އައްސަލާމް އަލައިކުމް.

މިއީ އަޅުގަނޑުމެންގެ ކުރެދި ހައުސްގެ ޑުރާމާ “މުސްކުޅިކަމާ މަރާ” މިޑުރާމާ ބިނާވެގެންވަނީ އަލްފާޟިލް މުހައްމަދު ޙުސައިން ނ.ހޮޅުދޫ / ނައިފަރީގެ ހައްދަވާ ފައިވާ ވަރަށް އިބުރަތްތެރި ޅެމެއްކަމަށްވާ މުސްކުޅިކަމާއި މަރާ މިޅެމުގެ މައްޗަށް. މިޑުރާމާއިން ދައްކައިދޭނީ މުޅިރަށަށް ނަން މަޝްހޫރު މުދާވެރިއެއްކަމަށްވާ ތައްޚާނުގެ ޙަޔާތުގެ ބައެއްދުވަސްތައް ހޭދަކޮށްފައިވާގޮތް

ފުރަތަމަ ފަރުދާ

އާދެ! ފުރަތަމަ ފަރުދާއިން ފެނިގެންދާނީ ތައްޚާނު މުސްކުޅިވެ ބަލީގެ ދާނުގައި އޮންނައިރު އޭނާގެ އަނބި ފާތުމައާ ދެމީހުން ދައްކާ ވާހަކަ ކޮޅެއް. މިދެމީހުން ވާހަކަ ދައްކާއިރު، ތައްޚާނަށް ފަންޑިތަ ހެދުމަށްޓަކައި މުދިންބެ ދުންމުޖުމަރާގައި ދުންއަޅާ ކިޔަވަންއިންނަ މަންޒަރެވެ. ( ފުރަތަމަ ދެބައިތު އަޑުއިއްވާލުން)

މުސްކުޅި މުދާވެރިއެއްގެ ގާތަށް މަރުއަޔޭ

         ހުސްވީ ފަހުން އޭނަގެ އުމުރު ބަލާ އައޭ

އަށްޑިހަ އެތައް އަހަރެއްގެ ދިރިއުޅުމަށްފަހުން

        ކަށްވަޅު ތެރަށް އޭނާ ހިނގައި ދާން އެންގިޔޭ

ތައްޚާނު : ފާތުމާފުޅާ މިބަލިން އަހަރެން ގަދަވާނެ ހެނެއްހީއެއް ނުވޭ ހާދަވަރަށް މޭގަޔާ ބަނޑުގައި ރިއްސައޭ

       (ބަލިއަޑަކުން ކުކުރަމުން ކެއްސަމުން ވާހަކަ ދެއްކުން )

ފާތުމާފުޅު : ތައްޚާނު… ތިކަހަލަ ވާހަކަ ނުދައްކާ.. އިރާދަކުރެއްވިއްޔާ  އަދި ރަނގަޅުވާނެ (ރޮއިފައިވާ އަޑަކުން)

ތައްޚާން: އޫނ…..އޫނ….. ފާތުމާފުޅާ.. މި ގެގަނޑުވެސް ނުހެދި ހުއްޓާ މިޙާލުގައި އޮންނަންމިޖެހުނީ…. އެނޫނަސް ކުރަންވެފަހުރި ބައިވަރު ކަންތައްތައް އެބަހުރި….. (ރޮމުން، ކުކުރަމުން، ވަރަށްބަލި އަޑަކުން ވާހަކަދެއްކުން

 

(އެވަގުތު ބޮލުގައި ހުދުފޮށާ އޮޅައިގެން މުދިންބެ އިންނާނީދުން މުޖުމަރާގައި ދުންއަޅައިގެން ކިޔަވަން.)

މިހިސާބުން ފަރުދާކަހާލުން.

ދެވަނަފަރުދާ:

މިފަރުދާއިން ފެނިގެންދާނީ ތައްޚާނުގެ ދެމަފިރިން ފިހާރައިގައިތިބެ، ދައްކާ ވާހަކަ ކޮޅަކާއި، ވިޔަފާރީގެ ކަންތައްތައް ހުރިގޮތް…. ބައްލަވާލައްވާ……..

ތައްޚާނުއާއި އޭނާގެ އަނބި ފާތުމާފުޅާ ދެމީހުން ފިހާރައިގައިތިބޭއިރު، އެމީހުން ގެންގުޅޭމީހާ (އާދަނު) ފިހާރައިގެ ތަންތަންފޮޅާ ސާފުކުރަމުން ކުނިކަހަމުން ގެންދިއުން.

