ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސް ގެ ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) އަލުން ލަވަކިޔަން ފަށައި ‘އޮޔާ’ ގެ ނަމުގައި ލަވައެއް ނެރެފި އެވެ.

“އޮޔާ” އަކީ ޕެސްޓްގެ ހަޔާތާއި ގުޅުންހުރި ވާހަކަތަކެއް ހިމެނޭ ލަވައަކާއެކުގަ އެވެ. މި ލަވަ މިހާރު ސައުންޑުކްލައުޑް އަދި ލަވަފޮށިން އަޑުއަހާލެވޭނެ އެވެ. ޕެސްޓް ގެ ހަޔާތުގައި ދިމާވެފައިވާ ބައެއް ތަޖުރިބާތައް މި ލަވައިގައި ހިއްސާކޮށްފައިވެ އެވެ.

ޕެސްޓް އަލުން ލަވަކިޔަން ފަށައިފި ކަމަށް މުނިއަވަސް އަށް ޖެނުއަރީ 05 ގައި ލިބުނު މަޢުލޫމާތާއި އެކު ގުޅުމުން އޭނާ ބުނީ އެކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިއުޒިކީ ދާއިރާ އަށް އަލުން އައި ޚަބަރު އެއީ ދެތެއްތޯ އެހުމުން އެކަން އޭނާ ދޮގެއްވެސް ނުކުރެއެވެ.

އަމިއްލަ ލިރިކްސްއަށް ޕެސްޓް ކީ އެ ލަވަ ޕްރޮޑިއުސްކޮށްފައި ވަނީ މަޝްހޫރު މިއުޒިކު ޕްރޮޑިއުސަރު މިސްޓީ އެވެ. އަލްބަމް އާޓް އާއި ޓައިޓަލް ފަރުމާކޮށްދީފައި ވަނީ ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑިރެކްޓަރު އިސްމާއިލް ނާއިލް އެވެ. ލަވައިގެ އަލްބަމް އާޓްގައި ބޭނުންކޮށްފައިވާ ފޮޓޯ ނަގާފައި ވަނީ “ސީ ފްރޮމް ދަ ސްކައި” ގެ ފޮޓޯގްރާފަރު ހަސަން އިޝާން އެވެ.

ޕެސްޓް އެނބުރި މިއުޒިކަށް އައުން ވެގެންދާނީ ހިޕްހޮޕް/ރެޕް މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި ވަކިން ޚާއްޞަކޮށް ޕެސްޓަށް ތާއިދުކުރާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށެވެ. 

އިސްމާއިލް އިފްހާމް (ޕެސްޓް) ލަވަކިޔުން ހުއްޓާލުމަށްފަހު ފެނުނީ އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްގެން އުޅެންފެށި ތަނެވެ. އަދި އޭނާގެ އަންހެނުން ވެސް މޫނުބުރުގާ އެޅިކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.