އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

╌──═❁═──╌

މެންދަމުން އަލިވެ ތިނެއް ޖަހާކަން ހާއިރެވެ. ދަރިފުޅު ގޮވައިގެން ނިދާލާފައި އޮތް ސިބާނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ މޮބައިލްފޯނު ރިންގްވާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ހޯދާލަމުން ނަގައި ބަލާލިއިރު، ފޯނު ކުރަނީ ނުވެސް ދަންނަ ނަންބަރަކުންނެވެ. މިފަދަ ގަޑިއެއްގައި ނުދަންނަ ނަންބަރަކުން އެގޮތަށް ފޯނުކުރުމުން ސިބާނާގެ ހިތުގައި އުފެދުނު ސުވާލުތައް ގިނައެވެ. އެފޯނަށް ޖަވާބު ދޭނީތޯ ނުވަތަ އަޅާނުލައި ދޫކޮށްލާނީތޯ ވިސްނަން އެތައް އިރަކު އޭނާ މަޑުކުރިއެވެ.

ގުޅާ މީހަކު އެގުޅަނީ އޮޅިގެން ނޫންކަމާއި ކޮންމެވެސް މުހިންމު ކަމަކުކަން ސިބާނާއަށް ޔަގީންވީ އެއްފަހަރު ދެފަހަރު ގުޅައިގެން ޖަވާބު ނުދިނުމުން އަނެއްކާ ވެސް ގުޅީމައެވެ. ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެން ނޫނީ މިގަޑީގައި ފޯނުނުކުރާނެ ކަމަށް ނިންމައި ސިބާނާ ފޯނަށް ޖަވާބުދިނެވެ.

” އައްސަލާމް އަލައިކުން …. ސިބާ ތަ ؟ ހާލު ކިހިނެއް ….. ހޯދަން އުޅޭތާ ވަރަށް ދުވަސްވެއްޖެ. މިރޭ ނަންބަރު ލިބުނީ. ” ސިބާނާ ފޯނަށް ޖަވާބު ދިނުމާއިއެކު ފިރިހެނަކު ވާހަކަދައްކަން ފެށިއެވެ. ކަންފަތުގައި އަޑުޖެހުމާއިއެކު ވެސް އެއީ ހާނިމްގެ އަޑުކަން ސިބާނާއަށް ޔަގީން ވިއެވެ. ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސިބާނާއަށް ބަލައިލެވުނީ ނިދާފައި އޮތް ދަރިފުޅު ސެލީނާ އަށެވެ.

ހާނިމްގެ އަޑާއިއެކު ކަހަލަގޮތަކަށް ސެލީނާ ފެނުމުން ސިބާނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އޭނާގެ މާޒީއެވެ.

╌──═❁═──╌

އެއީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިއެވެ. ސިބާނާ އާއި ހާނިމް ބައްދަލުވީ ފިހާރައެއްގެ ވަޒީފާއަށް ދެމީހުންދިޔަ ދިއުމުގެ ތެރެއިން ނެވެ. ސިބާނާ އާއި ހާނިމްގެ ފުރަތަމަ ފެނިލުމާއިއެކު ވެސް އެކަކު އަނެކަކަށް ހިތް ދެވުނެވެ.

އުމުރުން އަށާރަވަރަކަށް އަހަރުގެ ސިބާނާއަކީ ހިމަތޮޅި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ ނުހަނު ރީތި ފުރިހަމަ ޒުވާނެކެވެ. މަޑުމައިތިރިކަމަށް ލޯބިކުރާ ސިބާނާއަށް ލިބިފައިވާ ދިގު ފަން އިސްތަށިގަނޑަކީ އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. އޭނާގެ ލޯތްބަށް އެދި ހުށަހެޅުންތައް ހުށަހަޅަމުންދާ މީހުންނާއި މެސެޖް ކުރަމުންދާ މީހުން މަދެއް ނޫނެވެ.

