އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

╌──═❁═──╌

ސަނީޒާއަކީ ހިމަތޮޅި ކުލައަލި ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. އެ ހަށިގަނޑުގައި ލޫޅާފަތިކަން ހުރިއިރު އިސްތަށިގަނޑު ފަންވެފައި ދިގެވެ. ހިތިފަތު ބުމައަކާއި ޖަންބުކުލައިގެ ކޯތާފަތެއް ވެސް އޭނާއަށް ލިބިފައި ވެއެވެ.

ސަނީޒާއަށް ލިބިފައިވާ ރީތިކަމާއި ފުރިހަމަކަމުގެ ސަބަބުން އޭނާގެ ލޯތްބަށް އެދި އާދޭސް ކުރާ ޒުވާނުން ވެސް މަދެއް ނޫނެވެ.

ސަނީޒާގެ ފަހަތުން މުގޯލި އަޅަމުންދާ ޒުވާނުންގެ އަދަދު ގިނަކަމާއިއެކު އެހެންކަމެއް ވެސް ފާހަގަ ކުރެވުނެވެ. ސަނީޒާގެ ހަޔާތަށް އަންނަ އެއްވެސް މީހަކު އޭނާއާ އެކުގައި މާގިނަ ދުވަހަކު ނޫޅެއެވެ. އެކަމުގެ ސިއްރު ހޯދަން މާގިނަ މަސައްކަތެއް ކުރާކަށް ވެސް ނުޖެހެއެވެ. އެއީ ރަށުގެ ގިނަބަޔަކު ދަންނަ ބޮޑު ސިއްރެކެވެ.

ސަނީޒާގެ އުމުރުން ދިހަވަރަކަށް އަހަރުގައި އޭނާގެ މަންމަ އާއި ބައްޕަ ވަކިވިއެވެ. ސަނީޒާގެ ބައްޕައަކީ ހަރުކަށި މީހަކަށްވެފައި އޭނާގާތު ހުންނައިރު ބޭނުން ގޮތަކަށް ނޫޅެވޭތީ ސަނީޒާ އަމިއްލައަށް އޭނާގެ މަންމަ ކައިރިއަށް ދިރިއުޅުން ބަދަލުކުރިއެވެ.

ސަނީޒާގެ މަންމަ ހަފީޒާގެ އުމުރުން ސާޅީހަކަށް އަހަރުވެފައި ވާއިރު އޭނާ އުޅެމުންދާ އުޅުމަށާއި ބަހާއި އަމަލަށް ބަލާއިރު އޭނާއަކީ ވިހި އެކާވީސް އަހަރުގެ ޒުވާނެއް ފަދައެވެ. އެންމެ މިހާރުގެ ޒުވާން ފިރިހެންކުދިންނާއި ގުޅިގެން އޭނާ އުޅެމުންދަނީ ވެސް އެފަދަ ގޮތްގޮތަށެވެ.

މައިންބަފައިންގެ އުޅުން ދަރިންނަށް ވާރުތަވާ ފަދައިން ހަފީޒާގެ އުޅުން ވަރަށް ފަސޭހައިން ސަނީޒާއަށް ވާރުތަ ވިއެވެ. ސަނީޒާ ބޭނުންވި ފަދައިން އުޅެން ފުރުސަތު ލިބުމުން އުފަލުން ހިނިތުންވެލިއެވެ. ލިބުނު މިނިވަންކަމާއިއެކު އުދުހޭންފެށި ކަހަލައެވެ.

ރަށަށް އައިސް ގޮސްވާ ބީރައްޓެހިންނަކީ ހަފީޒާގެ ރައްޓެހިން ކަމުގައިވަނީ ވަރަށް ފަސޭހައިންނެވެ. އޭގެތެރޭގައި ގިނައީ ޒުވާން ފިރިހެންކުދިންނާއި މެދުއުމުރުގެ ފިރިހެނުންނެވެ. ގިނަރައްޓެހިން ހަފީޒާއާ އެކުގައި ގެއަށް ގޮސް އުޅޭ އުޅުމުގައި ސަނީޒާއާ ވެސް ވާހަކަ ދައްކަ އެވެ. ބައެއް މީހުންނަކީ ސަނީޒާގެ ވެސް ރައްޓެހިން ކަމުގައި ވެއެވެ.

