ރާއްޖޭގެ މީޑިތަކުން ގެނެސްދޭ ޕްރޮގްރާމުތަކުން އިވޭ ލަފުޒުތަކެކެވެ. އެދުރުންގެ ފަރާތުންވެސް އިވޭ ލަފުޒުތަކެކެވެ. ހޮސްޕިޓަލުތަކާއި ކުލިނިކުތަކުންވެސް މެއެވެ. ވަކީން ޚާއްޞަކޮށް ދިވެހީން ހިންގާ ކްލަބްހައުސްގެ އޮޅިތަކުން އަދި މާގިނައިން އިވޭ އަޑެކެވެ.

އާދެ، ނަގާލެވޭނެ އަދި ނެގޭނެ އެވެ.

“ބޭނުމިއްޔާ މިރޭވެސް ނަންބަރެއް ނަގާލެވޭނެ.” ކްލިނިކެއްގައި އިންދާ ކައުންޓަރުގައި އިން ކުއްޖެއް، އެތަނަށް ގޮސް ހުރި ބަލިމީހެއް ގާތުގައި ބުންޏެވެ. އެވަގުތު އަޅުގަނޑުގެ ހިތަށްއެެރި އެއްޗެއްގެ ބޮޑުކަމުން އެހެން މީހުންނަށް އިވޭވަރަށް ހީނގަނެވުނެވެ.

“ނަންބަރެއް ހޯދަން ނުވަތަ ނަގަން އައި މީހަކު ނަންބަރެއް ނަގާލަން (ނަގައިލަން) ބޭނުންވާނެހެއްޔެވެ؟ ނަންބަރު ނަގައިލުމަކީ ނަންބަރު ނެތިކޮށްލުމެވެ.

އާދޭހެވެ. ‘ނެގުން’ އަދި ‘ނަގައިލުން’ މިއީ މުޅީން ތަފާތު ދެ މާނައެއް ހިމެނޭ ދެ ލަފުޒެވެ.
ނެގުން :-
މި މަސްދަރުގެ މާނަތައް ގިނައެވެ.
1- އުފުލުން. މިސާލު: ދުޢާ ކިޔާއިރު ދެއަތް މައްޗަށް ނެގުން.
2- އެއްޗެއް ހިއްލުން. މިސާލު: ނަގިލި ނެގުން.
3- ލިބިގަތުން. މިސާލު: އޭނާ މުޙައްމަދު އަތުން ނެގީ ދެރުފިޔާއެވެ.
4- އެއްޗެއް އޮތްތާކުން ދުރުކުރުން. މިސާލު: ފަޅުތެރޭގައި އޮތް ދޯނި ނަގާށެވެ.
5- އެއްޗެއް ހުރިތާކުން އެހެންތާކަށް ގެންދިއުން. މިސާލު: އެގޭ ބަދިގެ އެތަނުން ނަގަން އަންގައިފިއެވެ.
6- މީހަކު އިންތާކުން ދުރުކުރުން. މިސާލު: އޭނާ އިންގޮނޑިން ނަގައިފިއެވެ.
7- ފުރާދުއްވާ ތަކެތި ވަޔަށް ހިއްލުން. މިސާލު: ދޯނި ވަޔަށް ނެގުން.
8- މީހަކަށް އޮތް ކަމެއް ނުވަތަ އެއްޗެއް މީހެއްގެ ކިބައިން ވަކިކުރުން. މިސާލު: ވަޒީފާ ނެގުން.
9- ގައިގައި ބިހި މުލިހި ފަދަ ތަކެތި އުފެދުން. މިސާލު: ގަނޑުނެގުން، ބިހިނެގުން.
10- ސެޓްފިކެޓް ސަނަދު ފަދަ ތަކެތި ޙާޞިލުކުރުން. މިސާލު: ސަނަދު ނެގުން.

ނަގައިލުން (ނަގާލުން):-
މި މަސްދަރުގެވެސް ހައެއްކަ މާނަ އެބަ އޮތެވެ.
1- ނެތިކޮށްލުން.
2- ބޭނުންނެތް ޚަރަދުކުރުން.
3- މަޤްޞަދުން ނައްޓުވައިލުން.
4- މަގު އޮޅުވައިލުން.
5- ތިމާގެ ޙަވާލުގައިވާ އެއްޗެއް ތިމާގެ ފަރުވާކުޑަކަމުން އެއަށް ވީނުވީ ގޮތެއް ނޭނގުން.
6 (ގ) ނެގުން.

މި އާޓިކަލް ލިޔަން ފެށީ ކްލިނިކްތެރޭގައި އިނދެއެވެ. ދެ ލަފުޒުގެ މާނަތައް ދިވެހިބަސް ފޮތުން ނަގައިގެން ފޮޅުވަތް އެޕްލިކޭޝަނަށް ލައި ނުނިމެނީސް އަނެއްކާވެސް ކަންފަތުގައި ޖެހުނީ “ނަގާލަން” މި ލަފުޒެވެ.

ކްލިނިކަށް ވަން އަންހެނަކު، ކައުންޓަރު ކައިރީގައި މަޑުކޮށްލަމުން “މެމޯ ނަގާލަން” ކަމަށް ބުންޏެވެ. ނުލާހިކު މުހިންމު ބޭނުމެއްގައި ނަގަން އައި މެމޯ، އޭނާގެ އަތަށް ނުވެސް ލިބެނީސް ހަމަ އެ މެމޯ ނަގާލަން (ނަގައިލަން) ނުވަތަ އެ މެމޯ ނެތިކޮށްލަން ބޭނުން ކަމަށް ބުނުމުން އެ ބުނެވުނީ ކިހައި ހަމަނުޖެހޭ ވާހަކައެއް ނޫންތޯއެވެ.

ކްލަބްހައުސްގެ ބައެއް އޮޅިތަކުން އެންމެ އާއްމުކޮށް އިވެނީ ނަންބަރެއް ނަގާލަން (ނަގައިލަން) ބުނާ އަޑެވެ. އަޅުގަނޑު ނަންބަރެއް ނަގާލާނަން މިހެން ބުނާ އަޑެވެ. އޮޅުމެއްގެ ތެރެއިން އަސްލު އެ ބުނެވެނީ ނަންބަރެއް ނެތިކޮށްލާނެ ވާހަކަ އެހެން ނޫންތޯއެވެ. ކަން މިހެން އޮތްއިރު، ނެގޭނެ އަދި ނަގާލެވޭނެ، ނެގިދާނެ އަދި ނަގާލެވިދާނެ ބޭނުންކުރުމުގައި ސަމާލުކަން ނުދީފިނަމަ، ބުނަން ބޭނުންވާ ޖުމުލައިގެ މާނަ އޮންނާނީ އޮޅުންބޮޅުންވެފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.