ލޯބި އަދި އެކްޝަންވެސް ހިމެނޭ ވަރުގަދަ ފިލްމު “ނީނާ”ގެ އެންމެ ފަހު ޝޯ މިރޭ (04 ސެޕްޓެމްބަރު 2023, ހޯމަ ދުވަހުގެރޭ) އޮލިމްޕަހުގައި އޮންނަ އިރު، ފިލްމުގެ ޝޯތައް މިހާރު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ބަވަތި”ން ފިލްމީ ދާއިރާއަށް ތަފާތު ހުށައެޅުމެއް ގެނެސްދިން އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު “ނީނާ”ގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ. “އަންހެނުންނަކީ ފިސާރި ބާރުގަދަ ބައެއްކަން” މި ފިލްމުން އެނގޭނެއެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ބާރުއަޅައި އެކަން ރަނގަޅަށް ދައްކައިދީފައިވާ ފިލްމެކެވެ.

އެ ކެރެކްޓަރއެއްގެ މައްޗަށް ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ “ނީނާ”ގެ ރޯލު ވަރަށް ފުރިހަމައަށް ކުޅެފައިވަނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް “ބަވަތި”ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ފިރިހެން ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ އެވެ. މި ފިލްމުގައި ނުޒޫގެ ހަތަރު ލުކެއް ފެނިގެންދެއެވެ.

ދިވެހި ފިލްމު “ނީނާާ”ގެ ސްކްރީންޕްލޭ، އެކްޓިން، ޑައިރެކްޝަން، ޑައިލޮގްތައް، ފައިޓް ސީންތައް، ކެމެރާކުރުން، ޓެކްނިކަލް މަސައްކަތްތައް – މިހެން ގޮސް ހުރިހައިކަމަށްވެސް ‘އޭ ސްޓަރއެއް’ ދެމުން ގިނަ ަބަޔަކު އިއްތިފާގުވެފައިވަނީ މިއީ މާސްޓަރޕީސް ދިވެހި ފިލްމެއް ކަމަށެވެ. މިވަރުގެ ދިވެހި ފިލްމެއް އަދި މިހައިތަނަށް ބެލިފައި ނެތް ކަަމަށެވެ.

ފިލްމުގެ ވަރުގަދަ ފައިޓް ސީންތަކުގެ ވާހަކައާއި ފިލްމުން އަންހެނުން ބާރުވެރިކުރުވާ ވާހަކަތައް މިއީ ފިލްމު ބެލުމަށްފަހު މީސްމީޑިއާގައި މީހުން ކޮށްފައިވާ ކޮމެންޓްތަކުގެ ޚުލާޞާއެކެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްތަކުގައެވެ. ފިލްމް ޕްރޮޑިއުސްކުރުމުގައި އިލްޔާސްގެ އިތުރުން އާސިމް ޢަލީ އަދި އަޙްމަދު ވަޙީދު މަސައްކަތްކޮށްފައިވެއެވެ. ސިނެމޮޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް ކޮށްފައިވަނީ “ބަވަތި” ގައިވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ “އޯކޭޒް އިންކް” އިނެވެ.

🎦 ފިލްމު “ނީނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.