ނ. މަނަދޫގެ މަޝްހޫރު ޑާންސް ގްރޫޕް ‘ހިޔަލަ’ އިން މި އަހަރު ވެސް ވަރަށް ރީތި ވީޑިއޯ ލަވައެއް ނެރެފި އެވެ. މިފަހަރު އެމީހުން ނެރުނީ “ކޯޑި” އެވެ.

ދިވެހިންގެ އީދާ ގުޅޭ ސަފާގީ ހަރަކާތެއް ކަމަށްވާ ކޯޑި ކެނޑުމުގެ ހަރަކާތްތަައް ފެނިގެންދާ މި ލަވައިން ދައްކުވައިދެނީ ކޯޑިކެނޑުމުގެ ތެރޭގައި ދިމާވާ ލޯބީގެ ހާދިސާއެކެވެ. އެގޮތުން ކޮންމެވެސް ރަށެއްގައި އުޅޭ މީހަކު އީދަށް އެހެން ރަށަކަށް ކުރި ދަތުރެއްގައި ދިމާވާ އަންހެން ކުއްޖަކަށް ހިތްކިޔާ ހިސާބުން ހިނގާ ކަންތައްތަކެއް މި ލަވައިގައި ދައްކުވައިދީފައިވެއެވެ.

ރ. ރަސްގެތީމުގައި މަންޒަރުތައް ނަގާފައިވާ އަމިއްލަ ރާގުގެ މި ލަވައިގެ ވީޑީއޯ ކޮންސެޕްޓް ތައްޔާރުކުރީ މަނަދޫ ޒުވާނެއް ކަމަށްވާ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. މި ލަވައިގެ ޅެމާއި ރާގު ވެސް ހެދީ އޭނާ އެވެ. މި ލަވަ ޑައިރެކްޓުކުރީ އަހްމަދު އަބްދުﷲ (އޭޑީ) އެވެ. ކެމެރާ ކުރުމާއި ވީޑީއޯ އެޑިޓިން އަދި މިކްސިންގެ މަސައްކަތް ކުރީ ވިޝާލް އާމިރު އެވެ.

ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ބޮޑުބެރު ލަވަކިޔުންތެރިޔާ ހަމްދާން ސަލީމް (އަންނަ) އެވެ. މި ލަވައިގެ އޯޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްކުރީ އެރާ ރިކޯޑްސް އިންނެވެ.

މި ދިޔަ އަހަރު ހިޔަލަ ގްރޫޕުން ނެރުނު ލަވައަށްވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ފަސް މެންބަރުންނާއެކު ނ. މަނަދޫގައި އުފެއްދި “ހިޔަލަ” އިން އެމީހުންގެ ފުރަތަމަ ޑާންސް ކަވަރއެއްގެ ގޮތުގައި 2020 ވަނަ އަހަރު ނެރުނު “އީދު ބޮލަށް ގޮން” އަށްވެސް ހަމަ އެހާމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

“ހިޔަލައަކީ ހަމައެކަނި ނަށާ ގްރޫޕެއް ނޫން. ހިޔަލަގެ މަގްސަދަކީ ފަންނުވެރިން އުފެއްދުމާއި ފަންނުވެރިކަމުން ކުރިއަށްދާނެ މަގުފަހިކޮށްދިނުން އަދި އަންހެނުން ބާރުވެރި ކުރުވުން. މަނަދޫ ފަދަ ރަށަކުން ފަންނުވެރިންތަކެއް އުފެދިގެން ދިއުމަކީ މުޅި ހިޔަލަ ޓީމްގެ ވަރަށް ބޮޑު ހުވަފެނެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގަ އެހުވަފެން ހަގީގަތަކަށްވާނެ.” ހިޔަލަ ޓީމުގެ މެނޭޖްމެންޓުން 2020 ވަނަ އަހަރު މުނިއަވަސް އަށް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.