ހިންދީ ފިލްމީ ދާއިރާގެ ‘ޑޯން’ ނުވަތަ އެ ދާއިރާގެ މެގަ ސްޓާރަކަށް އަމީތާބު ބައްޗަން ވުމަށް ކުރި ދަތުރުގައިވެސް ގިނަގުނަ އަޑިގުޑަންތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ފިލްމީ ދާއިރާއަށް އޭނާ ތަޢާރަފުވެގެން ދިޔަ ފިލްމު “ސާތު ހިންދުންތާނީ” އަކީ ބޮކްސް އޮފީހުގައި އެހާ އެދެވޭ ކާމިޔާބީއެއް ލިބުނު ފިލްމެއް ނޫނެވެ. އޭގެ ފަހުންވެސް އެކި ފިލްމުތަކުން ކުދިކުދި ރޯލުތައް އަމީތާބު ކުޅުނެވެ. ނަމަވެސް ފިލްމު “ޒަންޖީރު” ކުޅުނު ހިސާބުން އަމީތާބުގެ ފިލްމީ ކެރިއަރުގައި ބަނދެވިފައިވާ ޒަންޖީރު ނުވަތަ ހިލިހިލާގަނޑުވެސް ނެއްޓިގެން ދިޔައީ ނުވެސް ދެނެހުއްޓާ އެވެ.

1973ގައި ރިލީޒްކުރި “ޒަންޖީރު”ގެ ސަބަބުން އަމީތާބު ސުޕަސްޓާރަކަށް ވެދާނެކަމަށް އެއްވެސް މީހަކަށް އަންދާޒާކޮށްލެވިފައެއް ނެތެވެ. ވަކީން ޚާއްޞަކޮށް މި ފިލްމަކީ ފިލްމީ އުދަރެހުގައި އަމީތާބު ފިޔަޖަހަން ފަށާނެ ފިލްމުކަމަށް ޚުދު އަމީތާބުވެސް ހީނުކުރެއެވެ. އޭގެ ސަބެއްވެސް އެބައޮތެވެ. އެ ސަބަބަށް ޖެހިލާނީ ތަންކޮޅެއް ފަހުންނެވެ. ކޮންމެއަކަސް، ފިލްމު “ޒަންޖީރު”ގެ ފަހުން އެތަކެއް ބްލޮކްބަސްޓަރ ފިލްމު ތަކެއްގެ ލީޑުން އަމީތާބު ފެނިގެންދިޔަ އެވެ. އޭގެ ތެރޭގައި “ދީވާރް”، “ޝޯލޭ”، “މުޤައްދަރް ކާ ސިކަންދަރް”، “ޑޯން”، “އަމަރް އަކްބަރް އެންތޮނީ”، “ތުރީޝޫލް”ގެ އިތުރުންވެސް ގިނަ ފިލްމުތަކެއް ފާހަގަކޮށްލެވެ އެވެ.

މި ފާހަގަކޮށްލި ފިލްމުތަކަށް އަމީތާބް އާނބަސް ބުނުން ވެގެންދިޔައީ އޭނާގެ ނަސީބަކަށެވެ. އަމީތާބަށް މަޝްހޫރުކަމާއި މަޤުބޫލުކަން ލިބުނީ އެ ފިލްމުތަކުންނެވެ. އަމީތާބް ހަރީވަންޝް ބައްޗަން ‘އަމީތާބް’އަކަށް ވީ އެ ފިލްމުތަކުގެ ސަބަބުންނެވެ. ނަމަވެސް އެ ފިލްމުތަކުގައި އަމީތާބު ކުޅުނު ކެރެކްޓަރތައް ކުޅުމަށް އޭރުގެ މަޝްހޫރު އެހެން އެކްޓަރުންނަށް ހުށައެޅިއެވެ. އެމީހުން އެ ފިލްމުތައް ކުޅުމަށް އިންކާރުކުރި އެވެ. އަމީތާބް މެގަސްޓާރަކަށް ވެގެންދިޔަ 04 ފިލްމުގެ ވާހަކަތަކަށް ތަންކޮޅެއް ތަފުސީލުކޮށް ބަލައިލަމާ ހިނގާށެވެ.

1- ޒަންޖީރް

މި ފިލްމު ރިލީޒްކުރީ 1973ގައެވެ. އަމީތާބަށް ‘އެންގްރީ ޔަންގް މޭން’ގެ ލަގަބް ލިބިގެން ދިޔައީ މި ފިލްމުގައި އޭނާ ކުޅުނު ރޯލަށް ފަހުގައެވެ. އެ ރޯލުގެ ސަބަބުން އެންމެންގެ ސަމާލުކަން އަމީތާބަށް ހުއްޓުނެވެ. އެ ފިލްުގައި އަމީތާބު ކުޅުނު އިންސްޕެކްޓަރ ވިޖޭ ކަންނާގެ ރޯލު ކުޅުމަށް އެންމެ ފުރަތަމަ ހުށައެޅު ތަރިންގެ ތެރޭގައި ރާޖް ކުމާރް، ރާޖޭޝް ކަންނާ، ދިލިޕް ކުމާރް، ދަރްމެންދްރާ އަދި ދޭވް އާނަންދް ހިމެނެއެވެ. ނަމަވެސް އެ ހުރިހައި ސްޕަސްޓާރުންވެސް އެ ރޯލުކުޅުމަށް ދެކޮޅުހެދި އެވެ. އެންމެ ފަހުން އަމީތާބަށް އެ ރޯލު ލިބިގެންދިޔައެވެ.