އަލީއަކީ ވެސް ހަފީޒާގެ ރައްޓެހިންގެ ތެރޭގައި ހިމެނޭ ބީރައްޓެއްސެކެވެ. އަލީ އޭނާގެ އާދައިގެމަތިން ހަފީޒާމެން ރަށަށް އަންނަމުން ދިޔައެވެ. އެގޮތުން އެއްދުވަހަކު އަލީ އެރަށަށް އައިއިރު އޭނާއާ އެކުގައި ޒުވާންފުރައިގެ ފިރިހެންކުއްޖަކު ވެސް ގެނައެވެ.

ހަފީޒާއަށް ފަރީނު ފެނުމާއިއެކު އަލީގެ ކިބައިން އޭނާއާބެހޭ މަޢުލޫމާތު ހޯދިއެވެ. އަލީގެފަރާތުން ހަފީޒާއަށް އެނގުނު ގޮތުގައި ފަރީނުއަކީ ވަރަށްގިނަ ފައިސާ ލިބޭ ވަޒީފާއެއް އަދާކުރަމުންދާ މަސައްކަތްތެރި ތަޢުލީމީ ޒުވާނެކެވެ.

ފަރީނުއާ ބެހޭ މަޢުލޫމާތުތައް ލިބުމާއިއެކު ހަފީޒާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ސަނީޒާ އާއި ފަރީނު ގާތް ކުރުވާށެވެ.

ސަނީޒާ އާއި ފަރީނު ގާތްކުރުމުގެ މަސައްކަތް ހަފީޒާ ފެށީ އޭނާގެ އެންމެ ގާތްރަހުމަތްތެރިޔާ އައިންތުއާ ގުޅިގެންނެވެ. ހަފީޒާ އާއި އައިންތު ފަރީނުއާ ވަރަށްގިނަ ވާހަކަދައްކައި ކޮންމެ ވެސް ވަރެއްގެ ރަހުމަތްތެރިކަމެއް އުފެއްދިއެވެ.

ހަފީޒާމެނާ އެކުގައި ހަފީޒާމެން ގެއަށް ފަރީނު ދިޔައެވެ. އެގެއަށް ފަރީނު ދިޔުމާއިއެކު ސަނީޒާ ފެނިއްޖެއެވެ. ފަރީނަށް ސަނީޒާ ދައްކައި އޭނާގެ ވާހަކަ ފަރީނު ގާތު ދެއްކީ އައިންތު އެވެ.

ސަނީޒާއަކީ ބަލާބެލުމަށް ރީތި ފުރިހަމަ ޒުވާނަކަށް ވާތި ފަރީނުގެ ހިތުގައި ވެސް ސަނީޒާއާ މެދުގައި ޝައުޤުވެރިކަން އުފެދުނެވެ. ބައެއް ފިރިހެނުންނަކީ ފެންނަ ކޮންމެ އަންހެނެއް ވެސް ރީތިވާ ބަޔަކަށްވާ ފަދައިން ފަރީނަށް ވެސް ވީ އެފަދަގޮތެއް ކަމަށް ވެސް ވެދާނެއެވެ.

ފަރީނު ފުރައިގެން ދިއުމާއިއެކު ހަފީޒާ އާއި އައިންތު އެދެމީހުންގެ ރޭވުން ކާމިޔާބު ކުރުމުގެ މަސައްކަތް ފެށިއެވެ. ފަރީނަށް ފޯނުކޮށް ހާލުއަހުވާލު އޮޅުން ފިލުވަމުން ސަނީޒާގެ ވާހަކަ ވެސް ދައްކަމުން ގެންދިޔައެވެ. ފަރީނު ސަނީޒާއާ ގުޅިއްޖެނަމަ ފަރީނަށް ލިބޭނެ އުފަލާއި ހިތްހަމަޖެހުމުގެ ވާހަކަތަކުގެ އިތުރުން ފަރީނަށް މިރަށުގައި ވަރަށް ރަނގަޅު ދިރިއުޅުމެއް ވޭތުކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް ބުނަމުން ދިޔައެވެ. ހަފީޒާއަކީ ބޮޑުގޯއްޗެއް އޮންނަ މީހެކެވެ. ފަރީނު ބޭނުންނަމަ އެތަނުގައި ގެސްޓްހައުސްއެއް ވެސް ހެދިދާނެއެވެ. އެބިމުގައި އެހެން ކަމެއް ކުރަން ބޭނުންނަމަ އެކަމެއް ވެސް ކުރެވިދާނެއެވެ.

