ރާއްޖޭގެ ފިލްމީ ދާއިރާގެ ކްއީން ނިޢުމާ މުޙައްމަދު ޓިކްޓޮކްގައި ހަރަކާތްތެރިވާން ފަށައިފި އެވެ. ނަމަވެސް ނިޢުމާ ޓިކްޓޮކް ކުޅެންފެށީކީ ނޫނެވެ. ޓިކްޓޮކްގައި ނިޢުމާ ހަރަކާތްތެރިވާން ފެށީ ވަރަށް ޚާއްޞަ ކަމަކާއެކުގައެވެ.

“ހާއި… ހުރިހާ ކުދިން. ހަމަގައިމުވެސް މިހާރު ވަރަށް ގިނަކުދިން ހިތަށްއަރާނެ ކީއްވެބާއޭ ނިޢުމާ ޓިކްޓޮކްގަ މާ އެކްޓިވްވެގެން މި އުޅެނީ.” ނިޢުމާގެ ޓިކްޓޮކް ފެނިގެން ހަމަ ގައިމުވެސް އަހަރެންގެ ހިތަށްވެސް ތިހެން އެރިއެވެ. ނަމަވެސް ނިޢުމާ މިވަނީ އޭނާ ޓިކްޓޮކްގައި މާބޮޑަށް ހަރަކާތްތެރިވާން ފެށި ޚާއްޞަ ސަބަބު ހިއްސާކޮށްފައެވެ.

“…… ދެން އެ ސުވާލަށް ޖަވާބުދޭންށާ އަދި އިތުރު ކަމެއް ޝެއާކޮށްލަންށާ އެކީގަ މި ވީޑިއޯ މި ހެދީ.” މީގެ ހަފުތާއެއް ވަރު ކުރިން ނިޢުމާ ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވެއެވެ.

“އަސްލު މި ޓިކްޓޮކް އެކައުންޓް ހަމަ ޚާއްޞަކޮށް މި ހެދީ އަޅުގަނޑުގެ އަމިއްލަ ފިލްމު، ދިވެހި ފިލްމު “ކަޅަކި” ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން. ދެން މި ޕްލެޓްފޯމަކީ ހަމަ ވަރަށް ގިނަ ދިވެހި ފިލްމުތަކަށް ލޯބިކުރާ އަދި އަޅުގަނޑުމެން ވަރަށް ގިނަ ފަންނާނުންނަށްވެސް ހަމަ ވަރަށް ބޮޑަށް ލޯބިކުރާ ވަރަށް ގިނަ ފަރާތްތަކެއް ބޭނުންކުރައްވާ ޕްލެޓްފޯމަކަށް ވާތިވެ އަސްލު ހަމަ “ކަޅަކި”ގެ ވާހަކަތައް ހިއްސާކޮށްލުމުގެ ގޮތުން ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން މި އެކައުންޓް ހެދީ.” ނިޢުމާ ޓިކްޓޮކް އެކައުންޓް ހެދި ސަބަބު ހިއްސާކުރަމުން ބުންޏެވެ.

ނިޢުމާގެ ވީޑިއޯގައި އިތުރަށް ބުނެފައިވަނީ “ކަޅަކި” މި ފިލްމަކީ ބިރުވެރި ފިލްމު ބަލާ ބޭފުޅުންނަށް ހަމަ ގައިމުވެސް ވަރަށް ކަމުދާނެ ފިލްމެއް ކަމަށާ މި ފިލްމާ ބެހޭ ގިނަ ވާހަކަތައް ވީހާވެސް ގިނަ ބޭފުޅުން އަޑުއައްސަަވާ އަދި މި ފިލްމަށް ގޮސް މި ފިލްމު ބައްލަވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ނިޢުމާ ބުނެފައިވެއެވެ.

ނިޢުމާ ޓިކްޓޮކް އެކައުންޓެއް ހެދީ އޭނާގެ ނަމުގައި ގިނަ ފޭކް އެކައުންޓްތަކެއް އުޅޭތީ އޭނާގެ އަސްލު އެކައުންޓަކީ ކޮބައިކަން ޔަޤީންކޮށްދިނުމުގެ ގޮތުން ކަމަށްވެސް ނިޢުމާގެ އަސްލު ޓިކްޓޮކް އެކައުންޓްގައި ނިޢުމާގެ އަޑާއި މަންޒަރުން އަންގައިދެމުން ބުނެފައިވެއެވެ.