ސިބާނާއާ ޚިލާފަށް ހާނިމަކީ ހަލަބޮލި ދިރިއުޅުމަށް ލޯބިކުރާ މިޒަމާނުގެ ޒުވާނެކެވެ. ހާނިމުގެ ދިގުކޮށްފައިވާ އިސްތަށިގަނޑާއި ކަރުގައި އަޅާފައިވާ ފަށާއި އަތުގައި އަޅާފައިވާ ތަކެތިން ވެސް އޭނާގެ ހުރި ފެޝަންކަން އެނގެއެވެ. ސިބާނާ އާއި ހާނިމްގެ ލޯބި ތަރައްޤީވަމުން ދާވަރަކަށް ސިބާނާއަށް ހާނިމްގެ އުޅުން ދަސްވަމުން ދިޔައެވެ. ހާނިމުގެ ކިބާގައިވާ ޒަމާނީގޮތްގަނޑުގެ އިތުރުން އޭނާއަކީ މަސްތުވާތަކެތީގެ އަޅެއްކަން ވެސް ސިބާނާއަށް އެނގުނެވެ.

ގަޑިއަށް ކަމޭނުހިތުމާއި މަސައްކަތަށް ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން ހާނިމަށް އެތަނުގައި ހޭދަކުރެވުނީ ދެމަހެއްހާ ދުވަހެވެ. ނަސޭހަތްދީ ރަނގަޅު ނުކުރުމުން ވަޒީފާއިން ވަކިކުރިއެވެ. ވަޒީފާއެއް ހޯދަން މަސައްކަތްކޮށް ކާމިޔާބެއް ނުލިބުނުކަމަށް ހާނިމް ބުންޏެވެ. އެއްވެސް ވަޒީފާއެއް އަދާނުކުރާ ހާނިމް މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އޭނާގެ ގޭގައި ހުންނަ ބައެއް ތަކެތި ވިއްކާ ހަދައެވެ. ހާނިމުގެ އެސިފަތަކަށް ސިބާނާ ނަފުރަތުކޮށް އެފަދަ ކަންކަމުން ދުރުވުމަށް ހާނިމަށް ނަސޭހަތް ދެމުންދިޔަ ނަމަވެސް ހާނިމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ހާނިމުގެ ލޯބީގައި އާވާރާވެފައި ހުރި ސިބާނާއަކަށް ހާނިމުއާ ދުރަކަށް ވެސް ނުދެވުނެވެ. ހާނިމް ބޭނުންވާ ފަދައިން ހާނިމު ބުނާ ތަންތަނަށް ގޮސް އޭނާއާ ބައްދަލު ކުރަމުން ގެންދިޔައެވެ.

ހާނިމުގެ ވިޔާނުދާ އުޅުމަށް ނަފުރަތުކޮށް ސިބާނާ ވާހަކަދައްކާ ކޮންމެ ފަހަރަކު ހާނިމުގެ ފަރާތުން ސިބާނާއަށް ނަފުރަތުގެ ބެލުންތަކާއި ބަސްތައް ރައްދުވާން ފެށިއެވެ. ބައެއްފަހަރު ކުދިކުދި އަނިޔާތަކާއި ވެސް ކުރިމަތިލާން ޖެހެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ސިބާނާއަށް ފޯނުކޮށްފައި ހާނިމް ވަރަށް ބަލިކަމަށާއި ބައްދަލުކޮށްލާން އައުމަށް ހާނިމް އެދުމުން ހާނިމްމެން ގެއަށް ސިބާނާ ދިޔައެވެ.

ސިބާނާ ގޮސް ހާނިމުމެން ގެއަށް ވަތްއިރު އެގޭތެރެއިން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮންމެވެސް ކޮޓަރިއަކުން ލަވަޖަހާއަޑު އިވިއިވި ހުއްޓެވެ. ދެތިން ފަހަރަކު ސަލާންގޮވައި ޖަވާބެއް ނުލިބުމުން ހާނިމަށް ވެސް ސިބާނާ ގޮވިއެވެ.

ހާނިމަކީ ލަވަޖެހުމަށް ވަރަށް ލޯބިކުރާ ޒުވާނެކެވެ. ލަވަޖަހާއަޑު އިވެނީ އެ ކޮޓަރިންކަމުގައި ނިންމައި ސިބާނާ އެދިމާއަށް ހިނގައިގަތެވެ. ދެފަހަރަކު ޓަކި ޖަހައި ހާނިމަށް ގޮވާލިއެވެ. ޖަވާބެއް ނުލިބުމުން ވެރިވި ކަންބޮޑުވުމާއިއެކު ދޮރު ހުޅުވާލެވުނެވެ.

