“ދިވެހި ފިލްމު އެވޯޑްސް 10” ބާއްވާ ތާރީޚް ފަސްކުރެވުނުކަން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އިން ރަސްމީކޮށް އިޢުލާނުކުރީ 05 އޮގަސްޓް 2023ވީ ހޮނިހިރު ދުވަހުއެވެ. އެ އިޢުލާނުގައި ބުނެފައިވަނީ ދިވެހި ފިލްމު އެވޯޑްސް ބޭއްވޭނެ ތާރީޚެއް ފަހުން އިޢުލާންކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ބުނެފައިވަނީ ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ދިވެހި ފިލްމީ ފަންނާނުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ބާއްވަމުން އަންނަ އެންމެ ވަރުގަދަ އެވޯޑް، “ދިވެހި ފިލްމު އެވޯޑްސް” ބޭއްވުމަށް އެންސީއޭއިން ބޭނުންވި ތާރީޚުގައި ބޭއްވޭގޮތް ވެފައި ނުވަނީ ގިނަ ސަބަބުތަކެއް ހުރެގެންކަން މުނިއަވަސްއަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު ވަރަށް ތަފުސީލުކޮށް މިމަހު ފަސްވަނަ ދުވަހު މުނިއަވަސްއާ ހިއްސާކޮށްފައިވެއެވެ.

“މީގަ ދެތިން ކަމެއް އެބައިން. އެއްކަމަކީ އޯގަސްޓް ފިފްތު، އެ ޑޭޓާ ހަމަވާން ދިޔައިރުގަ، އޯގަސްޓް ފިފްތުގަ ބާއްވާގޮތަށް ފުރަތަމަ ކިޔީ. ދެން ފިލްމުތައް ހުށައެޅުމަށް އޮތް ޑެޑްލައިންއަށް އައިއިރުގަ ދެ ފިލްމެއް ހުށައަޅާފަ އޮތީ.

– އިސްމާޢީލް ނާއިލް ނަޝީދު

ނާއިލް އިތުރަށް ވިދާޅުވީ ކޮވިޑް ޕީރިއަޑްގައި ވަރަށް ގިނަ ފިލްމުތަކެއް އޮންލައިން ޕްލެޓްފޯމުތަކަށް ދޫކޮށްލާފައި ހުރިއިރު، އެ ފިލްމުތައް ހުރީ އުސޫލުގަ އޮންނަގޮތަށް ކްލެސިފައި ނުކުރެވި އަދި ރެޖިސްޓްރީވެސް ނުކުރެވިކަމަށް ވުމުން އެ ފިލްމުތައް ބައިވެރިކުރެވެން އޮތީ ކްލެސިފައިކޮށްގެން ކަމަށްވާތީ އެކަމަށް ވަގުތު ބޭނުންވުން ވެސް ފިލްމު އެވޯޑްސް ބޭއްވުން ފަސްކުރަން ޖެހުނު ސަބަބެއް ކަމަށް ހިމެނޭ ކަމަށެވެ.

“އުސޫލުގަ އޮންނަ ގޮތުން އެބަޖެހޭ ކްލެސިފައިކުރެވި ރެޖިސްޓަރ ކުރެވި މިގޮތަށް އެބަހުރޭ ޤާނޫނީގޮތުން ފުރިހަމަވާން ޖެހޭ ބައެއް ކަންތައްތައް. މިސާލަކަށް އެންމެ ޚާއްޞަކަމަކަށް ކްލެސިފިކޭޝަންގެ ބައި. ވަރަށް ގިނަ ފިލްމުތައް (ކުރު ފިލްމުތައް) ކްލެސިފައި ނުކުރެވި އޮންލައިން ޕްލެޓްފޯމްތަކަށް ލާފަހުރީ. ދެން އޮންލައިން ޕްލެޓްފޯމްތަކަށް ކްލެސިފައިކުރުން މިވަގުތު ޤާނޫނުގަ ލާޒިމުވެފައެއްވެސް ނޯވޭ. އެކަމަކު އެވޯޑަށް ހުށައެޅުމުގަ ކްލެސިފިކޭޝަން ބިއުރޯއިން ކްލެސިފައިކޮށްފަ އޮންނަ ފިލްމަކަށް ވާންޖެހޭތީ، ފުރަތަމަ ޑެޑްލައިންއާ ހަމައަށް އައިއިރުގަ ދެ ފިލްމެއް އޮތީ ހުށައަޅާފަ.”

