ކާމަރަނގަ އަކީ ސިއްހީގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ އަދި ކެއުމުގައި ހިމަނައިލަން ރަނގަޅު މޭވާއެކެވެ. ނަމަވެސް ސިއްހީ ވަކި މައްސަލަތަކެއް ހުންނަ މީހުން ކާމަރަނގަ ކެއުމާ ދުރުހެލިވާން ޖެހިދާނެ އެވެ. މޭވާ އާއި ތަރުކާރީން މުއްސަނދިވެފައިވާ ކާނާ ކެއުމަކީ ފުރިހަމަ ސިއްހަތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މި ލިޔުމުގައި އަލިއަޅުވައިލާނީ ކާމަރަނގައިން ލިބިދޭ ސިއްހީ ފައިދާތަކުގެ މައްޗަށެވެ. އެގޮތުން އޭގެ ނިއުޓްރިޝަނަލް ޕްރޮފައިލް އާއި ސިއްހީ ފައިދާތަކުގެ އިތުރުން ހޫނުގަދަ ސަރަހައްދުތަކުގައި އާއްމުކޮށް ހެދޭ މި މޭވާ ކެއުމުން ބައެއް މީހުންނަށް ދިމާވެދާނެ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުވައިލާނަމެވެ. މީގެ އިތުރުން ކާމަރަނގަ ކެއުމަށް ބޭނުންކުރެވިދާނެ ބައެއް ގޮތްތަކުގެ މައްޗަށްވެސް ބަލައިލާނަމެވެ.

ކާމަރަނގަ އަކީ ކޮބާ؟

ކާމަރަނގަ އަކީ މޭވާގެ ބާވަތެކެވެ. މިއީ ފަސްއަރިއަށް ހުންނަ ވަރަށް ހުތް، މީރު މޭވާއެކެވެ. މި މޭވާ ހުރަހަށް ފޮތިޖެހުމުން ހުންނާނީ ފަސްފިޔަމަލެއް ހެންނެވެ. ނުވަތަ ތަރިއެއްގެ ބައްޓަމަށެވެ. މި ސަބަބާހުރެ އިނގިރޭސިބަހުން މިއަށް ކިޔަނީ “ސްޓަރފުރުޓް”އެވެ. މީގެއޮށަކީ ވަށްކޮށް ދިގުކޮށް ހުންނަ ކުޑައޮށެކެވެ. ކާމަރަނގައިން ލާނީ ލުއިލުއި ފޮނިހުތް ރަހައެކެވެ. މިއީ ސިޓްރަސް އާއިލާ (ލުނބޯ، ނިޔަނދުނު ފަދަ މޭވާ ހިމެނޭ އާއިލާ)އަށް ނިސްބަތްވާ މޭވާއެއް ނޫނެވެ.

ނިއުޓްރިޝަނަލް ޕްރޮފައިލް

ކާމަރަނގައިގެ ބައެއް ނިއުޓްރިޝަނަލް މަޢުލޫމާތު – ފޮޓޯ: މުނިއަވަސް

ހެޔޮވަރު ސައިޒެއްގެ ކާމަރަނގައެއްގެ ބަރުދަނުގައި ހުންނާނީ ގާތްގަނޑަކަށް 91 ގްރާމެވެ. އެވަރުގެ ކާމަރަނގައެއްގައި:-

⭐ 28 ކެލޮރީސް

⭐ 6.1 ގްރާމް ކާބޯޑައިޑްރޭޓްސް

⭐ 1 ގްރާމް ޕްރޮޓީން

⭐ 2.5 ގްރާމް ފައިބަރ

ކާމަރަނގަ އަކީ ފައިބަރުގެ މިންވަރު މުއްސަނދި މޭވާއެކެވެ. އެގޮތުން 60 އިންސައްތައިގެ ސެލިއުލޯސް ޓްރަސްޓެޑް ސޯރސް، 27 އިންސައްތަ ހެމީސެލިއުލޯސް އަދި 13 އިންސައްތައިގެ ޕެކްޓިން އެކުލެވެއެވެ.

