ޑާކް ރެއިން އެންޓަޓައިންމަންޓުން މިއަހަރު ރިލީޒްކުރާ އެ ސްޓޫޑިއޯގެ ފުރަތަ ފިލްމް ‘ވަކިން ލޯބިން’ ރޭ އޮލިމްޕަހުގައި ރިލީޒް ކޮށްފި އެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްފައިވާ މި ފިލްމުގެ ލީޑް ކުޅެފައިވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ރަސްމީ ރިލީޒިން އަށްފަހު، މިހަފުތާގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ފިލްމު ދެއްކުމަށް މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ހދ. ކުޅުދުއްފުށްޓާއި އައްޑޫގައި ފިލްމްގެ ތަރިންނާ އެކު ޕްރިމިއާ ތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިލްމު ބަލާނިމިގެން އޮލިމްޕަހުން ނިކުތް ބައެއް މީހުންނާއި ސުވާލުކޮށްލުމުން ބުނީ ފިލްމު ވަރަށް މޮޅު ކަމަށެވެ. ވަރަށް ރީތި އަދި އަސަރުގަދަ ކަމަށްވެސް ބުންޏެވެ.

“މިއީ ވަރަށް ޢިބްރަތްތެރި މެސެޖެއް ލިބިގެންދިޔަ ފިލްމެއް. ފިލްމުގެ ހުރިހާ މަސައްކަތްތަކެއްވެސް ވަރަށް ސަޅި.” ފިލްމު ބެލުމަށްފަހު ހިތްހަމަޖެހިފައި ތިބި ޒުވާން ޖޯޑެއް މުނިއަވަސް އަށް ބުންޏެވެ.

“ނަހޫގެ ފިލްމުތަކަށް އެންމެ ތަންފުކެއްވެސް މި ފިލްމު ދޫނުކުރޭ. ވަރަށް ހަބޭސް. ޗިއްޕެ ޑޫޑް އިޒް ޓޫ ގުޑް ފޯރ ދިސް.” ޑާކްރެއިން ގެ ފިލްމުތަކުގެ މައި އޯޑިއަންސަށް ނިސްބަތްވާ ޒުވާނުންގެ ތެރެއިން ޒުވާނެއް ބުންޏެވެ.

ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގަރ) ބުނީ ފިލްމާއިމެދު ބެލުންތެރިން ތިބީ ވަރަށް ހިތްހަމަޖެހިފައިކަން ކޮމެންޓްތަކުން އެނގިއްޖެކަމަށެވެ. ވަކިން ޚާއްޞަކޮށް ފިލްމުގައި ހަރަކާތްތެރިވެފައިވާ ތުއްތުތުއްތު އާޓިސްޓުންގެ އެކްޓިން އާއި ޖުމަލް ގެ އެކްޓިންއާމެދު ބެލުންތެރިންގެ ރަނގަޅު ކޮމެންޓްތައް ލިބެމުން އަންނަކަން ފާހަގަކުރި އެވެ. ‘ވަކިން ލޯބިން’ އާއިމެދު ބެލުންތެރިން ދެކޭގޮތް ބޮޑަށް އެނގިގެންދާނީ މިއަދު ފޭސްބްކް އަށް ފިލްމު ބެލުންތެރިން ދޫކޮށްލާ މެސެޖްތައް ފެންނަން ފެށުމުންކަމަށް ޤަބޫލުކުރެވެ އެވެ.

‘ވަކިން ލޯބިން’ އަކީ ރަނގަޅަށް ދަސްނުވެ، ކައިވެނި ކުރާ ޒުވާން ދެމަފިރިއަކަށް ދަރިއަކު ވެސް ލިބޭ ފަހުން ވަރިފަށަށް އެރުމުން ދިމާވާ ބޮޑު ހާދިސާއެއް ކިޔައި ދޭ ފިލްމެކެވެ. ފިލްމުގައި ގިނަ ޓްވިސްޓް ތަކެއް ފެނިގެންދާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.