ޑާކްރެއިން އެންޓަޓެއިންމެންޓަކީ ފިސާރި ދުރާލައި ރަނގަޅަށް ރާވައިގެން ކޮންމެ ފިލްމެއްގެވެސް މަސައްކަތް ކުރަމުން އަންނަ ސްޓޫޑިއޯއެކެވެ. ފިލްމުގެ ހަމަ ކޮންމެ މަސައްކަތަކަށްވެސް އެތައް ވަގުތެއް ހުސްކޮށްލައެވެ. އިމްތިހާނަކަށް ދަރިވަރުން ފިލާވަޅު ދަސްކުރާ މިންވަރަށް ފިލްމުގެ ސްކްރީންޕްލޭ އަށް ފިލްމުގެ ތަރިން އަހުލުވެރި ކުރުވައެވެ. އެތަކެއް ރިހާސަލްތަކެއް ބާއްވައެވެ. މިހެންގޮސް ފިލްމަށް ވާންޖެހޭ އެންމެ ކުދިކުދި ތައްޔާރީތައްވެސް އެމީހުން ވަމުންދަނީ އެކަންކަމަކީ ފިލްމެއް ކާމިޔާބުކުރުމަށް މުހިންމު ކަމެއްކަމަށް ދެކޭތީ އެވެ.

މިމަހު 05 ގައި އޮލިމްޕަހުގައި އެޅުވި ޑާކްރެއިންގެ ‘ވަކިން ލޯބިން’ އަށް ބެލުންތެރިންގެ ލޯބިލޯބި ތަޢުރީފުގެ ބަސްތައް އުތުރިއަރަމުން އަންނަތަން މީސްމީޑިއާތަކުން މިހާރު ފެންނާނެ އެވެ. މިއީ ޑާކްރެއިން އެންޓަޓެއިންމެންޓުން ފިލްމެއް ހެދުމަށް މަސައްކަތްކުރާ ތަފާތު ބުރަ މަސައްކަތުގެ ފޮނި މޭވާ އެވެ. ‘ވަކިން ލޯބިން’ އަށް އެ ސްޓޫޑިއޯ އިން ކޮށްފައިވާ މަސައްކަތްތައް، ފުރަތަމަ ދުވަހުން ފެށިގެން އަދުގެ މިވަގުތާއި ހަމައަށް ރަނގަޅަށް ބަލައިލިޔަސް މި ފިލްމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށްލެވޭނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓް ގެ ފިލްމުތަކުގައި މަސައްކަތް ކުރަނީ އެންމެ މީހެއް ނޫނެވެ. ވަރުގަދަ ޓީމެއްގެ މަސައްކަތަށްފަހު ބެލުންތެރިންނާއި ހަމައަށް ފިލްމު ގެންނަނީ ފިލްމު އެއްކޮށް ފުރިހަމަކޮށްފަ އެވެ. ފާލިސް ކުރާނެ ވަރަކަށް ފާލިސް ވެސް ކޮށްފައެވެ. ފިލްމު ނެރުމުގެ ކުރިން ފިލްމާއިމެދު ‘ފޮނި އަނގަތަކެއް’ ނުތަޅަ އެވެ. ފިލްމުގެ މޮޅުކަން، ފިލްމުގެ ސަޅިކަމުގެ ވާހަކަ ދައްކަނީ ބެލުންތެރިންނެވެ. ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރުން އަދި އެކްޓަރުންނެއް ނޫނެވެ.