ތައްޚާނު: (ދުފަމުން،ދުފަމުން) ފާތުމާފުޅާ…މިހާރު ހާދަ ވިޔަފާރިކުރަންވެސް މީހަކުނާދޭދޯ…… (ބޯކަހާލަމުން ވަރަށްކަންބޮޑުވެފަ)

ފާތުމާފުޅު: އާނ…… ތިކަމާ މަވެސް ވަރަށްއެބަ ވިސްނަން…. ދެންހަދަންވީގޮތަކީ މުދިންބެ ގެނެސްގެން ކިޔެވެއްޔެއް ކިޔަވާލަންވީ.. (ވަރަށް ވިސްނަމުން، ދެރަވެލާފަ)

ތައްޚާނު: އާނ… އަހަންނަށްވެސް ހީވަނީ މުދިންބެ ކިޔެވެއްޔެއް ކިޔަވާލީމަ ރަނގަޅު ވެދާނެހެން… (ފަތުމާފުޅުގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލަމުން)

މިދެމީހުންގެ ވާހަކަ މިހިސާބަށްދާއިރަށް ދަލޭކަ ކަރާސީނުތެޔޮ ގަންނަން ފިހާރައަށް އައިސްވަނުން

ފާތުމާފުޅު: ކޮބާ، ދަލޭކާ ކިހިނެއްތަ؟ މިހާރު ހާދަނުފެނޭ… ކޮންތާކު ތިއުޅެނީ……..

ދަލޭކަ: މިދުވަސްކޮޅު މިއުޅެނީ ކުޑަކޮށްބަލިވެ…. އެހެންވެ ނުފެންނަނީ….. މިއައީވެސް އިރުއޮއްސުމުގެ ކުރިން ބައްތި ދިއްލާނެ ތެޔޮފޮދެއް ގަންނަންޖެހިފަ އޮތީމަ……. ތެޔޮ އެބަހުރިތަ؟ (އާދައިގެ ރާގަކަށް)

ފާތުމާފުޅު: ތެޔޮ އެބަހުރިދޯ ތައްޚާނޫ……

ތައްޚާނު: އާނ…އެބަހުރި….. ކިހާވަރެއް ބޭނުންވަނީ……

ދަލޭކަ: ލިޓަރެއް ކިހާވަރަކަށް؟ (އޮޅުން ފިލުވުމުގެ ގޮތުން)

ތައްޚާނު: އެންމެ އަގުހެޔޮކޮށްވެސް ދެވޭނީ 30 ރުފިޔާއަށް….. (ވަރަށް ހަމަޖެހިލާފައި)

ދަލޭކަ: އޭނ! 30 ރުފިޔާއަށޭ…… އެންމެ ލިޓަރެއް…. އަދި އެވެސް އަގުހެޔޮކޮށް…… (ޙައިރާންވާގޮތް ދައްކަމުން، އާދައިގެ ވާހަކަ ދައްކާވަރަށް ވުރެން ބާރަށް) މީހަކުބުނި…. ކަމަނަގޯތީ ފިހާރައިން 10 ރުފިޔާއަށް ލިޓަރެއްލިބޭ…… ތިއުޅެނީ މިހާރަށްވުރެވެސް މުއްސަނދި ވާންވެގެންތަ؟މަށެއް މިތަނަކުން ނުގަންނާނަން މަމިދަނީ……. (މިހެން ބުނާނީ ތަންކޮޅެއް ރުޅިގަދަވެފަ ހުންނަ ރުންކުރު ފާޑަކަށް) މިހިސާބުން ދެވަނަ ފަރުދާ ނިމުނީ….. ފަރުދާކަހާލުން….

