2009 ވަނަ އަހަރު ލާރނާސް ޕްރޮޑަކްޝަން އިން ހާމިދު ޢަލީ ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމު “އުދަބާނި”ގެ ދެވަނަ ބައި “އުދަބާނި 2” ލޯންޗްކޮށްފި އެވެ. ސޮލައިޓް ރެސްޓޯރެންޓްގެ 09ވަނަ ފަންގިފިލާގައި މިމަހު 09ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައި ފިލްމު “އުދަބާނި 2″ގެ ކާސްޓުންނާއި ކްރޫއިން ބައިވެރިވިއެވެ.

“އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ. ހާމިދު ޢަލީގެ ‘ލާރނާސް ޕްރޮޑަކްޝަން’އިން ގެނެސްދޭ މި ފިލްމު ކެމެރާކުރާނީ ކޮކޯ ހަސަން އެވެ.

“އުދަބާނި 2″ގެ ޓީމުގެ އަމާޒަކީ މި ފިލްމުގެ ފުރަތަމަ ބަޔަށްވުރެން މިފަހަރުގެ ބައި ހަގުނައަށް މޮޅު އުފެއްދުމަކަށް ވެގެންދިއުން ކަމަށް ފިލްމުގެ ޑައިރެކްޓަރ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުންޏެވެ.

“ﷲގެ ރަހުމަތާ އިރާދަފުޅާއެއްކޮށް އަޅުގަނޑުގެ އުއްމީދަކީ ފުރަތަމަ ޕާޓަށްވުރެން ހަބައި މޮޅުވުން އިނގޭތޯ. އަޅުގަނޑު މަސައްކަތްވެސް ކުރާނީ އެގޮތަށް ހެދޭތޯ. ވާހަކައަކީ އަޅުގަނޑު ކުރިން ދެންނެވިހެން ޒަމާނާ ޓެކްނޮލޮޖީއަށް އައި ބަދަލާ އެއްކޮށް އެ ބަދަލު ވަރަށް ރީއްޗަށް “އުދަބާނި 2″ގަ ދައްކާލެވޭތޯ މަސައްކަތްކުރާނަން.”

“އުދަބާނި 1″ގައި މުހިންމު ރޯލަކުން ފެނިގެންދިޔަ ހާމިދު ޢަލީ ބުނީ “އުދަބާނި 2″ގެ މަސައްކަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާ ފިލްމުގެ މަސައްކަތް ފެށޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. މީގެ އިތުރުން “އުދަބާނި 1″ގައި އޭނާ ކުޅެފައިވާ ރޯލަށް ވުރެން މާ ވަރުގަދަ ރޯލެއް މި ފިލްމުން ފެންނާނެ ކަމަށްވެސް ހާމިދު ހާމަކޮށްފައިވެއެވެ.

ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ ޝޫޓިން ފެށުމަށް މިމަހު 10ވަނަ ދުވަހު ހެނދުނު ފިލްމުގެ ކާސްޓުންނާއި ކްރޫ ފުރުމަށް ހަމަޖެހިފައިވާކަމަށް ފިލްމު ލޯންޗިން ހަފުލާގައި ހާމަކުރިއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި މި ހަފުލާގައި ފިލްމު “އުދަބާނި 2” އާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ނެރުނު ދުވަސްވަރާ މިހާރާ އަޅާބަލާއިރު ފިލްމީ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު އެ ބަދަލުތަކާއެކު ރަނގަޅު މަސައްކަތެއްކޮށް ރަނގަޅު އުފެއްދުމެއް ގެނެސްދިނުމަށް މަސައްކަތްކުރާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުންޏެވެ.

“އުދަބާނި 1″ގެ މައި ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި އާމިރާ އިސްމާޢީލް މި ފިލްމުގެ ލީޑުގައި ހަރަކާތްތެރި ނުވާކަން ފާހަގަކުރަމުން އަމްޖޭ ބުނީ މިގޮތަށް ފިލްމެއްގެ ދެވަނަ ބައެއް އުފައްދާއިރު ކާސްޓް ބަދަލުވުން މިއީ އަލަށް ވާ ކަމެއް ނޫންކަމަށާ މި ފިލްމުގެ ކާސްޓް ބަދަލުވުން މިއީ ރަނގަޅަކަށް ވެފައިވާ ކަމަކަށްވެސް ވެދާނެކަމަށް އަމްޖޭ ފާހަގަކުރިއެވެ.

