއް ނުލިބުނެވެ. ފަރީލާ އޮފްލައިންވީ ބުނެވެސް ނުލައެވެ. ވީ ފޫއްސާއިއެކު ރުޅިވެސް އައެވެ.

ރިނާސާގެ ނަމުގައި އުޅޭ ފަރީލާއާބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ އޭނާގެ އައިޑީއާއި އެއާއި ގުޅިފައިވާ އެތައް ތަނަކާއި އެތައް ބައެއްގެ މަޢުލޫމާތު ވިޖުދާން ހޭވިއެވެ. އެތައް މަޢުލޫމާތެއް ލިބުނެވެ. އެއީ އަންހެން ކުއްޖެއްކަން ޔަގީނާއި ގާތަށް އެނގުނެވެ. އެކަމު އެވަރުން ވެސް ފުއްދާލެވޭކަށް ނެތެވެ. އެކަމަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދެވުމާއިއެކު، ވިޖުދާން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އޭނާގެ އަންހެނުންގެ ފޯނު ޗެކުކުރުމެވެ. އޭނާއަށް ސައްކެއް ވެސް ނުވާނެހެން ވިޖުދާން ބަލަން ބޭނުންވި ހުރިހާ އެއްޗެއް ބެލިއެވެ. އޭނާގެ ހީކުރުން ކިތަންމެހާ ވެސް ތެދެވެ. އެއީ އޭނާގެ އަންހެނުންނެއް ނޫނެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ރޭތަކާއި ދުވަސްތައް މާޒީއާ އެކުވަމުންދިޔައެވެ. ފަރީލާއަކީ އަންހެން ކުއްޖެއްކަން ޔަގީންވާވަރަށް ވިޖުދާން މަޢުލޫމާތު ހޯދިއެވެ. މަޑުމަޑުން ގުޅުން ބަދަހިކުރަމުން ބަދަހިކުރަމުން އައިސް ވަރަށް ގާތްކޮށްލިއެވެ. އެރީތިކަމާއި ފުރިހަމަކަމުގެ އަވާގައި ޖެހި ވިޖުދާން މުޅިން މޮޔަކޮށްލައިފިއެވެ. އެ ރީތި ބަސްމަގާއި ޅެންވެރިކަމުގައި އޭނާ ދިވާނާ ކޮށްލައިފިއެވެ.

ފަރީލާ އާއި ވިޖުދާން އާންމުކޮށް ޗެޓުކުރަނީ ވިޖުދާންގެ ޑިއުޓީގަޑީގައެވެ. ހާއްސަކޮށް ވިޖުދާންގެ ދަންވަރު ޑިއުޓީ ގަޑިއަކީ އެދެމީހުންގެ ރަސްމީގަޑިއެވެ. ދަންވަރު ދޭއް ތިނެއް ޖަހަންދެން ވެސް ވިޖުދާނާއި ވާހަކަ ދައްކަން ފަރީލާ އޮވެއެވެ. އެފަދަ ވަގުތެއްގައި އެފަދަގޮތަކަށް ވިޖުދާނާއި ވާހަކަދައްކަން މަޑުކުރާނީ ފަރީލާގެ ހިތުގައި ވެސް އޭނާއާމެދު ޝަޢުޤުވެރިކަން އޮތުމުންކަމުގައި ވިޖުދާންގެ ހިތް ބުނެއެވެ.

ފަރީލާގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމުގެ ސަބަބުން ވިޖުދާންގެ އުންމީދު އާވިއެވެ. ބޭނުންވާ ފޮނިމީރުކަން ލިބޭނެކަމުގެ ޔަގީންކަން ބޮޑުވިއެވެ. ފަރީލާ ވެސް ހުންނަނީ ވިޖުދާނާއި ވާހަކަދައްކަން ބޭނުންވެފައިކަން އޭނާގެ ޢަމަލުތަކާއި ބަސްމަގުން އެނގެއެވެ. ބައެއް ފަހަރު ވިޖުދާނަށްވުރެ ކުރިން ފަރީލާ ގޮވާލައެވެ. ހަބަރެއްނުވެ އެންމެ ދުވަހެއް ދިޔަޔަސް ސުވާލުކުރެއެވެ. ހަބަރެއް ނުވާތީ ޝަކުވާ ކުރެއެވެ.