ނިޢުމާ ބުނީ އޭނާގެ އެކައުންޓް މެދުވެރިކޮށް މާ ގިނަ ޓިކްޓޮކް ވީޑިއޯތަކެއް ކުޅެ އާއްމުކުރަން ނުވިސްނާ ކަމަށާ ނަމަވެސް ފޭނުން ރިކްއެސްޓްކޮށްލައިފި ނަމަ ވީޑިއޯއެއް ތައްޔާރުކޮށްލެވިދާނެ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ޓިކްޓޮކް ހެދުމަކީވެސް ފަސޭހަކަމެއް ނޫންކަން މިހާރު އެނގިއްޖެ ކަމަށްވެސް ނިޢުމާ ފާހަގަކޮށްލާފައިވެ އެވެ.

މި އަހަރު އޮކްޓޫބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު “ކަޅަކި” އަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ’ނިއުޒޯ ފިލްމްސް‘ އިން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރ މުނިއަވަސް މެދުވެރިކޮށް “ކަޅަކި”ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލީ 05 މާރިޗް 2020ގައެވެ. ޓީޒާ އާއްމުކުރަމުން ނިޢުމާ މުޙައްމަދު ބުނީ ޕްރޮޑިއުސަރެއްގެ ހައިސިންޔަތުން “ކަޅަކި” ފިލްމުގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

“ޔޫއްޕެގެ ވަރަށް ހިތްގައިމު ސްކްރީންޕްލޭ އަކަށް މި ފިލްމު ހެދިފަ މިއޮތީ. ދެން ޔޫއްޕެގެ މަސައްކަތާ ދޭތެރޭގަ އެއްވެސް ވަރަކަށް ‘ޑައުޓެއް’ ވެސް ނުކުރަން. ޔޫއްޕެ އަކީ ހަމަ ފަސްމީރު ކުރިރުކެކޭ ބުނެވޭނީ.” ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢުގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކުރަމުން ނިޢުމާ ބުންޏެވެ.

ފިލްމު “ކަޅަކިި” އެއްކޮށް ޝޫޓްކޮށްފައިވަނީ ސްރީ ލަންކާގެ ކޮލޮމްބޯއިން ބޭރު، އެކަހެރި، ހިތްގައިމު ސަރަޙައްދެއްގައިކަން ފާހަގަކުރަމުން ނިޢުމާ ބުނީ ފިލްމުގެ ކާސްޓާއި ކްރޫއިން ތިބީވެސް އިތުރު އެއްވެސް ގެއެއް ނެތް އެކަހެރި ސަރަހައްދެއްގައި ކަމަށެވެ.

“ލަންކާގެ ކޮލޮމްބޯ ސިޓީން ބޭރުގަ ތަންކޮޅު ދުރު ހިސާބެއްގަ ޝޫޓްކޮށްފަ މިއޮތީ. އަނެއްހެން ބުނާނަމަ ކާސްޓުން ގޮސް ތިބި ގެ ހިސާބުގަނޑުގަވެސް ނުހުންނާނެ އެއްވެސް ގެއެއް. އަނެއްހެން ބުނަންޏާ ހަމަ ‘ބިގް ބޮސް’ ކަހަލަ ތަނަކަށް ގެންގޮސް ބޭތިއްބީ. ދެން އެ ހުރިހާ ކަމެއްވެސް ޓޮލެރޭޓްކޮށްގެން ކެތްތެރިކަމާއެކީގަ ހުރިހާ ސްޓާރުންވެސް ހަމަ ވަރަށް އެއްބާރުލުން ދީގެން މަސައްކަތް ނިންމާލެވުނީ. އެހެންވީމަ ވަރަށް ބޮޑަށް އުފާވޭ މަސައްކަތާ ދޭތެރޭގަ.” ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަގޮތް ހިއްސާކުރަމުން ނިޢުމާ ފާހަގަކުރިއެވެ.

“ފިލްމުގެ ހުރިހާ ކާސްޓުންގެ ވެސް އެކްޓިން ހަމަ ވަރަށް މޮޅު. ދެން ހުރިހާ ކާސްޓުންނަށް ވެސް ހަމަ ވަރަށް ބޮޑަށް ތެންކިޔު.” ފިލްމުގެ ތަރިންގެ މަސައްކަތާމެދުވެސް ނިޢުމާ ހުރީ ހިތްހަމަޖެހިފައެވެ.

ފިލްމު “ކަޅަކިި”ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ބިރުވެރި ފިލްމު “ކަޅަކިި” ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މަންޒަރުތައް ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓްކޮށްފައިވެއެވެ.

ފިލްމު “ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.


ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއު ކުރީ: އަޙްމަދު ރަޝީދު


ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.