އޭ އަޚާއެވެ! އޭ އުޚުތާއެވެ! ސިއްޙީ އެއްވެސް ބައްޔެއް ނެތި، ތިބާގެ ގައިގެ އެކިތަންތަނުގައި ހިރުވާ، ދިލަނަގާ ހެއްޔެވެ؟ މާގިނައިން އާފުރޭ ހެއްޔެވެ؟ އާދަޔާޚިލާފަށް ވައި ލެވި، ނުވަތަ އުކުޑިކޮށްޓާ ހެއްޔެވެ؟ ރޯގާއެއް ނުވަތަ ހުމެއްނެތި ކުއްލި ކުއްލިއަށް ހަށިގަނޑު ހޫނުވެ، ފިނިވާގޮތް ވޭހެއްޔެވެ؟ އާދަޔާ ޚިލާފަށް ކިނބިހި އެޅޭހެއްޔެވެ؟ ހަށިގަނޑުގެ އެކި ތަންތަނުން ފިތްނަގާ (ބައެއްފަހަރު ރަތްވެފަ ނުވަތަ ނޫފައިގެންފައި) ކަހާ ހިރުވާ ހެއްޔެވެ؟ ލޯކައިރި ކަޅުވޭ ހެއްޔެވެ؟ މޭއަންދާ، މެއަށް ބާރުވެފަ ހުންނަކަމުގެ އިހްސާސް ވޭހެއްޔެވެ؟ އަބަދުހެން ބޯއަނބުރާ ބޮލަށް ބާރުވެފަ ހުންނަ ކަހަލަ އިޙްސާސެއް ވޭހެއްޔެވެ؟ ދޭތެރެ ދޭތެރެއިން ތިބާގެ ލޯ ތޮޅޭ ހެއްޔެވެ؟ ތުންފަތުގެ ވަކިތަނެއް ހެފޭ ހެއްޔެވެ؟ ނިޔަފަތީގެ ނިޔަރޮދީގެ ހަންގަޑު ފޮޅި ހަލާކުވޭ ހެއްޔެވެ؟ ނިދަން އުނދަގޫވެ، ހަނދާން ނުހުންނަ ހުވަފެން ފެނި، ބުނަންނޭނގޭ ކަންކަމާ ދެރަވެ ވިސްނާ ފިކުރުބޮޑުވޭ ހެއްޔެވެ؟ މިނޫނަސް މިވާވަތުގެ، ޢާއްމު ދުޅަހެޔޮކަމަށް ތަކުލީފަކަށްވާ ޒާތުގެ ކަންކަމާ ދިމާވޭހެއްޔެވެ؟
މިފަދަކަމެއް ދިމާވާނަމަ ލަސްނުކޮށް ކަމާބެހޭ ޞިއްޙީ މާހިރެއްގެ އެހީ ހޯއްދަވާށެވެ. ޞިއްޙީ އިރުޝާދާ އެއްގޮތަށް ޢަމަލުކުރިޔަސް ލުޔެއް ނުވާކަމާ، މިކަންކަމަކީ ޙަސަދަވެރިކަމާއި އެސްފީނާ ޖެހިފައިވާކަމުގެ ޢަލާމާތްތައް ކަމުގައި ވެދާނެއެވެ. ނުވަތަ ހަސަދަވެރިން ތިބާގެ ނެތިމޮށޭ ކަމުގެ އަލާމާތްތައް ކަމުގައި ވެދާނެކެވެ. ނުވަތަ ތިބާގެ ކާމިޔާބީއަށް ބަޔަކު ނަފުރަތުކުރާ ކަމުގެ ނުވަތަ ހެޔޮނޭދޭ ކަމުގެ ޢަލާމާތްތައް ކަމަށްވެސް ވެދާނެއެވެ. ނުވަތަ ސިޙުރު ޖެހިފައިވާ ކަމުގެ އަލާމާތަކަށްވެސް ވެދާނެއެވެ. އެހެންކަމުން ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާށެވެ. އަވަހަށް ކަމާގުޅޭ ސޫރަތްތަކާއި، ދުޢާތަކާއިއެކު ރުޤްޔާކުރަން ފަށާށެވެ. ރުޤްޔާކުރުން މޮޅުއިތުރީ އަމިއްލައަށެވެ. ޑޮކްޓަރީ ބޭހާއެކު ރުޤްޔާކުރިޔަސް މައްސަލައެއް ނެތެވެ. މިފަދަ ކަންކަމަށް ކުރާ ރުޤްޔާގައި ބޭނުންކުރުމަށް ވާރިދުވެފައިވާ ދުޢާތައް ދަސްކޮށް، ﷲގެ މަދާދާއި ޝިފާއަށް އެދި ދަންނަވާށެވެ. ނަމާދާއި ޤުރްއާނުން ޝިފާލިބޭނެކަމީ ކަށަވަރު ކަމެކެވެ.