ތިންވަނަފަރުދާ

މިފަރުދާއިން ފެނިގެންދާނީ ރަށުގެ އަންހެންވެރިން، ރަށުތެރެކުނިކަހާ، ސާފުކުރާ މަންޒަރު… މަސައްކަތުގެ ވަރުބަލިކަން ފިލުވާލަން ދެތިން އަންހެނަކު ތިބެގެން ދައްކާ ވާހަކަ ކޮޅެއް…… ބައްލަވާލައްވާ……

މަރިޔަންދީ: އަހަރެން މިއަދު ގެނެސްފަ އޮންނާނެ ވަރަށްމީރު ފޮނިރޮއްޓެއް……. ހިނގާބަލަ ރަހަބަލައިލަމާ….. (މަރިޔަންދީ މިހެންބުނެ އޭނާގެ އެކުވެރި އައިސާފުޅާ،ދޮންކަމަނައަށް ފޮނިރޮށިދީ ކާންފެށުން)

އައިސާފުޅު: އާނ…… ހާދަ މީރޭ…… މަށަށް ހީވަނީ ގަބުޅިހުނި ލާފަހުރީމަހެން މިހާމީރީ …..(ވަރަށްމީރު ގޮތަކަށް އަނގަހަދާލަމުން)

ދޮންކަމަނަ: މީރުވާނެނު… ރާހަކުރުދޯ މިއަށް އަޅާފަވެސް މިހިރީ…… (އައިސާފުޅާ އެއްބަސްވުމުގެ ގޮތުން)

މަރިޔަންދީ: އާނ….. އަހަރެންގެ ފިރި ދޮންމަނިކު ހުންނާނެ އަބަދުވެސް ގަބުޅިއާ ކާއްޓާ، ރާހަކުރާ އެއްޗެހި ގެނެސްދީފަ…….(ވަރަށް ފަޚުރުވެރިވެފަ)

ދޮންކަމަނަ: ތިއެއްނޫނޭ……މައަޑުއެހިން މުދިންބެގޯތި ދެމަފިރިންނާ އެއުޅޭ ކެޔޮޅުގެ ދެމަފިރިން މިއަހަރު ހައްޖަށްދާން އުޅޭވާހަކަ… (އާދައިގެ ރާގަކަށް)

އައިސާފުޅު: ނާހަމަތެދެއް! ކާކުތަ ދޮންކަމަނަގާތު ބުނީ….(ހައިރާންވެފަ، އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން)

ދޮންކަމަނަ: އަހަރެންގާތުބުނީ މުދިންބެ އަންހެނުން ބީފާނު….. (އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން)

(މިހިސާބުން ތައްޚާނުގެ އަންހެނުން ފާތުމާފުޅު ކުނިކަހާތަނުގަ ހުރެފަ މިމީހުން ދައްކާވާހަކަ އަޑުއިވިގެން އަވަސް އަވަހަށް އެމީހުން ކިޔާއެއްޗެއް އޮޅުންފިލުވުމަށް އައުން)

ފާތުމާފުޅު: އައިސާފުޅާ…..ކޮންބައެއް ޙައްޖަށްދާން އުޅޭވާހަކައެއް ތިދައްކަނީ……….

އައިސާފުޅު: ނޭނގެ…. މިދޮންކަމަނަ ދައްކާ ވާހަކައެއްމީ….

ދޮންކަމަނަ: މިކިޔަނީ މުދިންބެގޯތި ދެމަފިރިންނާ ކެޔޮޅުގޯތި ދެމަފިރިން މިއަހަރު ހައްޖަށް ދަނިއްޔޭ…..( ފާތުމާފުޅަށް އޮޅުންފިލުވައިދިނުމުގެ ގޮތުން އަކުރުތަކަށްބާރުލާފަ، ދަމާލާފަ)

އައިސާފުޅު: ފާތުމާފުޅުމެން ތިއޮއްހާ ލާރި ގެންގުޅޭއިރުވެސް އަދިވެސް ހައްޖަށްދާން ޚިޔާލެއް ނުކުރަންތަ؟ (ވިސްނުންތެރި ރާގަކަށް)

ފާތުމާފުޅު: ހައްޖަށްވެސްދާންވީ……އަހަރެންވެސް ވަރަށްބޭނުން ހައްޖަށްދާން……..

ދޮންކަމަނަ: އެއީ ފާތުމާފުޅުމެންނަށްވުރެ މާތަނަވަސްކަންކުޑަ މީހުން……. އެކަމަކު އެމީހުން އެއުޅެނީ އެމާތް އަޅުކަން އަދާކުރުމަށް ފަށައިގެން…….ފާތުމާފުޅުމެންނަކީ ނުލާހިކުނ ތަނަވަސްކޮށްއުޅޭ ބައެއްނު…..ކީއްވެތަ އެކަމާ ނޫޅެ ތިތިބެނީ……(ކަންބޮޑުވާގޮތް ދައްކަމުން)

މަރިޔަންދީ: ފާތުމާފުޅު ތައްޚާނާ އެވާހަކަ ދައްކައިފިންތަ މިހާރު…….