” ވަދޭ … ” ދޮރުހުޅުވާލުމާއިއެކު، ބަލިކަށި އަޑަކުން ހާނިމު ގޮވާލިއަޑު އިވުނެވެ.

ސިބާނާ މަޑުމަޑުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ރަތްކުލައިގެ ފަނޑުއަލިކަމެއް ކޮޓަރިތެރެއަށް ވެރިވެފައިވީ ނަމަވެސް އެތަނުގެ ނުތާހިރުކަމާއި ތަރުތީބެއް ނެތްކަން ފާހަގަ ކުރެވުނެވެ. ކޮޓަރިތެރެއިން ދުވާ ސިނގިރޭޓްވަހުގެ ސަބަބުން ނޭވާލާން އުނދަގޫވިއެވެ. އެނދުގައި އޮށޯވެލައިގެން އޮތް ހާނިމް އޮތީ މުޅިހަށިގަނޑު ނިވާވާހެން ބެޑްސީޓެއް އަޅައިގެންނެވެ. ކޮޓަރި ތެރެއިން ފެނުނު ކަންތައްތަކުގެ ސަބަބުން އެތަނުގައި މަޑުކުރަން އުނދަގޫވި ނަމަވެސް، ހާނިމް އޮތް ހާލު ފެނުމުން އޭނާ ދޫކޮށްލާފައި ދާކަށް ސިބާނާއަކަށް ނުކެރުނެވެ.

” ތަޅުލާފައި އާދެބަލަ .. ” ސިބާނާ ގޮސް ހާނިމް ކައިރިއަށް ހުއްޓުމުން ހާނިމް އެދުނެވެ.

ހާނިމްގެ އެ އެދުމަށް އިޖާބަދޭކަށް ސިބާނާގެ ބޭނުމެއް ނޫނެވެ. އެގޮތަށް ކަންތައް ކުރާކަށް އޭނާގެ ހިތެއް ވެސް ނޭދެއެވެ.

” ކިހިނެއްވީ؟ ….. އަހަރެންނަށް އިތުބާރު ނުކުރަނީތަ؟ މީހަކަށް މިތަނަށް އާދެވި ސިބާގެ ވާހަކަ ދައްކަފާނެތީ މިހެން މިބުނީ. ” ސިބާނާއަށް ކަމެއް ވިސްނައިދޭ ފަދައަކުން ހާނިމު ބުންޏެވެ. ހާނިމްގެ އެވާހަކަތައް ސިބާނާއަށް ގަބޫލުކުރެވުނެވެ. އޭނާއާ ބެހޭގޮތުން ނުރަނގަޅު އެއްވެސް އަޑެއް އަރާކަށް ސިބާނާ ބޭނުމެއް ނޫނެވެ. މަޑުމަޑުން ގޮސް ކޮޓަރީ ދޮރު ލައްޕާތަޅުލާފައި އައިސް ހާނިމްގެ މަގަތުން އިށީނެވެ.

” ހާނިމް! ކިހިނެތްވީ ކުއްލިއަކަށް މާބޮޑަށް ބަލިވީ؟ މިގޭ މީހުން ކޮބާ؟ ” ލޯތްބާއި އޯގާތެރިކަމާއިއެކު ހާނިމްގެ ބޮލުގައި ފިރުމާލަމުން ސިބާނާ ސުވާލު ކުރިއެވެ.

” ނޭނގެ ވީގޮތެއް ވެސް … މަންމަމެން ވީ ހުޅުމާލޭގަ. އަހަރެން ފެގެއް ބޯލަން ޖައްސާލިތަނުން ކުއްލިއަކަށް މާގަދައަށް ބޮލުގައި ރިއްސަންފެށީ. ދެން ހީކަރުވާން ފެށީ … ބެޑްސީޓް އަޅައިގެން ވެސް ބަދަލެއްނާދޭ … އަދިވެސް ހީކަރުވަނީ. ސިބާ އަހަރެންނަށް އެހީވެދީބަލަ. ” ބަލިކަށިކަމާއިއެކު މަޑުމަޑުން ވާހަކަ ދައްކަމުންދިޔަ ހާނިމް ހިފީ ސިބާނާގެ އަތުގައެވެ. މަޑުމަޑުން އެއަތް ގެނެސް އޭނާގެ ކަރުދަށުގައި ޖެއްސުވިއެވެ.