ފަރީލާ ބުނާގޮތުން އޭނާއަކީ ވަރަށް މުހިންމުވެގެން ނޫނީ ބޭރަށް ނުކުންނަ މީހެއް ނޫނެވެ. ވަޒީފާއަކަށް ނުދިޔަޔަސް އޭނާ ވަރަށް ބިޒީއެވެ. ގަޑިން ގަޑިއަށް ކައްކައި ކާން ހެދުމުގެ އިތުރުން ގޭތެރެ ސާފުކޮށް ބެލެހެއްޓުމާއި ދޮވެ އިސްތިރި ކުރުންފަދަ ހުރިހާ ކަމެއް ކުރަނީ އޭނާއެވެ. އެހުރިހާ ކަމެއް ނިންމާފައި ލިބޭ ވަގުތުތަކުގައި ފެހުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް އޭނާ ކޮށް އުޅެއެވެ. އެކަމުން އެކަށީގެންވާ އާމްދަނީއެއް ވެސް ލިބެއެވެ. ބޭރަށް ނުކުމެ ވަގުތުތައް ބޭކާރު ކޮށްލުމަށްވުރެ އެގޮތް މާރަނގަޅެވެ.

ކުއްލިއަކަށް ޖީބުން ފޯނެއް ނަގައި އޭނާގެ އަންހެނުންނަށް ވިޖުދާން ގުޅާލިއެވެ. ދެފަހަރަށް ގުޅައިގެން ވެސް ޖަވާބެއް ނުލިބުނެވެ. ހޭލާ އޮތްނަމަ ފޯނަށް ޖަވާބު ދޭނެއެވެ. ފޭސްބުކުން އޭނާއާ ވާހަކަ ދައްކަމުންދިޔަ ފަރީލާ އޭރުވެސް ވާހަކަ ދައްކަމުން ދިޔައެވެ. އެއްގޮތް ކިތަންމެކަމެއް ހުރި ނަމަވެސް ފޭސްބުކުން ވާހަކަ ދައްކަމުން އެދަނީ އޭނާގެ އަންހެނުން ނޫންކަން ވިޖުދާނަށް ޔަގީންވިއެވެ.

ފަރީލާއާ ބައްދަލުކުރުމަށް ވިޖުދާން ދެކެމުންދާ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ކުރެވޭންހުރި ހުރިހާކަމެއް އޭނާ ކުރަމުން ދިޔައެވެ. އެތައް ފަހަރަކު އެތައް ގޮތަކަށް ދަޢުވަތު ދީފިއެވެ. މާލޭގައި އެންމެ ނަންހިނގާ ރެސްޓޯރެންޓްތަކާއި ހުޅުމާލޭގެ މަސްހޫރު ތަންތަނުންނެވެ. ރާއްޖޭގެ ބައެއް ރިސޯޓްތަކާއި ރާއްޖެތެރޭގެ ހިތްގައިމު ރައްތަކުންނެވެ.
ވިޖުދާން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ވާނެ ކަމުގެ ކޮޅުމަތި ފެންނަންފެށީ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭނާ އެދެމުންދިޔަ ފަދައިން އޭނާއާ ބައްދަލުކުރުމަށް ފަރީލާ އެއްބަސްވިއެވެ. ބައްދަލުވުމަށް ދާނެ ތަނާއި ގަޑި ހަމަޖެއްސީ ވިޖުދާނެވެ. ވިޖުދާންގެ ކޮންމެ ހުށަހެޅުމަކަށް އާންބަސް ބުނަމުންދާ ފަރީލާ، ވިޖުދާންގެ އެނިންމުން ވެސް ބަލައިގަތެވެ. އެބައްދަލުވުމުގައި އެހެން އެއްވެސް މީހަކު ބައިވެރިއެއް ނުވާނެއެވެ. ދެމީހުން ވެސް އެތަނަށް ދާނީ އެކަންޏެވެ. ހާއްސަކަމުން ފުރިގެންވީ މުހިންމު އެ ބައްދަލު ވުމަށް އެއްވެސް މީހެއްގެ ހިޔަންޏެއް އެޅޭކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ.

ލޯބީގެ ފުރަތަމަ ފެނިލުން ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކު ވޭތުކޮށްލަން، ވިޖުދާން ކެތްމަދުވެފައި ހުރިއިރު ފަރީލާގެ ފަރާތުން ވެސް ލިބެނީ އެފަދަ މެސެޖްތަކެވެ. ރައްޓެހިންނާއި ވެސް އެމީހުން އެކަން ހިއްސާކުރާނީ ފަހުންނެވެ.