ފާތުމާފުޅު:ނޫނޭ އަދި ނުދައްކަން…. އަހަރެން ތައްޚާނުއާ ތިވާހަކަ ދައްކާނަމޭ….. (ވަރަށް ދެރަވެލާފަ)

(މިމީހުންގެ ވާހަކަ މިހިސާބަށްދިޔަތަނާ)

ކަތީބުއަންހެނުން: އާނ….ދެން މިއަދަށްވާވަރަށް ކުނި ކެހިއްޖެ…..ދެން ހިނގާ ހުރިހާ އެންމެން ގެއަށްދާން…..

މިހެންބުނުމުން މިދުވަހުގެ ކުނިކެހުން ނިންމާލާފަ އެންމެން ގެއަށްދާނީ. ފާތުމާފުޅު ވަރަށް ބާރަށް ހިނގާފަގޮސް ގެއަށްވަދެ ކައްކަންއުޅޭ ކަތްދައަށް ގޮވާލުން…… އޭރު ކަތްދަ އިންނާނީ ބަތްޕޮޅިން  ހަނޑޫ ހޮވަން ނުވަތަ ހަނޑޫ ފޮޅަން……

ފާތުމާފުޅު: ކަތްދާ….. މިހާރު މެންދުރަށް ކައްކައިފިންތަ….. (މިހެންބުނާއިރަށްދެއަތުން ދެރާބަދި ހިފައިގެން ރާބެ އައިސް އެގެއަށް ވަނުން)

ރާބެ: އައްސަލާމް އަލައިކުމް

ތައްޚާނުއާ،ފާތުމާފުޅާ ދެމީހުން އެއްކޮށް: ވަލައިކުމުއްސަލާމް….

އޭރު ތައްޚާނު އިންނާނީ ބޮޑުއަށީގަ ދުފާތަބައް ހިފައިގެން ދުފަން

ތައްޚާން: އަނހާ… ރާބޭ.. ރުކުންއައީތަ؟ އާދެބަލަ މިކޮޅަށް……(ރާބެ ތައްޚާނު ގާތަށްގޮސް ރާބަދިތައް ބެހެއްޓުން….. ތައްޚާނު ރާބެއަތަށް 10 ރުފިޔާދީފަ ދެރާބަދި ގަތުން)

ތައްޚާނު: އަން ރާބޭ…. މިއޮތީ 10ރުފިޔާ…..

ރާބެ: މިރާ ވަރަށްމީރުވާނެ އިނގޭ….. ހަމަ ޔަގީން ފާތުމާފުޅު މިރާބޮއެފަ އަދިވެސް ބޯހިތްވާނެކަން….. ދެންދަނީ އިނގޭ… (މިހެންބުނެފާ ރާބެ ގެއަށްދިއުން)

ތައްޚާނު: ފާތުމާފުޅާ: މީގެންކަތްދައާ ދެމީހުންވެގެން ރާހާނާނީ އިނގޭ …..އޭރުން ކަތީބުދޯނިން ވިއްކަން މާލެ ފޮނުވާލެވޭނީ……….

ފާތުމާފުޅު: ތައްޚާނު….މިއަދު ކުނިކަހަން ނިކުމެ އުޅުނުއިރު ދެއްކި ވާހަކައެއްއެނގޭތަ؟

ތައްޚާނު: އުނހޫ….ނޭނގޭ…. އަނެއްކާ ކޮންވާހަކައެއް އެމީހުން ދެއްކީ……

ފާތުމާފުޅު: އެމީހުން ދެއްކި ވާހަކައަކީ މުދިންބެގޯތި ދެމަފިރިންނާ، ކެޔޮޅުގެ ދެމަފިރިން މިއަހަރު ހައްޖަށް ދަނިއްޔޭ…..މިހާރު ފައިސާވެސް ދައްކައިފިޔޯ…….(ދެރަވެލާފަ)

ތައްޚާނު: އެހެންތަ… އެއީ އެމީހުންނަށް އެވަރުގެ ތަނަވަސްކަން ލިބިފަހުރީމަދޯ……… (މަޑުމަޑުން)

