އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

─━━━━━━⊱✿⊰━━━━━━─

އޮފީހުގައި ކުރަންހުރި މުހިންމު މަސައްކަތްތައް ނިންމާލައި ތަން ހަމައަކަށް އަޅުވާލުމަށްފަހު، ތަމީމް އޭނާގެ އާދައިގެމަތިން މީސްމީޑިޔާއަށް ވަދެ ޚަބަރުދަބަރު ބެލުމަށް އަވަސްވެގަތެވެ.

ފޭސްބުކް ލޮގިންވެލުމާއިއެކު ފެނުނު ޚަބަރުން ތަމީމް ދިޔައީ ސިއްސައިގެންނެވެ. އެޚަބަރުގެ ތަފްސީލް ބެލުމަށް އަވަސްވެގަތް އިރު އޭނާގެ ހިތުގެތެޅުން އަވަސްވެފައިވެއެވެ. ގަބޫލުކުރަން ދަތި ގޮތަކަށް ދެތިން ފަހަރު ބޯ ހަލުވައިލި ވެސްލިއެވެ.

” ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ޒުވާން އަންހެންކުއްޖަކު ރިޒޯޓަކުން ހައްޔަރުކޮށްފި. މި އަންހެން ކުއްޖާއަކީ އެތަނުގައި ވަޒީފާއަދާކުރަމުންދާ އަންހެންކުއްޖެއް. މީނާއާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މީނާއަކީ މި ރިޒޯޓްގެ އިސްވެރިންގެ ތެރެއިން ގިނަ ބަޔަކާއި ރިޒޯޓަށް އައިސްއުޅޭ ހާއްސަ މެހެމާނުންގެ ހާއްސަ ބައިވެރިއެއް. މީނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ވެސް މަޢުލޫމާތު ލިބޭ. ރިޒޯޓްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި މީނާއަކީ އެއިޑްސް ޖެހިފައިވާ މީހެއް … ” އެކި ނޫހުގައި އޮތީ އެކިގޮތަށެވެ. އެކި މަޢުލޫމާތެވެ.

” ތިއީ މިދިޔަ އަހަރު އައިޓީ މަސައްކަތަށް ތަމީމް ދިޔަ ރިޒޯޓްދޯ؟ ” އެޚަބަރަށް ގެއްލިފައި އިން ތަމީމް ސިއްސައިގެން ދިޔައީ ލައްމާންގެ އަޑަށެވެ. އަވަސް އަވަހަށް އޭނާއަށް ބަލާލަމުން އާނއެކޭ ބުނާ ފަދައަކުން ބޯ ޖަހައިލިއެވެ.

─━━━━━━⊱✿⊰━━━━━━─

އަލަތުކައިވެންޏަށް ތައްޔާރުވަމުންދިޔަ ސިމްނާ ސިއްސައިގެން ދިޔައީ އޭނާއާ ކައިވެނިކުރަން ބޭނުންނޫން ކަމަށްބުނެ ތަމީމް ކުއްލިއަކަށް އޭނާއާ ގުޅުންކަނޑާލުމުންނެވެ. އޭނާގެ ކުށަކީ ކޮބައިތޯ އާއި ސަބަބަކީ ކޮބައިތޯ ބެލުމަށް މަސައްކަތްކުރަމުންދިޔަ ސިމްނާއަށް އިތުރު ހައިރާންކަމެއް ލިބި ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވީ ކުއްލިއަކަށް ތަމީމް ފުރައިގެން ރާއްޖޭން ބޭރަށް ދިއުމުންނެވެ. އޭނާއާ ގުޅޭނެ އެއްވެސް މަގެއް ނުފެނުނުތާންގައި އޭނާގެ އެދަތުރާއިބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ މީހަކު ވެސް އޭނާގެ ރައްޓެހިންގެ ތެރޭގައި ހުރިކަމަކަށް ނުވެއެވެ.

ތަމީމް އެނބުރި ރާއްޖެއައީ އަހަރެއްހައި ދުވަސް ފަހުންނެވެ.

