މަޝްހޫރު އެކްޓަރ ދަރާ މުޙައްމަދު ރަޝީދު ގެ ހިތުގެ ލޭހޮޅިއެއް ބްލޮކްވެ މައްސަލަޖެހިގެން ދިން ފަރުވާ ކާމިޔާބުކަމަށް އޭނާ ބުނެފި އެވެ.

ހިތުގެ ލޭހޮޅީގައި އުފެދިފައިވާ ބްލޮކް ފިލުވައިލުމަށް ކުރިއަށް ގެންދިޔަ އިންގިއޯގްރާމް އާއި އިންގިއޯޕްލާސްޓަރިން ކާމިޔާބުކަމާއިއެކު ރޭ (27 ފެބްރުއަރީ 2018) ކުރިއަށް ގެންގޮސްފައިވާކަމަށް ރަޝީދު ބުންޏެވެ. 

“ﷲ ގެ ރަޙްމަތްފުޅުން އިންގިއޯގްރާމް އާއި އިންގިއޯޕްލާސްޓާ ކާމިޔާބުކަމާއެކު ރޭގައި ނިންމާލައިފި، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން، މާދަމާ ހޮސްޕިޓަލުން ދޫކޮށްލާނެ، އިރާދަކުރެއްވިއްޔާ ހާލު ރަގަޅު، އެންމެނަށް ވަރަށް ސަލާމް.” އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި އިނދެ ދަރާ ރަޝީދު މިއަދު ފޭސްބްކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހިތުގެ ލޭހޮޅިއެއްގެ މައްސަލައެއް (ކާޑިއެކް ބްލޮކެއް) އުޅޭތީ އެކަމަށް ފަރުވާ ހޯދުމަށް ދަރާ ރަޝީދު އިންޑިޔާއަށް ދިޔައީ މިމަހުގެ 22 ވަނަ ދުވަހު އެވެ. 

ދަރާ މުޙައްމަދު ރަޝީދަކީ ގިނަ ދިވެހިން ތަކެއްގެ ހިތުން ޖާގަ ހޯދާފައިވާ ކުރީގެ މަޝްހޫރު ތަރިއެއް ނަމަވެސް މިހާރުވެސް ދަރާ އަންނަނީ ފިލްމުތަކުގައި ފާހަގަކޮށްލެވޭފަދަ ކެރެކްޓަރ ރޯލުތަކެއް މޮޅަށް ދައްކަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.