ހާނިމު ބުނިފަދައިން އޭނާ އޮތީ ވަރަށްބޮޑަށް ހުން އައިސްފަ އެވެ. ހާނިމްގެ ހާލަތުގެ އެނގުމާއިއެކު ސިބާނާ ހާސްވެ ކަންބޮޑު ވިއެވެ. މަޑުމަޑުން ހާނިމުގެ ބޮލުގައި ފިރުމާލިއެވެ. ވަރަށް އަވަހަށް ހާނިމުގެ މަންމަ އަންނާނެނަމައޭ ހިތަށް އެރިއެވެ. އިރުއިރުކޮޅުން ދޮރާއި ދިމާއަށް ބަލާލެވެއެވެ. ހަދާނެގޮތެއް ނޭނގިފައި އެތައް އިރެއްވާންދެން އޭނާއަށް އިނދެވުނެވެ.

” ސިބާ! … އަހަރެން ހީކަރުވަނީ. ” ތުރުތުރުއަޅާ އަޑަކުން ހާނިމު ބުންޏެވެ.

ސިބާނާގެ މޫނުގައި ހިފަހައްޓައި އޭނާގެ މޫނާއި ކައިރި ކޮށްލަން ހާނިމް މަސައްކަތްކުރިއެވެ.

ހާނިމުގެ އެޢަމަލުގެ ސަބަބުން ސިބާނާ ދިޔައީ ސިއްސައިގެންނެވެ. ތެޅިގެންފައި ދުރައްދާން މަސައްކަތްކުރި ނަމަވެސް ހާނިމު އޭނާގެ ގައިގާ ހިފަހައްޓާފައިވާލެއް ވަރުގަދަކަމުން ސިބާނާއަކަށް ދުރަކަށް ނުދެވުނެވެ. ފުންމައިގެން ކަހަލަގޮތަކަށް ހާނިމު އެނދުން ފައިބާ އޭނާގެ ބާރުގެ ދަށަށް ސިބާނާ ގެނައެވެ.

ހާނިމްގެ ޢަމަލުތަކާއި އޭނާ ހުރިގޮތުން އޭނާގެ ނިޔަތް ރަނގަޅު ނޫންކަން ސިބާނާއަށް ވިސްނުނެވެ. އޭނާގެ ގައިން ދޫކޮށްލުމަށް އެދި ރޮއި އާދޭސް ކުރަމުން ހާނިމްގެ ކިބައިން ސަލާމަތް ވެވޭތޯ ސިބާނާ މަސައްކަތް ފެށިއެވެ. ކިތަންމެ ބާރަށް ރޮއި ކިތަންމެ އާދޭހެއްކުރި ނަމަވެސް ސިބާނާގެ އެ ވޭނީރުއިމާއި އާދޭހުގެ އަޑުތައް އިވޭ ހިސާބުގައި އެހެން މީހަކު ނެތެވެ. ހާނިމުގެ ހިތުގައި ސިބާނާއާ މެދު ރަހުމެއް ހަމްދަރުދީއެއް ނެތެވެ. ލޯބީގެގޮތުން ގުޅިގެން މިވީ ދުވަސްތަކުގައި ވީއަހުދުތަކާއި ވައުދުތައް މަތިން ވެސް ހަނދާންނެތް ކަހަލައެވެ. ނުވަތަ ކުރީއްސުރެ ފެށިގެން އޭނާ އިންތިޒާރު ކުރަމުން އައި ފުރުސަތު ލިބުނީ ކަހަލައެވެ.

ހާނިމުގެ އަތްދަށުގައި ފިތި ބާރުވަމުން ދިޔަ ސިބާނާއާ ދިމާއަށް ހާނިމް ގުދުވަމުން ދިޔަކަން އެނގެއެވެ. އެހެނަސް ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.