ޑޮކްޓަރުކަން ކިޔަވަމުންދިޔަ އަޒީފާ އާއި ސިމްނާ ބައްދަލުވީ ތަމީމް އެނދުމަތިކޮށްފައިވާ ކޮޓަރިއަށް ސިމްނާ ވަންނަންދިޔަ ވަގުތުއެވެ. ޑޮކްޓަރަކާއިއެކު ތަމީމްގެ ކޮޓަރިން ނުކުތް އަޒީފާއަށް ވެސް އެވަގުތު ސިމްނާ ފެނުނެވެ.

ތަޢުލީމީޙަޔާތުގެ ބޮޑުބައެއް އެކުގައި ހޭދަކޮށް އެކުގައި ކިޔެވުން ނިންމާލި ދެއެކުވެރިން ދިމާވުމުން ދެމީހުން ވެސް ވާހަކަ ދައްކާލަން ބޭނުންވިއެވެ. ހާލުއަހުވާލު އޮޅުންފިލުވާލައި ދިރުއުޅުމުގެ ކަންކަމާއިބެހޭގޮތުން ފެށުނު ވާހަކަތަކުގެ ތެރެއިން ސިމްނާއަށް މުހިންމު ކަމެއް ހަނދާންވިއެވެ. އެވާހަކަތައް ދައްކާލަން ބޭނުންވެ އަޒީފާއަށް ދަޢުވަތު ދިނެވެ.

އަޒީފާ އާއި ސިމްނާ ވާހަކަދައްކަން ތިބީ އައިޖީއެމްއެޗްގެ ކެންޓީނުގެ އޯޕަން ބައިގައެވެ. އެސުވާލުތަކެއްގެ ސަބަބުން ސިމްނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުންޖެހި އުންމީދުތައް ވިއްސިވިހާލިވެގެން ދިޔަ ސުވާލުތައް އަޒީފާގެ ކުރިމައްޗަށް ބަންޑުންކޮށްލީ ދެލޮލުން ކަރުނަ އޮހެރެމުންދިޔަ ހާލުގައެވެ.

ސިމްނާއަށް ހިތްވަރާއި ނަސޭހަތްދެމުން އަޒީފާ ވާހަކަދައްކަންފެށިއެވެ.

” އެއިޑްސް ….. އެއިޑްސް ބައްޔަކީ އެޗް އައި ވީ ވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެއްނުވޭ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރު ….. އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަހެއް. އޭގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދޭ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭ ޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައިކަން … އެބަލީގެ ފުރަތަމަ އަލާމާތަކީ ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވުން … ދެވަނަ މަރުހަލާގައި ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ. މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ …. ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތިވޭ …. ފަހު މަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެންދޭ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވާ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނޭ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެންދޭ. ” އަޒީފާ ކިޔައިދިނެވެ.

ސިމްނާގެ ސުވާލުތަކަށް ޖަވާބުދެމުން އަޒީފާ ދެއްކި ވާހަކަތަކުގެ ސަބަބުން ސިމްނާގެ ހާލަތު އިތުރަށް ގޯސްވިއެވެ. މަޑުމަޑުން ރޯން ފެށުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

” އާދައިގެ ދޮންދިނުމާއި ބެއްދުމަކުން ބީހިލުމަކުން …. ކެއްސާ ކިނބިހި އެޅުމަކުން …. އެކުގައި ކައިބޮއި އުޅުމަކުން …. ސަލާންކުރުމަކުން … އޭނާ ނިދާ އެނދެއްގައި ނިދައި އެއް ފާހާނާ ބޭނުންކުރުން ފަދަ ކަންކަމަކުން އެއިޑްސްއެއް ނުޖެހޭނެ. ” ސިމްނާގެ ބޮލުގައި ފިރުމާލަމުން އަޒީފާ އިތުރަށް ކިޔައިދިނެވެ. ކޮންމެހެން އެނގެންޖެހޭ މުހިންމު މަޢުލޫމާތެކެވެ. ހޯދަން އެހާމެ ފަސޭހަ ވެސް މެއެވެ. ބަލަން މަސައްކަތް ނުކުރެވުނީތީ ނޭނގުނީއެވެ.