މިފަދަ ކަންކަމުން ދުރުހެލިވުމަށް، މީސްމީޑިޔާގައި ތިބާ ޙިއްސާކުރާ ފޮޓޯތަކާމެދު ސަމާލުވެ ލައްވާށެވެ. ތިބާއަށް ﷲ ދެއްވާފައިވާ އެންމެހާ ނިއުމަތްތަކާމެދު (ތިބާގެ ބުރުސޫރަ: އިސްތަށިގަނޑާ، މޫނާ، އަނގަޔާ، ދަތްޕިލަޔާ، ނޭފަތާ، ލޮލާ، ލޮލުގެ އެސްފިޔަތަކާ، ތުންފަތާ، ކަންފަތާ، ކޮލާ، މޫނުގެ ހަމުގެ ކުލަޔާ، އެހަމުގެ އޮމާންކަމާ އަދި ތިބާގެ އެންމެހާ ވަނާތައް ހިމެނޭހެން) ފަޚުރުވެރި ވުމުގެ ބަދަލުގައި އެނިޢުމަތް ތިބާއަށް މިންވަރުކުރެއްވި ﷲ އަށް ޝުކުރުވެރި ވާށެވެ. ތިބާގެ އެ ނިޢުމަތްތައް ޢިޝްތިހާރު ނުކުރާށެވެ. ތިބާއަށްވުރެ ނަސީބުދެރަ، އެފަދަ ނިއުމަތްތައް މަދުން ދެއްވާފައިވާ މީހަކު ނުވަތަ ބަޔަކަށް ފެނިދާނެތީއެވެ. އެފަދަ މީހަކަށް ގަސްތަކާ ލައިގެން ނުވަތަ ގަސްތަކާނުލާ ނަމަވެސް، ޙަސަދަވެރި ވެވިދާނެތީއެވެ. ތިބާއަށް އެފަދަ ނަސީބެއް ލިބުނީތީ އަނެކާއަށް ޙައިރާން ކަމެއްލިބި، އެކަންކަމަށް އަނެކާ ބޭނުންވެގެން ތިބާ، އެ ނިޢުމަތްތަކުން މަޙްރޫމްވުމަށް، އަނެކާއަށް (ހިތުން) އެދެވިދާނެތީއެވެ. ނުވަތަ ތިބާގެ ކާމިޔާބީއަށް ބައަކު ސަނާއާއި ތަޢުރީފު ކުރާއިރު، އެނިޢުމަތް ދެއްވިފަރާތުގެ ކުޅަދުންވަންތަ މިންވަރުފުޅު، ހަނދުމަ ނެތުމުގެ ސަބަބުން، އެކަން އެސްފީނާއަކަށް ބަދަލު ވެދާނެތީއެވެ.
ބަލިވީމާ ބޭސްކުރުމަށް ވުރެ ބަލިން ރައްކާތެރިވެ ތިބުން ބުއްދިވެރިއޭ ބުނެއުޅޭ ނޫންހެއްޔެވެ؟ އެހެންކަމުން ރައްކާތެރިވުމަށްޓަކައި، ތިބާގެ އަގުބޮޑު ގަހަނާތަކާ، ތަފާތު ޑިޒައިންތަކުގެ މަޝްހޫރު ބްރޭންޑްތަކުގެ ހެދުންތަކާއި، ބޫޓާއި ފައިވާނާއި، އަގުބޮޑު ސެންޓް ޖަހައިގެން އެކިއެކި ސަވާރީތަކުގައި، މުޅިޝަހަރު ކުޑަކޮށް ދުއްވާ، އެކިގޮތްގޮތަށް ފޮޓޯނަގާ، އެފޮޓޯތައް މީސްމީޑިއާއަށް ދޫކޮށްލުމުގެ ކުރިން، ވިސްނަވާށެވެ. ތިބާގެ ކާމިޔާބީއާއި ގުޅިގެން ތިބާ ދޫކޮށްލާ އުފާވެރި ފޮޓޯތައް ފެންނަ އެހެންމީހަކަށް، ނުތަނަވަސް އިޙްސާސެއް ކުރުވަފާނެތީއެވެ. އެމީހާއަކީ ތިބާ ދަންނަ، ދެކެފަރިތަ، ނުވަތަ ތިބާދެކެ ނަފްރަތުކުރާ ނުވަތަ ތިބާ ނުވެސް ދަންނަ މީހަކަށް ވެދާނެއެވެ. އެމީހާގެ ހިތުގައި ތިބާއާއިމެދު ހަސަދަވެރިކަމެއް އުފެދިދާނެތީއެވެ. ތިބާގެ ކާމިޔާބީގެ ފަހަތުގައިވާ، ބުރަމަސައްކަތާއި، އުފުލި ވޭނާއި، އޮހޮރި ދާތައް، އެ ފޮޓޯތައް ފެންނަމީހާއަށް ވަޒަން ނުކުރެވިދާނެ ތީއެވެ. ނުވަތަ ތިބާތީ މާ ނަޞީބު ރަނގަޅު މީހެއްކަމަށް އަނެކާއަށް ޤަބޫލުކުރެވި، އެކަމުން އަނެކާގެ ހިތަށް ތަދުކޮށްފާނެ ތީއެވެ. މިކަހަލަ އިޙްސާސްތަކަކީ، ބައެއްފަހަރު ޙަސަދައާއި އެސްފީނާއަށް މަގުފަހި ކޮށްދީފާނެ ކަންކަމަށް ވެދާނެއެވެ. ނުވަތަ ތިބާގެ އެ ޢަމަލުތަކުގައި ބޮޑާކަމާއި ކިބުރުވެރިކަމާއި ދެއްކުންތެރިކަމުގެ މިންވަރެއް ހިމެނިފައި އޮވެދާނެތީއެވެ.