ސިބާނާއަށް ހޭވެރިކަންވީ ކޮޓަރީގައި ހުރިގަޑި އެލާމް ވާންފެށި އަޑަށެވެ. އެނދުން ފައިބާން އުޅުނު ވަގުތު އެހެންކަމެއް ފާހަގަ ކުރެވުނެވެ. އެއްވެސް ނިވާކަމެއްނެތް އޭނާގެ ހަށިގަނޑަށް ނަޒަރު ހުއްޓުނީ އެވަގުތުއެވެ. އޮވެވުނު ގޮތް އިހުސާސް ވުމާއިއެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ.

ގަޑިބަލާލިއިރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ކޮޓަރީގައި އޭނާ ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. ކޮޓަރީގެ ދޮރު ހުރީ ކޮންމެވެސް ވަރަކަށް ހުޅުވާލައިފައެވެ.

ތަޅުން މައްޗަށް އެއްލާލާފައިއޮތް އޭނާގެ ހެދުން ނަގަން ބޭނުންވި ނަމަވެސް ތެދުވެގެން ދާކަށް ނުކެރުނެވެ. ވިސްނާލަން މަޑުކުރަން ޖެހުނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ބެޑްސީޓްނަގައި ގައިގާ އޮޅާލަމުން މަޑުމަޑުން ގޮސް ކޮޓަރީދޮރު ލައްޕާ ތަޅުލިއެވެ.

ވެދިޔަ ކަންތަކާއިމެދު ރުއި ހިތާމަކުރުން ނޫން ކަމެއް ސިބާނާއަކަށް ނުކެރުވުނެވެ. އެމީހަކު ދެކެ އެންމެ ލޯބިވި އަދި އެންމެ އިތުބާރުކުރި މީހާ ކަންތައްކުރި ގޮތުގެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައާއި ހިތްދަތިކަމުގައި ސިބާނާގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. ކަންތައް އެހެންވާން ބޭނުންނުވި ނަމަވެސް އެގޮތް ބަދަލެއް ވެސް ނުކުރެވުނެވެ.

ހާނިމްގެ ޚަބަރެއް ނުވެ އެތައް ދުވަހެއް ފާއިތުވެގެން ދިޔައެވެ.

ހާނިމަށް ސިބާނާ ދިން ސާފުތާހިރު ތެދުވެރި ވަފާތެރި ލޯތްބަށް އެއްވެސް އިޙްތިރާމު ކުރުމެއް ބަލާލުމެއްނެތި، ހާނިމް އޭނާގެ ސައިތާނީ އެދުމުން ފުރިގެންވީ ވަހުޝީ ފެންބޮވައިގަތުން ފިލުވުމުގެ ނަތީޖާ ފެންނާން ފެށިއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ސިބާނާގެ ހަށިގަނޑަށް ބަދަލު އަންނަމުން ދިޔައެވެ. ދިމާވި ކަންތަކާއިއެކު އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައިގެ އައްޑަނައަކަށް ސިބާނާ ވިއެވެ. ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ނުރުހުމާއި ކުރިމަތިލާން ޖެހުނެވެ. މިހާރުން މިހާރަށް ތިކަން ނިންމާލައި ދުނިޔޭގެ ލަދުން ސަލާމަތްވުމަށް ބައެއް މީހުން ނަސޭހަތް ދިނެވެ.

ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ނަފްރަތާއި ރުޅިވެރިކަމުގެ ބަސްތަކާއި ބެލުންތަކަށް ކެތްކުރުމަކީ ސިބާނާއަށް އުނދަގޫ ކަމަކަށް ވިއެވެ. ސިބާނާގެ ސަބަބުން އެމީހުނަށް ލިބެން އުޅޭ ލަދާއި މަލާމާތުން އެމީހުން ސަލާމަތް ކުރުމަށް ސިބާނާއަށް ކުރަމުންދިޔަ އަމުރު އިތުރުވާން ފެށިއެވެ. އެމީހުންގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ކުށެއް ނެތް އެ ތުއްތުތުއްތު ކުއްޖާގެ ފުރާނަ ދުއްވާލާކަށް ސިބާނާ ބޭނުމެއް ނުވިއެވެ. އޭނާ ކެތްތެރިވެ ހަމަޖެހުނެވެ.