ރޭގަނޑު އަށެއް ޖަހާކަން ހާއިރެވެ. ވިޖުދާން ތައްޔާރުވަމުން ދިޔައީ ބޭރަށްދާށެވެ. ވަރަށް މުހިންމު ބައްދަލުވުމަކަށް ދާންޖެހޭ ވާހަކަ ބުންޏެވެ. ރޭގަނޑުގެ ކެއުން ވެސް އޮތީ އެކޮޅުގައެވެ. މަޑުކުރާކަށް ވަގުތެއް ނެތެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ނުވައެއް ޖަހަނީއެވެ. މުޅިރާއްޖެއަށް މަސްހޫރު މޭރީބުރައުން ރެސްޓޯރެންޓްގެ މަތީބައިގަ، ކޮފީއެއް ހިފައިގެން އިން ވިޖުދާން އިންތިޒާރު ކުރަމުން ދިޔައީ ނުވައެއް ޖަހާނެ ވަގުތަކަށެވެ. އޭނާގެ އައު ލޯބިވެރިޔާ ފަރީލާ އެގަޑިއަށް އަންނާނެ ވާހަކަ ވަނީ ބުނެފައެވެ. ފޮޓޯތަކުން ފެންނަމުންދާ އެރީތި ފުރިހަމަ ފަރީލާ ހަމަލޮލަށް އެއަށްވުރެ ރީތިވެފައި ފުރިހަމަ ވާނެކަން ވިޖުދާނަށް ޔަގީނެވެ.

ފަރީލާ އާއި އޭނާގެ ފުރަތަމަ ބައްދަލުވުން ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާވަރުގެ ބައްދަލުވުމަކަށް ހަދަން ވިޖުދާން ހުރީ ތައްޔާރުވެގެންނެވެ.
ނުވައެއް ޖެހުމާއިއެކު ވިޖުދާނަށް ބަލައިލެވުނީ މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށެވެ.

ވިޖުދާން އެދުނު ފަދައިން މިހާރުގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެއްލައި ބެގީކޮށްގެން ހުރި ފަރީލާގެ ރީތިކަމާއި ފުރިހަމަކަން ފެނިފައި ވިޖުދާންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. އަންހެންވައްތަ އެހަށިގަނޑުގެ ފުރިހަމަކަން ކިތަންމެ ރަނގަޅަކަށް ވެސް ފާޅުވާން ހުއްޓެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުންއަރާފައި ކަހަލަގޮތަކަށް ވިޖުދާނަށް އިނދެވުނީއެވެ.

ފަރީލާ އައިސް ވިޖުދާންގެ ކުރިމަތީގަ އިށީނެވެ.

” ވަފާތެރި ތެދުވެރި އަލަތު ލޯބިވެރިޔާ! …. އަން …. މިއޮތީ އިނގިލި …. އެންގޭޖްމެންޓް އަނގޮޓި އަޅުވާ. ބުނީމެއްނު މިހާރަށް އެންމެ އެކަށީގެންވާ ފެންވަރުގެ އަގުބޮޑު ރީތި އަނގޮޓިއެއް އަޅުވައި ދޭނަމޭ. ” ވިޖުދާނާއި ދިމާއަށް ބަލަން އިނދެ ފަރީލާ އެހުރިހާ ވާހަކައެއް ދެއްކިއިރު އެއިން އެއްވެސް ވާހަކައެއް ވިޖުދާނަށް އަޑު ނީވޭ ކަހަލައެވެ.

ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި އިސްޖަހާލައިގެން ވިޖުދާން އިނެވެ. އޭނާއާއެކު އެންމެ ދުވަހަކު ވެސް އުޅެން ބޭނުން ނޫންކަމަށް ފަރީލާ ބުނުމާއިއެކު ވިޖުދާން ދިޔައީ ސިއްސައިގެންނެވެ. ވިޖުދާންގެ މަކަރުން ފުރިގެންވީ ވިޔާނުދާ އުޅުމުގެ ވާހަކަ މީހުން ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއިން އެއްވެސް ކަމަކަށް ވިޖުދާން އެއްބަހެއް ނުވިއެވެ. ވިޖުދާންގެ ވާހަކަތައް ގަބޫލުކޮށްގެން ފަރީލާ ހުރީއެވެ. ބޭނުންވި މަންޒަރު ހަމަލޮލަށް ފެނުމުގެ ކުރިން ގޮތް ނިންމާކަށް އޭނާ ބޭނުމެއް ނުވިއެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. މިއަދާއި ޖެހެންދެން ވިޖުދާންގެ ދުވަހެވެ. މިއަދަކީ ފަރީލާގެ ދުވަހެވެ.

ފަރީލާ ވަރިކޮށް އެގެއިން ނުކުތުން ނޫން ގޮތެއް ވިޖުދާނަކަށް ނޯއްނާނެއެވެ. އެއީ ފަރީލާގެ ނިންމުމެވެ. އެނިންމުން ބަދަލެއް ނުވާނެއެވެ.

ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަތްއިރު ފަރީލާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އެހެނަސް އޭނާ ދެން ފަހަތަކަށް ނުބަލާނެއެވެ.