ތަމީމަށް ޖެހިފައިވަނީ އެއިޑްސްބަލިކަމަށް އަޒީފާ ނުބުނި ނަމަވެސް ސިމްނާއަށް އެކަން މިހާރު ޔަގީން ވެއްޖެއެވެ. އިތުރަކަށް އަހާކަށް އޮޅުންފިލުވާކަށް ބޭނުންއެއްޗެއް ނެތެވެ. ހަމައެކަނި ބޭނުންވަނީ ތަމީމަށް އެބަލި ޖެހެން މެދުވެރިވި ސަބަބެވެ.

ތަކުރާރުކޮށް ސިމްނާ ކުރަމުންދިޔަ ސުވާލުތަކުގެ ސަބަބުން ތަމީމަށް މަޖުބޫރުވީ އެވާހަކަތައް ކިޔައިދޭށެވެ.

─━━━━━━⊱✿⊰━━━━━━─

ތަމީމް އާއި ޖައެދާ ބައްދަލުވީ ރިޒޯޓެއްގައި ކުރަންހުރި އައިޓީ މަސައްކަތްތަކެއް ކުރަން ގޮސް އުޅުނު އުޅުމުގެ ތެރެއިންނެވެ. ޖައެދާ އަކީ އައިޓީ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ދެދިވެހިންގެ ތެރެއިން އެއްމުއައްޒަފެވެ. ޖައެދާގެ ފަރާތުން ފެނުނު ގާތްކަމާއި އޯކޭކަމުގެ ސަބަބުން ތަމީމްގެ ހިތުގައި ނުހަނު ފަސޭހައިން ޖައެދާގެ ސޫރަ ކުރެހުނެވެ. އެރީތިކަމާއި ފުރިހަމަކަމަށް ހިތްޖެހުނެވެ. ހެދިހުރި ފުރިހަމަވަނާތަކާއި އަންހެންވަންތަކަމަށް ހިތްކިޔެވެ.

ހަފްތާއެއްހާ ދުވަހަށް ދިގުދެމިގެންދިޔަ މަސައްކަތުގެތެރެއިން އެހެންމީހުންގެ ލޯތަކަށް ސިއްރުން ޖައެދާ އާއި ތަމީމްގެ މެދުގައި ހާއްސަ ގުޅުމެއް އުފެދުނެވެ. ޖައެދާ ވެގެންދިޔައީ ތަމީމް އެންމެ ބޭނުންވާފަދަ މިނިވަން ޚިޔާލުގެ އަންހެންކުއްޖަކަށެވެ.

ރަށުތެރޭގައި ރަސްކަން ކުރަމުންދިޔައީ މެންދަމުގެ ހަމަހިމޭންކަމާއި ފަޅުކަމެވެ. ތަމީމް އާއި ޖައެދާ ތިބީ ވައިބަރއިން ވާހަކަދައްކާށެވެ. މިހާރުގެ ހާލަތާއި ބެހޭގޮތުން ދެމީހުން ވެސް އަމިއްލަ ވާހަކަތައް ހިއްސާކުރަމުންދިޔައެވެ. ތިމާގެ ކެރޭކަން ދައްކަމުން އަނެއްކާއަށް ނުކުރޭކަމަށް ބުނަމުންދިޔައެވެ. ތަކުރާރުކޮށް ތަމީމް އެދެމުންދިޔަ އެދުމަށް އިޖާބަދީ އޭނާއަށް ކެރޭކަން ދައްކާލަންވީހޭ ޖައެދާ އަހަމުންދިޔައެވެ.

މެންދަމުން އަލިވެ ދޭއް ޖަހާކަން ހާއިރެވެ. ޖައެދާ އެކަނި މާއެކަނި އޭނާގެ ކޮޓަރިން ނުކުމެގެން އަތިރިމަތިންލާފައި އައިސް ތަމީމްގެ ކޮޓަރިއާ ދިމާއިން އެއްގަމަށް އަރަމުން ތަމީމަށް ފޯނުކުރިއެވެ. ދޮރުހުޅުވަން ބުންޏެވެ.