“އުދަބާނި 2″ގައި ޔޫއްޕެ ބައިވެރިވުމަށް އެސްބަސް ނުވީ ފިލްމުގައި އާމިރާ އުޅޭތީ ކަމަށް އަޑުފެތުރުނު ކަމަށާ ކާސްޓުންގެ ތެރޭގައި އާމިރާގެ ނަން ހިމެނިފައި ވިޔަސް، ލޯންޗިން އިވެންޓަށް ދިޔައިރު އާމިރާގެ ނަން ނެތްކަން ނޫސްވެރިއަކު ފާހަގަކޮށް ކުރި ސުވާލަށް އަމްޖޭ ޖަވާބުދެމުން ބުނީ މި ފިލްމުގައި ހަރަކާތްތެރި ނުވުމަށް ޔޫއްޕެ އަދި އާމިރާ ނިންމި ސަބަބެއް އެ ތަރިންނާ ސުވާލުކޮށްގެން ޖަވާބު ހޯދުން ރަނގަޅުވާނެ ކަމަށެވެ.

ފިލްމު “އުދަބާނި 1″ގައި ހަރަކާތްތެރިވި އެކްޓަރުންގެ އެކްޓިންއާ އެއް ފެންވަރަށް “އުދަބާނި 2″ގައި ހަރަކާތްތެރިވާ އެކްޓަރުންނަށް އެކްޓްކުރެވިދާނެ ކަމަށް ޤަބޫލުކުރަންތޯ އަހާލުމުން އަމްޖޭ ބުނީ އެ އެކްޓަރުންނަށް ވުރެން މިފަހަރުގެ އެކްޓަރުންގެ އެކްޓިން މޮޅުވާނެ ކަމަށެވެ.

“އަޅުގަނޑު ބުނާނީ ހަގީގަތުގަ މޮޅުވާނީ އިނގޭތޯ. އެއީ އެ ޒަމާނާ މި ޒަމާނާ، މިހާރުގެ ކުދިންގެ ތަންދޮރުއެނގުމާ، ޓެކްނިކަލް ކަންތައްތައްވެސް އެނގުމާ އެހެންގޮސް މިހާރުގެ ގިނަ ކުދިންނަކީ ވަރަށް ތަޢުލީމީ ކުދިން އިނގޭތޯ. ވަރަށް ހޭލުންތެރިކުދިން. އެހެންވީމަ އަޅުގަނޑު ޔަގީންކަން އެބައޮތް އުދަބާނި ދޭއްގަ ފެންނަ ތަރިން އުދަބާނި އެކެއްގެ އުޅުނު ތަރިންނަށް ވުރެން މޮޅުވާނެ ކަމަށް.” ވަރަށް ޔަޤީންކަމާއެކު އަމްޖޭ ބުންޏެވެ.

“އުދަބާނި 2” ޝޫޓްކުރުމަށް ހަމަޖެހިފައިވަނީވެސް އުދަބާނިގެ ފުރަތަމަ ބައި ޝޫޓްކުރި ރަށް، ރ. މާކުރަތު ގައެވެ. އެރަށުގައި ފިލްމުގެ ދެވަނަ ބައި ޝޫޓްކުރަން ނިންމީ އެ ރަށުގެ ރައްޔިތުންނަކީ ވަރަށް އެއްބައިވަންތަ، ފިލްމީ މަސައްކަތަށް ވަރަށް އެއްބާރުލުންދޭ ރައްޔިތުންތަކެއް އުޅޭ ރަށަކަށް ވާތީ ކަމަށްވެސް އަމްޖޭ ބުންޏެވެ.


އިވެންޓް ކަވަރކުރީ: އަޙްމަދު ރަޝީދު (އަންނާރޭ) | ލިޔެ ޝާއިއުކުރީ: އަޙްމަދު ރަޝީދު


ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.