އިންސާނުންނަށް ވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. ވިޖުދާނާއި ބެހޭގޮތުން ދައްކަމުންދިޔަ ކޮންމެ ވާހަކައަކަށް އޭނާ އިންކާރުކުރިއެވެ. އެކަން ދޮގުކުރިއެވެ. ފާޑުފާޑުގެ ވާހަކަތައް ދައްކައިގެން މީހުން އެއުޅެނީ ދިރިއުޅުން ހަލާކުކޮށްލަން ކަމަށް ބުނެއެވެ. އެވާހަކަތައް ގަބޫލު ނުކުރުމަށް އެދެއެވެ.

ވިޖުދާނާއިމެދު ސައްކުވި ހިސާބުން ފަރީލާ ބޭނުންވީ އެކަން ޔަގީންކުރާށެވެ. ވިސްނާ ފިކުރުކުރަން އެތައް ދުވަހެއް ހޭދަވިއެވެ. އެންމެގާތް އެކުވެރިންނާއި އެކަން ހިއްސާކުރިއެވެ. އެންމެ ރަނގަޅު ޚިޔާލެއް ދިން މީހަކީ ރިނާސާއެވެ. ރިނާސާ އާއި ވިޖުދާން ދުވަހަކު ވެސް ދިމައެއް ނުވެއެވެ. އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ފަރީލާގެ ފަރާތުން ވެސް ވިޖުދާނަށް ލިބިފައެއް ނުވާނެ އެވެ. އެކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް ރިނާސާ ބުނި ހިސާބުން ފަރީލާއަށް އިތުރު ހިތްވަރެއް ލިބުނެވެ.
ސޯސަލްމީޑިޔާ މެދުވެރިކޮށް ވިޖުދާން ދެއްކި ހުރިހާ ވާހަކައެއް ދެއްކީ ފަރީލާއާއެވެ. ވިޖުދާން ބޭނުންވި ފަދައިން އޭނާގެ ލޯބިވެރިއަކަށް ފަރީލާ ވިއެވެ. އޭނާއަށްޓަކައި ވަގުތު ހުސްކުރިއެވެ. އެއިން އެއްވެސް ކަމެއް ވިޖުދާނަށް ނޭނގުނު ފަދައިން ސައްކެއް ވެސް ނުވިއެވެ.

ފަރީލާއެކޭ އެއްފަދައިން ވިޖުދާންގެ ދެލޮލުން ވެސް ކަރުނަ އޮހޮރެމުން ދިޔައެވެ. ފަރީލާ ބުނި ފަދައިން ވިޖުދާން ވަނީ އެފަދަ އެތައްކަމެއް ކޮށްފައެވެ. ބައެއް ކަންކަން ފަޅާއެރުމުން އެކަންކަން ފޮރުވަން އެތައް މަސައްކަތެއްކޮށް ކާމިޔާބު ކޮށްފައެވެ. އެއިން ކޮންމެ ފަހަރަކު ވިޖުދާން ފަތުރާ ލޯބީގެ ދެއްކުންތެރި ދަލުގައި ފަރީލާ ޖެހެއެވެ. އެހެނަސް މިފަހަރު އެހެން ނުވާނެކަން އޭނާއަށް ޔަގީނެވެ.

ދުނިޔޭގެ އުފަލާއި މަޖަލަށްޓަކައި ކަންކަން ކުރަމުން ދާއިރު، ފަހުން ނުކުމެދާނެ ނަތީޖާއަކާއިމެދު ވިޖުދާންމެން ކަހަލަ މީހުން ކުޑަކޮށް ވެސް ވިސްނައެއް ނުލައެވެ. ވިޖުދާން ވެސް ބުނަމުން ދިޔައީ އެކަމުގައި މާބޮޑަށް ވެސް އޭނާ މޮޅު ވާހަކައެވެ. އޭނާއަށް ލަނޑެއް ނުދެވޭނެ ވާހަކަ އާއި އޭނާގެ ތަޖުރިބާއި އާއި ހުނަރު މާބޮޑަށް ވެސް ކުރީގައި އުޅޭ ވާހަކައެވެ. އެކަމުގައި އޭނާ ހޯދަމުންދާ ކާމިޔާބީތަކާއި ފޮނިމީރުކަން އެކަމުގެ ހެއްކަކަށް ފުދޭ ވާހަކައެވެ.

މިފަދަކަމެއް ދިމާވެދާނެ ކަމަކަށް އޭނާގެ ހިތަށް ވެސް ނާރައެވެ. ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް ބުނާ އުސޫލުން މިއަދު ލިބުނު ފިލާވަޅުން އިބުރަތް ހާސިލުކުރަން ޖެހުނުއިރު ވަގުތު ވަނީ ފާއިތުވެފައެވެ. ތެދުވެރި ވަފާތެރި އަނބިމީހާ ގެއްލި ދިރިއުޅުން ވެސް ގެއްލިފައެވެ.

ނިމުނީ

>───⇌• :🌷: •⇋───<

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.