ހަފީޒާ އާއި އައިންތު ހިތްވަރު ދޫކޮށް ނުލައި ކުރަމުންދިޔަ މަސައްކަތުގެ ފޮނިމީރުކަން ފެންނަން ފެށިއެވެ. ފަރީނުގެ ހިތުގައި ސަނީޒާގެ ސޫރަ ކުރެހޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ސަޒީނާއާމެދުގައި އުފެދުނު ޝައުޤުވެރިކަން އިތުރުވަމުން ދިޔައިރު ބައްދަލުކުރަން ވެސް ބޭނުންވިއެވެ.

ފަރީނަށް ސަނީޒާއާއި ގުޅޭނެގޮތް ހަމަޖައްސައި ފޯނު ނަންބަރު ދިނީ އައިންތުއެވެ.

ސަނީޒާއަށް ފަރީނު ފޯނުކުރުމުން ސަނީޒާ ވެސް ފަރީނުއާ ވާހަކަ ދައްކައެވެ. އެގޮތުން ވާހަކަދައްކަން ތިބޭ ވަގުތުތައް އިތުރުވަމުން ދިޔައެވެ.

ފަރީނު އާއި ސަނީޒާ ގުޅުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަނީޒާގާތުގައި ދައްކަންޖެހޭ ވާހަކަތައް ވެސް ދައްކަމުން ދަނީ އައިންތުއެވެ. ހަފީޒާ އާއި އައިންތުގެ ރޭވުން ކާމިޔާބު ވޭތޯ ވެސް އެދެމީހުން ބަލަމުން ދިޔައެވެ. އެކަމެއް ރަށުގެ އެހެން މީހުންނަކަށް ނޭނގެއެވެ.

ހަފީޒާ އާއި އައިންތުގެ މަސައްކަތަށް މަހެއްހާ ދުވަސްވީރު އެދެމީހުން ދެކެމުންއައި ހުވަފެންތަކުގައި ކުލަޖެހުމުގެ ކޮޅުމަތި ފެންނަން ފެށިއެވެ.

ސަނީޒާ އާއި ފަރީނުގެ މެދުގައި ފޯނުން އުފެދުނު ރަހުމަތްތެރިކަމުގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހި ވަމުން އައިސް އެގުޅުން ލޯތްބަށް ބަދަލުވިއެވެ. ފޯނުމެދުވެރިކޮށް ލޯބީގެ އަހުދުތަކާއި ވައުދުތައްވަމުން އެގުޅުން ތަރައްޤީ ކުރުމަށް ކުރެވޭން ހުރި ހުރިހާކަމެއް ކުރަމުން ކުރިމަގަށް ރޭވުންތައް ރާވަމުން ދިޔައެވެ.

ސަނީޒާ ގަބޫލުކުރާގޮތުގައި ފަރީނަކީ އޭނާއާ ވަރަށް އެކަށީގެންވާ ރަނގަޅު ޒުވާނެކެވެ. ސަނީޒާގެ އެ ގަބޫލުކުރުން ތަކުގެ އިތުރުން އައިންތު ވެސް ސަނީޒާގާތު ބުނެފައިވަނީ ފަރީނަކީ ސަނީޒާއާ ވަރަށް އެކަށީގެންވާ ރަނގަޅު ޒުވާނެއްކަމަށެވެ. އެފަދަ ރަށުޒުވާނުން ރަށުން ނުލިބޭނެ ކަމަށެވެ.

