ދިވެހި ފިލްމު ‘ދެވަންސޫރަ’ ރ. މީދޫގައި ދެއްކުމަށް ހުއްދަ ނުލިބި އެރަށުގައި ފިލްމު ދެއްކޭގޮތް ނުވި ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ އަޙްމަދު ސާހް ޢަލީ ބުނެފި އެވެ.
ސާހް އިތުރަށް ބުނީ އެރަށުގައި ފިލްމު ދެއްކުމާއި އިދިކޮޅު ހަދަމުން އަންނަނީ ސީދާ ކޮން ސަބަބަކާއި ހުރެކަން ނޭނގޭ ކަމަށެވެ.
“ސީދާ ކޮން ސަބަބަކާއި ހުރެކަމެއް އަދިވެސް ނާންގާ. ސިޔާސީ ކަމެއް ކަމެއްވެސް ނުވަތަ ދީނީ ސަބަބަކާއި ހުރެކަމެއްވެސް ނޭނގޭ. އެކަމަކު އަހަރެން ބުނިން މި ފިލްމަކީ އެއްވެސް ލޯބީގެ މަންޒަރުތަކެއް ހުންނަ ފިލްމެއް ނޫންކަމަށްވެސް. އެވަރުންވެސް ފިލްމު ދެއްކޭގޮތެއް ނުވި. އެރަށުގަ ދިވެހި ފިލްމު ނޭޅުވޭނެ ކަމަށް ބުނަނީ.” މުނިއަވަސް އަށް މަޢުލޫމާތު ދެމުން ސާހް ބުންޏެވެ.
ފިލްމު ‘ދެވަންސޫރަ’ ދެއްކުމަށް ޕްރޮޑިއުސަރުން މީދޫން ދެ ބަޔަކާއި ވާހަކަދެއްކި އެވެ. ފިލްމުގެ ޕްރޮޑިއުސަރުން ވާހަކަދެއްކި ‘މީދޫ އެކުވެރިންގެ ކްލަބް’ މެންބަރަކު ބުނީ ފިލްމު ދެއްކުމަށް ވާހަކަދެކެވި އެކަން ކްލަބް ގެ ހިންގާކޮމެޓީއަށް ހުށައެޅުނު ކަމަށާއި ނަމަވެސް ކްލަބްގެ ދީނީ ކޮމެޓީން އެކަން ކުރުމާއި ދެކޮޅު ހެދީކަމަށެވެ. ފިލްމު ދެއްކުމާއި ދެކޮޅު ހެދި މެންބަރަކާއި ވާހަކަދައްކާލުމުން ބުނީ ދިވެހި އެއްވެސް ފިލްމެއް އެރަށުގައި އެޅުވުމާއި އެމީހުން ދެކޮޅު ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ފިލްމުތަކުގައި ދީނާއި ޚިލާފު މަންޒަރުތަކާއި ވާހަކަތައް ދައްކުވައިދޭތީ ކަމަށެވެ.
ދީނީގޮތުން ބަލާފައި ‘ދެވަންސޫރަ’ ރ. މީދޫ ގައި އެޅުވުމާއި ދެކޮޅު ހަދާފައިވާއިރު ހަމަ އެރަށުގައި މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފާތިމަތު ނަހުލާ ގެ ލޯބީގެ ފިލްމު ‘ބޮސް’ ދައްކާފަ އެވެ. މިކަން ހިއްސާކުރުމުން މީދޫން ވާހަކަދެއްކި މީހާ ބުނީ އޭރު އޮތީ އެހެން ހިންގާ ކޮމެޓީއެއް ކަމަށާއި މިހާރު މި އޮތް ކޮމެޓީ ގެ ދަށުން އެއްވެސް ބަޔަކަށް ފިލްމު ދެއްކުމަށް ހުއްދަ ނުދޭނެ ކަމަށެވެ.
‘ދެވަންސޫރަ’ އިގެ ޕްރޮޑިއުސަރ ސާހް ވަނީ ފިލްމުން ދައްކުވައިދެނީ ކޮންކަހަލަ ކަންތައްތަކެއް ކަން ބަޔާންކޮށް އައިޑީކާޑް ގެ ކޮޕީއަކާއި އެކު އަތުން ލިޔެފައިވާ ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ސާހް ބުނީ ‘ދެވަންސޫރަ އަކީ މަރެއްގެ ތަހްގީގެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ ލޯބީގެ ފިލްމެއް ނޫންކަމުގައި ދަންނަވަމެވެ.’
ދިވެހި ފިލްމު ‘ދެވަންސޫރަ’ މީދޫން ބޮއެކަޓް ކުރުމުން ކުރިއަށް ނިކުންނަން ހުރި ދިވެހި ފިލްމުތައް އެރަށަށް ގެންދިއުމާއިމެދު އެހެން ޕްރޮޑިއުސަރުންވެސް ވިސްނާނެކަމަށް ބެލެވެ އެވެ. މަޢުލޫމާތު ލިބޭގޮތުން މިހާރުވެސް ބައެއް ޕްރޮޑިއުސަރުން ވަނީ މީދޫ ގައި ދިވެހި ފިލްމު ދެއްކުމަށް ނުދިއުމަށް ނިންމާފައިކަމަށް މަޢުލޫމާތު ލިބެއެވެ.
ދިވެހި ފިލްމު ދެއްކުމާއި ބައެއް ރަށްރަށުން ދެކޮޅު ހަދަމުން އަންނައިރު، ރަށްރަށުގެ ގިނަ ގޭގޭގެ ސިޓިންގ ރޫމްތައް ކޮންމެ ރެއަކާއިދުވާލު ފަޅުފިލުވަމުން ދަނީ ހިންދީ ޑްރާމާ ސީރީޒްތަކުންކަން ފާހަގަކޮށްލެވެއެވެ. އަދި ހަރުކަށި ދީނީ ފިކުރުގެ ގިނަބަޔަކުވެސް ގޭގެ ސިޓިންގރޫމް ތަކުގައި ތިބެގެން ‘ރެސްލިން މެޗް’ ތައް ކޮންމެދުވަހަކުވެސް ފޯރިއާއެކު ބަލަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ރެސްލިން މެޗްތަކުގެ ހަވާސާގައި ނިވާކަންކުޑަ ހެދުން އަޅައިގެން މީހުން އުޅޭއިރު ބޭއަދަބީ އެތަކެއް މަންޒަރުތަކެއްވެސް އަންނަނީ ދައްކަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.
‘ދެވަންސޫރަ’ ދެއްކުން ރ. މީދޫ ގައި މަނާކޮށްފައި ވާއިރު އުފެދޭ ސުވާލަކީ ރ. މީދޫން ދިވެހި ފިލްމުތައް އެއްކޮށް ބޮއެކަޓް ކޮށްލީ ނޫންބާވައެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި