މިމަހު ހަޔަކުން ފެށިގެން ކާމިޔާބުކަމާއެކު އޮލިމްޕަހުގަައި ދައްކަމުން އަންނަ ފިލްމު “ނީނާ“ގެ ޝޯތައް އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ދަންވަރުވެސް ބޭއްވުމަށް ހަމަޖައްސައިފި އެވެ. މި ޝޯތައް އޮންނާނީ ރޭގަނޑު 11:30 ގައެވެ.

ފިލްމު “ނީނާ“ގެ ޑައިރެކްޓަރު އިލްޔާާސް ވަހީދު (އިއްލެ) ބުނީ ބަންދު ދެ ރެއާ ދިމާކޮށް ދަންވަރު ޝޯ ބޭއްވުމަށް ނިންމީ އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ކަމަށެވެ.

“17 އޯގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ ރޭ 11:30 އަދި 18 އޯގަސްޓް 2023ވާ ހުކުރު ދުވަހުގެ ރޭ 11:30ގައި ފިލްމު ދައްކަން ނިންމީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފަ. 11:30 އެއީ ޝޯ ފަށާ ގަޑި.

– ޑައިރެކްޓަރު އިލްޔާސް ވަހީދު

ފިލްމު “ނީނާ”ގެ މި ހަފުތާގެ ކުރިއަށް ހުރި ޝޯތަކުގެ ޝެޑިއުލްއެއްވެސް އިލްޔާސް ހިއްސާކޮށްފައިވެއެވެ.

ފިލްމު “ނީނާ”ގެ މި ހަފުތާގެ ކުރިއަށް ހުރި ޝޯތަކުގެ ޝެޑިއުލް – ފޮޓޯ: އައި ފިލްމްސް

އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ހުޅުވިފައި ހުންނަ ވަގުތަކުގައި ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 7242555 ނަންބަރަށް ގުޅައިގެންވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ އެވެ.

ފިލްމު “ނީނާާ”ގެ ލީޑް ނުޒުޙަތު ޝުޢައިބް އާއި އަލަށް ތަޢާރަފުކުރާ ޝަރަފް ޢަބްދުﷲ ގެ މޮޅު އެކްޓިންއެއް ފިލްމުން ފެނިގެންދެއެވެ. މީގެ އިތުރުން ވެޓެރަން އެކްޓްރެސް މަރިޔަމް ރަޝީދާ ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ 30 އަހަރު ފަހުން އެނބުރި އައިސް މިވަނީ ދިވެހި ފިލްމުބަލާ އޯޑިއަންސް ސިއްސުވާލާ ފަދަ މޮޅު އެކްޓިންއެއް މި ފިލްމުން ދައްކައިދީފައެވެ. ހަމަ އެހެންމެ، ހަމްދޫން ފާރޫޤް މިވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައިވެސް ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތަކުން ފެންނަވަރުގެ މޮޅު ވިލަންއެއް އުފެއްދުމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ކުރި މަސައްކަތަށް ހަޤީޤީ ކުލަ ޖައްސައިދީފައެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.