ފާތުމާފުޅު: ތައްޚާނު ތިބުނަނީ އަހަރެމެންގެ އެވަރުގެ ތަނަވަސްކަމެއް ނެތޭތަ؟ ގައިމު މިރަށުގައި އަހަރެމެންނަށްވުރެ ވަކި ތަނަވަސް ބަޔަކު ނޫޅޭ….މިރަށުންބާލާ ހުރިހާ ރަލަކާ ހުރިހާ ކާއްޓަކާ، ބާނާހާމަހަކާ މިގަންނަނީ މިގެއަށް …..އެއެއްޗެހި މާލެ ފޮނުވައިގެން އޭގެ ދެގުނަލިބޭ….ދެންކީއްވެ ތަނަވަސްކަމެއްނެތޭ ތިބުނަނީ…….. (އަޑަށްބާރުލާފަ)

ތައްޚާނު: ފާތުމާފުޅާ………… މިހާރުތިދަނީ މާމައްޗަށް އިނގޭ…..އަހަރެމެންވެސް އަދި ހައްޖަށްދެވޭތޯ ބަލާނަމޭ……އެކަމަކު އަދި މާލޭ ކާސިންބެ އަތުން ނަގާފައެއޮތް ބޮޑު ދަރަނިވެސް ދައްކާ ނިންމަން ޖެހޭނެނު……(ކަންބޮޑުވެފަހުރެގެން މިހެންބުނެފާ ދެކޮޅަށް ހިނގާލުން. އޭރު ފާތުމާފުޅު ބަދިގެފަރާތަށްދާނީ)

މިހިސާބުން ތިންވަނަފަރުދާ ނިމުނީ….. ފަރުދާ ކަހާލުން…….

ހަތަރުވަނަ ފަރުދާ…..

މިފަރުދާއިން ފެނިގެންދާނީ ތައްޚާނުމެންގޭގަ ރަށުގެ އެކި މީސްމީހުން ރޯނުވެށުމާ، ފަންގެވިނުމާ، މިހެންގޮސް ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުންދާ މަންޒަރު…… ތައްޚާނުގެ ދެމަފިރިން ނަމާދު ވަގުތަށް ފިހާރަ ބަންދުކޮށްލާފަ އައިސް އެމީހުންގެ މަސައްކަތްތައް ބަލައިލަން ތިއްބާ ދެން ކަންތައް ވެގެންދާގޮތް… ބައްލަވާލައްވާ…….

ފަޤީރުމީހާ: އައްސަލާމް ޢަލައިކުމް ( ވަރަށް ދެރަވެލާފަ)

ތައްޚާނު: ވައަލައިކުމުއްސަލާމް…..ކީއްކުރާ ކުއްޖެއް

ފަޤީރުމީހާ: މިއައީ ދަރިންނަށްނަށް ކާންދޭނެ އެއްޗެއް ނެތިގެންސަލާންޖަހަން…. ކޮންމެސް އެއްޗެއް ދީފާނަންތަ؟

ތައްޚާނު: ތިހެން އަންނަހާ މީހަކަށް އެއްޗިއްސެއް ނުދެވޭނެ…… (ހަރުކަށި ރާގަކަށް) މިހެން ބުނުމުން ފަޤީރުމީހާ ވަރަށް ދެރަވެގެންހުރެ ނުކުމެގެން ދިއުން.

(އެވަގުތު މުދިންބެ މިސްކިތުން ފައިބައިގެން އައިއިރު ތައްޚާނު މިބުނި އެއްޗެއްގެ އަޑުއިވިފައި ހަރުކޮށް ހިނގާފައި އައިސް ތައްޚާނުމެންގެއަށް ވަނުން)

މުދިންބެ: ތައްޚާނު ތިބުނި އެއްޗަކުން އަހަރެންހަމަ ހައިރާން ވެއްޖައިން…… ބަލަ… ތައްޚާނުމެންނަށް މާތްރަސްކަލާނގެ މުދާދެއްވީމާ، އެމުދަލުން ނިކަމެތި ފަޤީރުންނަށް އެހީވެދީ، ޞަދަޤާތްކޮށް ހަދަންޖެހޭނެއެއްނު…… އެންމެރަނގަޅު….. ތައްޚާން މުދަލު ޒަކާތްދައްކަންތަ؟

ތައްޚާނު: ނޫން…..އަދި މިއަހަރަކު ނުދައްކަން….. (ވަރަށްކަމާނުވެހުރެ ފޫހި ރާގަކަށް މުދިންބެއަށް ބަލައިލާފަ))