ފަރީނު ކައިރީ އައިންތު ބުނެފައިވާގޮތުން ސަނީޒާއަކީ އަޚުލާގު ރަނގަޅު ކިޔަމަންތެރި ގެވެހި ޒުވާނެކެވެ. މިހާރަށް ބަލާއިރު އެފަދަ ޒުވާނެއް މަދުވާނެއެވެ. އެފަދަ ބައިވެރިއެއް ލިބިއްޖެނަމަ ދިރިއުޅުން އަލިވެ އުޖާލާވާނެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދާވަރަކަށް ސަނީޒާ އާއި ފަރީނުގެ ލޯބި ތަރައްޤީވަމުން އާރާސްތުވަމުން ދިޔައެވެ. ދުވަހަކު ވަކިނުވެ އެކުގައިވުމަށާއި ސަނީޒާގެ ތަޢުލީމީހަޔާތް ނިމުމުން ކައިވެނިކުރުމަށް ވެސް ރާވަމުން ދިޔައެވެ. ދެމީހުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމުގެ ކުލަވަރާއި އަސަރުތަކެވެ.

ބޭނުންވި ގޮތަށް ކަންތައްވުމުން ހަފީޒާއަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުން ނުހަނު ބޮޑެވެ. އެކަމުގައި އައިންތު ފޯރުކޮށްދިން އެހީތެރިކަން ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމަށް ބުނަމުން ދިޔައެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން އައިސް ކުއްލިއަކަށް ސަނީޒާ ވަރަށް ބަލިވެއްޖެއެވެ. ރަށުގެ ސިއްހީހާލަތު ހުރިގޮތުން ބޭސްކުރުމަށް ޓަކައި މާލެދާން ޖެހިއްޖެއެވެ. ފަރީނަށް ފޯނުކޮށް އެވާހަކަ ދެއްކީ ހަފީޒާއެވެ. އެދެމައިންނަށް މާލޭގައި ތިބެވޭނެގޮތް ހަމަޖައްސައިދިނުމަށް އެދުނެވެ. ވާން އުޅޭ އަނބިމީހާގެ ސިއްހަތަށްޓަކައި މިހާރު ވެސް އިސްކަން ދޭންޖެހޭނެކަން ވިސްނައިދިނެވެ. ކުރިމަގު އުޖާލާވާނީ ހަޔާތުގެ ބައިވެރިޔާ ފުރިހަމަ ސިއްހަތެއްގައި ހުރެގެންކަން ހަނދާންކޮށް ދިނެވެ.

ހަފީޒާ ބުނިފަދައިން ކަންތައްކުރުމަށް ފަރީނު ނިންމީ އޭނާ ސަނީޒާދެކެވާ ލޯތްބެއްގެ ބޮޑުކަމުން ކަންނޭނގެއެވެ.

ހަފީޒާ އާއި ސަނީޒާ މާލެދިޔައިރު ފަރީނު ހުރީ މާލޭގައެވެ. ހަފީޒާ އާއި ސަނީޒާ މާލޭގައި ތިބުމުގެ ހުރިހާކަމެއް ހަމަޖައްސައިދިނީ ފަރީނެވެ. ސަނީޒާއަށް ބޭސްކުރުމަށާއި އެހެން ވެސް ބައެއް ކަހަލަ ކަންކަމަށް ފަރީނު ހަރަދު ކުރިއެވެ. ހަފީޒާގެ މޮޅުރޭވުމުގެ ސަބަބުން ސަނީޒާއަށް ހޯދައިދެވުނު ބައިވެރިޔާއަށްޓަކައި ހަފީޒާ އުފާކޮށް ފަހުރުވެރިވަމުން ދިޔައެވެ. އެކަމުގައި ކުރިޔަށް ދިއުމަށް ސަނީޒާއަށް ހިތްވަރު ދެމުން ފުރުސަތުތައް ދެމުން ދިޔައެވެ. ދުނިޔޭގެ އުފަލާއި އަރާމާއި ތަނަވަސްކަމަށްޓަކައި ހަފީޒާ ހުރީ ފެންބޮވައިގެންފައެވެ. ސަނީޒާ އާއި ފަރީނު ބޭނުންވި ކޮންމެ ފުރުސަތަކާއި ކޮންމެ މިނިވަންކަމެއް ދެމުންދިޔައިރު ފަހުން ނުކުމެދާނެ ނަތީޖާއަކާއިމެދު ކުޑަކޮށް ވެސް އޭނާ ވިސްނާލިހެނެއް ހިޔެއް ނުވެއެވެ.

މާލޭގައި ހަތަރުވަރަކަށް ދުވަސް ހޭދަކޮށް ބޭހުގެ ކަންތައް ނިންމާލުމަށްފަހު ރަށަށް އައިއިރު ސަނީޒާ ހުރީ އުފަލުންނެވެ. ފަރީނުގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން ފަރީނާއިމެދު އޭނާގެ ހިތުގައި އޮތް އިތުރުވަމުން ދިޔައެވެ.