– އިސްމާޢީލް ނާއިލް ނަޝީދު

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު – ފޮޓޯ: ނާއިލް ފޭސްބްކް

ނާއިލް އިތުރަށް ވިދާޅުވީ ފިލްމު ހުށައެޅުމަށް ހުޅުވައިލި މުއްދަތު އިތުރުކުރި ފަހުން ވަރަށް ގިނަ ފިލްމުތަކެއް ހުށައަޅާފައިވާ ކަމަށާ އެ ފިލްމުތައް ކްލެސިފައިކުރަން ހުށައެޅުމުން ކްލެސިފިކޭޝަން ބިއުރޯއިން ވަރަށް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ.

“ދިވެހި ފިލްމު އެވޯޑްސް 10” އަށް އެކި ކެޓަގަރީތަކުން ޖުމްލަ 28 ފިލްމު ހުށައަޅާފައިވާކަމަށްވެސް މުނިއަވަސްއަށް ޚާއްޞަކޮށް މަޢުލޫމާތުދެއްވަމުން ނާއިލް ވިދާޅުވިއެވެ. މުބާރާތަށް ހުށައެޅި ފިލްމުތައް އިވެލުއޭޓްކުރުމާ ޖަޖިން މަސައްކަތްތައް ކުރެވެމުން އަންނަކަމަށްވެސް ނާއިލް ފާހަގަކުރެއްވިއެވެ.

“އަނެއް ކަމަކީ މި ދުވަސްވަރަށް ބަލާއިރު، އޮލިމްޕަސް ވަރަށް ބޮޑަށް ބުކްކޮށްފަ ވަނީ. ހަމަ ގާތްގަނޑަކަށް ފުލީ އޮކިއުޕައިވެފަ އޮލިމްޕަސް އޮތީ. ދެން މިކަހަލަ އިވެންޓެއް ބާއްވަން އަދި އެކަށީގެންވާ ވެނިއުއެއް ހަމައެއް ނުޖެހޭ. އެނގޭނެ ދަރުބާރުގެވެސް މިދުވަސްކޮޅު އޮތީ އިލެކްޝަންއަށް ޚާއްޞަކުރެވިފަ ކަން.”

– އިސްމާޢީލް ނާއިލް ނަޝީދު

އެކަށީގެންވާ ރަނގަޅު އެހެން ތަނެއް ހޯދުމުގެ މަސައްކަތްވެސް ކުރެވެމުން އަންނަ ކަމަށާ އޯޕަންއެއަރ ތަނަކަށް ވިސްނާއިރު ވިއްސާރަކޮށް ދާ ދުވަސްކޮޅަކަށް ވާތީ އެއީ އިންޑޯ ތަނެއް ނުލިބިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް އެންމެ ފަހު އޮޕްޝަނަކަށް އޮތް ގޮތްކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

އެންސީއޭގެ މައިގަނޑު ވިސްނުން ހުރީ ގިނަ ފިލްމުތަކެއް ބައިވެރިކުރުމަށް ފުރުޞަތު ދިނުން ކަމަށް ފާހަގަކުރަމުން ނާއިލް ވިދާޅުވީ ފިލްމު އެވޯޑްސް ބާއްވާނެ ތާރީޚެއް މިވަގުތަށް (05 އޯގަސްޓް 2023 ވަނަ ދުވަހާ ހަމައަށް) ފައިނަލްވެފައި ނުވާ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ފިލްމުތަކުގެ އިވެލިއުޝަން ނިމި، ލޮޖިސްޓިކަލީ މިހިރަ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް ގިނަ ދުވަސްތަކެއް ނުވެ އެވޯޑް ފަންކްޝަން ބޭއްވޭވަރު ވާނެ.”

– އިސްމާޢީލް ނާއިލް ނަޝީދު

“ދިވެހި ފިލްމް އެވޯޑްސް 10″ގައި މިފަހަރު ބައިވެރިކުރުމަށް ނިންމާފައިވަނީ 2019 އިން 2022 އަހަރުގެ ނިޔަލަށް ނެރެފައިވާ ފިލްމުތައް ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.