ތިބާކުރާ ޞަދަޤާތާއި، ޚައިރާތު ތަކުގެ ފޮޓޯނަގާ ޢާއްމުކުރަނީ، މީސްތަކުންގެ ލޯތްބާއި މަޝްހޫރުކަން ހޯދަންކަމުގައި ނަހަދާށެވެ. ޞަދަޤާތެއްގެ ގޮތުގައި ކުރެވޭ އެންމެހާ ކަންކަމަކީ، ﷲގެ ނަމުގައި ކުރެވޭ ކަންކަމަށްވުމީ އެޢަމަލު ޤަބޫލުކުރެއްވުމުގެ ޝަރުޠުތަކުގެ ތެރެއިން ހިމެނޭކަންކަން ނޫންހެއްޔެވެ؟ ކަނާތުންކުރެވޭ ޞަދަޤާތް ވާތަށް ސިއްރުކުރަން ނަބަވީ އިރުޝާދުގައި ވާއިރު އެކަންކަން ތިބާ މީސްމީޑިއާއަށް ދޫކޮށްލަނީ، ކޮން މަޝްހޫރުކަމެއް ލިބިގަތުމަށް ހެއްޔެވެ؟ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ތެރެއިން ފޮޓޯނަގާ ޢާންމުކުރަނީ ކޮންކަމެއް ސާބިތުކޮށްދޭން ހެއްޔެވެ؟ ތިބާއަށް ރިޒްޤްދެއްވައި ދިރިދުނިޔޭގައި ލަހަޓަވަނީ ތިބާގެ ވެރި ރައްބު ނޫންހެއްޔެވެ؟
އެންމެހާ މަޚްލޫގުން ހެއްދެވީ އެބަޔަކަށް މިންވަރު ކުރެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ﷲއަށް ތަކްބީރާއި، ތަސްބީޙަ އަދި ސަނާ ކިޔުމަށެވެ. އެކަލާނގެއީ ކަޅުފޮއި ރޭރޭ ކަޅު ހިލަތަކުގެ ތެރޭގައިވާ ކަޅު ފަނިފަކުސައިގެ ހާލުވެސް ދެނެ، ދެކެ، އެނގި ވޮޑިގެންވާ ރަސްކާލާނގެއެވެ. އެހެންކަމުން ތިބާގެ އުފަލާ، ހިތާމަ އަދި ހިތުގެ އުދާސްތައް ތިބާ ހެއްދެވިފާރާތާ ޙިއްސާކުރާށެވެ. އެކަންކަން މީސްމީޑިއާގައި ބަންޑުންކޮށް، އެހެންމީހުންގެ ހިތަށް، ޤަޞްދުގައި ވިޔަސް އަދި ޤަޞްތަކާ ނުލައިވިޔަސް، ތަދު ނުކުރަމާ ހިނގާށެވެ.
