ދިވެހި ޤައުމީ ބަޠަލް ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ ވާހަކަތައް ކިޔައިދޭ ސިލްސިލާ ޑްރާމާ “ޤައުމީ ޖިހާދު” ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ފޮނުވަން ފަށައިފިއެވެ. މި ސިލްސިލާ ދިވެހިރާއްޖޭގެ އަޑުން ފޮނުވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ހޯމަ މި ދެދުވަހުގެ މެންދުރުކުރި 11:30 ގައި ކަމަށް ޕީއެސްއެމުން ބުނެއެވެ.
ސިލްސިލާ ޑްރާމާ “ޤައުމީ ޖިހާދު” މިއީ މަޝްހޫރު ތާރީޚު ލިޔުންތެރިޔާ ކަށިމާ އަޙުމަދު ޝާކިރު ލިޔުއްވާފައިވާ ސްކްރިޕްޓަކަށް އުފައްދާ ޑްރާމާއެކެވެ.
“ޤައުމީ ޖިހާދު”ގެ ނަމުގައި ގެނެސްދޭން ފެށި މި ޑްރާމާއަކީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅަށް ބިނާކޮށް މިހާތަނަށް ގެނެސްދޭ ފުރަތަމަ ރޭޑިއޯ ޑްރާމާ ސިލްސިލާއެވެ.
މި ސިލްސިލާގައި އެޒަމާނުގެ ދިވެހިންގެ ދިރިއުޅުން ހުރިގޮތާއި، އާދަކާދަޔާއި ސަޤާފަތް ދައްކުވައިދޭނެއެވެ. އަދި ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ބޮޑުތަކުރުފާނު ރޭއްވެވި ރޭއްވެވުންތަކާއި، ކުރެއްވި ޤައުމީ ޖިހާދުވެސް ދައްކުވައިދޭނެއެވެ.
މިޑްރާމާ ބައިތައް ކުޅުމުގައި ދިވެހިރާއްޖޭގެ އަޑުގެ އޭރާއި މިހާރުގެ ޕްރެޒެންޓަރުން ބައިވެރިވެއެވެ. އަދި މި ފަންނުގެ ކުޅަދާނަ ބޭބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި ސިލްސިލާގެ ދަށުން 27 މިނެޓުގެ 15 އެޕިސޯޑު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. މި ޑްރާމާ ރޭޑިޔޯއިން ފޮނުވާ ގަޑީގައި ދިވެހިރާއްޖޭގެ އަޑުގެ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށް އަޑުއަހާލެވޭނެ ކަމަށްވެސް ޕީއެސްއެމް ނިއުސް އިން ބުނެއެވެ.
ޚަބަރަށް މަޢުލޫމާތު ނެގީ: www.psmnews.mv އިން
ލިޔުންތެރިޔާގެ ފުރަމަލަ