ކޮޓަރީގެ ދޮރުހުޅުވާލި ވަގުތު ކުރިމަތީގައި ހުރި ޖައެދާ ފެނުމުން ތަމީމަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. ގަބޫލުކުރަން ދަތިވި އެވެ. ގަޔަށްބާރު ކުރުޓީޝާޓަކާއި ކުރުސޯޓެއްލައިގެން ހުރި ޖައެދާގެ އަންހެންވަންތަކަމާއި ފުރިހަމަކަން ފެނި ތަމީމަށް ކެތްކުރަން ދަތިވިއެވެ. ޖައެދާއާ ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތު ޓެސްޓްކޮށްލަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަމުގައި އޭނާގެހިތް ބުންޏެވެ.

ޖައެދާ ކޮޓަރިއަށް ވަންނަން ތަމީމް ފުރުސަތު ދިނީ ކުޑަކުޑަކޮށް ހުޅުވާލާފައި ހުރި ދޮރާއި އޭނާއާ ދޭތެރޭންނެވެ. ޖައެދާ ކޮޓަރިއަށް ވަތްވަގުތު ނޭނގޭކަމުގައި ހަދާފައި ތަމީމް ބީހިލި ނަމަވެސް ޖައެދާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ހިނިތުންވެލަމުން ކޮޓަރިއަށް ވަނެވެ. ފުރަތަމަ ރޭވުން ކާމިޔާބުވުމުން ތަމީމްގެ އުންމީދު އާވެ ޔަގީންކަން އިތުރުވިއެވެ.

ޖައެދާއާ ބެހޭގޮތުން ލިބުނު މަޢުލޫމާތުގެ ތެދުކަން ފުރަތަމަ ރެއިން ވެސް ތަމީމަށް ޔަގީންވިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި އުފަލާއި މަޖަލުގަ ވަގުތު ހޭދަކޮށްލަން ބޭނުންވިއެވެ. ޖައެދާގެ ފަރާތުން ތަމީމް ބޭނުންވި ކޮންމެ ފުރުސަތެއް ދިނެވެ. އުފަލާއި ހިތްހަމަޖެހުމާއިއެކުގައެވެ. ޖައެދާ ހުރީ ތަމީމަށްޓަކައި ކޮންމެކަމެއް ވެސް ކުރަން ތައްޔާރަށެވެ.

ކުރަންއައި މަސައްކަތް ނިންމާލުމަށްފަހު ތަމީމް ފުރައިގެންދިޔައީ އުފަލާއި ހިތްހަމަޖެހުމާއިއެކު ހިނިތުންވަމުންނެވެ. އެއްދޮނުގައި ދެބުޅިޖަހާލެވުމުން އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ދެގުނައަށް އިތުރުވެފައިވާ ކަހަލައެވެ.

ވެދިޔަކަންތަކާއިމެދު ތަމީމަށް ވިސްނާލެވުނީ މިހާރު އެވެ. ކުރާނެކަމެއް ނެތެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެއެއްޗެއް ނޫނެވެ. އޭނާއަށް އެބަލި ޖެހިފައިވަނީ ޖައެދާގެ ފަރާތުންކަން ތަމީމަށް ޔަގީންވި ނަމަވެސް ދެން ކުރެވޭނެކަމެއްނެތެވެ. އެއީ އޭނާގެ ވެސް ކުށެވެ.

ތަމީމްގެ ވާހަކަތަކުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ހޮސްޕިޓަލުން ނުކުމެގެންދިޔަ ސިމްނާ އޭގެފަހުން ދުވަހަކު ވެސް ތަމީމަކަށް ނުފެނެއެވެ. ތަމީމްގެ އަސްލު ސިފަ ފެނުނު ހިސާބުން ފެށިގެން ސިމްނާ ފޫހިވީއެވެ. ފޯނުކުރިޔަސް ފޯނެއް ނުނަގައެވެ. މެސެޖްކުރިޔަސް ޖަވާބެއް ވެސް ނުދެއެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.