ބޮލީވުޑް ގެ މަޝްހޫރު ފިލްމީތަރި ސްރީދޭވީ އަށް ކުއްލި ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ. 1980 އިން 1990 ގެ އަހަރުތަކާއި ހަމައަށް ބޮލީވުޑްގެ އެންމެ އަލިގަދަ އަންހެން ތަރިންގެ ތެރޭގައި ހިމެނުނު ސްރީދޭވީ އަށް ހާޓް އެޓޭކެއް ޖެހި މަރުވެފައިވަނީ ދުބާއީ ގައި ހުއްޓަ އެވެ. 

އުމުރުން 55 އަހަރުގައި ސްރީދޭވީ ނިޔާވިއިރު އޭނާ ދުބާއީ ގައި ހުރީ ފިރިމީހާ ބޯނީ ކަޕޫރާއި އަންހެން ދަރިފުޅު ޚުޝީ އާއި އެކުގައި ޢާއިލީ ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށް ގޮހެވެ.

މުޅި ބޮލީވުޑަށް ކުއްލި ސިހުމެއް ސްރީދޭވީ ގެ މަރާއިއެކު ވަނީ ލިބިފައެވެ. ސްރީދޭވީ އަށް ހެޔޮއެދޭ ފަރާތްތަކުން މުންބާއީގައި ހުންނަ ސްރީދޭވީ ގެ ގެއަށް ޒިޔާރަތްކޮށް ސްރީދޭވީ ގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ގެ ކައިރިއަށް ގޮސް، އާއިލާއަށް ލިބުނު ހިތާމާގައި އަންނަނީ ބައިވެރިވަމުންނެވެ.

ބޮލީވުޑް ގެ މަޝްހޫރު ނޫސްތަކާއި ޓީވީ ޗެނަލްތަކުންވެސް މިހާރު އަންނަނީ މި ޚަބަރު ކަވަރ ކުރަމުންނެވެ. އެގޮތުން ފިލްމުފެއަރ،  ބޮލީވުޑްލައިފް، އިންޑިއަން އެކްސްޕްރެސް، ހަފިންހަމް ޕޯސްޓް ހިމެނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ ސެލެބްރްރިޓީން އެމީހުންގެ ޓްވިޓަރ ގައި ވެސް އަންނަނީ ހިތާމަފާޅުކުރުމުގެ މެސެޖްތައް ޕޯސްޓް ކުރަމުންނެވެ. އެގޮތުން އިންޑިޔާ ޓީވީ ގެ ޗީފް އެޑިޓަރ އަދި ޗެއަރމަން،  ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ ޓްވީޓްކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.