މިހެން މިކަންކަން ދިމާވެދާނެ ހެއްޔެވެ؟ މިއީ ކޮންޓެމްޕޮރަރީ ވިސްނުމަކުން ސާބިތުކުރަން އުނދަގޫ ކަންކަމެވެ. ހަމައެކަނި ޒަމާނުގެ ސައެންސްގެ އަލީގައި ވިސްނާބަޔަކަށް ޤަބޫލުކުރަން އުނދަގޫ ކަންކަމަށް ވެދާނެއެވެ. އެކަމަކު ދީނީގޮތުން ސާބިތުވާ ހަޤީގަތްތަކެވެ. ސާބިތުހިފޭ ނަބަވީ އެތައް އިރުޝާދަކުން ފެންނާހުރި ކަންކަމެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ އެތައް ޙާދިސާތަކަކުން އެނގި ސާބިތުވާ ކަންކަމެވެ. ދީނީ ޢިލްމުވެރިން ޤަބޫލުކުރާ ކަންކަމެވެ. ބާވައިލެއްވި ހުރިހާ ދީންތަކުގެ މީހުންވެސް ޤަބޫލުކުރާ ކަންކަމެވެ. ފަހަރުގައި ސައެންސް އަދި އެހިސާބަށް ނުފޯރަނީކަމަށް ވެދާނެ ނޫންހެއްޔެވެ؟
ކޮންމެއަކަސް، މާތްﷲ އިންސާނާ އުފައްދަވާފައިވަނީ ޖިސްމާނީ ބަޔަކާއި ރޫޙާނީ ބަޔަކާ އެކުގައިކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލް ކުރަމެވެ. އަދި އިންސާނާގެ ރައްކަލަށްޓަކައި އޭނާއާއިއެކު މަލާއިކަތުން ލައްވާފައިވާ ގޮތަށް، އޭނާއާއެކު މަގުފުރައްދާ ޝައިޠާނުންވެސް ލައްވާފައިވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އިންސާނާގެ ވަށައިގެން ލައްވާފައިވާ ރޫޙާނީ ބާރުތައް މަސައްކަތް ކުރަނީ ކިހިނެތްކަން ކަނޑައެޅިގެން ނޭގުނަސް، އިންސާނާނުންނާ ޖިންނީން ހެއްދެވީ ﷲ އަށް އަޅުކަން ކުރުމަށްކަން އެގެން އެބައޮތެވެ. އިންސާނާއެކުގައި ލައްވާފައިވާ މަލާއިކަތުން ﷲގެ އަމުރުފުޅަށް ފުރިހަމަޔަށް ކިޔަމަން ވިޔަސް، އޭނާއާއެކުގައި ލައްވާފައިވާ ޝައިޠާނުންނަކީ، އިންސާނުން ފަދައިން، އެކިގޮތޮތް އިޚްތިޔާރު ކުރުމުގެ މިނިވަނަކަން ދެއްވާފައިވާ މަޚްލޫޤުން ތަކެކެވެ.
އިންސާނާއަށްވުރެ ކުރިން ޝައިޠާނާ ހައްދަވާ، އޭގެފަހުން އިންސާނާ އުފައްދަވާ އެ ޝައިޠާނާއަށްވުރެން ދަރަޖައިގެ ގޮތުން އިންސާނާ މަތިވެރި ކުރެއްވީތީ، ޝައިޠާނާ ވަނީ، ޤިޔާމަތާހަމަޔަށް ދާންދެން އިންސާނުންނަށް ޙަސަދަވެރިވެ، މަގުފުރެއްދުމުގައި ދެމިތިބޭނެކަން ޢިޢުލާން ކޮށްފައެވެ. އިންސާނުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަކީ އެޝައިޠާނާގެ ހިތުގެ ހަމަޖެހުން ކަމުގައި ވަނީވެފައެވެ. އަދި އިންސާނުންގެ ތެރެއިން ބަޔަކުވެސް ޝައިޠާނީ މިފަދަ ޢަމަލުތަކުގައި ބައިވެރި ވާނެކަން، ކާއިނާތާއި އެތާނގައި ލެއްވި ހުރިހާތަކެއްޗެއް ޚަލްޤުކުރެއްވި އިލާހުވަނީ، ޝައްކެއްނެތް މިންވަރަށް، ކީރިތި ޤުރްއާނުގައި ބަޔާންކޮށް ދެއްވާފައެވެ.
އެހެންކަމުން، ރޫހާނީ ލެވެލްގައި (ޔަޢުނީ، ރޫޙާނީ ޑައިމެންޝަންގައި) ހިނގާ ހަލަބޮލި ކަންތައްތަކެއްގެ އަސަރު ތިބާގެ ޖިސްމުގައި ލައްވާފައިވާ ޙިއްސުތަކަށް އިޙްސާސްވުމަކީ އެކަށީގެންވާ ކަމެއް ނޫންހެއްޔެވެ؟
ކީރިތި ﷲ އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާ، އެކަލާނގެ ތަނަވަސް ރަޙްމަތުގައި އަޅަމެން ޝާމިލް ކުރައްވާށި.
އާމީން
ލިޔުންތެރިޔާގެ ފުރަމަލަ
-
މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
މީގެ އިތުރުން ރޫހާނީ އަދި ސުޕަނެޗްރަލް ދާއިރާއަކީ އޭނާ ދިރާސާކުރައްވަމުން ގެންދަވާ ދާއިރާއެއް
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މެއި 2023ރިޕޯޓްމީސްމީޑިއާއަށް ސަމާލުވުން
- 21 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން – 4
- 13 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 3
- 6 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 2