ސިބާނާއަށް ކުރަމުންދިޔަ އަސަރު އޭނާގެ ހަށިގަނޑާއި އުޅުމުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.

ސިބާނާގެ ރައްޓެހިންގެ ތެރޭގައި ހިމެނޭ އަހްމާއަށް ސިބާނާގެ ހާލަތު އެނގުމުން އޭނާގެ ގެއަށް ސިބާނާ ގެންދިޔައެވެ. އެ ހާލުގައި ސިބާނާ އުޅޭ މަންޒަރު ބަލާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. ސިބާނާއަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއްގެ އޭނާގެ ފެންވަރުން ކުރެވެން ހުރި އެންމެ ރަނގަޅަކަށް ކޮށްދެމުން ދިޔައެވެ. އަހްމާގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމުގެ ސަބަބުން ސިބާނާގެ ސިއްހަތު ރަނގަޅުވިއެވެ. ހަށިގަނޑުގައި ވަރުޖެހި މޫނުމަތިން ހިތްހަމަޖެހުން ފާޅުވާން ފެށިއެވެ.

ނުވަމަހާއި ނުވަދުވަސް ފުރައި ސިބާނާ ލޯބިލޯބި ކުއްޖަކު ވިހެއީ އޭނާގެ ރަހުމަތްތެރިޔާގެ އެހީއާއެކު ހޮސްޕިޓަލްގައެވެ. އޭގެފަހުން މިހާރު ހައެއްކަމަސް ވީއެވެ.

ސިބާނާއަށް އޭނާގެ ޚިޔާލީ އާލަމުން ހޭލެވުނީ އޭނާގެ ދަރިފުޅު ސެލީނާ ރޮއިގަތް އަޑަށެވެ. ފޯނު އެނދުމަތީގައި ބާއްވަމުން ސިބާނާ އަވަސް އަވަހަށް ދަރިފުޅު ނަގައި އުރައިލިއެވެ.

ދަރިފުޅުގެ ރުއިން ހުއްޓުވަން މަސައްކަތްކުރަމުން ދަރިފުޅުގެ އަނގައާއި ފޯނު ކައިރިކޮށްލިއެވެ. އެދަރިފުޅުގެ ރުއިމުގެ އަޑު ހާނިމަށް އިއްވަން ބޭނުންވި ކަހަލައެވެ.

” ދަރިފުޅާ! ” އެ ތުއްތުތުއްތު ކުއްޖާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ބޭއިޚްތިޔާރުގައި ހާނިމަށް ބުނެވުނެވެ. އެއަޑު ކަންފަތުގައި ޖެހުމުން އެއީ އޭނާގެ ދަރިފުޅުކަން ހާނިމަށް އެނގުނު ކަހަލައެވެ.

” މިއީ ހާނިމަށް އަހަރެން ދިން ތެދުވެރިވަފާތެރި ލޯބީގެ ބަދަލުގައި ހާނިމް އަހަރެންނަށް ދެއްކި ހިތްދަތި ދިރިއުޅުމާއި ދިން އަނިޔާ …. އަދިއަދާއި ޖެހެންދެން މުޅިދުނިޔެއަށް ސިއްރު ކުރެވިފައިވީ ނަމަވެސް މިއީ ހާނިމްގެ ދަރިއެއް. ” ސިބާނާ ފޯނު ކަނޑާލިއެވެ.

އޭގެފަހުން އެތައް ފަހަރަކު ހާނިމް ފޯނުކުރި ނަމަވެސް ސިބާނާ އެކަމަކަށް އަޅައެއް ނުލައެވެ. އެ ހަނދާންތަށް ކުރަން އޭނާ އިތުރަށް ބޭނުންނުވާ ކަހަލައެވެ. އެހަނދާންތަކާއި އެފާފައިން ސަލާމަތްވުމަށް ދީނީގޮތުން ކުރަންޖެހޭ ކަންތައްތައް ނިންމާލިތާ އަދި މާގިނަދުވަހެއް ނުވެއެވެ. ހާނިމް ދެކެ ކިތަންމެ ލޯބިވި ނަމަވެސް ދެން އެފުރުސަތެއް އޭނާއަކަށް ސިބާނާ ނުދޭނެއެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.