މުދިންބެ: މިއަހަރަކުނޫން…އެއްވެސް އަހަރަކު ނުދައްކާ… ބަލަ ކަތީބު މަގާތު ބުންޏޭ…. އެއްގޮތަކަށްވެސް ތައްޚާނުގެ ދެމަފިރިން ތިއުޅޭގޮތެއް ކަމަކުނުދޭ….. ތައްޚާނު މިހާރު މިސްކިތުންވެސް ނުފެނޭ…. އެހެންނަހަދާ… ދުނިޔޭގެ މަސައްކަތަށްފަހު، އާޚިރަތަށްވެސް މަސައްކަތް ކުރަންޖެހޭނެ…. ފަސްވަގުތު ނަމާދުކޮށް، ފަރުޟުރޯދައާއި، ސުންނަތްރޯދަ ހިފާ، މުދަލުން ޒަކާތްދީ ހަދަންވާނެ….. އަދި ކެރިކުޅަދާނަވީމަ ހައްޖަށްވެސް ދާންޖެހޭނެ…. އެކަކުވެސް ތާއަބަދަކު މިދުނިޔެއަކު ނުހުންނާނެ….. ކޮންމެ މީހަކުވެސް ދުނިޔޭގަ އުޅެ ނިމިގެންދާންވާނީ ދީންވެރި އަޅުވެރިއެއްގެ ގޮތުގަ… ކިތަންމެ މުދަލެއް ހޯދިއަސް މަރުވެގެންދާއިރު، ކޮށްފައޮތް ހެޔޮ ޢަމަލެއް ނޫނިއްޔަކާ ނުގެންދެވޭނެ…..

ތައްޚާނު: މުދިންބެ ތިދެއްކީ ހައްތާވެސް ރަނގަޅުވާހަކަ……އަހަރުމެންވެސް އަދި ތިކަންތައްތައް ކުރާނަމޭދޯ ފާތުމާފުޅާ…..

ފާތުމާފުޅު: އައިސް ތައްޚާނު ކައިރިއަށް ހުއްޓިފަ ބޯ ޖަހާލުން

މުދިންބެ: އަހަރެން މިދެއްކި ވާހަކަތައް އަޑުއަހާ، މަރުވުމުގެ ކުރިން މިކަންތައްތައް ކުރާނެކަމަށް އުންމީދުކުރަން …ދެންދަނީ…..

މިހިސާބުން ހަތަރުވަނަ ފަރުދާ ނިމުނީ….. ފަރުދާ ކަހާލުން….

ފަސްވަނަފަރުދާ

މިފަރުދާއިން ފެނިގެންދާނީ ފާތުމާފުޅު ތައްޚާނުގާތުގައި ވަރަށް ކަންބޮޑުވެ، ހަދާނެގޮތް ހުސްވެފައި އިންނައިރު

ތައްޚާނުގެ ޙާލުބޮޑުވެ ،އުންމީދު ކެނޑިފައިވާ މަންޒަރު…. އެވަގުތު ތައްޚާނުއަށް އިވެމުންދާނީ މީހަކު ވާހަކަދައްކަމުންދާ އަޑު………

(މިފަރުދާގައި އެއްވެސް މީހެއްގެ ހަރަކާތެއް ނުފެންނާނެ. އަޑުއިވެމުންދާނީ ޅެންބަހުން މީހަކު ދައްކާ ވާހަކަތަކެއް)

ޅެންބަހުން ދައްކާވާހަކަތައް:

އަންނާށެ އަވަހަށް މިހިރަ މުސްކުޅިޔާ ކަލޭ

      ވަންނާށެ ކަފުނަށް އައިތަނަށް ދާން ވެއްޖެޔޭ

ރުހުނަސް ނުރުހުނަސް އަދު ކަލޭ ގެންދާނަމޭ

      ބަހަނާތަކެއް ދެއްކޭކަށެއް ނޯންނާނެޔޭ

އެތަނަށް ކަލޭދާން ގާތްވަނީކަން އެންގުމަށް

      އެތަކެއް ނަޒީރުންވެސް މަގޭ ފޮނުވިންމެޔޭ

މުސްކުޅިކަމާ ނުރަޔާއި ބާރުގެ ދެރަކަމަށް

      ވިސްނާލިއަސް ހެއްކެއް ކަމަށް ފުދިދާނެޔޭ

މަރު ދާދިގާތޭ ކަރުގެ މައިނާރަށް ވުރެން

      ހަރުލާ ބުނާ އަޑުވެސް ކަލޭގެ އަހާނެޔޭ

ޅަފުރާގެ މީހުންނާ ޒަމާންވީ މުސްކުޅިން

      ކަފުނާ ވެގެންދާތަން ކަލޭގެ ދެކޭނެޔޭ

……………………………………………………………………………………………………..