2- ދީވާރް

މި ފިލްމު ރިލީޒްކުރީ 1975ގަ އެވެ. ރިޕޯޓްތައް ބުނާގޮތުން، މި ފިލްމު ލިޔުނު ސަލީމް-ޖާވިދް ފިލްމު ލިޔުނީ ރާޖޭޝް ކަންނާއަށް ފިލްމުގެ ލީޑް ދިނުމަށް ވިސްނުން ބަހައްޓައިގެންނެވެ. ނަމަވެސް އެހެން ފިލްމުތަކުގައި މަސައްކަތްކުރަންޖެހި ވަދިވުމުގެ ސަބަބުން ރާޖޭޝް ކަންނާއަށް މި ފިލްމު ކުޅެން ވަގުތު ހުސްކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން، ފިލްމުގެ ޑައިރެކްޓަރު ޔާޝް ޗޯޕްރާއާ ހަމައަށް އަމީތާބުގެ ނަން ހުށައެޅީ ސަލީމް-ޖާވިދް އެވެ. ފިލްމުގައި ކުޅެފައިވާ މުހިންމު ރޯލު، އަމީތާބުގެ ކެރިއަރު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

3- ޝޯލޭ

1975ގައި ރިލީޒްކުރި މަޤްބޫލު ފިލްމު “ޝޯލޭ”ގައި އަމީތާބު ކުޅުނީ ‘ޖައި’ގެ ރޯލެވެ. އެ ރޯލު ކުޅުމަށް އެންމެ ފުރަތަމަ ހުށައެޅީ ސަތުރްގަން ސިންހާ ނުވަތަ ސަތަރޭ އަށެވެ. ނަމަވެސް ސަތަރޭ އެ ރޯލު ދޫކޮށްލީ ބަޠޮލުބައިގައި ދެމީހުން ހިމެނޭ ފިލްމެއް ކުޅެން ބޭނުންނުވާކަމަށް ބުނަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމަށް އަމީތާބުގެ ނަން ހުށައެޅީ ފިލްމުގައި ވީރްގެ ރޯލު ކުޅެފައިވާ ދަރޭ އެވެ. ބޮލީވުޑްގެ އެންމެ އައިކޮނިކް ފިލްމުގެ ލީޑްގައި އަމީތާބް ހިމެނިގެން ދިޔައީ މިހެންވެގެންނެވެ.

މި ފިލްމުން އަމީތާބަށް ފުރުޞަތުދިނުމުން، ފިލްމު “ދީވާރް”ގެ ޑިސްޓްރިބިއުޓަރުން، ފިލްމު “ދީވާރް”ގައި އަމީތާބް ކުޅުނު ބައި “ޝޯލޭ”ގައި ކުޅެފައިވާ ބަޔަށްވުރެން އިތުރުކުރަން އެދުނުކަމަށްވެސް ވެއެވެ.

4- ޑޯން

1978ގައި ރިލީޒްކުރި ފިލްމު “ޑޯން”އަކީ އޭގެ ކުރިން ހިންދީ ފިލްމުބަލާ މީހުންނަށް ގެނެސްދީފައި ނުވާފަދަ މޮޅު، މާސްޓަރޕީސް ފިލްމެކެވެ. ޕީޓީއައި ޗެނަލަށް ފިލްމުގެ ޑައިރެކްޓަރ ޗަންދްރަ ބަރޯޓް ދިން ބަސްދީގަތުމެއްގައި ހާމަކޮށްފައިވާ ގޮތުން ފިލްމުގެ ނަމާ އެއްގޮތަށް ކެރެކްޓަރއަށް ނަންދީފައިވާ ޑޯންގެ ކެރެކްޓަރ ކުޅެން ހުށައެޅި ތަރިންގެ ތެރޭގައި ދަރްމެންދްރާ، ޖީތެންދްރާ އަދި ދޭވް އާނަންދު ހިމެނެއެވެ. ނަމަވެސް މި ތިން ތަރިންވެސް ސަލީމް-ޖާވިދް ލިޔުނު މި ފިލްމަށް ނޫނެކޭ ބުންޏެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ޗަންދްރާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އެ ރޯލު އަމީތާބަށް ދިނެވެ. އެ ރޯލު ވެގެން ދިޔައީ ހިންދީ ސިނަމާގައި ދެގޮތެއްނުވެ ތާ އަބަދު ހަނދާންހުންނަ ވަރުގެ ވަރުގަދަ ރޯލަކަށެވެ.

ފާހަގަކުރެވުނު އެހެން ކަމެއް

އަމީތާބްގެ މި އައިކޮނިކް ފިލްމުތަކަށް މި ރިޕޯޓްތައްޔާރުކުރުމަށްޓަކައި ރަނގަޅު ފޮޓޯއެއް ހެދުމަށް، މި ހަތަރު ފިލްމުގައި އަމީތާބް ފެންނަގޮތުގެ ފޮޓޯތައް ހާވައި ބަލައިލުމުން ފާހަގަވި ކަމަކީ މިއިން ކޮންމެ ފިލްމެއްގައިވެސް އަމީތާބް ވަރަށް ގިނައިން ނޫކުލައިގެ ގަމީސް ބޭނުންކޮށްފައި ހުރިކަމެވެ. މި ފިލްމުތަކުގެ އިތުރުންވެސް ގިނަ ފިލްމުތަކެއްގައި ނޫކުލައިގެ އެކި ޝޭޑްތަކުގެ ގަމީސް އަމީތާބް ވަރަށް ގިނައިން ބޭނުންކޮށްފައި ހުރިކަންވެސް ފާހަގަކުރެވުނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.