ދިވެހިރާއްޖޭގެ މަޝްހޫރު ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ކުންޑަން ލާލް ސައިގަލް އެވޯޑު 2023 ލިބިއްޖެއެވެ. ކުންޑަން ލާލް ސައިގަލް އެވޯޑަކީ އިންޑިއާ އަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލު ކުންޑަން ލާލް ސައިގަލްގެ ހަނދާނުގައި ދެމުންދާ އެވޯޑެކެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން ފަންނާނުންގެ އަގުވަޒަންކުރުމަށް 31 އޯގަސްޓް 2023 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގެ ބެކް ސްޓޭޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންޑަން ލާލް ސައިގަލް އެވޯޑް ޔޫސުފް ޝަފީއުއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއަށް ޔުމްނާ މަޢުމޫން އެވެ. މި ހަފްލާގައި ޔޫސުފް ޝަފީއުއަށް ޚާއްސަ ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ. އެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެމްއެސްޕީއޭގެ ވައިސް ޗެއަރމަން އަޙުމަދު ވަހީދެވެ. އަދި އޭނާ އަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެސްޕީއޭގެ ޗެއަރމަން މުހައްމަދު ރަޝީދެވެ.

ޔޫއްޕެއަށް ލިބުނު މި އެވޯޑާ ހަވާލުވީ މިމަހު ކުރީކޮޅު އިންޑިއާގައި ބޭއްވި ޖައްމޫ އެންޑް ކަޝްމީރު އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. ޔޫއްޕެއަށް އެރުވި މި ޚާއްޞަ އެވޯޑާ ހަވާލުވީ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ވައިސް ޗެއަރމަން އަޙްމަދު ވަހީދު (ވައްޑެ) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޔުމްނާ ވަނީ އެމްއެސްޕީއޭގެ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އެމްއެސްޕީއޭ ފަދަ އަމިއްލަ ފަރާތްތަކާއި ގުޅިގެން ފަންނާނުން ކުރިއެރުވުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުންޑަން ލާލް ސައިގަލް އެވޯޑް ލިބުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ މި އެވޯޑު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ފަންނާނުން އެހެން މީހުންނަށް ތައާރަފުކޮށްދީ، ރާއްޖެއިން ބޭރަށް ދިވެހި ފަންނާނުންގެ މަސައްކަތްތައް ގެންގޮސްދިނުމަށް އެމްއެސްޕީއޭން ކުރާ މަސައްކަތަށްޓަކައި އެނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ފަންނާނުން ލޯތްބާއެކު ކުރާ މަސައްކަތް ރަނގަޅު ނިޔަތުގައި އާއްމުންނަށް ފޯރުކޮށްދޭން އެމްއެސްޕީއޭ އިން މަސައްކަތްކުރާތީ އެކަމަށް ވެސް ޔޫސުފް ޝަފީއު ވަނީ ޝުކުރު އަދާކޮށްފައެވެ.

@muniavas Eupp Award – MSPA Appreciation Night 2023 #foryoupage #fvpviral #muniavasnews #contentcreators #viralvideo #foryou #foryou #fyp #dhivehi #maldivestiktok🇲🇻 #mspa @EP @Rasheed ♬ original sound – MUNIAVAS


މި ރަސްމިއްޔާތުގައި އެމްއެސްޕީއޭން ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންގެ އަގު ވަޒަންކޮށްފައެވެ. އެގޮތުން އިންޓަރނޭޝަނަލް އެވޯޑް ފޯ ވޯކިން ވިމެން އަށް ނޮމިނޭޓް ކުރުމުން އެ އެވޯޑު ލިބިފައިވާތީ ބަތަލާ އައިޝަތު ރިޝްމީގެ ކާމިޔާބީ ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް އިން ސްޕެޝަލް އެވޯޑު ކެޓަރީ އަށް އެމްއެސްޕީއޭގެ ފަރާތުން ނޮމިނޭޓް ކުރުމުން، އަހުމަދު ނިމާލަށް ވަނީ އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ފޯރ މޯލްޑިވްސް ފިލްމް އިންޑަސްޓްރީ އެވޯޑު ލިބިފައެވެ. އެކަން ފާހަގަކޮށް ނިމާލަށް އެމްއެސްޕީއޭ އިން ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

މީގެއިތުރުން ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި ޝޯޓް ފިލްމް ކެޓަގަރީން، “ކުރު ފިނި ހަޔާތް” ފިލްމަށް ބެސްޓް ފިލްމް ލިބިފައިވާތީ ފިލްމް ޕްރޮޑިއުސްކުރި ރާއްޖެ ޓީވީއަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. މިއީ ރާއްޖެޓީވީގެ ފަރާތުން ޕްރޮޑިއުސްކޮށް، މަޝްހޫރު ބަތަލް އަދި ޑައިރެކްޓަރު ރަވީ ފާރޫޤު ލިޔެ، ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމެކެވެ.

މީގެ އިތުރުން އެކްޓަރުންނާއި އެޑިޓަރުން، ސައުންޑް، ލައިޓް އަދި އެ ނޫނަސް އެކި ދާއިރާތަކުން ފިލްމް އުފެއްދުމުގައި މަސައްކަތް ކުރާ މީހުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ރާއްޖެ އެމްވީ އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.