ކާމަރަނގަ އަކީ ފާހަގަކޮށްލެވޭ މިންވަރަކަށް ތަފާތު ވިޓަމިންތަކާއި މިނަރަލްތައް އެކުލެވޭ މޭވާއެއްވެސް މެއެވެ. އެގޮތުން ވިޓަމިން ސީ އަދި ގޯލިކް އެސިޑް ހިމެނެއެވެ. ގޯލިކް އެސިޑަކީ ހަށިގަނޑުގެ ސެލްތަކަށް ގެއްލުންވުން ހުއްޓުވުމަށް ބާރުއަޅައިދޭ އެސިޑެކެވެ.

91 ގްރާމުގެ ކާމަރަނގައެއް ގައި އެކުލެވޭ މިނަރަލް ތަކަކީ:-

⭐ 121 މިލިގްރާމްގެ ޕޮޓޭސިއަމް

⭐ 31.3 މިލިގްރާމްގެ ވިޓަމިން ސީ

⭐ 10.9 މިލިގްރާމްގެ ފޮސްފަރަސް

⭐ 9.1 މިލިގްރާމްގެ މެގްނީޒިއަމް

⭐ 2.78 މިލިގްރާމްގެ ކެލްސިއަމް

⭐ 2.78 މިލިގްރާމްގެ ސޯޑިއަމް

ފައިދާތައް

ކާމަރަނގަ އަކީ އެންޓިއޮކްސިޑެންޓްސްގެ ވަސީލަތެކެވެ. އޭގައި ހަށިގަނޑަށް ފައިދާހުރި ބީޓާ ކެރޮޓީން އަދި ވިޓަމިން ސީ އެކުލެވެއެވެ.

ހެޔޮވަރު ސައިޒެއްގެ ކާމަރަނގައެއް ކެއުމުން ހަށިގަނޑަށް ފައިދާހުރި ވިޓަމިން ސީގެ 31 މިލިގްރާމް ލިއްބައިދެއެވެ. ދުވާލެއްގެ މައްޗަށް ފިރިހެނަކަށް ބޭނުންވަނީ 90 މިލިގްރާމްގެ ވިޓަމިން ސީ އެވެ. އަންހެނަކަށް ބޭނުންވަނީ 75 މިލިގްރާމެވެ. ނަމަވެސް މާބަނޑު އަންހެނުންނަށް 85 މިލިގްރާމް ބޭނުންވާއިރު ކިރުމައިންނަށް 120 މިލިގްރާމްގެ ވިޓަމިން ސީ ދުވާލެއްގެ މައްޗަށް ބޭނުންވެއެވެ.

ހަށިގަނޑުން އޭގެ އަމިއްލަ ޒާތުގައި ވިޓަމިން ސީ އުފައްދައެއް ނުދޭނެއެވެ. އެހެންކަމުން، އަހަރުމެން ކާ ކާނާގައި އެދުވަހަަކަށް ބޭނުންވާނެ މިންވަރަށް ވިޓަމިން ސީ ލިއްބައިދޭ ކާނާ ހިމަނަން ޖެހެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑަށް މުހިންމު އެންޓިއޮކްސިޑެންޓެއްގެ އިތުރުން ފާރުހިއްކުމަށް ބޭނުންވާ ކޮލާޖެން އުފެއްދުމަށްވެސް މުހިންމު ދައުުރެއް އަދާކުރާ އެއްޗެކެވެ.