ސަނީޒާއެކޭ އެއްފަދައިން ހަފީޒާ ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައެވެ. ކުރިއެކޭ ވެސް އެއްފަދައިން ފަރީނާއި ސަނީޒާ ފޯނުމެދުވެރިކޮށް ލޯބީގެ އަހުދުތަކާއި ވައުދުތައް ވަމުން ރޭވުންތައް ރާވަމުން ދިޔައެވެ.

ސަނީޒާގެ ހަށިގަނޑަށް ބަދަލުތައް އަންނަންފެށީ ކުއްލިއަކަށެވެ. ހޮޑުލެވުމާއި ބޮލަށް އެނބުރުން ފަދަ ކަންކަން ތަކުރާރުވާން ފެށިއެވެ. ކުއްލިއަކަށް ދިމާވި ކަންތަކާއިއެކު ސަނީޒާ ހާސްވެ ކަންބޮޑުވެއްޖެއެވެ. ވިސްނާ ވިސްނައި ސިކުނޑި ސުމަކަށް ދިޔައެވެ.

ހަފީޒާގާތު އެވާހަކަ ބުނުމުން ހަފީޒާ ވެސް ހާސްވެ ތުނަވަސް ވިއެވެ. އެކަމުގެ ހައްލު ހޯދުމަށް އަވަސްވެގަތެވެ.

ހަފީޒާގެ މޮޅުރޭވުމުގެ ފައިދާ ފެނުނުފަދައިން އެކަމުގެ ގެއްލުން ވެސް ފެންނާން ފަށައިފިއެވެ. ސަނީޒާގެ ފަރާތުން ފެންނަމުންދާ ކަންތައްތައް އެފަދައިން ދާނަމަ އޭނާގެ މުޅިދިރިއުޅުން ބަނަވެގެން ދާނެކަން ހަފީޒާއަށް ޔަގީން ވެއެވެ.

ސަނީޒާއަށް ދިމާވެފައިވާ ކަންތަކުގައި ޒިންމާވާންޖެހޭ ފަރާތަކީ ފަރީނު ކަމުގައި ގަބޫލުކުރާ ހަފީޒާ، ފަރީނަށް ފޯނުކޮށް އެވާހަކަ ދެއްކިއެވެ. އެކަމުގައި އެހީތެރިވެ އެލަދުން ސަނީޒާ ސަލާމަތްކުރުމަށް އެދުނެވެ.

ހަފީޒާގެ އެވާހަކަތައް ފަރީނަކަށް ގަބޫލެއް ނުކުރެވުނެވެ. ނުވަތަ ގަބޫލެއް ނުކުރިއެވެ. އޭނާ އެކަމާއި ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. ފަރީނުގެ ވާހަކަތައް ހުރިގޮތުން ހަފީޒާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ފަރީނާއި ދިމާއަށް ކިޔުނު އެއްޗެއް ވެސް ނޭނގުނެވެ. އެވާހަކަތައް އަޑުއަހަން ބޭނުންނުވާތީ ފަރީނު ފޯނުކަނޑާލިއެވެ. ދެން ގުޅިއިރު ބިޒީއެވެ. ތިންވަނަފަހަރަށް ގުޅިއިރު ފޯނުއޮތީ ނިވާލައިފައެވެ. އޭގެ ފަހުން އެތައް ދުވަހެއް ވީއިރުވެސް އެނަންބަރަކަށް ނުގުޅެއެވެ.

ހައްލެއް ލިބޭތޯ ހަފީޒާއަށް ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ.

ސަނީޒާގެ ހާލަތު ސިއްރުކުރުމަށް ސަނީޒާ އާއި ހަފީޒާ ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ވަގުތުޖެހުމާއިއެކު އެކަން ފަޅާއަރައި ސަނީޒާ މުޅިރަށަށް ބޭޒާރު ވެއްޖެއެވެ. އެކަމުގެ ހިތްދަތިކަމާއި ހިތާމަ ތަހައްމަލް ކުރާން ޖެހިއްޖެއެވެ.

( ނިމުނީ )

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.