ސުރުޚީ ކިޔައިލުމުން ވެސް ހީވަނީ ބޮލުގައި މަރުތޭލަކުން ތަޅާހެން ދޯ އެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ. ‘ޖުމްލައެއް ބުނެ ނިންމާލާއިރު ހަމަ އިރުއިރުކޮޅުން ހަމަ ނުކިޔައި ހަމަ ޖުމްލައެއް ލިޔެލެވޭތޯ ހަމަ މަސައްކަތްކޮލާނަމެވެ.’

މި ލިޔުން ކިޔަން ފޫހިވާވަރަށް ‘ހަމަ’ ބޭނުންކުރެވިއްޖެ ދޯ އެވެ. ނަމަވެސް މިއުޅެނީ “ހަމަ” މި ލަފުޒުގެ ވާހަކަ ފިސާރި ރަނގަޅަށް ދައްކައިލާށެވެ. އެގޮތުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ފުޅަނދުބުރުގެ މަންޒަރުތައް ޓީވީއަކުން ވަގުތުން ދެއްކި ޝޯއާއި ހަމައަށް ޖެހިލާނަމެވެ.

​“މީ ހަމަ މުޅި މާލެ އެއްކޮށް ހަމަ މަގުމައްޗަށް ހަމަ ނުކުމެ ތިބިއޭ ހަމަ އަޅުގަނޑު ދަންނަވާނީ ހަމަ.” ރާއްޖޭގެ ޓީވީއަކުން ފުޅަނދުބުރު ދައްކަމުން ދިޔަ އިރު ހުށައަޅަން ހުރި ކުއްޖާ ބޭނުންކުރަމުން ދިޔަ ޖުމުލަތަކުން ކުޑަކުޑަ ތަންކޮޅެއް ވަގުތުން ލިޔެލީމެވެ.

މިވަރަށް ‘ހަމަ’ އަޅަމުން ވާހަކަދެއްކުން މިއީ އަދުގެ ޖީލުގެ ޒުވާނުންގެ ފަރާތުން ވަރަށް އާއްމުކޮށް ފެންނަ ކަމެކެވެ. ދައްކާ ވާހަކައެއް އަޑުއަހައިލަން ކަންފަތް ދިއްކޮށްލަން އުނދަގޫވާ މިންވަރަށް ވުރެވެސް މާ ގިނައިން ‘ހަމަ’ އަޅަނީ އެވެ.

ޓީވީ ޗެނަލްތަކާއި ރޭޑިއޯތަކުންނާއި ކްލަބްހައުސްގެ އޮޅިތަކުގައި ވާހަކަދައްކާ ބައެއް ފަރާތްތަކުން “ހަމަ” މި ލަފުޒު ބޭނުންކުރަމުން ގެންދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި އެވެ. އަޑުއަހައިލަން އިންތިހާއަށް އުނދަގޫ މިންވަރަކަށެވެ. އަހަން ފޫހިވާ ވަރަށެވެ. ދޭދޭ ފަރުދުން މުޢާމަލާތުކުރުމުގައިވެސް ކަން އޮތީ ހަމަ މިގޮތަށެވެ.

އެވަރަށް ‘ހަމަ’ – މި ލަފުޒު ބޭނުންނުކޮށް ޖުމުލައެއް ބޭނުންކޮށްލަން އުނދަގޫވަނީ ހެއްޔެވެ؟ އުނދަގޫ ވިޔަސް މިއީ ހައްލުކުރަން ވެއްޖެ ކަމެކެވެ. ވާހަކަދެއްކުމުގައި އެވަރަށް ‘ހަމަ’ ނުހިމަނައި ވާހަކަދެއްކުމަށް ވިސްނުން ބަހައްޓައިގެން ވާހަކަދައްކާށެވެ. ހަމަ ގައިމުވެސް ‘ހަމަ’މި ލަފުޒުގެ މާނަތަކުގެ ތެރެއިން ‘ހަމަ’ ބޭނުންކުރާ ގޮތްތަކަށް ވިސްނުން ބަހައްޓަން އެބަ ޖެހެއެވެ.

‘ހަމަ’- މި ލަފުޒުގެ މާނަތަކަށް ބަސްފޮތުން ބަލައިލަމާ ހިނގާށެވެ. އެއަށްފަހު ‘ހަމަ’ ބޭނުންކުރަން ޖެހޭ ގޮތްތަކުން ހަމަ ބޭނުންކުރާ އުސޫލަށް އަހުލުވެރިވާން އެބަ ޖެހެއެވެ. އެހެން ނޫނީ ދައްކާވާހަކައިގެ ހަމައެއް ލަމައެއް ދޭހަނުވާ މިންވަރަށް ހަމަ ބޭނުންކުރުމަށް އާދަވެދާނެ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.