މީގެ އިތުރުން، ކާމަރަނގައިގައި ފައިބަރުގެ މިންވަރު އެހާމެ މުއްސަނދިއިރު، ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު މިންހެޔޮކޮށް ބެހެއްޓުމަށް ފައިބަރު އެހީތެރިވެދެއެވެ. ކާމަރަނގައިގައި ސޮލިއުބަލް އަދި އިންސޮލިއުބަލް ޑައިޓްރީ ފައިބަރު ހިމެނެއެވެ. ސޮލިއުބަލް ފައިބަރު ފެނަށް ގިރި ޖެލް ޒާތުގެ އެއްޗެއް އުފެދެއެވެ. އިންސޮލިއުބަލް ފައިބަރު ފެނަށް ނުގިރުނު ނަމަވެސް ކާނާ އަދި ނަޖިހަށް ބަދަލުވެފައިވާ ކާނާގެ ބާކީބައި ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި ފަސޭހައިން ދައުރުކުރެ އެވެ.

ކާމަރަނގައިގައި ހުންނަ ސޮލިއުބަލް ފައިބަރުން ސަރުބީ ދަށްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ނިޒާމަށް ޖެހޭ ބަލިތަކުން ދުރުހެލިކޮށްދިނުމަށް އެހީތެރިވެދެއެވެ. ސޮލިއުބަލް ފައިބަރުން ލޭގައި ހުންނަ ހަކުރުގެ މިންވަރު މަދުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ޗައިނާގެ ގަދީމީ ބޭސްވެރިކަމާއި ހަކީމީ ބޭސްވެރިކަމުގައި ކާމަރަނގައަކީ ހުން މައިތިރިކުރުމަށް، ރޯގާ ޖެހުމުން ކަރުތެރޭގައި އުފެދޭ ދަވަތަކާއި ކަރުބެދުމުގެ އުނދަގޫ ފިލުވައިލުމަށް، ކެއްސުން މައިތިރިކުރުމަށް، ނޭވާހިއްލުން ރަނގަޅުކުރުމަށް، ބޮލުގައި ރިހުން ފިލުވުމަށް އަދި ހަމުގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.

ކާމަރަނގައިގެ އިތުރުން އެ ގަހުގެ ފަތާއި މުލުގައި ހުންނަ ސެޕޮނިންސް، ފްލެވެނޮއިޑްސް، އަލްކަލޮއިޑްސް އަދި ޓަނިންސް މާއްދާތަކަކީ އެންޓިއޮކްސިޑެންޓްސް އެއްގެ އިތުރުން ބަލިބައްޔަށް ޝިފާލިބުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

މާ ގިނައިން ކާމަރަނގަކެއުމުން…

މާ ގިނައިން ކާމަރަނގަ ކެއުން ނުވަތަ ޅަ ކާމަރަނގަ ކެއުމުން ގެއްލުންތަކެއް ލިބެއެވެ. އެގޮތުން ލިބޭނެ ބައެއް ގެއްލުންތަކުގެ ތެރޭގައި:-

⭐ މާ ގިނައިން ކާމަރަނގަ ކެއުމުން ނުވަތަ ޅަކޮށް ހުންނަ ކާމަރަނގަަ އާއްމުކޮށް ކާނަމަ، ކިޑްނީގައި ހިލަ އުފެދޭގޮތްވޭ.

⭐ ބަނޑު ސަކަރާތްވެ ހޮޑުލެވުން

⭐ ކިޑްނީގެ މައްސަލަތައް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވުން

ކާމަރަނގަ ކެވިދާނެ ބައެއް ގޮތްތައް

ކާމަރަނގަ ކާނެ ގޮތްތައް މިއީ ކޮންމެެހެން ކިޔައިދޭން ޖެހޭނެ ވާހަކައެއް ނޫނަސް، ހަރުވެފައި ހުންނަ ކާމަރަނގަ ނުވަތަ ދޮން ކާމަރަނގަ ކެއުމަށް ސަމާލުކަންދިނުމަކީ މުހިންމު ކަމެކެވެ.

ސެލެޑެއް ހަދައިގެން، ފަނިގިރައިގެން ނުވަތަ ސްމޫތީއެއް ތައްޔާރުކޮށްލުމަށްވެސް ކާމަރަނގަ ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ލޮނާ ޖަހައިގެން، ރިހާކުރާ ޖަހައިގެންވެސް ކާމަރަނގަ ކެއުމަކީ ދިވެހީން އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.