ރާއްޖޭގައި މިހާތަނަށް ތައްޔާރުކޮށްފައިވާ ތަފާތު އެއް ފިލްމެއް ކަމަށްވާ ‘ހާދަރު’ ގެ މަސައްކަތަކީ ވަރަށް ބޮޑަށް ރާވައިލެވިގެން، ވަރަށް ބޮޑަށް ތައްޔާރުވެގެން ކުޅުނު ފިލްމެއްކަމަށް ފިލްމުގައި މަސައްކަތްކުރި މީހުން މީޑިއާތަކަށް މަޢުލޫމާތު ދިނެވެ. މީޑިއާއަށް ކޮންމެ ފަދަ މަޢުލޫމާތެއްވެސް ދެވިދާނެ އެވެ. ނަމަވެސް ފިލްމު ‘ހާދަރު’ ގެ މަސައްކަތަށް ފިލްމު ކްރޫއިން މާބޮޑު ތައްޔާރީތަކެއް ވެފައިނުވާކަން، ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު އެކަންކަން މާކައިރިން ނޫނަސް ފެނުނު މީހެއްގެ ހައިސިއްޔަތުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އެގޮތުން މި ފިލްމަށް ލޮކޭޝަންތައް ހޯދާފައިވަނީ ‘އޮންދަ ސްޕޮޓް’ ގައި ކަމަށް ބެލެވެއެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދާ ސަރަހައްދަށް މަޑުކޮށްލާ ބައެއް މީހުން ކައިރީގައި މިވެނިއެވެނި ކަހަލަ ތަނެއް މިރަށުގައި އޮންނާނެހޭ ފިލްމުގެ ޑައިރެކްޝަން ގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުވާލުކޮށްފައި އެބަހުއްޓެވެ. ފިލްމުގައި ގޭންގެއް ދައްކައިލުމަށް ރަށުތެރެއިން ކުދިންކޮޅެއް އެއްކޮށްލީވެސް އޮންދަ ސްޕޮޓްގަ އެވެ. މި ނޫނަސް މިފަދަ އެތައް ކަމެއް މި ފިލްމުގެ މަސައްކަތަށް އެކަނި ބަލައިލިޔަސް ފެންނަން އެބަހުއްޓެވެ. މި ފިލްމު ނޫނަސް ރާއްޖޭގައި ބައެއް ފަންނާނުން ތައްޔާރުކުރާ ފިލްމުތަކުގެ މަސައްކަތްތައް ‘ދޯހަޅި’ ގޮތަކަށް ކުރަމުން އަންނަކަމީ މި ކުޑަކުޑަ މުޖުތަމަޢުގައި އުޅޭ ފިލްމުބެލުންތެރިން ދަންނަ ކަންކަމެވެ.

ނަމަވެސް ‘ވަކިން ލޯބިން’ އަށް އަދި ޑާކްރެއިން އެންޓަޓެއިންމެންޓުގެ ހަމަ ކޮންމެ ފިލްމަކަށްވެސް ވާންޖެހޭ ހުރިހައި ތައްޔާރީއެއް ޝޫޓިން ޖެއްސުމުގެ ކުރިން ވެފައިހުންނަކަން ފާހަގަކޮށްލެވެއެވެ. ފިލްމުގެ ސްކްރީން ރައިޓަރ އާއިޝަތު ފުއާދު ތަޢުފީޤާއި ފިލްމުގެ ޑައިރެކްޓަރ އަދި ސިނަމޮޓޯގްރާފަރ ޢަލީ ޝިފާޢު (ޗިއްޕެ) އާއި ފިލްމުގެ ތަރިންނާއިއެކުގައި އެތަކެއް ފަހަރެއްމަތިން އެއްމޭޒުދޮށުގައި އިށީންދެ ތިބެ ‘ޓޭބަލް ޓޮޕް ޝޫޓިން’ ތަކެއް ޖައްސާފައިވެއެވެ. ޓިއުޝަންދޭ ޓީޗަރެއް ފަދައިން ކައިރީގައި ފިލްމުގެ ތަރިން ބައިތިއްބައިގެން ޗިއްޕެ އާއި އާއިޝަތު ފުއާދު ވަނީ ތަރިންނަށް ޓިއުޝަން ދީފަ އެވެ. މިފަދަ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައި މުނިއަވަސް އިން މީގެ ކުރިން ވާނީ ބައެއް ޚަބަރުތައް ގެނެސްދީފަ އެވެ.

‘ވަކިން ލޯބިން’ އަށް މިއަދު ތަޢުރީފާއި ޘަނާގެ ލޯބިލޯބި ކޮމެންޓްތައް އޮހި ބަންޑުންވަމުން އެދަނީ ސަބަބެއް ނެތިއެއް ނޫނެވެ. މޮޅު ފިލްމެއް ގެނެސްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރުމުގެ ހަމަ އަގު ލިބެމުން އެދަނީ ‘އެއްޗަކަށް އެއްޗެއް ހެދުން’ އެ ސްޓޫޑިއޯއަށް ކަމުނުދާތީ އެވެ. މޮޅު ފިލްމެއް ގެނެސްދެވޭނީ ރާވާލެވިގެން ކުރާ ބުރަ މަސައްކަތަކުން ކަމަށް ގަބޫލުކުރެވޭތީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.