ދިވެހި ފިލްމު ބެލުންތެރިން، އެ ފިލްމެއްގެ ދެވަނަ ބަޔަކަށް އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމު “އުދަބާނި”ގެ ދެވަނަ ބައި “އުދަބާނި 2″ގެ ލީޑްކުޅުމަށް ޔޫސުފް ޝަފީޢު (ޔޫއްޕެ) އެއްބަސް ނުވި ސަބަބު ހާމަކޮށްފި އެވެ.

“އުދަބާނި 2″ގެ ޝޫޓިން ފެށުމަށް މިމަހު 10 ވަނަ ދުވަހު ރ. މާކުރަތަށް ފުރުމުގެ ކުރިން މިމަހު 09 ވަނަ ދުވަހުގެ ރޭ ބޭއްވި ލޯންޗިން އިވެންޓްގައި މި ފިލްމާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުގެ އިތުރުން ބައެއް ތަރިން ހިއްސާކުރިއެވެ. އެގޮތުން ފިލްމުގެ ލީޑަށް ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި އާމިރާ އިސްމާޢީލް ނުލިބުނުކަން ފިލްމުގެ ޕްރޮޑިއުސަރު އަދި މުހިންމު ރޯލަކުން ފެނިގެންދާނެ ހާމިދުވެސް ފާހަގަކުރިއެވެ.

“ފިލްމުގެ ބައެއް ކާސްޓުން ދެކޭގޮތުގަ…. އެއީ 2009ގަ ކުޅުނު ފިލްމެއް. މިހާރު މިއީ 2023. އެހެންވީމަ ބައެއް ކާސްޓުން މިހާރު ހިތްހަމައެއް ނުޖެހޭ އޭރުގަ ހުރި ގޮތާ ތަފާތުވީމަ، އެމީހުންވެސް ބުނަނީ ހަމަ އާ ކާސްޓެއް ނަގާށޭ. އެހެންވެ ކާސްޓް އާކޮށްލީވެސް.” ފިލްމު “އުދަބާނި 2″ގެ ކާސްޓަށް “އުދަބާނި”ފިލްމުގެ ކާސްޓުން ނުލިބުނީ ކީއްވެގެންތޯ ތަކުރާރުކޮށް ނޫސްވެރިއަކު ސުވާލުކުރުމުން ޕްރޮޑިއުސަރު ހާމިދު ބުންޏެވެ.

ނަމަވެސް، “އުދަބާނި 2″ގައި ޔޫއްޕެ ބައިވެރިވުމަށް އެސްބަސް ނުވީ ފިލްމުގައި އާމިރާ އުޅޭތީ ކަމަށް އަޑުފެތުރުނު ކަމަށާ ކާސްޓުންގެ ތެރޭގައި އާމިރާގެ ނަން ހިމެނިފައި ވިޔަސް، ލޯންޗިން އިވެންޓަށް ދިޔައިރު އާމިރާގެ ނަން ނެތްކަން ނޫސްވެރިއަކު ފާހަގަކޮށް ކުރި ސުވާލަށް އަމްޖޭ ޖަވާބުދެމުން ބުނީ މި ފިލްމުގައި ހަރަކާތްތެރި ނުވުމަށް ޔޫއްޕެ އަދި އާމިރާ ނިންމި ސަބަބެއް އެ ތަރިންނާ ސުވާލުކޮށްގެން ޖަވާބު ހޯދުން ރަނގަޅުވާނެ ކަމަށެވެ.

އަމްޖޭގެ މި ޖަވާބާއި ހާމިދުގެ ވާހަކަތައް ހުރިގޮތުން ‘އުދަބާނި’ ލަފުޒުގެ މާނައިގައި ބުނާހެން ހިލިގެން އުޅޭ ގުޖަޑުގަނޑެއް ނުވަތަ ހައިޖާނެއް އުޅޭކަމަށް ޤަބޫލުކުރެވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކޮށްލެވެ އެވެ. މިކަަަމަށް ބާރު ލިބެނީ ލޯންޗިިން އިވެންޓްގައި ސުވާލުކުރި ނޫސްވެރިޔާގެ ސުވާލާއެކު ހިއްސާކުރި : “……….“އުދަބާނި 2″ގައި ޔޫއްޕެ ބައިވެރިވުމަށް އެސްބަސް ނުވީ ފިލްމުގައި އާމިރާ އުޅޭތީ ކަމަށް އަޑުފެތުރުނު ކަމަށާ…..” އިބާރާތްކޮޅުންނެވެ.

ކޮންމެއަކަސް “އުދަބާނި 2″ ކުޅުމަށް ހުށައެޅުނުތޯއާ އެ ފިލްމުގެ ލީޑްކުޅެން އެއްބަސް ނުވީ ކީއްވެގެންތޯ އޮޅުން ފިލުވައިލުމަށް އާމިރާ އަދި ޔޫއްޕެއާ ސުވާލުކޮށްލީމެވެ. އާމިރާގެ ޖަވާބެއް ނުލިބުނަސް މި މުހިންމު ސުވާލަށް ޔޫއްޕެ ވަނީ ޖަވާބެއް ދީފައެވެ.

“(ހީނލަމުން) …. އެއީ ދެވަނަ ބަޔަށް މާ ދުވަސްވެފަ… ވާހަކަ އޮތީ ފުރަތަމަ ބަޔާ ވިދިގެން ކަމަށް ވެފަ، އެ ކެރެކްޓަރ ރޯލް މިހާރަށް އަޅުގަނޑަށް ފިޓްނުވާނެ ކަމަށް ބެލެވިގެން.” ޔޫއްޕެ ބުންޏެވެ.

‘އުދަބާނި 2″ ލޯންޗްކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން – ފޮޓޯ: އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.