ތައްޚާނުގެ ޝަކުވާގެ އަޑުތައް:

ކުޑަ މުހުލަތެއް ދެއްވާށެ މަލަކަލް މައުތުއޭ

      ކުޑަކޮށް ވަޞިއްޔަތް ކޮށްލުމަށް ބޭނުންވެޔޭ

މީހެއްގެ މައްޗަށް ކުޑަ ދަރަންޏެއްވެސް އޮތޭ

      ވީ އެން އަވަހަށް ފުއްދުމަށް ވަޢުދެއްވެޔޭ

ހުސްހަށިބަޔަށް ހުރިއިރު މަގޭ ޖާހިލު ކަމުން

      ކޮށްފާ ވަރަށްގިނަ ފާފަތައްވެސް ވާނެޔޭ

ނައުމުން މިހޭލާ ފާފަ ފުއްސެވުމަށް އަދާ

      ތައުބާ ވުމަށްވެސް މިސްކިތަށް ދާންވެއްޖެޔޭ

މިކަމަށްޓަކައި ލަސްކޮށް ނުދިންނަމަ ޔާއަޚީ

       ބިކަޙާލު މަޙުޝަރުގާ މަގޭ ޖެހިދާނެޔޭ

………………………………………………………………………………………………………….

ޖަވާބުގައި ދައްކާވާހަކަތައް:

ހައި ހާތަ އެގޮތުން ދެންދުލެއް ނުކުރާނަމޭ

        ގައިމުން ކަލޭޔަށްވެސް އެކަން ވިސްނޭނެޔޭ

އަށްޑިހަ އެތައް އަހަރެއްގެ މުހުލަތު މަދުތަ ޅޭ

        ޚައްދާމުނާ އެކުގާ ކަލޭ އުފަލުން ވިޔޭ

މުދަލާއި ހެދިގޮސް ދުނިޔަވީ ޝަހަވާތްތަކުން

        އެދުވަހު ކަލޭ މިކަމަށް ޚިޔާލެއް ނުކުރިޔޭ

ޖާރީވެ ދިޔަހާ ދުވަހު ޢުމުރު އަދަށް ވުރެން

        ލާރީގެ މައްޗަށް މާ ކަލޭ ދަހިވެތި ވިޔޭ

ބިރުވެރި ކަލޭ ވާންވީ ދުވަސް އަދުމީ އިނގޭ

        ކިރިޔާ ސަލާމަތް ވާނެނަމަ ސަހަރޯ މެޔޭ

ނައުބާގެ މަރު އައި ހިނދު ކަލޭ ތައުބާ ވިޔަސް

         ތައުބާ ޤަބޫލު ނުވާނެ ކަމުގެ ވަޙީވެޔޭ

އެކަމަކު ތިޔޮއްބޮޑު މީހަކުގެ ޣާފިލުކަމޭ!

          ފިކުރެއް ޅަކުއްޖަކު ކުރި ވަރަށްވެސް ނުކުރެޔޭ

ދިގުޢުމުރު ލިބުނަސް ވަކިކަލޭ އުފަލެއްނެތޭ

           ދުނިޔޭ ހުރުން އަދިވެސް ކަލޭ ބޭނުންވެޔޭ

ޤަބުރަށް އެރޭށޭ އަދި ނިދާށޭ ދާނުގައި

          ކަނބުރެއް މޮޅެއް ދެރައެއް މަށަށް ނޯންނާނެޔޭ

(މިހިސާބުން ތައްޚާނުގެ ޙާލު ވަރަށްބޮޑުވެ، ތުރުތުރު އަޅަންފަށާނެ. ދެލޯބޮޑުވެ، ނޭވާ ކުރުވެގެންގޮސް ވަރަށްބާރަށް ތެޅިގަތުމާއެކު ހަމަ ހިމޭންވުން. އަބަދުގެ އަބަދަށް މިފަނާވަނިވި ދުނިޔެއާ ތައްޚާނު އަލްވަދާޢު ކިޔުމާއެކު، އަނބި ފާތުމާފުޅު ވަރަށްބާރަށް ރޮއިގެންފައި ބިންމައްޗަށް ވެއްޓޭނީއެވެ.)

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.