‘ރޭވުމުން’ އަކީ މިއަހަރު ނިކުންނަ ފިލްމުތަކުގެ ތެރެއިން މޮޅު ތިން ފިލްމުގެ ތެރޭގައި ހިމެނިގެންދާނެ އެއް ފިލްމު ކަމަށް ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ބުނީ ކީއްވެގެންކަން އެނގޭނީ ފިލްމު ބަލައިލުމުންނެވެ. ނަމަވެސް މި މަހުގެ 24 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމް “ރޭވުމުން” ގެ އާ ޓްރެއިލާ ބަލައިލުމުން ތަފާތު ކަމެއް ފާހަގަ ކުރެވިގެން ދާނެ އެވެ. ހަމަގައިމުވެސް އަޙްމަދު ޝާޒް (ތަޖޫބެ) ގެ ފަރާތުން ފެނިގެންދަނީ މުޅިން ތަފާތު އެކްޓިން އެކެވެ. މީގެ ކުރިން އެއްވެސް ފިލްމެއްގައި އަދި ޑްރާމާއެއްގައިވެސް ޝާޒް ކުޅެފައި ނެތް ވަރުގަދަ ކެރެކްޓަރ އެކެވެ.

ރޭގެ ވަގުތެއްގައި އަމްޖޭ އާއްމުކޮށްފައިވާ ޓްރެއިލާ ބަލައިލުމުން މި ފިލްމަކީ އަމްޖޭ އެބުނާހެން ފިސާރި ފިލްމަކަށް ވުން ވަރަށް ގާތް ކަމަށް ޤަބޫލުކުރެވެއެވެ. މުޙައްމަދު މަނިކު ލީޑް އެކްޓެރެއްގެ ގޮތުގައި މި ފިލްމުން ފެނިގެންދާއިރު ފިލްމްގެ އެންމެ މުހިއްމު އެއް ތަރިއަކީ އަލަށް ތައާރަފުވާ ނާޖިފާ އެވެ. އިތުރު މުހިންމު ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، އަހުމަދު ޝާޒް (ތަޖޫބެ) އަދި ފައުޒިއްޔާ ހަސަން ފަދަ ތަރިން ހިމެނެ އެވެ. 

އަހުމަދު ޝާޒް (ތަޖޫބެ) ގެ ތަފާތު އެކްޓިންއެއް މި ފިލްމުގައި ފެނިގެންދާނެ ކަމަށް މީގެ ކުރިން އަމްޖޭ ވަނީ ބުނެފަ އެވެ. އަމްޖޭ ބުނީ ޝާޒް ގެ ކެރެކްޓަރ އިން އޭނާ އަކީ ތަފާތު ރޯލުތައް ކުޅެވޭނެ ފަންނާނެއްކަމަށް ބެލުންތެރިންނަށް މިފަހަރު ޤަބޫލުކުރެވޭނެ ކަމަށެވެ.

“ތަފާތު ރޯލެއް އިނގޭތޯ. މީހުން ހީނުކުރާކަހަލަ ރޯލެއް މިފަހަރު ކުޅެފަ އެއޮތީ.” މި ފިލްމުގައި ޝާޒް ކުޅެފައިވާ ރޯލާއި މެދު އަމްޖޭ ބުނީ މިހާވަރަށެވެ. އަމްޖޭ އިތުރަށް ޝާޒް ގެ ރޯލު ކިޔައިނުދިނީ ކީއްވެގެންކަން މި ޓްރެއިލަރ ބަލައިލުމުން ކޮންމެވެސް ވަރަކަށް އެނގިގެންދާނެ އެވެ.

ލޯބީގެ މި ބިރުވެރިި ފިލްމުން ވެގެންދަނީ ބެލުންތެރިން ސިއްސުވައިލާނެ ވަރުގެ ފިސާރި ފިލްމަކަށް އަމްޖޭ ބުނެ އެވެ. އަމްޖޭގެ އަމިއްލަ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓް ކުރާ މި ފިލްމަކީ އޭނާގެ 52 ޑައިރެކްޝަން އެވެ. މިހާ ގިނަ ފިލްމުތައް އަމްޖޭ ހަދާފައިވާއިރު އޭގެ ތެރެއިން 03 ފިލްމު ފިޔަވައި ދެން ހުރި ހުރިހައި ފިލްމު ތަކަކީވެސް ހިޓް ފިލްމު ތަކެކެވެ.

އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ މިއުޒިކާއި ބެކް މިއުޒިކް ހަދާފައި ވަނީ ހުސައިން ސޮބާހް އެވެ. ލަވަތައް ކިޔާފައި ވަނީ ސޮބާ އާއި ފާތުމަތު ޒޫނާ، ހަސަން އިލްހާމްގެ އިތުރުން އާ ލަވަ ކިޔުންތެރިއެކެވެ.

ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.